Advertisement

މަގާމާއި ބާރަކީ ހެއްކަށް ނުފޫޒު ފޯރުވަފާނެ ކަމެއްގެ ގޮތުގައި ބަލަން ހިމަނައިފި

6 ޖޫން 2021 - 13:02 0

ނާޒިމް ހަސަން

ނާޒިމް ހަސަން

ސުޕްރީމް ކޯޓު: ޝަރީއަތް ކުރުމުގެ އިޖުރާއަތުގެ ގަވައިދަށް ވަނީ އިސްލާހު ގެނެސްފައި - ފޮޓޯ: ހުސެއިން ވަހީދު / އަދަދު


މަގާމާއި ބާރަކީ ހެއްކަށް ނުފޫޒު ފޯރުވަފާނެ ކަމެއްގެ ގޮތުގައި ބަލަން ހިމަނައިފި

6 ޖޫން 2021 - 13:02 0

މީހެއްގެ މަގާމާއި ބާރަކީ ކުށެއްގެ ތުހުމަތު ކުރެވޭ ހިނދު ހެއްކަށް ނުފޫޒު ފޯރުވާފާނެ ފަދަ ކަމެއްގެ ގޮތުގައި ފަނޑިޔާރުން ރިއާޔަތްކުރަން ޖެހޭނެ ހާލަތެއް ކަމަށް ޝަރީއަތްކުރުމާ ބެހޭ އިޖުރާއަތުގެ ގަވާއިދުގައި ހިމަނައިފި އެވެ.

މި މަހުގެ 15 ވަނަ ދުވަހު އަމަލު ކުރަން ފަށާ ގޮތަށް ގަވައިދަށް އާ އިސްލާހުތަކެއް ސުޕްރީމް ކޯޓުން ވަނީ ގެނެސް، އާންމުކޮށްފަ އެވެ. އެ ގަވައިދަށް ޖުމްލަ 28 ބަދަލެއް ގެނެސްފައިވެ އެވެ. އޭގެ ތެރޭގައި މުޅި ނިޒާމް ބަދަލުކޮށްލާނެ ފަދަ މުހިންމު އިސްލާހުތަކެއް ވެސް އެބަ ހުއްޓެވެ.

އެއް އިސްލާހަކީ ހެއްކަށް ނުފޫޒުފޯރުވަފާނެ ކަމަށް ބެލުމުގައި ރިއާޔަތްކުރަންޖެހޭ ކަންކަމަށް، މުޖުތަމައުގައި ތުހުމަތުކުރެވޭ ފަރާތުގެ މަގާމާއި ބާރާއި ނުފޫޒު އޮތް މިންވަރު ބެލުމެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 60 ވަނަ މާއްދާގެ ދަށުން މީހަކު ބަންދުގައި ބަހައްޓާ ނަމަ ތިން ހާލަތެއް އޮންނަން ޖެހެ އެވެ. އެއީ ހެއްކަށް ނުފޫޒު ފޯރުވާފާނެތީ އާއި އެ މީހަކު ފިލާފާނެ ކަމަށް އަދި، އެ މީހަކީ މުޖުތަމައުއަށް ނުރައްކަލެއް ކަމުގައިވާ ނަމަ އެވެ. މި ނޫން ހާލަތެއްގައި މީހަކު ބަންދެއް ނުކުރެވޭނެ އެވެ.

މި ހާލަތްތައް އޮތްތޯ ފަނޑިޔާރުން ކަނޑައެޅުމުގައި ރިއާޔަތް ކުރަން ޖެހޭ ކަންކަން ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ ޝަރީއަތް ކުރުމާ ބެހޭ އިޖުރާއަތުގެ ގަވައިދުގައިވެ އެވެ. އެގޮތުން ގަވައިދުގެ 13 ވަނަ މާއްދާގައި ހެއްކަށް ނުފޫޒު ފޯރުވަދާނެ ކަމަށް ބަލާނެ ތިން ކަމެއް ފާހަގަކޮށްފައިވެ އެވެ.

އެއީ، މައްސަލައިގައި ލިބިފައިވާ އަދި ލިބެން ހުރި ހެކިތަކަށް ބަލާއިރު، ތުހުމަތުކުރެވޭ މީހާގެ ބާރު ނުފޯރުވޭނެ ހެކިތައް ހުރިކަން ނުވަތަ ނޫން ކަމާއި މައްސަލައިގައި ހެކިބަސް ދޭން ތިބި މީހުންނާއި ތުހުމަތުކުރެވޭ މީހާއާ ގުޅުން އޮތް މިންވަރާއި، ހެކިންނަށް ނުފޫޒު ފޯރުވުމުގެ އިހުތިމާލު އޮތް މިންވަރު ބެލުމެވެ. އަދި، ތުހުމަތުކުރެވޭ ކުށަށް އިއުތިރާފުވެފައިވާކަން ނުވަތަ ނޫންތޯ ބެލުމެވެ.

ގަވައިދަށް ގެންނަ އިސްލާހުގައި އިތުރު ކުރަން ނިންމާފައިވަނީ މިގޮތަށް ރިއާޔަތް ކުރާނެ ހަތަރު ވަނަ ކަމެކެވެ. އެގޮތުން އިސްލާހު ކޮށްފައިވާ ގަވައިދުގައިވާ ގޮތުން ތުހުމަތުކުރެވޭ ފަރާތުގެ މަގާމާއި ބާރާއި ނުފޫޒު އޮތް މިންވަރު ބަލަން ޖެހޭނެ އެވެ.

ގަވައިދުގައި މިކަން މި ހިމެނީ މިފަހުން މިފަދަ ކަމެއް ކުރިމަތިވެފައި ވަނިކޮށެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހްމަދު އީސަގެ މައްޗަށް ކުރި ގެވެށިއަނިޔާގެ ތުހުމަތެވެ.

