Advertisement

ވިހަން ދިޔަ މީހެއްގެ އޯވަރީން ދެ ކިލޯގެ ސިސްޓެއް ނެގުމުގެ ކާމިޔާބު އޮޕަރޭޝަނެއް

6 ޖޫން 2021 - 14:47 1

ނާޒިމް ހަސަން

ނާޒިމް ހަސަން

ކުޅުދުއްފުށީ ހޮސްޕިޓަލް: ސިސްޓެއް ނެގުމުގެ ބޮޑު އޮޕަރޭޝަނެއް ވަނީ ކޮށްފައި


ވިހަން ދިޔަ މީހެއްގެ އޯވަރީން ދެ ކިލޯގެ ސިސްޓެއް ނެގުމުގެ ކާމިޔާބު އޮޕަރޭޝަނެއް

6 ޖޫން 2021 - 14:47 1

ހދ. ކުޅުދުއްފުށީ ހޮސްޕިޓަލަށް ވިހަން ދިޔަ މީހެއްގެ އޯވަރީން ދެ ކިލޯގެ ސިސްޓެއް ނެގުމުގެ ކާމިޔާބު އޮޕަރޭޝަނެއް ކޮށްފި އެވެ.

ބަރުދަނުގައި 2400 ގްރާމްގެ އެ ސިސްޓުގެ ދިގު މިނުގައި 24 ސެންޓިމީޓަރު އަދި ފުޅާ މިނުގައި 20 ސެންޓިމީޓަރު ހުއްޓެވެ. މިއީ ރާއްޖޭގައި މިހާތަނަށް މާލެއިން ބޭރު ހޮސްޕިޓަލެއްގައި ކުރި އޮޕަރޭޝަނަކުން މީހެއްގެ ގައިން ނެގި އެންމެ ބޮޑު ސިސްޓެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލްގެ މެނޭޖަރު އަހުމަދު ދާއޫދު "އަދަދު"އަށް ވިދާޅުވީ އެ ސިސްޓު ނެގީ ހޮސްޕިޓަލަށް ވިހަން ދިޔަ ހުޅުދުއްފާރު މީހެއްގެ ގައިން ކަމަށެވެ. ކުޅުދުއްފުއްޓާ ކައިރީގައި އޮތް ނޮޅިވަރަމްގައި ދިރިއުޅޭ އެ އަންހެން މީހާގެ އޯވަރީގައި ސިސްޓެއް ހުރިކަން އެނގުނީ ވިހަން ގޮސް ހެދި ސްކޭންތަކުންނެވެ.

އޭނާގެ ވާތްފަރާތު އޯވަރީން އެ ސިސްޓު ނެގުމަށް މިދިޔަ މަހުގެ 27ގައި ދެ ގަޑިއިރަށް ދެމިގެންދިޔަ އޮޕަރޭޝަނެއް ކުރަން ޖެހުނެވެ. އެ އޮޕަރޭޝަންކުރީ އެ ހޮސްޕިޓަލުގެ އަންހެނުންގެ ބަލިތަކާ ބެހޭ ހާއްސަ ޑޮކްޓަރު ޑރ. ލުތުފީ ބާޝާ އެވެ.

"ބަލި މީހާގެ ހާލު ރަނގަޅު، މިހާރު ވަނީ އޭނާ އާއި ދަރިފުޅު ވެސް ހޮސްޕިޓަލުން ދޫކޮށްލާފައި،" އަހުމަދު ވިދާޅުވި އެވެ.

ބަލިމީހާގެ އޯވަރީއިން ނެގި ސިސްޓް.


އަހުމަދު ވިދާޅުވި ގޮތުގައި، މިވަރުގެ އޮޕަރޭޝަންތައް ކުޅުދުއްފުށީ ހޮސްޕިޓަލްގައި ކުރުމުގެ ގާބިލްކަމާއި ޑޮކްޓަރުންގެ އެ ޔަގީންކަން މިހާރު އެބަ އޮތެވެ. މާލެ ލޮކްޑައުންގައި އޮތުމުން ކުޅުދުއްފުށީ ހޮސްޕިޓަލްގައި އޮޕަރޭޝަންތައް ކުރުމަށް ބަލި މީހުން ބޭނުންވާ ކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.

"ކުރިން ނަމަ ބޮޑު އޮޕަރޭޝަނެއް ކުރަން ޖެހިއްޖެ ނަމަ ބަލި މީހުން ބޭނުން ވަނީ މާލެ ދާން. އެކަމަކު މިހާރު މި ކޮޅުގައި އޮޕަރޭޝަންތައް ކުރަން ބަލި މީހުންގެ ކޮންސެންޓް އެބަ ލިބޭ. އެހެންވެ މިފަދަ އޮޕަރޭޝަންތައް މި ކުރެވެނީ،" އަހުމަދު ވިދާޅުވި އެވެ.

މިދިޔަ އަހަރުގެ ޖޫން މަހު ވެސް އެ ހޮސްޕިޓަލްގައި އަންހެނެއްގެ އޯވަރީން ސިސްޓެއް ނެގުމުގެ ބޮޑު އޮޕަރޭޝަނެއް ކުރި އެވެ. އަދި، ލޮކްޑައުންގެ ތެރޭގައި ހޮސްޕިޓަލްގައި ދުވަސްނުފުރާ ވިހެއި 28 ހަފުތާގެ ކުއްޖަކަށް ވެސް ފަރުވާދީ ސަލާމަތްކޮށްފައިވެ އެވެ. މީގެކުރިން އެފަދަ ކޮންމެ ކަމެއްގައި ވެސް ބަލިމީހުން ފޮނުވަމުން ދިޔައީ މާލެއަށެވެ.