Advertisement

ސިޔާމްގެ މައްސަލަ ފުލުހަށް ހުށަހަޅައިފި

8 ޖޫން 2021 - 10:11 1

މުހައްމަދު ވިޝާމް

މުހައްމަދު ވިޝާމް

މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދު މަޖިލީހުގެ އިދާރާއަށް ވަޑައިގަންނަވަނީ. -ފޮޓޯ: ހުސެއިން ޝަޔާހް/ އަދަދު


ސިޔާމްގެ މައްސަލަ ފުލުހަށް ހުށަހަޅައިފި

8 ޖޫން 2021 - 10:11 1

ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން 'ދަންޖައްސަންޖެހޭ' ކަމަށް، މީދޫ ދާއިރާގެ މެމްބަރު އަހްމަދު ސިޔާމް ބުނާ އޯޑިއޯއެއް ލީކުވެފައިވާއިރު، އެ މައްސަލަ ރައްޔިތުންގެ މަޖިލީހުން ފުލުހުންނަށް ހުށަހަޅައިފި އެވެ.

"އަދަދު" އަށް އެނގިފައިވާ ގޮތުގައި މިއީ ސިޔާމް މުހައްމަދު އާދީއްތަ ދުވަހު ބައިވެރިވެވަޑައިގެންނެވި ސަލާމަތީ ހިދުމަތްތަކާބެހޭ (241) ކޮމިޓީގެ ބައްދަލުވުމަށްފަހު އެ ކޮމިޓީއިން ނުކުންނަވައި ބޭރުގައި ތިއްބެވި މެންބަރުންނާ ދެއްކެވި ވާހަކައެކެވެ.

އޯޑިއޯގައި ސިޔާމް ވިދާޅުވެފައިވަނީ ހިސާން "ދަންޖަންސަންޖެހޭ" ކަމަށާއި، "އެކަންކޮށްގެން ފާފަވެރިވެސް ނުވާނެ" ކަމަށެވެ.

އެ މައްސަލަ މަޖިލީހުގެ ރައީސްގެ ސަމާލުކަމަށް ވެސް މިހާރު ގެނެސްފައިވާއިރު، "އަދަދު"އަށް އެނގިފައިވާ ގޮތުގައި އެ މައްސަލަ މިހާރު ވަނީ މަޖިލީހުން ފުލުހުންނަށް ހުށަހަޅައިފަ އެވެ.

މިއަދުގެ ޖަލްސާ ފައްޓަވަމުން ރިޔާސަތުގައި އިންނެވި ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފް ވިދާޅުވީ، ސިޔާމްގެ މައްސަލަ ހިސާން މަޖިލީހުގެ ރައީސްގެ ސަމާލުކަމަށް ގެންނަވާފައިވާ ކަމަށާއި، އެއީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

އެހެންކަމުން އެ މައްސަލަ ބަލައި ދިނުމަށް އެދި، ފުލުހުންގެ އިތުރުން ޑިފެންސް މިނިސްޓްރީއަށް ހުށަހެޅިފައިވާ ކަމަށް އަފީފް ވިދާޅުވި އެވެ.

އަދި އެ މައްސަލަ މަޖިލީހުގެ އިމްތިޔާޒާއި ސުލޫކު ކޮމިޓީއަށް ވެސް ފޮނުވާފައިވާކަމަށް ވިދާޅުވި އެވެ.

"އަދަދު" އަށް ލިބިފައިވާ އޯޑިއޯ ގައި ސިޔާމް ދައްކަވާފައިވާ ވާހަކަތަކާ ގުޅޭ ގޮތުން ސުވާލުކުރުމުން އޭނާ ވިދާޅުވީ ހިސާންއާ ދެމެދު ކުރި ޒުވާބުގެ ތެރެއިން އެކަހަލަ އެއްޗެއް ވިދާޅުވެފައި އޮވެ ދާނެ ކަމަށާއި، ނަމަވެސް މާނަ ކުރީ އެގޮތަށް ނޫން ކަމަށެވެ.

"ޒުވާބުކުރި އިރު އެކަހަލަ ކޮންމެވެސް ބަހެއް ބުނެފައި އޮވެދާނެ، އެކަމަކު އެގޮތަށް މާނަކޮށް ބުނި އެއްޗެއް ނޫން އެއީ،" އެމްޑީއޭގެ ލީޑަރުކަން ވެސް ކުރައްވާ ސިޔާމް ވިދާޅުވި އެވެ.

ސިޔާމް ވިދާޅުވި ގޮތުގައި އަރައިރުން ހިނގަން މެދުވެރިވީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ހިންގަވާ ގޮތާމެދު ހިތްހަމަނުޖެހުން ބޮޑުކަމުން ކަމަށެވެ.

"އަދަދު" އަށް އެނގިފައިވާ ގޮތުގައި ހިސާން 'ދަންޖައްސަންޖެހޭ' ކަމަށް ސިޔާމް ބުނެފައިވަނީ ކޮމިޓީ ބައްދަލުވުން ނިމުނު ފަހުން މަޖިލީހުގެ އެހެން މެންބަރުންނާ ވާހަކަ ދެއްކެވުމުގެ ތެރޭގަ އެވެ. ސިޔާމް މިހެން ވިދާޅުވެފައިވާކަން އެތަނުގައި ތިއްބެވި ބައެއް މެންބަރުން ވަނީ ކަށަވަރުކޮށްދީފަ އެވެ.

އެކަމާ ގުޅިގެން ހިސާން އިއްޔެ "އަދަދު"އަށް ވިދާޅުވީ ސިޔާމްގެ އެ އަމަލުގެ ސަބަބުން މަޖިލީހުގެ އިދާރާއަކީ ރައްކާތެރި މާހައުލެއް ކަމުގެ އިހްސާސް ގެއްލިފައިވާ ކަމަށެވެ.

"އޭނާގެ ނަޒަރުގައި އަޅުގަނޑަކީ ދަންޖައްސަން ޖެހޭ މީހެއް ކަމަށާއި އެކަން ކޮށްގެން ފާފަވެރިއެއް ވެސް ނުވާނެ ކަމަށް ބުނެ ވާހަކަ ދެއްކެވިއިރު އަދި 6 ޖޫން ދުވަހު އަޅުގަނޑާ ދިމާލަށް އެއްޗެތި ކިޔަމުން އަޅުގަނޑާ ދިމާލަށް އައިއިރު، އެ ތަނުގައި ކޮމިޓީގެ އެހެން މެމްބަރުން ވެސް ތިއްބެވި އެވެ،" ހިސާން ވިދާޅުވި އެވެ.

ސިޔާމް ހުއްޓުވީ، ހިސާން ވިދާޅުވި ގޮތުގައި، މަޖިލީހުގެ އެހެން މެމްބަރުންތަކެކެވެ.