Advertisement

މިޝްކާގެ މަރު: އިހުމާލުވި މީހުންނަށް ފިޔަވަޅު އަޅާނެތޯ ބަލަން މަޝްވަރާ ކުރަނީ

6 ޖޫން 2021 - 23:54 2

އަހުމަދު ސާއިލް އަލީ

އަހުމަދު ސާއިލް އަލީ

މަބުރޫކު: އިހުމާލުވި މީހުންނާ ދޭތެރޭ ފިޔަަވަޅެއް އަޅާނެތޯ ބަލަން ދަނީ މަޝްވަރާ ކުރަމުން


މިޝްކާގެ މަރު: އިހުމާލުވި މީހުންނަށް ފިޔަވަޅު އަޅާނެތޯ ބަލަން މަޝްވަރާ ކުރަނީ

6 ޖޫން 2021 - 23:54 2

ކޮވިޑް ބަލީގައި މަރުވި ފާތިމަތު މިޝްކާ މުހައްމަދު ހޮސްޕިޓަލަށް ގެންދިޔުމުގައި އިހުމާލުވެފައިވާ މީހުންނާ ދޭތެރޭ ފިޔަވަޅު އަޅާނެތޯ އާއި އަޅާނެ ފިޔަވަޅެއް ނިންމާނީ ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓާ (އެޗްއީއޯސީ)ގެ ވެރިންނާ މަޝްވަރާ ކުރުމަށް ފަހުގައި ކަމަށް ސަރުކާރުން މިރޭ ބުނެފި އެވެ.

އަންގާރަ ދުވަހުގެ ރޭ މަރުވި 10 އަހަރުގެ މިޝްކާ މަރަށް ތެޅެމުން ދިޔަ އިރު، އެމްބިއުލެންސް ނުފޮނުވާ ދެ ގަޑިއިރާ 26 މިނެޓު ހޭދަވިކަން ހެލްތު މިނިސްޓްރީން ހެދި ދިރާސާ ރިޕޯޓުން ވަނީ ހާމަވެފަ އެވެ.

ހެލްތު މިނިސްޓްރީން އާންމު ކޮށްފައިވާ ރިޕޯޓުން އެނގޭ ގޮތުގައި މިޝްކާއަކީ ހާއްސަ އެހީއަށް ބޭނުންވާ ކުއްޖަކަށްވާއިރު ވެސް އޭނާގެ ހާލު ބަލާފައެއް ނުވެ އެވެ. އަދި އެޗްއީއޯސީގައި ކުޑަކުދިންނަށް ހާއްސަކޮށްފައިވާ ކެއާ ކްލަސްޓާ އިން ވެސް އަޅައެއް ނުލި އެވެ. އޭނާގެ ހާލު ވަރަށް ބޮޑަށް ގޯސްވެގެން ތަކުރާރުކޮށް ކޯލް ސެންޓަރަށް ގުޅުމުން ވެސް އެމްބިއުލާންސް އެކްޓިވޭޓްކޮށްފައެއް ނުވެ އެވެ. އެކަމަކު، އެމްބިއުލާންސް ފޮނުވާފައިވާ ކަމަށް ބެލެނިވެރިންނަށް ދިނީ ދޮގު މައުލޫމާތެވެ.

އެންމެފަހުން މިޝްކާ ބަލައި، އެމްބިއުލާންސް ފޮނުވީ ބެލެނިވެރިންގެ ފަރާތުން މީހަކު ދަރުބާރުގެއަށް ގޮސް އެކަމަށް އެދުމުންނެވެ. އެމްބިއުލާންސްއަށް މިޝްކާ އެރުވިއިރު އޮތީ ހަބަރު ހުސްވެފަ އެވެ. އޭނާ މަރުވީ ވެންޓިލޭޓަރުގައި ބާއްވައިގެން ފަރުވާދެމުންދަނިކޮށް އޭގެ 24 ގަޑިއިރު ފަހުންނެވެ.

މިޝްކާގެ މަރުގައި އިހުމާލު އޮތް ކަމަށް ހެލްތު މިނިސްޓްރީގެ ރިވިއު ރިޕޯޓުގައި އެއްބަސްވެފައިވެ އެވެ. އެކަމަކު އެކަމުގައި އިހުމާލުވީ މީހަކަށް ފިޔަވަޅު އެޅި ކަމެއް ހާމަކޮށްފައެއް ނުވެ އެވެ.

އެޗްއީއޯސީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިޝްކާގެ މައްސަލާގައި އިހުމާލުވި މީހުންނާ ދޭތެރޭ އެޅި ފިޔަވަޅާ ގުޅޭ ގޮތުން "އަދަދު"ން ސުވާލު ކުރުމުން ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ މިހާތަނަށް ބެލިފައިވަނީ ކަން ހިނގިގޮތް ކަމަށާއި އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބުތައް ހެލްތު މިނިސްޓްރީން ބަލަން ޖެހޭނެ ކަމަށެވެ.

