Advertisement

އެމްޑީޕީ މެންބަރުންގެ ވޯޓާއެކު ޒަމީލުގެ މައްސަލަ ކޮމިޓީން ބޭރުކޮށްލައިފި

7 ޖޫން 2021 - 00:56 2

ނާޒިމް ހަސަން

ނާޒިމް ހަސަން

ޒަމީލު: އޭނާގެ މައްސަލަ ކޮމިޓީން މިރޭ ވަނީ ބޭރުކޮށްލާފައި --


އެމްޑީޕީ މެންބަރުންގެ ވޯޓާއެކު ޒަމީލުގެ މައްސަލަ ކޮމިޓީން ބޭރުކޮށްލައިފި

7 ޖޫން 2021 - 00:56 2

ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒަށް އަރައިގަތުމުގެ ތުހުމަތުގައި ދައުވާކޮށްދޭން ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހުގައި އެދިފައިވާ ޑިފެންސް މިނިސްޓްރީގެ ނައިބު ހަސަން ޒަމީލްގެ މައްސަލަ މަޖިލީހުގެ އިމްތިޔާޒާއި ސުލޫކު ކޮމިޓީން ބޭރުކޮށްލައިފި އެވެ.

"އަދަދު"އަށް އެނގިފައިވާ ގޮތުގައި މަޖިލީހުގެ އިމްތިޔާޒަށް ޒަމީލް އަރައިގަތް ކަމަށް ތުހުމަތު ކުރެވޭ މައްސަލަ ކޮމިޓީން ބެލުމަށް ފެންނަ ކަމަށް އެމްޑީޕީއަށް ނިސްބަތްވާ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު ރަޝީދު ހުށަހެޅުއްވި ނަމަވެސް، އެ ހުށަހެޅުން ފާހެއް ނުވި އެވެ.

އޭގެ ބަދަލުގައި ފާސްވީ، މައްސަލަ ބަލާނެ ތަނެއް ނެތް ކަމަށް ބުނެ ހުށަހެޅި ހުށަހެޅުމެވެ. އެ ހުށަހެޅުން ހުށަހެޅުއްވީ ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމެވެ.

އެ މެންބަރުގެ ހުށަހެޅުން ކޮމިޓީގެ އަޣުލަބިއްޔަތުން ފާސްވީ، އެމްޑީޕީގެ ހަތަރު މެމްބަރެއްގެ ވޯޓާ ވެސް އެކުގަ އެވެ. ގަމު ދާއިރާގެ މެންބަރު މުހައްމަދު ވިޝާމާއި ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސަނީފާއި މިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާ އަދި ކޮމަންޑޫ ދާއިރާގެ މެންބަރު ހުސެއިން ވަހީދެވެ.

މަޖިލީހުން ލައިވްނުކޮށް، ވާޗުއަލްކޮށް ކުރިއަށް ގެންދިޔަ ކޮމިޓީގެ ބައްދަލުވުމުގައި 12 މެމްބަރުން ބައިވެރިވެވަޑައިގެންނެވި އެވެ. މި ކޮމެޓީގެ މުގައްރިރަކީ ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު ޔާސިރު ލަތީފެވެ. އަދި ނައިބު މުގައްރިރަކީ ގަމު ދާއިރާގެ މެންބަރު މުހައްމަދު ވިޝާމެވެ.

މަޖިލީހުގެ އިމްތިޔާޒަށް ޒަމީލް އަރައިގަތް ކަމަށް ތުހްމަތުކޮށް، ދައުވާކޮށް ދިނުމަށް އެދި ޕީޖީއަށް މައްސަލަ ފޮނުވީ، މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއަށް ހާޒިރުވާން އަންގާފައިވާ ސިފައިންގެ ފަރާތުން ކޮމިޓީގައި ޖަވާބުދާރީ ވާނީ ވަކިވަކި ސިފައިންގެ ބަދަލުގައި މުއައްސަސާގެ ފަރާތުންކަން ބަޔާންކޮށް ފޮނުވި ސިޓީގައި ސޮއިކުރައްވާފައިވަނީ އޭނާ ކަމަށް ވާތީ އެވެ.

އެގޮތަށް ސޮއި ކުރައްވައި އެންގެވުމަކީ ގާނޫނާ ހިލާފު އަދި ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒާއި ހުރުމަތާއި ގަދަރަށް އުނިކަން އަންނާނެ ކަމެއް ރައްޔިތުންގެ މަޖިލީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

ޒަމީލްގެ މައްޗަށް ދައުވާކޮށްދޭން ޕީޖީގައި އެދުނީ އެ ބަޔާނުގައި ބުނެފައިވާ ގޮތުގައި، މަޖިލީހުގެ ހުރުމަތާއި ގަދަރު ހިފެހެއްޓުމަކީ މަޖިލިސް ރައީސްގެ މަސްއޫލިއްޔަތަކަށް ވާތީ އެވެ.

