Advertisement

ދައުވާކޮށްދޭން އެދުނު ޑިފެންސް ނައިބުގެ މައްސަލަ ސުލޫކީ ކޮމިޓީއަށް ވެސް ހުށަހަޅައިފި

6 ޖޫން 2021 - 18:59 0

ފަޒީނާ އަހުމަދު

ފަޒީނާ އަހުމަދު

ޒަމީލް: އޭނާގެ މައްސަލަ މަޖިލީހުގެ އިމްތިޔާޒް ކޮމިޓީން ވެސް އަންނަނީ ބަލަމުން.


ދައުވާކޮށްދޭން އެދުނު ޑިފެންސް ނައިބުގެ މައްސަލަ ސުލޫކީ ކޮމިޓީއަށް ވެސް ހުށަހަޅައިފި

6 ޖޫން 2021 - 18:59 0

ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒަށް އަރައިގަތުމުގެ ތުހުމަތުގައި ދައުވާކޮށްދޭން ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހުގައި އެދިފައިވާ ޑިފެންސް މިނިސްޓްރީގެ ނައިބު ހަސަން ޒަމީލްގެ މައްސަލަ އިމްތިޔާޒާއި ސުލޫކު ކޮމިޓީއަށް ވެސް ހުށަހަޅައިފި އެވެ.

މަޖިލީހުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ޒަމީލް އިމްތިޔާޒަށް އަރައިގަތް ކަމަށް ތުހުމަތުކުރާ ސަބަބުތައް ސާފުކޮށްދީފަ އެވެ. އޭނާގެ މައްސަލަ ޕީޖީއަށް ފޮނުވީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އެންގެވުމަށް ކަމަށް ބަޔާނުގައި ވެ އެވެ.

ޒަމީލްގެ މައްސަލައަކަށްވީ މަޖިލީހުގެ ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާއާ ގުޅޭ އިންކުއަރީއަށް މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމިޓީއަށް ވަކިވަކި ސިފައިން ހާޒިރުކުރަން ނިންމާފައި ވަނިކޮށް، ޖަވާބުދާރީ ވާނީ މުޅި މުއައްސަސާ އިން ކަން އެންގެވުމެވެ.

މަޖިލީހުގެ ބަޔާނުގައި ބުނިގޮތުގައި މަޖިލީހަށް ނުވަތަ މަޖިލީހުގެ ކޮމިޓީއަކަށް ވަކިވަކި މީހުން ނުވަތަ މުއައްސަސާއެއް ހާޒިރުވާން އެންގުމުގެ ބާރު ގާނޫނުއަސާސީ އާއި ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒްތަކާއި ބާރުތަކުގެ ގާނޫނުން ލިބިދެ އެވެ.

މީގެ އިތުރުން ސުޕްރީމް ކޯޓުގެ އިސްތިޝާރީ ލަފާގައި ވެސް އޮތީ މަޖިލީހަށް ނުވަތަ މަޖިލީހުގެ ކޮމިޓީއަކުން އަންގާ އެންގުމަކާ އެއްގޮތަށް ހާޒިރުވެ ޖަވާބުދާރީވުމަކީ ސަރުކާރުގެ އެކިއެކި މަގާމްތަކުގައި ތިބި ފަރާތްތަކާއި އެމްއެންޑީއެފާއި ފުލުހުންގެ ކޮންމެ މަގާމެއްގައި ހުރި މީހެއްގެ މައްޗަށް ވެސް ލާޒިމްކޮށްފަ އެވެ.

ބޮމުގެ ހަމަލާގެ އިންކުއަރީއަށް ވަކިވަކި ސިފައިން ހާޒިރުވާން އެންގީ އެ ބާރުގެ ދަށުން ކަމަށް މަޖިލީހުގެ ބަޔާނުގައިވެ އެވެ.

އެ ބަޔާނުގައި ބުނީ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއަށް ހާޒިރުވާން އަންގާފައިވާ ސިފައިންގެ ފަރާތުން ޖަވާބުދާރީ ވާނީ މުއައްސަސާ އިން ކަން ޒަމީލް އެންގެވުމަކީ ގާނޫނާ ހިލާފު އަދި ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒާއިި ހުރުމަތާއި ގަދަރަށް އުނިކަން އަންނާނެ ކަމެއް ކަމަށެވެ.

ޒަމީލްގެ މައްޗަށް ދައުވާކޮށްދޭން ޕީޖީގައި އެދުނީ ބަޔާނުގައި ބުނެފައިވާ ގޮތުގައި، މަޖިލީހުގެ ހުރުމަތާއި ގަދަރު ހިފެހެއްޓުމަކީ މަޖިލިސް ރައީސްގެ މަސްއޫލިއްޔަތަކަށް ވާތީ އެވެ.

ދިރިއުޅުއްވާ ގެކޮޅު ކައިރިން، ކާރަށް އަރައިވަޑައިގަންނަވަނިކޮށް ބާރުގަދަ އައިއީޑީއެއް ގޮއްވާލައިގެން ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާގައި އެމަނިކުފާނު ވަރަށް ބޮޑަށް ޒަހަމްވެވަޑައިގަތެވެ. ނަޝީދުގެ ފުރާނަ ސަލާމަތްކުރަން އޭޑީކޭ ހޮސްޕިޓަލުގެ ޑޮކްޓަރުންގެ ހާއްސަ ޓީމަކުން ގިނަ ސާޖަރީތައް ކުރުމަށް ފަހު އެމަނިކުފާނު މިހާރު ހުންނެވީ އިތުރު ފަރުވާއަށް ޖަރުމަނުގަ އެވެ.

ނަޝީދަށް ދިން ހަމަލާއާ ގުޅިގެން މިހާތަނަށް ހަތަރު މީހަކު ވަނީ ހައްޔަރު ކޮށްފަ އެވެ. އެ ހަތަރު މީހުންނަކީ ވެސް ހަރުކަށި ފިކުރާ ގުޅުން އޮތް މީހުން ކަމަށް ބެލެވޭކަމަށް ފުލުހުން ބުނެފައިވެ އެވެ.

މަޖިލީހުގެ 241 ކޮމިޓީގެ ރިޕޯޓު އަންނަ މަހުގެ ނިޔަލަށް ނިންމަން އަމާޒުހިފާފައިވާއިރު، މި އިންކުއަރީގެ ތެރެއިން ކޮމިޓީން ފާހަގަކުރެވޭ މައްސަލަތަކާއި ރަނގަޅު ކުރަންޖެހޭ ހުރިހާ ކަމެއް ހުށަހެޅުންތަކުގެ ތެރޭގައި ރިޕޯޓުގައި ހިމަނާނެ ކަމަށް ބުނެފައިވެ އެވެ.