އަދި، އެކަމުގައި މީހެއްގެ އިހުމާލު އޮތްނަމަ އެ މީހަކާ މެދު ފިޔަވަޅު އަޅަން ޖެހޭނެ ކަމަށް މަބްރޫކް ވިދާޅުވި އެވެ.

"އެކަމެއް އެސްޓަބްލިޝް ކުރާނީ އެކަމަށް އިހުމާލުވެފައިހުރި އޭރިއާތައް ނުވަތަ ކްލަސްޓާތަކުގައި މަސައްކަތް ކުރައްވާ ކްލަސްޓާތައް ހެޑް ކުރައްވާ ބޭފުޅުންނާ މަޝްވަރާ ކުރެވިގެން،" މަބްރޫކް ވިދާޅުވި އެވެ.

އެކަމުގެ މައުލޫމާތު ކުރިއަށް އޮތް ދުވަސްތަކުގައި ހާމަ ކުރާނެ ކަމަށް މަބްރޫކް ވިދާޅުވި އެވެ.

މިޝްކާގެ މަރުގެ މައްސަލަ ތަހުގީގުކޮށް އިހުމާލުވެފައިވާ މީހުންނާމެދު ފިޔަވަޅު އެޅުމަށް އެދި އަމިއްލަ މީހަކު ވަނީ މިއަދު ޕޮލިހަށް ވެސް މައްސަލަ ހުށަހަޅައިފަ އެވެ. އޭނާ އެދިފައިވަނީ "އިންސިޑެންޓް ކޮމާންޑަރު"ގެ ގޮތުގައި މަސައްކަތް ކުރާ މުވައްޒަފުގެ މައްސަލަ ބަލައިދިނުމަށެވެ. އޭނާއަކީ ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނަރަލްގެ މަގާމުގައި ހުރި އިބްރާހިމް ނިޝާން އަހްމަދެވެ.

މިޝްކާއަށް އިހުމާލުވި ގޮތުގެ ހުލާސާ:

ހެލްތު މިނިސްޓްރީގެ ރިޕޯޓުގައި ހިމަނާފައިވާ މިޝްކާގެ އާއިލާގެ ފަރާތުން އެޗްޕީއޭގެ ކޯލް ސެންޓަރަށް ގުޅާފައިވާ ކޯލް ލޮގުތަކަށް ބަލާއިރު، އެ ކުއްޖާ ހުންގަދަކަމާއި އެއްޗެއް ނުކެވޭކަމަށް އެންމެ ފުރަތަމަ އެޗްޕީއޭއަށް އަންގާފައިވަނީ މިދިޔަ ހޯމަ ދުވަހުގެ މެންދުރު 2:20 ގަ އެވެ.

އެ އޮންނަ އުސޫލުތަކުގެ ތެރެއިން ޖެނެރަލް ކޮންސަލްޓޭޝަނެއް ހެދުމަށް ޑޮކްޓަރަކު މިޝްކާގެ ބެލެނިވެރިޔާއަށް ގުޅާފައިވަނީ އޭގެ ދޮޅު ގަޑިއިރެއްހާ އިރު ފަހުން 3:53 ގައި ކަމަށް ދައްކަ އެވެ. އޭރު ގުޅައި ޑޮކްޓަރު ލަފާ ދީފައިވަނީ އޭރު ދެމުންދިޔަ ބޭސް ދެމުންގެންދިޔުމަށާއި، ހާލަތު އިތުރަށް ގޯސްވެއްޖެ ނަމަ އަލުން ގުޅުމަށެވެ.

އޭގެ ފަހުން މިޝްކާއަށް ނޭވާލާން އުނދަގޫވެ އަތް ތަޅުވަމުންދާ ކަމަށް ބުނެ ބެލެނިވެރިޔާ އެޗްޕީއޭއަށް ގުޅާފައިވަނީ އެރޭގެ 9:06 ގަ އެވެ. އަދި ވީއެންމެ އަވަހަކަށް ޑޮކްޓަރަށް ދައްކަން ބޭނުންވާކަމަށް ބުނުމުން އެ ވާހަކަ ސިސްޓަމަށް އެޅި ކަމަށް ރިޕޯޓުގައި ބުންޏެވެ. އަދި އެ ކޯލާ ގުޅިގެން 9:53 ގައި ޑޮކްޓަރު ގުޅި ނަމަވެސް، މިޝްކާގެ ބެލެނިވެރިޔާއާ ގުޅިފައިނުވި ނަމަވެސް، ޑޮކްޓަރު ސިސްޓަމަށް އެޅީ އެ ކޭހަށް އެޓެންޑުވެވުނު ކަމަށެވެ.

