Advertisement

މާލެ-ތިލަފުށި ބްރިޖު މަސައްކަތް ދެ ހަފުތާ ތެރޭ ކޮންޓްރެކްޓަރާ ހަވާލުކުރަނީ

8 ޖޫން 2021 - 18:56 0

އަމަން ހަލީމް

އަމަން ހަލީމް

މާލެ-ތިލަފުށި ބްރިޖް އަޅާ ސަރަހައްދު ސާވޭ ކުރި ބޯޓު: މިއީ މިހާތަނަށް ރާއްޖޭގައި ހިންގޭ އެންމެ ބޮޑު އުމްރާނީ މަޝްރޫއު -- ފޮޓޯ: ހައުސިން މިނިސްޓްރި


މާލެ-ތިލަފުށި ބްރިޖު މަސައްކަތް ދެ ހަފުތާ ތެރޭ ކޮންޓްރެކްޓަރާ ހަވާލުކުރަނީ

8 ޖޫން 2021 - 18:56 0

ގްރޭޓާ މާލެ ސަރަހައްދުގައި ހުރި ރަށްތައް ގުޅާލަން ހިންގާ މާލެ-ތިލަފުށި ބްރިޖް މަޝްރޫއުގެ ކޮންޓްރެކްޓަރާ މި ހިނގާ ޖޫން މަސް ނިމުމުގެ ކުރިން މަސައްކަތް ހަވާލުކުރާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

މާލެއިން ފެށިގެން ގުޅީފަޅާ ހަމައަށް ގުޅާލަން ހިންގާ މި ޕްރޮޖެކްޓުގެ ތެރެއިން 67 ކިލޯމީޓަރު ބްރިޖް އަދި ކޯސްވޭ ގާއިމުކުރެވޭނެ އެވެ. އަދި، މަސައްކަތް ފެށުމުން މިހާތަނަށް ރާއްޖޭގައި ހިންގޭ އެންމެ ބޮޑު އުމްރާނީ ތަރައްގީގެ މަޝްރޫއަށެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބްރިޖް މަސައްކަތާ ގުޅޭގޮތުން ރައީސް ސޯލިހު ވިދާޅުވީ، ބިޑުތައް އިވެލުއޭޓް ކުރުމަށްފަހު ކުރިޔަށް އޮތް ދެ ހަފުތާގެ ތެރޭގައި މި މަސައްކަތް ކުރަން ބަޔަކާ ހަވާލުކުރާނެ ކަމަށެވެ.

މާލެ-ތިލަމާލެ ބްރިޖް މަސައްކަތަށް ކޮންޓްރެކްޓަރުންނަށް ބިޑު ހުށައެޅޭނެ ފަހު ދުވަހަކީ މާދަމާ (ބުދަ) އެވެ. މި މަޝްރޫއުގެ ޕްރީ-ޓެންޑަރިން މަރުހަލާގެ ތެރެއިން މި މަސައްކަތް ކުރުމުގެ ގާބިލިއްޔަތު ހުރި ހަތަރު ކުންފުންޏެއް ވަނީ ހޮވާފަ އެވެ. ބިޑު ހުށައެޅޭނީ މި ހަތަރު ކުންފުންޏަށް އެކަންޏެވެ. މި ހަތަރު ކުންފުންޏަކީވެސް އިންޑިއާގެ ކުންފުނިތަކެވެ.

މި ޕްރޮޖެކްޓު ހިންގަން ދިވެހި ސަރުކާރުން އިންޑިއާގެ އެގްޒިމް ބޭންކުން 400 މިލިއަން ޑޮލަރުގެ ލޯނެއް ނަގައިފި އެވެ. މިއީ ޕްރޮޖެކްޓު ނިމޭތާ ފަސް އަހަރު ފަހުން އަނބުރާ ދައްކަން ފަށަންޖެހޭ ލޯނެކެވެ.

މާލެ-ތިލަފުށި ބްރިޖުގެ ބާކީ ފަންޑުކުރަނީ އިންޑިއާ ސަރުކާރުން ހިލޭ އެހީގެ ގޮތުގައި ދީފައިވާ 100 މިލިއަން ޑޮލަރާއި ދިވެހި ދައުލަތުގެ ފައިސާއިންނެވެ. މި ބްރިޖް މަޝްރޫއަށް 600 މިލިއަނެއްހާ ޑޮލަރު ހަރަދުވާނެ ކަމަށް ބެލެވެ އެވެ. ނަމަވެސް މުޅި ޕްރޮޖެކްޓަށް ހިނގާނެ ހަރަދެއް މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.