މި ތުހުމަތުގައި، އޭނާ ހައްޔަރު ކުރަން ފުލުހުން ބޭނުންވެގެން، ޕީޖީން ކުރިމިނަލް ކޯޓަށް ދިޔަ އެވެ. ނަމަވެސް އީސަ ހައްޔަރު ކުރަން ގާޒީ އަމުރު ނެރެ ނުދިނީ، އޭނާ ހެއްކަށް ނުފޫޒު ފޯރުވަދާނެ ކަމަށް ފުލުހުން ބުނި ނަމަވެސް، ފަނޑިޔާރު ރިއާޔަތް ކުރަން ޖެހޭ ތިން ހާލަތުން ކުރެ ހާލަތެއް އޮތްކަން ފުލުހުންނަށް ބުނެނުދެވުމުންނެވެ.

އެކަމަކު ގަވައިދަށް މިހާރު ގެނެސްފައިވާ އިސްލާހުން އެ މީހަކީ ނުފޫޒާއި ބާރު އޮންނަ ފަދަ މަގާމެއްގައި ހުރި މީހެއް ނަމަ، އޭނާ ހެއްކަށް ނުފޫޒު ފޯރުވިދާނެ ކަމަށް ރިއާޔަތްކޮށް ބަންދު ކުރެވިދާނެ އެވެ.

މި އިސްލާހުގެ އިތުރުން، މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ބެލުމުގައި ފަނޑިޔާރު ރިއާޔަތްކުރަންޖެހޭ ކަންކަން ވެސް ގަވާއިދަށް ވަނީ އިތުރުކޮށްފަ އެވެ.

ގަވައިދުގައި މިހާރު އޮތް ގޮތުން އެކަމުގައި ރިއާޔަތް ކުރަން ޖެހޭ އޮންނަނީ ހަތަރު ކަމެކެވެ. އެއީ، ތުހުމަތުކުރެވޭ މީހާގެ ބަންދާއި، ހައްޔަރުގެ ރެކޯޑުތަކާއި، ކުށުގެ ރެކޯޑަށް ބެލުމާއި ތުހުމަތުކުރެވޭ މީހާ މުޖުތަމައުގައި އަދާކުރާ ދައުރާއި، އޭނާގެ ވަޒީފާ އާއި، އޭނާގެ ދިރިއުޅުމުގެ ވައްޓަފާޅި ހުރި ނެތް ގޮތް ބެލުމެވެ. އަދި، ތުހުމަތުކުރެވޭ ކުށުގެ އަމަލު ހިންގުމުގައި އޭނާ ބައިވެރިވެފައިވާ ގޮތާއި ކުށުގެ ބާވަތާއި، ކުށް ކޮށްފައިވާ ހާލަތާއި، ކުށުގެ ކުޑަ ބޮޑުމިނާއި، ކުށް ކުރުމުގައި އަނިޔާވެރިކަން ހިމެނޭނަމަ އެކަމަށް ރިއާޔަތް ކުރުމެވެ.

ގަވައިދަށް އިސްލާހު ގެނައީ މި ކަންކަމުގެ އިތުރުން، ފަނޑިޔާރު ރިއާޔަތްކުރަން ޖެހޭ ކަންކަމުގެ ގޮތުގައި އިތުރު ދެ ކަމެއް ގަވާއިދުގައި ހިމެނުމަށެވެ. އެއީ، ތުހުމަތުގައިވާ މީހާގެ ކިބައިން މުޖުތަމައަށް ނުރައްކަލެއް ކުރިމަތިވެދާނެކަން އެނގޭނެ އެހެނިހެން ސަބަބަށާއި، ކުށުގެ އަމަލު ހިންގާފައިވަނީ ޖަމާއަތް ހަދައިގެންތޯ ބެލުމެވެ.

ބަންދު އަމުރު ނެރުމާ ގުޅޭ ގޮތުން ގަވައިދަށް ގެނެސްފައިވާ އެހެން އިސްލާހުތަކަށް ބަލާއިރު، ވަކީލަކު ނެތް މީހެއްގެ ބަންދާ މެދު ގޮތެއް ނިންމުމުގެ މަޖިލީހުގައި ވަކީލެއްގެ ފުރުސަތަށް އެދޭ މީހާއަކީ ބަންދުގައި ބަހައްޓަންޖެހޭ ސަބަބެއް އޮތް މީހެއް ނަމަ، އެ މީހެއްގެ ބަންދުގެ މުއްދަތު ފަސް ދުވަހަށް ވުރެ އިތުރު ނުކުރެވޭ ގޮތް ހެދުން ފާހަގަކޮށްލެވެ އެވެ.

އަދި ބަންދާ މެދު ނިންމާ ގޮތުގެ އަމުރު އިލެކްޓްރޯނިކް ވަސީލަތް މެދުވެރިކޮށް އާންމުކުރަން ޖެހޭ ގޮތަށް ވެސް ގަވައިދު ވަނީ އިސްލާހުކޮށްފަ އެވެ. އެއް ފަނޑިޔާރަށް ވުރެން ގިނަ ފަނޑިޔާރުން މަސައްކަތްކުރާ ކޯޓެއް ނަމަ، ހައްޔަރު އަމުރު ނެރުނު ފަނޑިޔާރަށް، ބަންދާ މެދު ގޮތެއް ކަނޑައެޅުމުގެ މަޖިލީހުގައި ބައިވެރިނުވެވޭނެ ކަމަށް ވެސް އިސްލާހު ކޮށްފައިވާ ގަވައިދުގައި ވަނީ ކަނޑައަޅައިފަ އެވެ.