Advertisement

ބިލިއަނަރު ބެޒޯސް އާއި އޭނާގެ ބޭބެ ޖައްވަށް ދަތުރު ކުރަނީ

ޖެފް ބެޒޯސް.-- ފޮޓޯ: ރޮއިޓާޒް


ބިލިއަނަރު ބެޒޯސް އާއި އޭނާގެ ބޭބެ ޖައްވަށް ދަތުރު ކުރަނީ

އެމެޒޯންގެ ފައުންޑަރު އަދި ބިލިއަނަރު ޖެފް ބެޒޯސްގެ ޖައްވީ ކުންފުނި ބްލޫ އޮރިޖިންއިން އިންސާނުން ގޮވައިގެން އަންނަ ޖުލައި މަހު ޖައްވަށް ދާ ފުރަތަމަ މިޝަންގައި ބެޒޯސް އާއި އޭނާގެ ބޭބެ މާކް ބައިވެރިވާނެ ކަމަށް ބުނެފި އެވެ.

އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައި ބެޒޯސް ބުނީ ޖައްވަށް ދިޔުމަކީ އޭނާ އަބަދުވެސް ކުރަން ބޭނުންވާ ކަމެއް ކަމަށެވެ. ބެޒޯސް އާއި މާކްއާއެކު ތިން ވަނަ މީހަކަށް ދަތުރުގައި ބައިވެރިވުމުގެ ފުރުސަތު އޮތް އިރު، އެ ފުރުސަތު ދޭނީ އެންމެ ބޮޑު އަގު ހުށަހަޅާ ފަރާތަކަށެވެ.

ބެޒޯސްއަކީ ދުނިޔޭގެ އެންމެ މުއްސަނދި އެކެކެވެ. އޭނާގެ މުއްސަނދި ކަމުގެ ގޮތުގައި 186.2 ބިލިއަން އެމެރިކާ ޑޮލަރު ވާ ކަމަށް ފޯބްސް މެގެޒިން އިން ބުނެ އެވެ.

"ޖުލައި 20 ވަނަ ދުވަހު [ޖައްވަށް] ކުރާ ދަތުރުގައި އަޅުގަނޑާއި ބޭބެ ބައިވެރިވާނަން. އެންމެ އުފާވެރި ކަންތައް، އެންމެ ގާތް އެކުވެރިޔާއާއެކު،" އިންސްޓަގްރާމް މެދުވެރިކޮށް އޭނާ ބުންޏެވެ.

ބެޒޯސް ޕޯސްޓު ކުރި ވީޑިއޯގައި މާކް ބުނީ މިއީ އާދަޔާ ހިލާފު ފުރުސަތެއް ކަމަށެވެ.

ބްލޫ އޮރިޖިން ކުންފުނިން އިންސާނުން ގޮވައިގެން ޖައްވަށް ކުރާ ފުރަތަމަ މިޝަންގައި ދާނެ އުޅަނދުގެ ނަމަކީ ނިއު ޝެޕާޑް އެވެ. ބެޒޯސް އާއި މާކްއާއެކު އެ ދަތުރުގައި ތިން ވަނަ މީހަކަށް ދިޔުމުގެ ފުރުސަތު އޮތް އިރު، އެ ސީޓަށް މިހާރު ހުށަހަޅާފައިވާ އެންމެ ބޮޑު އަގަކީ 2.8 މިލިއަން ޑޮލަރެވެ. އަގު ހުށަހެޅުމުގެ ސުންގަޑިއަކީ ޖޫން 12 އެވެ.

ނިއު ޝެޕާޑްއަކީ ޖައްވުން އެނބުރި ދުނިޔެއަށް އައިސް، ސީދަލަށް ބިމުގައި ޖެއްސުމުގެ ގާބިލްކަން ލިބިފައިވާ އުޅަނދެކެވެ. އެ އުޅަނދަށް ނަން ދިނީ ޖައްވަށް ދިޔަ ފުރަތަމަ އެމެރިކާ މީހާ އެލަން ޝެޕާޑްގެ ހަނދާނުގަ އެވެ.

ބްލޫ އޮރިޖިންގެ ވެބްސައިޓުގައި ބުނެފައި ވަނީ އިންސާނުން ގޮވައިގެން ދާ ފުރަތަމަ މިޝަންގައި ދުނިޔޭގެ ބިމަށް ވުރެ 100 ކިލޯމީޓަރު އުހަށް ދަތުރު ކުރާނެ ކަމަށެވެ. އެއީ ބިމަށް ދަމާ ބާރު ކެނޑުމުން ކަންކަން ވާނެ ގޮތް އިހުސާސް ކުރެވޭނެ ހިސާބެވެ.

އެ ދަތުރު ކުރުމުގެ ދެ ހަފްތާ ކުރިން އެމެޒޯންގެ ސީއީއޯގެ މަގާމުން އިސްތިއުފާ ދިނުމަށް ބެޒޯސް ވަނީ ރާވާފަ އެވެ. އޭގެ ބަދަލުގައި ދެން އޭނާ ހުންނާނީ އެމެޒޯންގެ އެގްޒެކްޓިވް ޗެއާމަންގެ ގޮތުގަ އެވެ.