Advertisement

ފްރާންސް ރައީސްގެ މޫނު މަތީގައި މީހަކު ޖަހައިފި

ފްރާންސްގެ ރައީސް އިމޭނުއެލް މެކްރޯން ކާރުން ފައިބައި ވަޑައިގަންނަވަނީ.-- ފޮޓޯ: ގެޓީ އިމޭޖަޒް


ފްރާންސް ރައީސްގެ މޫނު މަތީގައި މީހަކު ޖަހައިފި

ފްރާންސްގެ ރައީސް އިމޭނުއެލް މެކްރޯން އެ ގައުމުގެ އިރުދެކުނު ސަރަހައްދަކަށް ކުރި ރަސްމީ ދަތުރެއްގައި މީހަކު އެމަނިކުފާނުގެ މޫނު މަތީގައި ޖަހައިފި އެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއަކުން ފެންނަނީ ވެލެންސް ސިޓީގައި މީހުން ދުރަށް ޖައްސަން ބަހައްޓާފައިވާ ބެރިއަރު ކައިރިއަށް މެކްރޯން ވަޑައިގެންނެވުމުން، ބެރިއަރު ފަހަތުގައި ފެހި ކުލައިގެ ޓީޝާޓެއް ލައިގެން ހުރި މީހަކު މެކްރޯންގެ މޫނުގައި ޖަހާ މަންޒަރެވެ.

އެކަން ހިނގުމާއެކު ސެކިއުރިޓީ އޮފިސަރުން އަވަހަށް ހަރަކާތްތެރިވެ، މެކްރޯން އެ ސަރަހައްދުން ދުރަށް ގެންދާ މަންޒަރު ވީޑިއޯއިން ފެނެ އެވެ.

ފްރާންސްގެ ނޫސްތަކުން ރިޕޯޓު ކުރާ ގޮތުގައި އެ މައްސަލައާ ގުޅުން ހުރި ކަމަށް ތުހުމަތު ކުރެވޭ ދެ ފިރިހެނުން ވަނީ ހައްޔަރުކޮށްފަ އެވެ.

އެ ހާދިސާ ހިނގިތާ ކުޑައިރުކޮޅެއް ފަހުން މެކްރޯން އެނބުރި ބެރިއަރު ކައިރިއަށް ވަޑައިގެން އެ ތަނުގައި ތިބި މީހުންނާ ވާހަކަ ދައްކާ މަންޒަރު ދައުރުވަމުންދާ ވީޑިއޯއިން ފެނެ އެވެ.

ހަމަލާ ދިން މީހާގެ ވަނަވަރު މިހާތަނަށް އާއްމުކޮށްފައެއް ނުވެ އެވެ. އޭއެފްޕީ ނިއުސް އޭޖެންސީން ބުނީ އެ މީހާ އާއި އިތުރު މީހަކާ ފުލުހުން ސުވާލު ކުރަމުންދާ ކަމަށެވެ.