Advertisement

ނަޝީދުގެ އާއިލާގެ ކަންބޮޑުވުން ސިފައިންނާ ހިއްސާކޮށްފި

6 ޖޫން 2021 - 12:27 0

ހަސަން މުހައްމަދު

ހަސަން މުހައްމަދު

ނަޝީދަށް ދިން ހަމަލާއަށްފަހު ފުލުހުން އެ ސަރަހައްދު ބަންދުކޮށްފައި: އާއިލާގެ ފަރާތުން ބައްދަލު ކުރީ އެސްޕީޖީގެ އާ ކޮމާންޑަރު މުއިއްޒުއާ -- އަދަދު ފައިލް ފޮޓޯ


ނަޝީދުގެ އާއިލާގެ ކަންބޮޑުވުން ސިފައިންނާ ހިއްސާކޮށްފި

6 ޖޫން 2021 - 12:27 0

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ސަލާމަތީ ކަންކަމާ ގުޅޭ ގޮތުންނާއި ކެނެރީގޭގައި ދިރިއުޅޭ މީހުންނަށް ނުރައްކަލެއް ކުރިމަތިވެދާނެ ފަދަ ވާހަކަތަކެއް އާއްމުވެފައިވާތީ އާއިލާގެ ފަރާތުން މިއަދު މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)އާ ބައްދަލުކޮށްފި އެވެ.

ނަޝީދުގެ ސެކިއުރިޓީ ބަލަހައްޓާ އެމްއެންޑީއެފްއާ އާއިލާގެ ފަރާތުން ބައްދަލުކޮށްފައި މި ވަނީ އެމަނިކުފާނު އަވަހާރަކޮށްލަން މިދިޔަ މެއި، 6، ދިން ހަމަލާއަށްފަހު ސެކިއުރިޓީގެ ބަހުސް ވަރަށް ބޮޑަށް ކުރެވިފައި އޮއްވަ އެވެ.

ނަޝީދުގެ ކޮއްކޯފުޅު ނާޒިމް ސައްތާރު "އަދަދު"އަށް ވިދާޅުވީ އާއިލާގެ ފަރާތުން ބައްދަލު ކުރީ ސިފައިންގެ ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕްގެ ކޮމާންޑަރު ލެފްޓިނެންޓް ކާނަލް އަބްދުލް މުއިއްޒު މުސްތަފާއާ ކަމަށާއި ސިފައިންގެ ފަރާތުން ބޭނުންވާ ސަޕޯޓް ލިބުނު ކަމަށެވެ.

"އަޅުގަނޑުމެންގެ ކޮންސާނަކީ އެއްޗެހި ލީކުވާތީވެ ކެނެރީގެއޭ ކިޔައިގެން. ދެން އަޅުގަނޑުމެން ބޭނުންވީ ޑައިރެކްޓްކޮށް އެ ބޭފުޅުންނާ ވާހަކަ ދައްކަން މިކަހަލަ ކަންތައް ކުރިއަށް އޮތް ތަނުގައި ނުވާނެ ގޮތަށް،" ނާޒިމް ވިދާޅުވި އެވެ.

ނަޝީދުގެ ސެކިއުރުޓީގެ ބަހުސް އެންމެ ބޮޑަށް ހޫނުވީ، އެމަނިކުފާނު ދިރިއުޅުއްވާ ގ. ކެނެރީގެއަކީ އެލީޓް ޕްރޮޓެކްޝަން ދެވޭނެ ތަނެއް ނޫން ކަމަށް ބުނެ ރާއްޖޭގެ ނޫހަކުން ނަން ހާމަ ނުކުރުމަށް އެދޭ މަސްދަރެއް މެދުވެރިކޮށް ރިޕޯޓެއް ލިޔުމުންނެވެ.

ނަޝީދުގެ ސެކިއުރިޓީގެ ކަންކަމާއި އެމަނިކުފާނު ރާއްޖެ ވަޑައިގެން ދިރިއުޅުއްވާނެ ގެކޮޅެއްގެ ވާހަކަ އެ ބައްދަލުވުމުގައި ދެކެވުނު ކަމަށް ނާޒިމް ވިދާޅުވި އެވެ.

"މައިގަނޑު ކޮންސާނަކީ ރައީސް ނަޝީދުގެ ސެކިއުރިޓީ. އަޅުގަނޑުމެން ވެސް އަޅުގަނޑުމެން މަންމަ އާއި ބައްޕަ ވެސް އޭގަ ހިމެނޭތީ ބައްދަލު ކުރަން ދިޔައީ،" އޭނާ ވިދާޅުވި އެވެ.

ދީނީ ގޮތުން ހަރުކަށި ފިކުރެއް ގެންގުޅޭ ކަމަށް ޝައްކު ކުރެވޭ ބަޔަކު ނަޝީދު އަވަހާރަކޮށްލަން ބޮން ގޮއްވާލީ މަޖީދީ މަގާއި ނަޝީދު ދިރިއުޅުއްވާ ގ. ކެނެރީގެ ހުންނަ ނީލޯފަރު މަގު ކަންމަތީގަ އެވެ. އެ ހަމަލާގައި ނަޝީދު ވަރަށް ބޮޑަށް ޒަހަމްވެވަޑައިގެންނެވިއިރު ފުރާނަފުޅު ސަލާމަތް ކުރެވުނީ މެދުނުކެނޑި ކުރި 16 ގަޑިއިރުގެ ސާޖަރީތަކަކަށްފަހު ކަމަށް ހޮސްޕިޓަލުން ބުނެފައިވެ އެވެ.