Advertisement

ސިފައިން ހާޒިރުނުކުރަން އުޅުއްވަނީ ރައީސް ކަމަށް ނަޝީދު ތުހުމަތު ކުރައްވައިފި

7 ޖޫން 2021 - 01:43 1

އަހުމަދު ސާއިލް އަލީ

އަހުމަދު ސާއިލް އަލީ

ރައީސް މުހައްމަދު ނަޝީދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ސަލާމް ކުރައްވަނީ: ދެ ބޭފުޅުންގެ މެދުގައި ވަނީ ނުތަނަވަސްކަން އުފެދިފައި


ސިފައިން ހާޒިރުނުކުރަން އުޅުއްވަނީ ރައީސް ކަމަށް ނަޝީދު ތުހުމަތު ކުރައްވައިފި

7 ޖޫން 2021 - 01:43 1

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާގެ މައްސަލަ ބަލާ މަޖިލީހުގެ ކޮމެޓީއަށް ވަކިވަކި ސިފައިން ހާޒިރު ނުކުރަން އިސްވެ އުޅުއްވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކަމަށް ނަޝީދު ތުހުމަތު ކުރައްވައިފި އެވެ.

މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއަށް ހާޒިރުވާން ވަކިވަކި ސިފައިންނަށް އަންގާފައިވީ ނަމަވެސް، ޑިފެންސް މިނިސްޓްރީން ވަނީ އެކަމަށް ދެކޮޅު ހަދާފަ އެވެ. އެކަން އެގޮތަށް މަޖިލީހަށް އެންގި ސިޓީގައި ސޮއި ކުރެއްވި ޑިފެންސް މިނިސްޓްރީގެ ނައިބު ހަސަން ޒަމީލްގެ މައްސަލަ މަޖިލީހުން ވަނީ ޕްރޮސިކިއުޓާ ޖެނެރަލްއަށް ވެސް ހުށަހަޅައިފަ އެވެ.

އޭގެ އިތުރުން ޒަމީލްގެ މައްސަލަ މަޖިލީހުގެ އިމްތިޔާޒާއި ސްލޫކާ ބެހޭ ކޮމެޓީއަށް ވެސް ހުށަހެޅި އެވެ. ނަމަވެސް, އެ ކޮމެޓީން އެ މައްސަލަ ނުބަލަން ނިންމައި މިރޭ ވަނީ ބޭރުކޮށްލައިފަ އެވެ.

އެ މައްސަލާގައި އެމްޑީޕީ ގައުމީ މަޖިލީހުގެ ވަޓްސްއަޕް ގުރޫޕް ހޫނުވެފައިވަނިކޮށް ރައީސް ނަޝީދު މެސެޖެއް ކަމަށް ވިދާޅުވެ، އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު މެސެޖެއް ފޮނުއްވި އެވެ.

"މިއީ ރައީސް ނަޝީދު، ރައީސުލްޖުމްހޫރިއްޔާ ލޮބީ ކުރައްވައިގެން އެމްއެންޑީއެފްގެ ވަކިވަކި ސިފައިން 241 އަށް ހާޒިރު ވިޔަ ނުދޭން މަސައްކަތް ކުރައްވާ ސަބަބެއް އެއްގޮތަކަށް ވެސް ނުވިސްނޭ،" ނަޝީދުގެ އެ މެސެޖުގައިވެ އެވެ.

ކޮން ކަމެއް ސިއްރު ކުރައްވަން ތިޔަ އުޅުއްވަނީ،" ނަޝީދުގެ މެސެޖުގައިވެ އެވެ.

ޒަމީލުގެ މައްސަލަ ކޮމެޓީން ބޭރުކޮށްލުމުގައި އިސްކޮށް ހުންނެވީ ރައީސް ސޯލިހުގެ ޅިޔަނު، އަދި އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ކަމަށް އެމްޑީޕީގެ ބައެއް މަޖިލިސް މެމްބަރުން ވިދާޅުވެ އެވެ. ބިގޭ އެކަން ކުރީ ރައީސް އެންގެވުމުގެ މަތިން ކަމަށް ވެސް ތުހުމަތު ކުރެ އެވެ.

އެމްޑީޕީ ގައުމީ މަޖިލީހުގެ ގުރޫޕުގައި މަޖިލީހުގެ ނައިބު ރައީސް އަދި ނަޝީދުގެ ކޮއްކޯފުޅު އީވާ އަބްދުﷲ ވެސް ވަނީ ބިގޭއަށް ހޫނު ރައްދު ދެއްވައިފަ އެވެ. ބިގޭ ޓެގް ކުރައްވައި އީވާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާގެ އިންކުއަރީ ފެއިލްކޮށްލުމަށް މަސައްކަތް ނުކުރަން އެދޭ ކަމަށެވެ.

