Advertisement

ޒަމީލްގެ މައްސަލަ ބޭރުކޮށްލުމުން އީވާގެ ރުޅި ބިގޭއަށް

7 ޖޫން 2021 - 01:14 5

އަހުމަދު ސާއިލް އަލީ

އަހުމަދު ސާއިލް އަލީ

މަޖިލީހުގެ ނައިބު ރައީސް އީވާ، ރައީސް ނަޝީދާއެކު: ޒަމީލުގެ މައްސަލަ ބޭރުކޮށްލި މައްސަލަ ވަނީ ހޫނުވެފައި - ފޮޓޯ: ހުސެއިން ވަހީދު / އަދަދު


ޒަމީލްގެ މައްސަލަ ބޭރުކޮށްލުމުން އީވާގެ ރުޅި ބިގޭއަށް

7 ޖޫން 2021 - 01:14 5

ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒަށް އަރައިގަތުމުގެ ތުހުމަތުގައި ދައުވާކޮށްދޭން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުގައި އެދިފައިވާ ޑިފެންސް މިނިސްޓްރީގެ ނައިބު ހަސަން ޒަމީލްގެ މައްސަލަ އިމްތިޔާޒާއި ސުލޫކު ކޮމިޓީން ބޭރުކޮށްލުމުން މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ހިތްހަަމަނުޖެހުން ފާޅުކުރައްވައިފި އެވެ.

"އަދަދު"އަށް އެނގިފައިވާ ގޮތުގައި މަޖިލީހުގެ އިމްތިޔާޒަށް ޒަމީލް އަރައިގަތް ކަމަށް ތުހުމަތު ކުރެވޭ މައްސަލަ ކޮމިޓީން ބެލުމަށް ފެންނަ ކަމަށް އެމްޑީޕީގެ މެމްބަރަކު ހުށަހެޅި ނަމަވެސް، އެ ހުށަހެޅުން ފާހެއް ނުވި އެވެ. އޭގެ ބަދަލުގައި ފާސްވީ، މައްސަލަ ބަލާނެ ތަނެއް ނެތް ކަމަށް ބުނެ ހުށަހެޅި ހުށަހެޅުމެވެ. އެ ހުށަހެޅުން ހުށަހެޅުއްވީ ޖުމްހޫރީ ޕާޓީގެ މެންބަރެކެވެ.

އެ މެންބަރުގެ ހުށަހެޅުން ކޮމިޓީގެ އަޣުލަބިއްޔަތުން ފާސްވީ، އެމްޑީޕީގެ ހަތަރު މެމްބަރެއްގެ ވޯޓާ ވެސް އެކުގަ އެވެ.

ޒަމީރުގެ މައްސަލަ ސުލޫކީ ކޮމިޓީން ބޭރުކޮށްލީ، އަލިފުށީ ދާއިރާ މެމްބަރު އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ޅިޔަނު، މުހައްމަދު ރަޝީދު ހުސައިން (ބިގޭ) އިސްކޮށް ހުންނަވައިގެން ކަމަށް އެމްޑީޕީގެ ބައެއް މެންބަރުން ވަނީ ތުހުމަތު ކުރައްވާފަ އެވެ.

އެމްޑީޕީގެ މަޖިލިސް މެމްބަރަކު ނަން ނުޖަހަން ޝަރުތުކޮށް "އަދަދު"އަށް ވިދާޅުވި ގޮތުގައި، ޒަމީލްގެ މައްސަލަ ސްލޫކީ ކޮމެޓީން ބޭރު ކުރީ ބިގޭ، މަޖިލީހުގެ ބައެއް މެމްބަރުންނަށް ގުޅުއްވައި އެގޮތަށް އަމަލު ކުރެއްވުމަށް ރައީސް ދެންނެވި ކަމަށް ވިދާޅުވެގެންނެވެ. ވަރަށް ގިނަ މައްސަލަތަކުގައި ބިގޭ އެގޮތަށް އަމަލުކުރައްވާ އެ މެމްބަރު ވިދާޅުވި އެވެ.

