Advertisement

ފަރުވާ ހޯދަން މޮނީޓަރިންގެ ރަށަކަށް ގޮސް 24 ގަޑިއިރު ނުވާނަމަ ކަރަންޓީންވާކަށް ނުޖެހޭ

7 ޖޫން 2021 - 00:36 0

އަހުމަދު ސާއިލް އަލީ

އަހުމަދު ސާއިލް އަލީ

މާލޭ ބާޒާރުމަތީ މީހަކު: ސިއްހީ ފަރުވާ ހޯދަން މޮނީޓަރިންގައި އޮތް ރަށަކަށް ގޮސް 24 ގަޑިއިރު ނުވާނަމަ ކަރަންޓީން ވާކަށް ނުޖެހޭ-- ފޮޓޯ: ހުސައިން ޝަޔާހް


ފަރުވާ ހޯދަން މޮނީޓަރިންގެ ރަށަކަށް ގޮސް 24 ގަޑިއިރު ނުވާނަމަ ކަރަންޓީންވާކަށް ނުޖެހޭ

7 ޖޫން 2021 - 00:36 0

ސިއްހީ ފަރުވާ ހޯދުމަށް މޮނީޓަރިންގައި އޮތް ރަށަކަށް ދާ މީހުން 24 ގަޑިއިރަށް ވުރެން ގިނައިރު ނުވާނަމަ ކަރަންޓީން ވާން ނުޖެހޭނެ ކަމަށް، ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓާ (އެޗްއީއޯސީ)ން މިރޭ ބުނެފި އެވެ.

އެޗްއީއޯސީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ލީގަލް ކްލަސްޓާ އިސްމާއިލް ޒާހިރު ވިދާޅުވީ ސިއްހީ ބޭނުމަށް އެއް ރަށުން އަނެއް ރަށަށް ދަތުރު ކުރުމުގައި އެޗްއީއޯސީގެ ހުއްދަ ކުރިއާލާ މިހާރު ހޯދަން ނުޖެހޭނެ ކަމަށެވެ. މިހާރު އެ މީހަކު ހުންނަ ރަށެއްގެ ސިއްހީ މަރުކަޒަކުން ދޭ ހުއްދައާއެކު ދަތުރު ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިގޮތަށް ދަތުރު ކުރާ ފަރާތްތައް ހިދުމަތް ހޯދުމަށްޓަކައި 24 ގަޑިއިރަށްވުރެން ގިނައިރު ނުވާ ކަމަށް ވަންޏާމު އެ ރަށަށް ގޮސްފައި އެނބުރި އައިސް ކަރަންޓީން ވާކަށް ނުޖެހޭނެ،" އިސްމާއިލް ވިދާޅުވި އެވެ.

ނަމަވެސް، މާލެއަށް އަންނަ ނަމަ، 24 ގަޑިއިރު ނުވީ ނަމަވެސް ކަރަންޓީނުވާން ޖެހޭނެ އެވެ.

އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިސްމާއިލް ޒާހިރު: ސިއްހީ ފަރުވާއަށް މާލެ އައިސް 24 ގަޑިއިރު ނުވާނަމަ މިހާރު ކަރަންޓީން ވާކަށް ނުޖެހޭ-- ފޮޓޯ: އެޗްއީއޯސީ


ޒަރޫރީ ބޭނުމެއްގައި ނޫނީ އެއް ރަށުން އަނެއް ރަށަށް ދިއުން މިހާރު ވަނީ މަނާކޮށްފަ އެވެ.

ސްކޫލްތަކުގެ ޗުއްޓީއާ ދިމާކޮށް، މާލޭން ރަށްރަށަށް ދަތުރުކުރުން ހަރުކަށިކޮށް ޒަރޫރީ ބޭނުންތަކަށް އެކަނި ދެވޭ ގޮތަށް ވެސް އިއްޔެ ވަނީ ހަމަޖައްސައިފަ އެވެ.

ކޮވިޑް ކޮންޓްރޯލް ކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން މާލެ ސަރަހައްދުން ރަށްރަށަށް ދަތުރުކުރުމުގައި އަމަލު ކުރާ އުސޫލުގެ ދަށުން ދެން ދަތުރުކުރެވޭނީ ޒަރޫރީ ބޭނުންތަކަށް އެކަނި ކަމަަށެވެ.

ރަށްރަށަށް ދަތުރުކުރެވޭނެ ހާލަތްތައް

- ސިއްހީފަރުވާ ހޯދަން މާލެއަށް އައިސް އެނބުރި ދާންޖެހުމާއި އެފަދަ މީހަކާ އެކުގައި ކޮންމެހެން ދާންޖެހުން.

- މާލޭގައި އަދާކުރަމުންދާ ވަޒީފާ ހުއްޓާލަންޖެހިގެން އާއިލާއިން އެކުގައި ކޮންމެހެން ދާންޖެހުން

- މާލޭގައި ދިރިއުޅެވެން ނެތުން.

- މާލެއަށް ތައުލީމު ހާސިލުކުރަން އައިސް ކިޔެވުން ނިމިފައިވުން.

- މައިންބަފައިން ބަލިވުމާއި އަނބިމީހާ ވިހެއުން ފަދަ އާއިލާއަށް ދިމާވާ ބޮޑެތި ކަންތައްތަކާ ގުޅިގެން ކޮންމެހެން ފުރަން ޖެހުން.

އެޗްޕީއޭ އިން ބުނިގޮތުގައި އެފަދަ ޒަރޫރީ ހާލަތްތަކުގައި ދަތުރުކުރުމުގެ ހުއްދަ ދޭ މީހުން ވެސް 14 ދުވަހުގެ ކަރަންޓީން ފުރިހަމަ ކުރަން ޖެހެ އެވެ. ކަރަންޓީނުން ދޫކޮށްލާނީ 14 ދުވަސް ހަމަވުމުން ޓެސްޓްކޮށް ނަތީޖާ ނެގެޓިވް ވުމުންނެވެ.

އެޑިޓަރުގެ ނޯޓު: މާލެއަށް 24 ގަޑިއިރު ނުވާ މީހުން ކަރަންޓީނުވާން ނުޖެހޭނެ ކަމަށް މި ހަބަރުގައި ކުރިން ލިޔެވިފައިވަނީ ނޫސްވެރިންގެ ބައްދަލުވުމުގައި އިސްމާއިލް ޒާހިރު ވިދާޅުވި ގޮތަކުން އެރި އޮޅުމެއްގެ ސަބަބުންނެވެ. ރަނގަޅު ގޮތަކީ 24 ގަޑިއިރު ނުވާނަމަ ކަރަންޓީނުވާން ނުޖެހެނީ މޮނީޓަރިންގައި އޮންނަ ރަށްރަށަށް ދާ މީހުންނެވެ. ހަބަރު އިސްލާހު ކުރެވިފައިވަނީ އިސްމާއިލް ޒާހިރު ގުޅުއްވައި ދެއްވި މައުލޫމާތުތަކުގެ މައްޗަށެވެ.