ކޯލު ލޯގު ދައްކާ ގޮތުން، ޑޮކްޓަރުގެ މިސް ކޯލް ފެނިގެން، ބެލެނިވެރިޔާ އަލުން ހޮޓްލައިނަށް ގުޅާފައިވަނީ 10:06 ގަ އެވެ. އެފަހަރުވެސް ކުއްޖާ ނޭވާލާން އުނދަގުވާ ކަމަށް ބުނެފައިވެ އެވެ.

ރިޕޯޓުގައި ހިމަނާފައިވާ ބަދަލުތަކުން ބޭނުންވާ ވަރުގެ ތަސައްލީއެއް ނުލިބޭ ކަމަށާއި ބޭނުންވަނީ މިފަދަ ހިތާމަވެރި ހާދިސާއެއް ތަކުރާރުނުވާނެ ގޮތެއް ހޯދުން ކަމަށް ޖެންޑާ ކޮމިޓީގެ މުގައްރިރު ޖީހާން ވިދާޅުވި.

ދެން 10:33 ގައި ޑޮކްޓަރު އަލުން ގުޅުމުން، މިޝްކާއަކީ ކޮވިޑު ޕޮޒިޓިވް ކޭހެއް ކަމާއި، ނޭވާލާން އުނދަގޫވެ، ހުން އަންނަތާ ހަ ދުވަސް ވެފައިވުމުގެ އިތުރުން ހާއްސަ އެހީއަށް ބޭނުންވާ ކުއްޖަކަށްވާތީ ވާ އުނދަގޫތައް އަމިއްލައަށް ކިޔައިދޭން ނޭނގޭކަމަށް ބެލެނިވެރިޔާ ހިއްސާކުރިކަމަށް ކޯލް ލޮގުން ދައްކަ އެވެ.

އެއާއެކު، އޭގެ ހަ މިނެޓު ފަހުން އެމްބިޔުލަންސް ފޮނުވަން ކަނޑައަޅާފައިވާ ދެ ކްލަސްޓާއަށް އެ މައުލޫމާތު ޑޮކްޓަރު ހިއްސާ ކުރި ނަމަވެސް، އެމްބިޔުލަންސް ދިޔުމަށް އަންގާފައިނުވާކަން ސިސްޓަމުން ފެންނަ ކަމަށް އެ ރިޕޯޓުގައި ބުނެފައިވެ އެވެ.

އެމްބިޔުލަންސް އައުން ލަސްވެގެން، 11:16 އާއި 11:33އާ ދެމެދު މިޝްކާގެ ބެލެނިވެރިން ފަސް ފަހަރެއްގެ މަތިން ގުޅާފައިވާއިރު، އެތަނުން އެއް ކޯލުގައި މިޝްކާގެ ހާލު ދައްވަމުންދާ ކަމާއި ހޭނެތި، ނޭފަތުން ލޭ އަންނަ ކަމަށް ބުނެފައިވެ އެވެ. އެމްބިޔުލަންސް ފޮނުވިފައިވާކަމަށް ބެލެނިވެރިން ގާތު ކޯލް ސެންޓަރުން ބުނި ނަމަވެސް، އޭރު ވެސް އެމްބިޔުލެންސް ފޮނުވާފައިނުވާކަމަށް ތަހުގީގަށް ވަނީ ހާމަވެފަ އެވެ.

އޭގެ ފަހުން ވެސް އެމްބިޔުލަންސް ނައިސްގެން 11:27 ގައި ބެލެނިވެރިޔާގެ ފަރާތުން އެޗްއީއޯސީ ހިންގާ މައި މަރުކަޒު ދަރުބާރުގެއަށް މީހަކު އައިސް އެކަން އަންގާފައިވާކަމަށް ލޮގުތަކުން ދައްކަ އެވެ.

އެންމެ ފަހުން 11:38 ގައި އެމްބިޔުލަންސަށް ދެވުނުއިރު، ކުއްޖާގެ ހަރަކާތެއް ނެތް ކަމާއި ވަގުތުން ސީޕީއާރު ދެވުނު ކަމަށް ބުނެފައިވެ އެވެ. އެ ހާދިސާގައި އެންމެ ފަހުން ލޮގު ކޮށްފައިވަނީ އޭގެ ހަތަރު މިނެއްޓު ފަހުން، މިޝްކާ އައިޖީއެމްއެޗްގެ އެމަޖެންސީއަށް ގެންދެވުނު ކަމެވެ.