"ސަރުކާރުން ނުފޫޒު ފޯރުވައިގެން މައްސަލަ ބޭރު ކުރީ. ބިގޭ މެމްބަރުންނަށް ގުޅާ ވިދާޅުވީ ރައީސް ވިދާޅުވިއޭ އެހެން ހަދަން،" މެމްބަރު ވިދާޅުވި އެވެ.

އެ މައްސަލަ ހޫނުވެފައިވަނިކޮށް އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއަޕް ގުރޫޕުގައި މަޖިލީހުގެ ނައިބު ރައީސް އީވާ ވަނީ ބިގޭއަށް ރައްދު ދެއްވައިފަ އެވެ. ބިގޭ ޓެގް ކުރައްވައި އީވާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާގެ އިންކުއަރީ ފެއިލްކޮށްލުމަށް މަސައްކަތް ނުކުރެއްވުމަށް އެދިވަޑައިގެންފަ އެވެ.

"ހަމަ ނުޖެހޭ ކޮމިޓީ އެހެން މެމްބަރުންނަށް ގުޅައިން ތިހެން މިކަން ފަނި ކުރާކަށް. ނުކުރިޔަސް ބިގޭގެ ސަރުކާރު ދެމި އޮންނާނެ،" އީވާ ވިދާޅުވި އެވެ.

ރައީސް ނަޝީދު އެދިވަޑައިގެން ކޮމެޓީންކުރާ ކަންކަން ކޮންމެ ފަހަރަކު ވެސް ގޯސް ކުރަން ބިގޭ އުޅުއްވަނީ ކީއްވެގެންތޯ އީވާ ސުވާލު ކުރެއްވި އެވެ. ރައީސް ނަޝީދުގެ ހާލަތާމެދުވީ ހަމްދަރުދީގެ މުއްދަތު ހަމަވީތޯ ވެސް އީވާ ސުވާލު ކުރެއްވި އެވެ.

"މާތްކަލާކޯ މީވާ ސަރުކާރެއް،" މެސެޖްތައް ނިންމާލައްވަމުން އީވާ ވިދާޅުވި އެވެ.

މަޖިލީހުގެ އިމްތިޔާޒަށް ޒަމީލް އަރައިގަތް ކަމަށް ތުހްމަތުކޮށް، ދައުވާކޮށް ދިނުމަށް އެދި ޕީޖީއަށް މައްސަލަ ފޮނުވީ، މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއަށް ހާޒިރުވާން އަންގާފައިވާ ސިފައިންގެ ފަރާތުން ކޮމިޓީގައި ޖަވާބުދާރީ ވާނީ ވަކިވަކި ސިފައިންގެ ބަދަލުގައި މުއައްސަސާގެ ފަރާތުންކަން ބަޔާންކޮށް ފޮނުވި ސިޓީގައި ސޮއިކުރައްވާފައިވަނީ އޭނާ ކަމަށް ވާތީ އެވެ.

އެގޮތަށް ސޮއި ކުރައްވައި އެންގެވުމަކީ ގާނޫނާ ހިލާފު އަދި ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒާއި ހުރުމަތާއި ގަދަރަށް އުނިކަން އަންނާނެ ކަމެއް ރައްޔިތުންގެ މަޖިލީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

ޒަމީލްގެ މައްޗަށް ދައުވާކޮށްދޭން ޕީޖީގައި އެދުނީ އެ ބަޔާނުގައި ބުނެފައިވާ ގޮތުގައި، މަޖިލީހުގެ ހުރުމަތާއި ގަދަރު ހިފެހެއްޓުމަކީ މަޖިލިސް ރައީސްގެ މަސްއޫލިއްޔަތަކަށް ވާތީ އެވެ.

މިއަދު ވަނީ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލާއި ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފު އިންކުއަރީއަށް ހާޒިރުވެވަޑައިގެންފަ އެވެ. ކޮމިޓީން އަދިވެސް މަސައްކަތް ކުރަމުން ދަނީ ވަކިވަކި ސިފައިން ވެސް ހާޒިރުކުރުމަށެވެ. އެގޮތުން މިހާރު ވެސް 40 ސިފައިންގެ މީހަކަށް ވަނީ ހާޒިރުވާން އަންގައި ސިޓީ ފޮނުވާފަ އެވެ.