Advertisement

ފަތުރުވެރިކަމުގެ ވިޔަފާރިތަކަށް އެހީވާން އޯޕެކު ފަންޑުން ބީއެމްއެލްއަށް 10 މިލިއަން ޑޮލަރުގެ ލޯނެއް

7 ޖޫން 2021 - 16:15 0

އަމަން ހަލީމް

އަމަން ހަލީމް

ބޭންކް އޮފް މޯލްޑިވްސް ހެޑް އޮފީސް: އޯޕެކް ފަންޑުން ބީއެމްއެލްއަށް ދިން ފައިސާއިން ލޯނު ދޫކުރަނީ ފަތުރުވެރިކަމާއި ގުޅުންހުރި ވިޔަފާރިތަކަށް އެކަނި -- ފޮޓޯ: ބީއެމްއެލް


ފަތުރުވެރިކަމުގެ ވިޔަފާރިތަކަށް އެހީވާން އޯޕެކު ފަންޑުން ބީއެމްއެލްއަށް 10 މިލިއަން ޑޮލަރުގެ ލޯނެއް

7 ޖޫން 2021 - 16:15 0

ކޮވިޑް ބަލިމަޑުކަމުގެ ތެރޭގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތާއި އެ ސިނާއަތާ ގުޅުންހުރި ދާއިރާތަކުގައި ހަރަކާތްތެރިވާ ކުދި އަދި މެދު ފަންތީގެ ވިޔާފާރިތަކަށް އެހީވާން އޯޕެކް ފަންޑް ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އަށް ދިހަ މިލިއަން ޑޮލަރުގެ ލޯނެއް ދޫކޮށްފި އެވެ.

މި ލޯނަކީ ވޯލްޑް ބޭންކް މެންބަރެއް ކަމަށްވާ އައިއެފްސީއިން އިސްނަގައިގެން ދިނުމަށް ހަމަޖެހިފައިވާ ލޯނުގެ ބައެކެވެ. އަދި މިއީ އޯޕެކް ފަންޑުގެ ކޮވިޑް ރެސްޕޯންސް ޕެކޭޖްގެ ދަށުން ދޫކުރެވޭ ލޯނެކެވެ.

ވިޔަފާރިތަކަށް އެހީވާން އޯޕެކުން ދިން ލޯނު ދޫކުރަނީ ކޮވިޑްގެ ބަލިމަޑުކަމުގެ ސަބަބުން ގެއްލުންވެފައިވާ ފަތުރުވެރިކަމުގެ ސިނާއަތާއި އެ ސިނާއަތާ ގުޅުންހުރި ދާއިރާތަކުގައި ހަރަކާތްތެރިވާ އެސްއެމްއީތަކަށެވެ.

މި ލޯނު ދޫކުރުމާ ގުޅޭ ހުރިހާ ކަންކަން ކުރާނީ ބީއެމްއެލްއިންނެވެ. އަދި ވިޔަފާރިތަކަށް ދޫކުރަނީ ވާކިން ކެޕިޓަލްގެ ގޮތުގައި ދޫކުރާ ފައިސާ އެވެ. ބީއެމްއެލްއިން ބުނީ މި ލޯނުތަކުގެ ތަފްސީލު ކުރިޔަށް އޮތް ދުވަސްތަކުގެ ތެރޭގައި އިއުލާނުކުރާނެ ކަމަށެވެ.

އޯޕެކުން ފޯރުކޮށްދިން ލޯނާ ގުޅިގެން ބީއެމްއެލްގެ ސީއީއޯ ޓިމް ސޯޔާ ވިދާޅުވީ މި ލޯނުގެ ސަބަބުން ވިޔަފާރިތަކަށް އެހީވުމަށް އެ ބޭންކުން ކުރަމުންދާ މަސައްކަތްތަކަށާއި، ގައުމުގެ އިގުތިސޯދަށް ލިބިފައިވާ ގެއްލުމުން އަރައިގަންނަން އެހީތެރިވެދޭނެ ކަމަށެވެ.

"ކޮވިޑްގެ ސަބަބުން ވިޔަފާރިތަކަށް ކުރަމުންދާ ނޭދެވޭ އަސަރު ކުޑަކުރުމުގެ ގޮތުން މި ހާލަތު ފެށުނީއްސުރެ ބޭންކުން އިސްނަގައިގެން ވާނީ މަސައްކަތްތަކެއްކޮށްފައި. އޯޕެކް ފަންޑުން ލިބިގެންދާ މި އެހީތެރިކަމަކީ ގައުމަށް ލިބިފައިވާ ގެއްލުމުން އަރައިގަތުމަށް ކުރަމުންދާ މަސައްކަތްތަކަށް ލިބިގެންދާނެ އެހީއެއް ވެސްމެ" ޓިމް ސޯޔާ ވިދާޅުވި އެވެ.

އޯޕެކް ފަންޑު - ރާއްޖެއަށް ގިނަ ދާއިރާތަކުން އެހީވެދޭ

އޯޕެކް ފަންޑުން ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތަކަށް ލޯނު ދޫކުރާތާ އަހަރުތަކެއް ވެއްޖެ އެވެ. އެގޮތުން ޕްރައިވެޓް ސެކްޓާއަށާއި ސަރުކާރަށް ދަތުރު ފަތުރުގެ ނިޒާމް ކުރިއެރުވުމަށާއި، ސާފު ބޯފެން ފޯރުކޮށްދިނުމަށާއި މާލީ ދާއިރާއަށް ލޯނު އެހީ ފޯރުކޮށްދީފައި ވެއެވެ.

އޯޕެކް ފަނޑުގެ ޑިރެކްޓާ ޖެނެރަލް ޑރ. ޢަބްދުލްހާމިދު އަލްހަލީފާ ވިދާޅުވީ އޯޕެކް ފަންޑުން ފޯރުކޮށްދިން އެހީތެރިކަމުން ވިޔަފާރިތަކަށް ބޭނުންވާ ފައިސާ ލިބި ވަޒީފާތައް ގެއްލުނަނުދީ ހިފެހެއްޓުމަށް އެހީތެރިވާނެ ކަމަށެވެ. އަދި މި ލޯނު ފައިސާ ދޫކުރަން އެންމެ އެކަށީގެންވާ ބޭންކަކީ ބީއެމްއެލް ކަމަށް ވިދާޅުވި އެވެ.