Advertisement

އުމުރުން 12 އަހަރުން ދަށުގެ ކުދިންނަށް ވެސް ފައިޒާ ވެކްސިން ޓެސްޓު ކުރަނީ

ކޮވިޑާ ދެކޮޅަށް ފައިޒާއިން އުފެއްދި ވެކްސިން ބައެއް ގައުމުތަކުގައި 12 އަހަރުން މަތީގެ ކުދިންނަށް ދަނީ ދެމުން.-- ފޮޓޯ: ގެޓީ އިމޭޖަޒް


އުމުރުން 12 އަހަރުން ދަށުގެ ކުދިންނަށް ވެސް ފައިޒާ ވެކްސިން ޓެސްޓު ކުރަނީ

ފައިޒާއިން ކޮވިޑާ ދެކޮޅަށް އުފެއްދި ވެކްސިން އުމުރުން 12 އަހަރުން ދަށުގެ ކުދިންގެ މެދުގައި ޓެސްޓު ކުރަން ނިންމައިފި އެވެ.

ފައިޒާގެ ދިރާސާގައި 4،500 އަށް ވުރެ ގިނަ ކުދިން ބައިވެރިވާ، އިރު، އެމެރިކާ، ފިންލެންޑް، ޕޮލެންޑް އަދި ސްޕެއިންގައި ދިރާސާ ކުރިއަށް ގެންދާނެ އެވެ.

ފައިޒާ އާއި ބަޔޯއެންޓެކް ގުޅިގެން އުފެއްދި މި ވެކްސިން އެމެރިކާ އާއި ކެނެޑާ އަދި ޔޫރަޕްގައި މިހާރު ވެސް ދަނީ 12 އަހަރުން މަތީގެ ކުދިންނަށް ދެމުންނެވެ. އެ ކުދިންނަށް ދޭ ޑޯޒަކީ ބޮޑެތި މީހުންނަށް ދޭ 30 މައިކްރޯގްރާމްއާ އެއް ވަރުގެ ޑޯޒެކެވެ.

ފައިޒާއިން އަލަށް ފަށާ ދިރާސާގައި އުމުރުން ފަސް އަހަރާއި 11 އަހަރާ ދެމެދުގެ ކުދިން ބައިވެރިވާނެ އެވެ. މީގެ ކުރިން މި އުމުރުގެ 144 ކުދިންގެ މެދުގައި ހެދި ޓެސްޓެއްގެ ނަތީޖާއަށް ބަލާފައި ޑޯޒް ދޭނެ މިންވަރު ކުޑަ ކުރަން ވަނީ ނިންމާފަ އެވެ.

އެގޮތުން އުމުރުން ފަސް އަހަރާއި 11 އަހަރާ ދެމެދުގެ ކުދިންނަށް ދޭނީ 10 މައިކްރޯގްރާމްގެ އެއް ޑޯޒެވެ. އަދި ހަ މަހާއި ފަސް އަހަރާ ދެމެދުގެ ކުދިންނަށް ދޭނީ ތިން މައިކްރޯގްރާމްގެ ޑޯޒެކެވެ.

ފައިޒާގެ ތަރުޖަމާނަކު ބުނީ ފަސް އަހަރުން މަތީގެ ކުދިންގެ ޓެސްޓުގެ ނަތީޖާތައް ސެޕްޓެމްބަރު މަހު ލިބޭނެ ކަމަށެވެ. އަދި އެއާއެކު ސެޕްޓެމްބަރު ނިމުމުގެ ކުރިން އެ އުމުރުގެ ކުދިންނަށް ވެކްސިން ޖެހުމުގެ ހުއްދަ ދޭނެ އެވެ.

ދެ އަހަރުން މަތީގެ ކުދިންގެ މެދުގައި ހަދާ ޓެސްޓުގެ ނަތީޖާ ލިބޭނީ އޭގެ ކުޑަ ދުވަސްކޮޅެއް ފަހުންނެވެ. އަދި ދެ އަހަރަށް ވުރެ ދަށުގެ ކުދިންގެ ޓެސްޓުތަކުގެ ނަތީޖާ ލިބޭނީ އޮކްޓޯބަރު ނުވަތަ ނޮވެމްބަރުގައި ކަމަށް ފައިޒާއިން ބުނެ އެވެ.

އެމެރިކާގައި ގާތްގަނޑަކަށް ހަތް މިލިއަން ފުރާވަރު އުމުރުގެ ކުދިން މިހާރު ވެސް ފައިޒާގެ އެއް ޑޯޒް ޖަހައިފި އެވެ. ތަޖުރިބާކާރުން ބުނެފައިވާ ގޮތުގައި ކޮވިޑުގެ ބަލިމަޑުކަން ނިމުމަކަށް ގެނެވޭނީ ކުޑަކުދިންނަށް ވެސް ވެކްސިން ދީގެންނެވެ.

ނަމަވެސް ހިތުގެ މައްސަލަތައް ދިމާވުމާއި އެމްއާރްއެންއޭ ޓެކްނޮލޮޖީ ބޭނުންކޮށްގެން އުފައްދާ ވެކްސިނާ ގުޅުމެއް ވޭތޯ ބެލުމުގެ ދިރާސާތައް ވެސް މި ދަނޑިވަޅުގައި އެބަ ކުރިއަށް ދެ އެވެ. ފައިޒާ އާއި މޮޑާނާގެ ކޮވިޑް ވެކްސިން އުފައްދާފައި ވަނީ މި ޓެކްނޮލޮޖީ ބޭނުންކޮށްގެންނެވެ.

އިޒްރޭލުގެ ހެލްތު މިނިސްޓްރީން މިދިޔަ ހަފްތާގައި ބުނީ ވަރަށް މަދު ފިރިހެން ކުދިންގެ މެދުގައި "މަޔޮކާޑައިޓިސް" މައްސަލަ ދިމާވީ ވެކްސިންގެ ސަބަބުން ކަމަށް ބެލުމުގެ ފުރުސަތު އެބަ އޮތް ކަމަށެވެ. އެ މައްސަލައަކީ ހިތުގެ މަސްތައް ދުޅަވުމުގެ ސަބަބުން، ނޭވާ ކުރުވެ، މެޔަށް ތަދުވުން ފަދަ ކަންކަން ދިމާވާ ހާލަތެކެވެ.

ނަމަވެސް އިޒްރޭލުން ބުނީ އެ ގައުމުން ފާހަގަވި މިފަދަ ކޭސްތައް ސީރިއަސް ނޫން ކަމަށާއި މާ ގިނަ އިރުތަކެއް ނުވެ ރަނގަޅުވެފައިވާ ކަމަށެވެ.

ފައިޒާއިން ބުނީ އިޒްރޭލުގެ ހޯދުންތައް އެގޮތަށް އައި ނަމަވެސް އެއީ ސީދާ ވެކްސިނާ ގުޅުމެއް އޮތުމުގެ ސަބަބުން ދިމާވި މައްސަލައެއްކަން ޔަގީން ނުކުރެވޭ ކަމަށެވެ.