Advertisement

ކޮމިޓީގައި ބައިވެރިވީ ރާއްޖޭގެ އަމާންކަން ކަށަވަރުކުރަން: ސިޔާމް

6 ޖޫން 2021 - 20:29 3

މުހައްމަދު ވިޝާމް

މުހައްމަދު ވިޝާމް

މިއަދުގެ 241 ކޮމިޓީގެ ބައްދަލުވުމުގައި ސިޔާމް ބައިވެރިވެވަޑައިގަންނަވަނީ: އޭނާ ކޮމިޓީއަށް ވަޑައިގެންނެވި ސަބަބު ހާމަ ކުރެއްވި -ފޮޓޯ: މަޖިލިސް


ކޮމިޓީގައި ބައިވެރިވީ ރާއްޖޭގެ އަމާންކަން ކަށަވަރުކުރަން: ސިޔާމް

6 ޖޫން 2021 - 20:29 3

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާ ގުޅިގެން މަޖިލީހުގެ 241 ކޮމިޓީން ހިންގާ އިންކުއަރީ ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގެންނެވީ ރާއްޖޭގެ އަމާންކަން ކަށަވަރު ކުރުމަށްޓަކައި މުހިންމު މަސައްކަތްތަކެއް ކުރަން ޖެހޭތީ ކަމަށް މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ އިންކުއަރީއަށް މިއަދު ވަނީ އެމްއެންޑީއެފްގެ އިސް ބޭފުޅުންނާއި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް އަދި ކުރީގެ މޭޔަރު ޝިފާ މުހައްމަދު ވެސް ހާޒިރުކޮށްފަ އެވެ. ކޮމިޓީގެ އެ ބައްދަލުވުންތަކުގައި ސިޔާމް ބައިވެރިވެވަޑައިގެންނެވި އެވެ. އެންމެފަހުން އޭނާ 241 ކޮމިޓީގައި ބައިވެރިވެވަޑައިގެންފައިވަނީ 2019 ވަނަ އަހަރުގެ ތެރޭގަ އެވެ.

އެހެންވެ، އެމްޑީޕީ މެންބަރުން އޭނާ މިއަދު ކުއްލިއަކަށް ކޮމިޓީއަށް ވަޑައިގެން، ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގެންނެވުމުން އޭނާގެ މަގުސަދާމެދު ވަނީ ސުވާލު އުފައްދަވާފަ އެވެ.

"ކޮމިޓީއަށް ހާޒިރުވާނީ ހާޒިރުވާން އަޅުގަނޑަށް ފެނުނީމަ، އެ އަބަދުވެސް އެކަން ގެންދާ ގޮތް، އަޅުގަނޑަކީ ތާކުންތާކު ނުޖެހޭ ކަމެއްގައި އެތަނުގައި ގޮސް ފޫ ހަރައިގެން އިންނަން ބޭނުންވާ މީހެއް ނޫން،" "އަދަދު"ން ސިޔާމާ ސުވާލު ކުރުމުން ވިދާޅުވި އެވެ.

"އަދަދު"އަށް މިރޭ ސިޔާމް ވިދާޅުވި ގޮތުގައި، މަޖިލިސް މެންބަރުން އުޅެން ޖެހޭނީ ގައުމަށްޓަކައި، ރައްޔިތުން އޭރަކު އެ ބޭނުންވާ ކަމެއްގައި ކަމަށާއި ރައްޔިތުން ކަމަކަށް އެދިގެން ތިބޭ ހިނދު އެކަމެއްގައި އޭނާ މަސައްކަތް ކުރައްވާނެ ކަމަށެވެ. ބޭކާރު ކަންކަމުގައި އުޅުމުގެ މާނައެއް ނެތް ކަމަށެވެ.

"އެހެންވީމަ މިއަދު މިއީ އަޅުގަނޑަށް އެކަންތައް ދިމާވި ދުވަސް، ބޮން ގޮއްވާލާފައި މިއޮތީ، މިހާރު އެބަ ޖެހޭ މަޖިލީހަށް އަންނަން، ކޮމިޓީގައި ބައިވެރިވާން،" ސިޔާމް ވިދާޅުވި އެވެ.

ސިޔާމް ވިދާޅުވި ގޮތުގައި ރައީސް ނަޝީދަށް އަމާޒުވި ފަދަ ހަމަލާތައް ދެން އިތުރަށް ތަކުރާރުނުވުމަށް ރައްޔިތުން އެދޭ ކަމަށާއި އެކަމުގައި އަޅަން ޖެހޭ ފިޔަވަޅުތައް ދެނެގަތުން ވަރަށް މުހިންމު ކަމަށެވެ. އެހެންވެ، 241 ކޮމިޓީން މިހާރު ކުރަމުންދަނީ ވަރަށް މުހިންމު މަސައްކަތެއް ކަމަށެވެ.

"މިފަދަ ކަމެއް ތަކުރާރު ނުވާނެ ގޮތް ބެލުމަށްފަހު އެޑްވައިސް އެބަ ދޭން ޖެހޭ ސަރުކާރު ހިންގާ ފަރާތްތަކަށް، ލޫޕްހޯލްތައް ހައްލު ކުރުމަށް ސަރުކާރަށް ލަފާ ދޭން މަޖިލީހުން އެބަ ޖެހޭ،" އޭނާ ވިދާޅުވި އެވެ.

