Advertisement

އަސާސީ ހިދުމަތްދޭ ކުންފުނިތަކާ އެކު ސިޓީ ކައުންސިލުން އެއްބަސްވުން ހަދަނީ

8 ޖޫން 2021 - 11:14 0

ނާޒިމް ހަސަން

ނާޒިމް ހަސަން

ބިދޭސީ ދެ މަސައްކަތްތެރިއަކު ހޮޅިއެއް އުފުލަނީ: އަސާސީ ހިދުމަތްތައްދޭ ކުންފުނިތަކާއެކު އެއްބަސްވުން ހަދަން ވަނީ ނިންމާފައި - ފޮޓޯ: ހުސެއިން ވަހީދު / އަދަދު


އަސާސީ ހިދުމަތްދޭ ކުންފުނިތަކާ އެކު ސިޓީ ކައުންސިލުން އެއްބަސްވުން ހަދަނީ

8 ޖޫން 2021 - 11:14 0

މާލޭ ސިޓީގައި ފެނާއި ކަރަންޓާއި ނަރުދަމާ ފަދަ އަސާސީ ހިދުމަތްތައް ދޭ ކުންފުނިތަކާ އެކު އެއްބަސްވުން ހެދުމުގެ މަސައްކަތް ފަށަން މާލޭ ސިޓީ ކައުންސިލުން ނިންމައިފި އެވެ.

އިދާރީ ދާއިރާތައް ލާމަރުކަޒީކޮށް ހިންގުމުގެ ގާނޫނުގެ 69 ވަނަ މާއްދާގައި ބުނެފައިވާ ގޮތުގައި، ކަރަންޓާއި ފެނާއި ނަރުދަމާގެ ހިދުމަތް ފޯރުކޮށްދޭން ޖެހޭނީ ކައުންސިލުންނެވެ.

ގާނޫނުގައިވާ ގޮތުން، ތިން ވަނަ ފަރާތަކުން އެ ހިދުމަތްތައް ފޯރުކޮށްދޭނަމަ އެ ފަރާތަކާއި ކައުންސިލާ ދެމެދު އެ ހިދުމަތް ފޯރުކޮށްދިނުމާ ގުޅޭގޮތުން ލިޔުމުން ވެވޭ އެއްބަސްވުމެއް އޮންނަންވާނެ އެވެ.

މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވި ގޮތުގައި، އެ އެއްބަސްވުންތައް އެކުލަވާލުމުގެ މަސައްކަތް ފެށުމަށް އިއްޔެ ކައުންސިލުން ވަނީ ނިންމައިފަ އެވެ. އެގޮތުން، ސްޓެލްކޯ އަދި އެމްޑަބްލިއުއެއްސީއާ އެކު އެއްބަސްވުމުގެ ހެދުމުގެ މަސައްކަތް ފަށާނެ ކަމަށް ވިދާޅުވި އެވެ.

އޭގެއިތުރުން، ކުނި މެނޭޖްކުރުމުގެ މަސައްކަތަކީ ވެސް ސިޓީ ކައުންސިލުން ކުރަން ޖެހޭނެ ކަމެއް ކަމަށް ގާނޫނުގައި ބަޔާންކޮށްފައިވާތީ، ވެމްކޯއާ އެކު ވެސް އެއްބަސްވުމެއް ހަދާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

"އެ އެއްބަސްވުމުގައި އަޅުގަނޑުމެންގެ މަގުސަދަކަށް ވާނީ މާލޭގެ ރައްޔިތުންނަށް އެދެވޭ ގޮތެއްގައި އަތް ފޯރާ ވަރެއްގައި މި ހިދުމަތްތައް ކަށަވަރުކޮށްދިނުން، ރަނގަޅު ފެންވަރެއްގެ ހިދުމަތެއް ކަށަވަރު ކުރުން،" މުއިއްޒު ވިދާޅުވި އެވެ.

"މިހާރު ކަރަންޓުގެ އަގު މިހުރީ އަތްފޯރާ ފަށުގައި ނޫންކަން ރައްޔިތުން އެބަ ބުނޭ، ފެނުގެ ބިލްތައް އަތް ފޯރާ ފަށަކު ނެތް، ވެމްކޯގެ ހިދުމަތް ވަރަށް ދެރަ ކަމަށް ވަނީ."