"ހަމަ ނުޖެހޭ ކޮމިޓީ އެހެން މެމްބަރުންނަށް ގުޅައިން ތިހެން މިކަން ފަނި ކުރާކަށް. ނުކުރިޔަސް ބިގޭގެ ސަރުކާރު ދެމި އޮންނާނެ،" އީވާ ވިދާޅުވި އެވެ.

ރައީސް ނަޝީދު އެދިވަޑައިގެން ކޮމެޓީން ކުރާ ކަންކަން ކޮންމެ ފަހަރަކު ވެސް ގޯސް ކުރަން ބިގޭ އުޅުއްވަނީ ކީއްވެގެންތޯ އީވާ ސުވާލު ކުރެއްވި އެވެ. ރައީސް ނަޝީދުގެ ހާލަތާމެދުވީ ހަމްދަރުދީގެ މުއްދަތު ހަމަވީތޯ ވެސް އީވާ ސުވާލު ކުރެއްވި އެވެ.

މިއަދު ވަނީ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލާއި ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފު އިންކުއަރީއަށް ހާޒިރުވެވަޑައިގެންފަ އެވެ. ކޮމިޓީން އަދިވެސް މަސައްކަތް ކުރަމުން ދަނީ ވަކިވަކި ސިފައިން ވެސް ހާޒިރުކުރުމަށެވެ. އެގޮތުން މިހާރު ވެސް 40 ސިފައިންގެ މީހަކަށް ވަނީ ހާޒިރުވާން އަންގައި ސިޓީ ފޮނުވާފަ އެވެ.

ނަޝީދު އަވަހާރަކޮށް ބޮން ގޮއްވާލީ އެމަނިކުފާނު ދިރިއުޅުއްވާ ގ. ކެނެރީގެ ހުންނާ ނީލޯފަރުމަގާއި މަޖީދީމަގު ގުޅޭ ކަންމަތީގައި ސައިކަލެއްގަ ބޮމެއް ހަރުކޮށްގެނެވެ. އެ ހަމަލާގެ ސަބަބުން ނަޝީދު ވަރަށް ބޮޑަށް ޒަހަމްވެވަޑައިގެންނެވި އެވެ.

ބެއަރިން ބޯލްސްތަކެއް އަޅައިގެން ވަރަށް ބާރުގަދަކޮށް ހަދާފައިވާ ބޮން ރިމޯޓު ބޭނުންކޮށްގެން ގޮއްވާލާފައި ވަނީ އެމަނިކުފާނު ބޮމާ އެންމެ ކައިރިވެވަޑައިގެންނެވި ވަގުތު ބެލުމަށްފަހު އެވެ.

އޭޑީކޭގެ ޑޮކްޓަރުން ނަޝީދުގެ ހަށިކޮޅުގައި ގާތްގަނޑަކަށް 16 ގަޑިއިރުގެ ސާޖަރީތަކެއް ހެދި އެވެ. ބޮމުގެ ތެރެއަށް އަޅާފައި އޮތް 10 ބެއަރިން ބޯލްސް އެމަނިކުފާނުގެ ހަށިކޮޅުން ނެގި އެވެ. އަދި ބޮން ހަރުކޮށްފައި ހުރި ސައިކަލުގެ ޕްލާސްޓިކު އެތިކޮޅެއް ވެސް ހަށިގަނޑުން ފެނުނެވެ.

ބޮން ގޮއްވާލި މައްސަލައިގައި މިހާތަނަށް ފުލުހުން ވަނީ ހަތަރު މީހަކު ހައްޔަރުކޮށްފަ އެވެ. އަހުމަދު އަދުހަމް، 25، އާއި މއ. ފޭރުގެ މުޖާޒް އަހްމަދު 21، އާއި ގއ. ކޮނޑޭ، ފޮޅޭމާ، ތަހުމީން އަހްމަދު، 32 އަދި ދަރަވަންދޫއިން ލ.ގަން، ދުންފިނި އުފާ، އަހުމަދު ފާތިހު، 23، އެވެ.

އޭގެ ތެރެއިން އަދުހަމަކީ ބޮން ގޮއްވާލި ކަމަށް ތުހުމަތު ކުރެވޭ މީހާ އެވެ. ތަހުމީނަކީ ސައިކަލުގެ ވެރި މީހާ އެވެ. ދެން ތިބި މީހުން ހަމަލާއާ ގުޅެނީ ކޮން ގޮތަކުންކަން ފުލުހުން އަދި ހާމަކޮށްފައެއްނުވެ އެވެ.