Advertisement

ޖީ7 ގައުމުތަކަށް ޔުނިސެފުން ގޮވާލީ ލަސްނުކޮށް ވެކްސިން ހަދިޔާ ކުރަން

ނޭޕާލުގައި މުސްކުޅި މީހަކަށް ވެކްސިން ދެނީ.-- ފޮޓޯ: ޔޫއެންއެޗްސީއާރް


ޖީ7 ގައުމުތަކަށް ޔުނިސެފުން ގޮވާލީ ލަސްނުކޮށް ވެކްސިން ހަދިޔާ ކުރަން

މުއްސަނދި ގައުމުތަކުގެ އަތުގައި އިތުރުވެފައި ހުރި ކޮވިޑް ވެކްސިންގެ ސަޕްލައި އެއް ފަހަރާ ފަގީރު ގައުމުތަކަށް ހަދިޔާކޮށްފި ނަމަ އެތައް މިލިއަން ޑޯޒެއް ބޭކާރުވެ ދިޔުމުގެ ނުރައްކާ އެބަ އޮތް ކަމަށް ޔުނިސެފުން ބުނެފި އެވެ.

ޔުނިސެފުން ބުނީ ފަގީރު ގައުމުތަކަށް ވެކްސިން ފޯރުކޮށްދިނުމުގައި ވިސްނަންވީ އަބަދުވެސް ދަތި ނުވެ، ލިބޭނެ ގޮތް ހެދުމަށް ކަމަށެވެ. އަދި އެއް ފަހަރާ ސަޕްލައި ހަދިޔާކޮށްފި ނަމަ، ވަގުތުން އެ ބޭނުން ކުރާނެ ސިރިންޖު ފަދަ ތަކެތި ފަގީރު ގައުމުތަކުގައި ނުހުންނާނެ ކަމަށް ވެސް ބުންޏެވެ.

އިނގިރޭސި ވިލާތާއި އެހެން މުއްސަނދި ގައުމުތަކުން ވައުދުވީ އިތުރުވާ ސަޕްލައި ހަދިޔާ ކުރާނެ ކަމަށެވެ. ނަމަވެސް މިހާރު ޕްރެޝަރު ބޮޑުވަމުން ދަނީ ފަހުން ހަދިޔާ ކުރަން މަޑު ނުކޮށް، ބައި ބަޔަށް ބަހާލައިގެން ހަދިޔާ ކުރަމުން ގެންދިޔުމަށެވެ.

ޔުނިސެފުގެ މި ގޮވާލުން ޕްރޮމޯޓް ކުރުމަށް މަޝްހޫރު ތަރިން އަންނަނީ ހަރަކާތްތެރިވަމުންނެވެ. އޭގެ ތެރޭގައި ލަވަކިޔުންތެރިޔާ ބިލީ އެއިލިޝް އާއި ކުރީގެ ފުޓްބޯޅަ ކުޅުންތެރިޔާ ޑޭވިޑް ބެކަމް ހިމެނެ އެވެ.

މަޝްހޫރު ބައެއް ތަރިން ވަނީ ސިޓީއެއްގައި ސޮއިކޮށް ދުނިޔޭގެ އެންމެ މުއްސަނދު ގައުމުތައް ހިމެނޭ ޖީ7 ގްރޫޕަށް ފޮނުވާގަ އެވެ. ސިޓީގައި އެދިފައިވަނީ އެ ގައުމުތަކުގެ ވެކްސިން ސަޕްލައިގެ 20 ޕަސެންޓު އަންނަ އޯގަސްޓް މަހުގެ ކުރިން ފަގީރު ގައުމުތަކަށް ހަދިޔާ ކުރުމަށެވެ.

ސިޓީގައި ސޮއިކޮށްފައިވާ އެހެން ތަރިންގެ ތެރޭގައި އެންޑީ މަރީ، އޮލިވިއާ ކޯލްމަން، އެވަން މެކްގްރެގާ، ލިއަމް ޕެއިން، ޕްރިޔަންކާ ޗޯޕްރާ ޖޯނަސް، އޯލަންޑޯ ބްލޫމް، ކޭޓީ ޕެރީ، ގެމާ ޗާން، ވޫޕީ ގޯލްޑްބާގް، ކްލޯޑިއާ ޝިފާ އަދި ކްރިސް ހޮއި ހިމެނެ އެވެ.

މުއްސަނދި ގައުމުތަކުން މިހާތަނަށް ވައުދުވެފައި ވަނީ މި އަހަރުގެ ފަހުކޮޅު ވެކްސިން ހަދިޔާ ކުރުމަށެވެ. ނަމަވެސް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ބާރު އަޅަނީ މިހާރުން ފެށިގެން ހަދިޔާ ކުރަމުން ދިޔުމަށެވެ.

ޖީ7 ގައުމުތައް ބައިވެރިވާ ސަމިޓު މި ހަފްތާގައި ބާއްވާއިރު، 2022 ނިމުމުގެ ކުރިން ދުނިޔޭގެ މުޅި އާބާދީ އެއްކޮށް ކޮވިޑާ ދެކޮޅަށް ވެކްސިން ޖަހައި ފުރިހަމަ ކުރަން ބާރު އަޅާ ލަނޑުދަނޑި ކަނޑައަޅާނެ ކަމަށް ބެލެވެ އެވެ.