މުއިއްޒު ވިދާޅުވި ގޮތުގައި، ރައްޔިތުން ބޭނުންވާ ބަދަލުތަކާއި ހިދުމަތް ރަނގަޅު ކުރުމަށް އެއްބަސްވުމުގެ ޒަރިއްޔާއިން ކަންކަން ޔަގީން ކުރައްވާނެ އެވެ.

އޭނާ ފާހަގަ ކުރެއްވި ގޮތުގައި، ވިލިމާލޭ ފެރީގެ ނިޒާމަކީ ވެސް ހަރުދަނާ ކުރަން ޖެހޭ ކަމަކަށްވާތީ އެ ހިދުމަތް ދެމުންނަ އެމްޓީސީސީއާއެކު އޮތް އެއްބަސްވުމަށް ބަދަލުތައް ގެނައުމަށް މަޝްވަރާތައް ފަށަން ވަނީ ނިންމައިފަ އެވެ.

ގާނޫނުގައި ބުނެފައިވާ ގޮތުގައި، ކައުންސިލުން ހިދުމަތްތައް ދޭ ހާލަތްތަކުގައި ވެސް ދޭން ޖެހޭނީ ސަރުކާރުގެ ކަމާބެހޭ ވުޒާރާއިން ކަމާ ގުޅޭ ގޮތުން އެކުލަވާލާފައިވާ ސިޔާސަތުތަކާއި މިންގަނޑުތަކާއި އަގުތަކުގައި ކަމަށެވެ.

އަދި، ތިން ވަނަ ފަރާތެއް މެދުވެރިކޮށް އާންމު ހިދުމަތެއް ފޯރުކޮށްދޭ ހާލަތުގައި ވެސް، އެ ހިދުމަތް ފޯރުކޮށްދިނުމުގައި އާންމުންނަށް ދިމާވާ އެކިއެކި މައްސަލަތަކާ ގުޅޭ ގޮތުން ޖަވާބުދާރީވުމުގައި އެ ތިން ވަނަ ފަރާތުން ކައުންސިލަށް އެއްބާރުލުން ދޭން ވާނެ ކަމަށް ވެސް ގާނޫނުގައިވެ އެވެ.

"އަޅުގަނޑުމެން ކުރާ މަސައްކަތަށް އެއްބާރުލުންދޭ ނަމަ އެންމެ ގާތް އެކުވެރިޔާއަށް ވާނަން، އެއްބާރުލުން ނުދޭ ކަމަށްވާ ނަމަ އެ ފަރާތްތަކުގެ ވާހަކަ ރައްޔިތުންގެ އަރިހުގައި ދަންނަވާނަން،" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ މިހާތަނަށް ސަރުކާރުގެ ފަރާތުން ސިޓީ ކައުންސިލަށް އެއްބާރުލުން ލިބެމުން އަންނަ ކަމަށެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ގިނަ މިނިސްޓަރުންނާ ވެސް ބައްދަލުކޮށްފައިވާ ކަން ފާހަގަކުރެއްވި އެވެ.

"ރައީސް އަޅުގަނޑަށް އިތުރަށް ވެސް ވަގުތު ދެއްވި،" ރައީސްއާއެކު ބޭއްވި ބައްދަލުވުމާ ގުޅޭ ގޮތުން މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި، ޕްލޭނިން މިނިސްޓްރީގެ ފަރާތުން ވެސް ޓެކްނިކަލް އެހީތެރިކަމާއި ޕަބްލިކް ވޯކްސްގެ އެހީތެރިކަން ކައުންސިލަށް އަންނަނީ ފޯރުކޮށްދެމުންނެވެ. އެހެން މިނިސްޓްރީތަކުންދޭ އެއްބާރުލުންތައް ވެސް ފާހަގަ ކުރެއްވި އެވެ.

"ޖުމްލަ ގޮތެއްގައި ވަރަށް ރަނގަޅަށް އެއްބާރުލުން ދެއްވާ،" މުއިއްޒު ވިދާޅުވި އެވެ.