Advertisement

ސްޓްރެސް ނުވާ މީހަކު ނޫޅޭނެ؟!

9 ޖޫން 2021 - 10:13 1

މީހަކު މަސްބާނަނީ: ސްޓްރެސް ފިލުވުމަށް މަސް ބޭނުމަކީ ގިނަ ބަޔަކު ކުރާ ކަމެއް. --ފޮޓޯ: ހުސެއިން ވަހީދު/ އަދަދު


ސްޓްރެސް ނުވާ މީހަކު ނޫޅޭނެ؟!

9 ޖޫން 2021 - 10:13 1

"މިއުޅެނީ ބޮލެއްގަ ރިއްސާތީ" އޭ މީހުން ބުނާ އަޑު އިވުނީމާ ކުރިން އަޅުގަނޑަށް އެކަން ވަނީ ހައިރާން ކަމަކަށެވެ. ބޮލުގައި ރިއްސުމަކީ ކޮބައިކަމެއް، އެއީ ކިހިނެއް ވާ ކަމެއް ކަން އޭރު އަޅުގަނޑަކަށް ނޭނގެ އެވެ. ކުޅުމުގެ ތެރޭގައި ބޯ ތަނެއްގައި ޖެހިއްޖެ ނަމަ ތަދުވެ އެވެ. ބޮލަށް ތަދުވުމާއި ބޮލުގައި ރިއްސުމަކީ ވެސް ދެކަމެއްކަން އެކަމާމެދު ވިސްނާލީމާ އެނގުނެވެ. އެއީ އަޅުގަނޑު ފުރާވަރެވެ. އެ ދައުރު ނިމިގެން ދިޔައިރު އެންޒައިޓީއެއް ސްޓްރެސްއެއް ޑިޕްރެޝަންއެއް ނެތެވެ. އެއިން ކަމަކާ މެދު ވިސްނާވެސް ނުލަމެވެ. މި އަމުނާލި ލިސްޓުގައި ހުރި ވަބާތައް އަޅުގަނޑަށް ކުރިމަތިވާން ފެށީ އެ ކަންކަމުގެ މައުލޫމާތު ލިބި ދަސްވި ހިސާބުންނެވެ. ނުވަތަ ކުރިންވެސް ދިމާވެފައި ހުރެދާނެ އެވެ. އެދުވަހު އެ ހުރެވުނީ ސްޓްރެސް ވެފައިކަން ނުވެސް އެނގުނީ އެވެ. ނޭނގުނުކަން އެއީ މިހާރު އެނގޭ މައުލޫމާތަށް ބަލާއިރު ކިތަންމެ ގޮތަކުން ހެވެކެވެ.

ސްޓްރެސް ވުމަކީ ކޮބާ؟

އެންމެ ތިލަކޮށް ބުނާނަމަ، ސްޓްރެސް އަކީ އިހުސާސެކެވެ. އެއީ ތިމާގެ ވަށައިގެންވާ މާހައުލުގައި ހިނގާ ކަންކަމުގެ ތެރެއިން ތިމާ ފިޔަވަޅެއް އަޅަންޖެހޭ ނުވަތަ ސަމާލުކަން ދޭންޖެހޭ ކަންކަމާމެދު ތިމާގެ ހަށިގަނޑު ދޭ ފުރަތަމަ ރައްދެވެ. ގިނަ ފަހަރު އެ އިހުސާސް ޓްރިގާ ވަނީ އައު ކަމެއް ތަޖުރިބާ ކުރަން ޖެހުމުންނާއި، ނުރައްކަލެއް ކުރިމަތިވުމުން ނުވަތަ ހާލަތުގެ މައްޗަށް ކޮންޓްރޯލް ނެތްކަމުގެ އިހުސާސް ކުރެވުމުންނެވެ. ކޮށްފަރިތަ މަސައްކަތެއް މާ ގިނަވުމުން ސްޓްރެސްވާ ގޮތް މެދުވެރިވަނީ އެކަންކަން ނުކުރެވިދާނެޔޭ ހިތަށް އަރާތީ އެވެ. ހާލަތުގެ މައްޗަށް ކޮންޓްރޯލް ނެތްކަމުގެ އިހުސާސް ވުމުންނެވެ.

މިއުޅެވެނީ ސްޓްރެސްވެގެންކަން އެނގޭނީ ކިހިނެއް؟

ސްޓްރެސް ވެއްޖެކަން ހަށިގަނޑު ބުނެދޭނީވެސް އިހުސާސްތަކަކުންނެވެ. ހާސްވުމާއި ބިރުގަތުމާއި ރުޅިއާއި ދެރަވުމަކީ ސްޓްރެސް ވެއްޖެކަން ބުނެދިނުމަށް ހަށިގަނޑު ހަރަކާތްކުރާ ގޮތެވެ. ރޭނިދި ނުނިދި، މީހުންނާ ވާހަކަ ދައްކާ ހިތްނުވެ، އެކަނި ވަގުތު ހޭދަކޮށްލަން ބޭނުންވުމާއި އަދި މީހުންނާ މުއާމަލާތު ކުރުމުގައި ހަރުކަށި ވެވުމަކީ ސްޓްރެސް ވެއްޖެކަމުގެ އަލާމާތެވެ.

