Advertisement

ބޮމުގެ މައްސަލާގައި މުހިންމު ފޮރެންސިކް ހެކިތަކެއް ހޯދައިފި

6 ޖޫން 2021 - 14:21 0

ހަސަން މުހައްމަދު

ހަސަން މުހައްމަދު

ބޮން ގޮއްވާލި މައްސަލައިގައި ފުލުހުން އެއްކޮށްފައިވާ ހެކިތަކެއް ވެހިކަލަކަށް އަރުވަނީ: ގާތްގަނޑަކަށް 200 ގަޑިއިރުގެ ވީޑިއޯ ލިބިފައިވާ ކަމަށް ފުލުހުން ބުނި -- އަދަދު ފައިލް ފޮޓޯ


ބޮމުގެ މައްސަލާގައި މުހިންމު ފޮރެންސިކް ހެކިތަކެއް ހޯދައިފި

6 ޖޫން 2021 - 14:21 0

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން މަޖީދީ މަގުގައި ބޮން ގޮއްވާލި މައްސަލައިގައި ސީސީޓީވީ ފުޓޭޖް އަދި ބަލާ ފާސް ކުރި ތަންތަނުން އަތުލައިގަތް ތަކެތިން ވަރުގަދަ ފޮރެންސިކް ހެކިތަކެއް ހޯދިއްޖެ ކަމަށް ފުލުހުން ބުނެފި އެވެ.

ނަޝީދު އަވަހާރަކޮށްލަން އުޅުނު މައްސަލައިގައި މައުލޫމާތު ދިނުމަށް މިއަދު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއު ވިދާޅުވީ ހޯދުނު ހެކިތައް "މައްސަލައިގެ އިންސާފަށް ވާސިލްވުމަށް" މުހިންމު ދައުރެއް އަދާ ކުރާނެ ކަމަށެވެ.

"މި މައްސަލައިގެ ތަހުގީގަށް އެއްކުރެވިފައިވާ ފޮރެންސިކް ހެކިތަކުން ވެސް މުހިންމު ހެކިތަކެއް ލިބިފައިވާކަން އަޅުގަނޑު ފާހަގަކޮށްލަން. މިއީ މި މައްސަލައިގެ އިންސާފަށް ވާސިލްވުމަށް މުހިންމު ދައުރެއް އަދާ ކުރާނެ ހެކިތަކެއް،" ޝިފާއު ވިދާޅުވި އެވެ.

މަގުމަތީގައި ބަހައްޓާފައި ހުންނަ ސީސީޓީވީ ފުޓޭޖްތަކާއި އާންމުންގެ ފަރާތުން ގާތްގަނޑަކަށް 200 ވަރަކަށް ގަޑިއިރުގެ ވީޑިއޯ ލިބިފައިހުރިއިރު އެއިން ވެސް މުހިންމު މައުލޫމާތުތަކެއް ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

"ސީސީޓީވީ ފުޓޭޖް އެނަލެސިސްތަކުން މައްސަލައިގެ ތަހުގީގަށް ވަރަށް މުހިންމު ކުރިއެރުންތަކެއް ލިބިފައިވާކަން ފާހަގަކޮށްލަން،" ޝިފާއު ވިދާޅުވި އެވެ.

ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ބަޔަކު މިދިޔަ މެއި، 6، ގައި ބޮން ގޮއްވާލާފައި ވަނީ އެމަނިކުފާނަށް ފާރަލައި އެމަނިކުފާނު ބޮމާ އެންމެ ކައިރިވެވަޑައިގެންނެވި ވަގުތު ބެލުމަށްފަހު އެވެ.

ދީނީ ގޮތުން ހަރުކަށި ފިކުރެއް ގެންގުޅޭ ކަމަށް ޝައްކު ކުރެވޭ ބަޔަކު ބޮން ގޮއްވާލީ މަޖީދީ މަގާއި ނަޝީދު ދިރިއުޅުއްވާ ގ. ކެނެރީގެ ހުންނަ ނީލޯފަރު މަގު ކަންމަތީގައި ސައިކަލެއްގަ ބޮން ހަރުކޮށްގެނެވެ.

އެ ހަމަލާގައި ނަޝީދު ވަރަށް ބޮޑަށް ޒަހަމްވެވަޑައިގެންނެވިއިރު ފުރާނަފުޅު ސަލާމަތް ކުރެވުނީ މެދުނުކެނޑި ކުރި 16 ގަޑިއިރުގެ ސާޖަރީތަކަކަށްފަހު ކަމަށް ހޮސްޕިޓަލުން ބުނެފައިވެ އެވެ.