އެގޮތުން، ސިފައިންނާއި ފުލުހުންގެ މަސައްކަތްތައް ހަރުދަނާ ކުރާނެ ގޮތްތަކާއި އިންޓެލިޖެންސްގައި ހުރި މައްސަލަތައް ފާހަގަ ކުރުމާއި ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް ކޮމިޓީގެ އިންކުއަރީން ދެނަގަނެ، އެކަންކަން ހައްލު ކުރުމަށް ފިޔަވަޅު އެޅުން ވަރަށް މުހިންމު ކަމަށް ސިޔާމް ވިދާޅުވި އެވެ.

"ރައްޔިތުންގެ ހައްގިގައި މިކަން އެބަ ކުރަން ޖެހޭ، މިއީ އެއްވެސް ފަރާތަކަށް ޖެހިގެން އަޅުގަނޑު ކުރަން ބޭނުންވާ ކަމެއް ނޫން، ދަރިންގެ މުސްތަގުބަލަށްޓަކައި ކުރަން ޖެހޭ ކަންތައްތަކެއް އެބަހުރި، ދެވަނަ ފަހަރަށް މިކަންކަން ނުވާނެ ގޮތަށް،" ސިޔާމް ވިދާޅުވި އެވެ.

މިއަދުގެ 241 ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން: ސިޔާމް ކޮމިޓީގައި ބައިވެރިވެވަޑައިގެންނެވި ސަބަބު ހާމަ ކުރެއްވި


މިއީ ސިޔާސީ ވާންވީ ވަގުތެއް ނޫން: ސިޔާމް

ސިޔާމް ވިދާޅުވި ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ނަޝީދަށް އަމާޒުކުރި ހަމަލާއަކީ އެއްވެސް ގޮތަކުން ސިޔާސީ ކޮށްގެންވާނެ ކަމެއް ނޫނެވެ. އެއީ، ވަރަށް ނުރައްކާ، ބިރުވެރި ހަމަލާއެއް ކަމާއި ނަޝީދަށް ދެރަވާ ގޮތަށް މި ހާލަތުގައި އެއްވެސް ވާހަކައެއް ދައްކައިގެން ނުވާނެ ކަމަށެވެ.

"އެމަނިކުފާނަށް އެއްޗެހި ކިޔައިގެން ނުވާނެ، މިއީ ހިނގި ކަމެއް، މިއީ އަނިޔާވެރި ބިރުވެރި ކަމެއް، ހައްދުން ނައްޓައިގެންދާ ކަންކަން މި ހުންނަނީ،" ސިޔާމް ވިދާޅުވި އެވެ. "މި އެއްޗެއްސަަށް ޖޯކު ޖަހައިގެން އަނިޔާ ލިބުނު މީހާއަށް އިހާނެތިކޮށް ވާހަކަ ދެއްކުމަކީ ވަރަށް ނުލަފާ، މި ގައުމަށް ހެޔޮ އެދޭ ބަޔަކު ނުކުރާނެ ކަމެއް، އެހެން އުޅޭނީ ގައުމަށް ގައްދާރުވެފައިވާ މީހުން،"

ސިޔާމް ވިދާޅުވި ގޮތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ލޯންޗުކޮޅުގައި ދިން ހަމަލާ ވަރަށް ގާތުން ދުށް ކަމާއި، އެފަދަ ކަމެއްގެ ބިރުވެރިކަމާއި ނާމާންކަން ވަރަށް ބޮޑަށް އިހުސާސް ކުރެވޭ ކަމަށެވެ. ފިނިފެންމާ ލޯންޗުކޮޅުގައި އެއްޗެއް ގޮވިއިރު އޭގައި ސިޔާމް އިންނެވި އެވެ. އޭނާއަށް ކޮންމެ ވެސް ވަރަކަށް އަނިޔާވެ ފަރުވާ ވެސް ހޯއްދެވި އެވެ.

"މިފަދަ ހަމަލާތައް ދީ މީހުން މަރާ މީހުން އެބަ ޖެހޭ ގާނޫނު ހަދައިގެން މަރަން ވެސް، ބޮޑެތި އަދަބު ދޭން ޖެހޭނީ، ބައްލަވާ މާދަމާ ބޮން ގޮއްވާލާފައި ނުކުމެގެން ދާންވީ ނޫންތޯ، އަނެއްކާ އަނެއް ބޮން ގޮއްވާލަންވީ ނޫންތޯ، އެހެން ނޫންތޯ ކަން ވެފައި ހުރީ،" ސިޔާމް ވިދާޅުވި އެވެ.

ސިޔާމް ވިދާޅުވި ގޮތުގައި މިހާރު ގައުމުގައި އޮތް އެންމެ ބޮޑު މައްސަލައަކީ މީހުންނާމެދު ނަފުރަތު އުފެއްދުން ކަމާއި އެއީ މިހާރުން މިހާރަށް ހުއްޓާލަން ޖެހިފައިވާ ކަމެއް ކަމަށެވެ.

"އެމީހަކީ ތިމާއަށްވުރެ ދަށް ފަންތީގެ މީހަކަށްވެގެން ނޫންނަމަ، އެމީހަކީ ސިޔާސީ ގޮތުން އެހެން ފިކުރެއްގެ މީހަކަށް ވެގެން އެމީހަކާ ނުވަތަ ވަކި ބަޔަކަށް ޓާގެޓްކޮށްގެން ނަފުރަތު އުފެއްދުމަށް އެއްޗެހިތަކެއް ކިޔުމަކީ ދުނިޔޭގައި އަބަދުވެސް ވަރަށް ބޮޑު ކުށެއް، މީހުންގެ އަބުރަށް އަރައިގަތުމާއި ހަޑި އެއްޗެހި ކިޔުން އެއީ ކުށެއް،" ސިޔާމް ވިދާޅުވި އެވެ.