Advertisement

އެމެރިކާގެ މަހުޖަނުންގެ ޓެކްސް ރިކޯޑު ލީކުކޮށްލައިފި

ބިލިއަނަރު ޖެފް ބެޒޯސް.-- ފޮޓޯ: ގެޓީ އިމޭޖަޒް


އެމެރިކާގެ މަހުޖަނުންގެ ޓެކްސް ރިކޯޑު ލީކުކޮށްލައިފި

އެމެރިކާގެ ބިލިއަނަރުން ޓެކްސް ދައްކަނީ ވަރަށް ކުޑަ މިންވަރަކަށް ކަން ހާމަވާ ރިކޯޑުތައް ލީކުކޮށްލައިފި އެވެ.

ޕްރޯޕަބްލިކާ ވެބްސައިޓުން ބުނީ ދުނިޔޭގެ މަހުޖަނުންގެ ތެރޭގައި ހިމެނޭ އެމެރިކާގެ ބިލިއަނަރުންގެ ޓެކްސް ރިކޯޑުތައް ލިބިފައިވާ ކަމަށެވެ. އޭގެ ތެރޭގައި ޖެފް ބެޒޯސް، އެލޮން މަސްކު އަދި ވޮރަން ބުފޭ ހިމެނެ އެވެ.

އެ ވެބްސައިޓުން ބުނީ 2007 އަދި 2011 ގައި އެމެޒޯންގެ ފައުންޑަރު ބެޒޯސް ޓެކްސްގެ ގޮތުގައި އެއްވެސް ފައިސާއެއް ނުދޭ ކަމަށެވެ. އަދި ޓެސްލާގެ ވެރިޔާ މަސްކު ޓެކްސްގެ ގޮތުގައި 2018 ވަނަ އަހަރު ފައިސާ ދައްކާފައެއް ނުވެ އެވެ.

ވައިޓް ހައުސްގެ ތަރުޖަމާނަކު ބުނީ ރިކޯޑުތައް ލީކު ކުރުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށާއި އެފްބީއައި އާއި ޓެކްސްއާ ގުޅޭ އިދާރާތަކުން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.

ޕްރޯޕަބްލިކާއިން ބުނީ ބިލިއަނަރުންގެ ޓެކްސްއާ ގުޅޭ ތަފްސީލްތައް ދިރާސާ ކުރަމުންދާ ކަމަށާއި ކުރިއަށް އޮތް ދުވަސްތަކުގައި އެކަންކަން ހާމަކުރަމުން ދާނެ ކަމަށެވެ.

ޕްރޯޕަބްލިކާއިން ބުނީ އެމެރިކާގެ އެންމެ މުއްސަނދި 25 މީހުން ޓެކްސް ދައްކަނީ އެމެރިކާގެ އާއްމު މަސައްކަތު މީހުން ދައްކާ މިންވަރަށް ވުރެ ވެސް މަދު ޓެކްސް ކަމަށެވެ.

އޭގެ އިތުރުން ގާނޫނުގައިވާ ބާގަނޑުތައް ބޭނުންކޮށްގެން ގާނޫނުގެ ތެރެއިން ވީހާވެސް މަދު ޓެކްސް ދެއްކޭނެ ގޮތް މަހުޖަނުން ހޯދާފައިވާ ކަމަށް އެ ވެބްސައިޓުން ބުނެފައި ވެ އެވެ.

އެމެރިކާގެ އެންމެ މުއްސަނދި 25 މީހުންގެ މުއްސަނދިކަން 2014 އިން 2018 އަށް ވަނީ 401 ބިލިއަން ޑޮލަރުން އިތުރުވެފަ އެވެ. އެ މުއްދަތުގައި ޓެކްސްގެ ގޮތުގައި ދެއްކީ 13.6 ބިލިއަން ޑޮލަރެވެ.

އެމެރިކާގެ މަހުޖަނުންގެ އަތުން ނަގާ ޓެކްސް އިތުރު ކުރުމަކީ ރައީސް ޖޯ ބައިޑެންގެ ވައުދެކެވެ. އެ ފައިސާ ހޭދަ ކުރާނީ އިންފްރާސްޓްރަކްޗާ އިންވެސްޓްމަންޓް ޕްރޮގްރާމްތަކަށެވެ.