ޑިޕްރެޝަންއަކީ ސްޓްރެސްގެ ސަބަބުން ކުރިމަތިވެދާނޭ ބައްޔެއްކަން އެންމެންނަށްވެސް އެނގެ އެވެ. ބާބަރާ ޔުނިވާސިޓީގެ ޕްރޮފެސަރ ޑރ. ޖެއިވިނާ ވިދާޅުވާ ގޮތުން ސްޓްރެސް ވުމަކީ ހަމައެކަނި ނަފްސާނީ ގޮތުން ބަލިވުމެއްވެސް ނޫނެވެ. ސްޓްރެސްއާ ގުޅިފައިހުރި ޖިސްމާނީ ބަލިތައްވެސް އިންތިހާއެވެ. ފަލަވާ ބަލި، ހިތުގެ ބަލި، ހަކުރު މަތިވުން، އަދި ނޭވާ ހިއްލުން ފަދަ ބަލިތައް ޖެހުމުގައިވެސް ސްޓްރެސްވުން އެއީ ސަބަބެއް ކަމަށް ޑރ. ޖެއިވިނާ ވިދާޅުވެ އެވެ.

އަހަރެންނަކީ ސްޓްރެސް ވާ މީހެއް ނޫން؟

ދިރިހުރި، އަދި ހިއްސުތައް ސަލާމަތުން ހުރި އިންސާނަކު ނަމަ އެއްގޮތަކަށް ވެސް ސްޓްރެސް ނުވުން އެއީ ވާނެ ކަމެއް ނޫނެވެ. "އެއިޓް ކީސް ޓު ސްޓްރެސް މެނޭޖްމަންޓް" ގެ ލިޔުންތެރިޔާ އެލިޒަބެތު ސްކޮޓް ވިދާޅުވާ ގޮތުން، ސްޓްރެސްގެ އިހުސާސާ އެއްކޮށް ދުރުވެގަތުމަކީ ކުރެވޭނޭ ކަމެއް ނޫނެވެ. އެހެންނަމަވެސް ކުރެވިދާނޭ ކަމަކީ ސްޓްރެސް މެނޭޖް ކުރުމެވެ. ބައެއް މީހުންގެ މިޒާޖާއި ދިރިއުޅުމުގެ ވައްޓަފާޅި ހުންނަނީ ސްޓްރެސް މެނޭޖް ކުރުމަށް ފަސޭހަވާ ގޮތަށެވެ. އެހެންވުމުން، ގިނަ މީހުންނަށް ސްޓްރެސްގެ އިހުސާސް ކުރެވޭ ކަންކަމަކީ މިފަދަ މީހުންނަށް މާ ބޮޑު ކަމަކަށް ނުވަނީ އެވެ. މިފަދަ މީހުންގެ ދިރިއުޅުމުގެ އާދަ ހުންނަނީ ސްޓްރެސް މެދުވެރިވާ ސަބަބުތަކަށް ހައްލު ލިބޭ ގޮތަށެވެ. އާ ތަޖުރިބާއެއް ނަމަ މިފަދަ މީހުން އެކަން ނަގަނީ ކުރެވޭނޭ ކަމުގެ ޔަގީންކަން ހިތުގައި ބާއްވައިގެން ނަގާ ޗެލެންޖެއް ގޮތަށެވެ. އަމިއްލަ ނަފްސަށް އިތުބާރު ކުރަން ދަސްވެފައި ވަނީ ތަރުބިއްޔަތުގެ ސަބަބުން ނުވަތަ އުޅުނު މާހައުލުގެ ސަބަބުން ނުވަތަ ކުރިމަތިވި ކަންކަމުގެ ސަބަބުން ކަމަށް ވުން ވެސް އެކަށީގެން ވެއެވެ.

ކަމަކާ ކަންބޮޑުނުވާ މީހަކު ނޫޅޭނެ އެވެ. ހާސްނުވާ މީހަކުވެސް ނޫޅޭނެއެވެ. މިއީ އެންމެނަށްވެސް ކުރެވޭނޭ އިހުސާސެކެވެ. ސްޓްރެސް ނުވާ ކަމަށް ގަބޫލުކުރެވެނީ ސްޓްރެސްގެ އިހުސާސް ހަށިގަނޑުން ބަލައިގަންނަ ގޮތުގެ ސަބަބުންނެވެ. އެއީ ހުށިޔާރު މީހުންނެވެ. އަމިއްލަ ނަފްސަށް އިތުބާރު އޮންނަ މީހުންނެވެ. މިފަދަ މީހުންނަކީ ސްޓްރެސް ކުރިމަތިވެދާނޭ ކަންބޮޑުވުންތަކަށް އަވަހަށް ހައްލު ހޯދާ ބައެކެވެ. ނުވަތަ އެ ކަންބޮޑުވުންތަކާ އަވަހަށް ދުރަށް ދާން ދަސްވެފައިވާ ބައެކެވެ.