ޕީޖީ އޮފީހަށް ޒަމީލަށް ދައުވާކޮށްދޭން ރައްޔިތުންގެ މަޖިލީހުން އެދިފައިވަނީ އެކަމަށް އެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ދަންނަވާފައިވާ ކަމަށް ބުނެ އެވެ.

ވަކިވަކި ސިފައިންނަށް މަޖިލީހަށް ހާޒިރުވެ ޖަވާބުދާރީނުވެވޭނެ ކަމަށް ބުނެ ޒަމީލު ސޮއި ކުރައްވައި މަޖިލީހަށް ސިޓީއެއް ފޮނުވަން ޖެހުނު ސަބަބު މިރޭ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވަނީ ހާމަ ކުރައްވާފަ އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ވަކިވަކި ސިފައިންގެ ނަން ޖަހައި، އެމީހުން ކޮމިޓީއަށް ހާޒިރުކުރަން ސިޓީ ފޮނުވުމަކީ އެ ސިފައިން ކަންބޮޑުވާ ކަމެއް ކަމަށެވެ. މާރިޔާ ވިދާޅުވި ގޮތުގައި ސިފައިންގެ އެ ކަންބޮޑުވުން އޮތީ ސިފައިންގެ ގާނޫނުގެ 24 ވަނަ މާއްދާ އޮތް ގޮތުން ކަމަށެވެ.

އެ މާއްދާގައި ބުނެފައިވާ ގޮތުގައި، ސިފައިންގެ މަސްއޫލިއްޔަތާއި ވާޖިބު އަދާކުރުމުގައި ލިބޭ އެއްވެސް މައުލޫމާތެއް އެ މާއްދާގައި ބަޔާންކުރާ ފަރާތްތަކަށް މެނުވީ ދީގެން ނުވާނެ ކަަމަށް ވެސް ބުނެފައިވެ އެވެ. އެގޮތުން، މައުލޫމާތު ދެވޭނީ ސިފައިންގެ ވެރިންނަށާއި ކޯޓަށާއި ގާނޫނުތައް ހިންގާ ތަންފީޒުކުރާ އިދާރާތަކުގެ އެންމެ އިސްވެރިންނަށް ކަމަށް ބުނެފައިވެ އެވެ.

"އެ ކުދިންނަށް އެހެން އަމިއްލަ ފަރުދެއްގެ ގޮތުން ސިއްރު ޖަހާފައި އަންނަ ސިޓީއަކަށް ރައްޔިތުން މަޖިލީހަށް ހާޒިރުވެ އެ ކުދިން ފަރުދީ ގޮތުން ޖަވާބުދާރީވުން އެއީ އެމީހުންނަށް ފެންނަ ގޮތުން ގާނޫނީ ކުށަކަށް ވެދާނެތީ،" މިނިސްޓަރު މާރިޔާ ވިދާޅުވި އެވެ.

މާރިޔާ ވިދާޅުވި ގޮތުގައި ހާޒިރުވާން އެންގި ސިފައިން އެކަމުގައި ލަފާއެއް ބޭނުންވުމުން ލީޑަޝިޕްގެ ބޭފުޅުން އެ މައްސަލަ ލަފާދޭ ކޮމިޓީއަށް ގެންދެވި ކަމަށެވެ. ޖެނަރަލުންނާއި ކާނަލުން ތިއްބަވާ އެ ކޮމިޓީން ނިންމާފައިވަނީ މާރިޔާ ވިދާޅުވި ގޮތުގައި، ޖަވާބުދާރީވާން ޖެހޭނީ މުއައްސަސާ ކަމަށެވެ.

"އަޅުގަނޑުމެން ތަކުރާރުކޮށް ދެންނެވިން މަޖިލީހަށް މުއައްސަސާއިން ފުރިހަމައަށް ޖަވާބުދާރީވާނެ ކަމަށް، މިއީ އަޅުގަނޑުމެން ދެކޭ ގޮތުގައި ވަރަށް ރަނގަޅު ކަމެއް އިންކުއަރީއެއް ހިންގުމަކީ،" މާރިޔާ ވިދާޅުވި އެވެ.

މިއަދު ވަނީ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލާއި ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފު އިންކުއަރީއަށް ހާޒިރުވެވަޑައިގެންފަ އެވެ. ނަމަވެސް، ކޮމިޓީން އަދިވެސް މަސައްކަތް ކުރަމުން ދަނީ ވަކިވަކި ސިފައިން ހާޒިރުކުރުމަށެވެ. އެގޮތުން މިހާރު ވެސް 40 ސިފައިންގެ މީހަކަށް ވަނީ ހާޒިރުވާން އަންގައި ސިޓީ ފޮނުވާފަ އެވެ.