Advertisement

ސްކޫލް ޗުއްޓީގައި ރަށްރަށަށް ދިއުން ތާށިކޮށްފި

6 ޖޫން 2021 - 10:29 0

ފާތިމަތު އަޖްފާން

ފާތިމަތު އަޖްފާން

މާލޭ ބަނދަރުގައި އޮތް ބޯޓެއްގައި މީހަކު މަޑުކޮށްލައިގެން: ސްކޫލް ޗުއްޓީއާ ދިމާކޮށް ޒަރޫރީ ބޭނުންތަކަށް އެކަނި ނޫނީ މާލެ އިން ރަށްތަކަށް ދަތުރުނުކުރެވޭ ގޮތަށް ވަނީ ހަމަޖައްސާފައި.: ހުސައިން ޝަޔާހު / އަދަދު


ސްކޫލް ޗުއްޓީގައި ރަށްރަށަށް ދިއުން ތާށިކޮށްފި

6 ޖޫން 2021 - 10:29 0

ސްކޫލްތަކުގެ ޗުއްޓީއާ ދިމާކޮށް، މާލެ އިން ރަށްރަށަށް ދަތުރުކުރުން ހަރުކަށިކޮށް ޒަރޫރީ ބޭނުންތަކަށް އެކަނި ދެވޭ ގޮތަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ހަމަޖައްސައިފި އެވެ.

ސްކޫލްތަކުގެ ބޮޑު ޗުއްޓީ ފަށާގޮތަށް ހަމަޖައްސާފައި ވަނީ ޖޫން، 24 ގަ އެވެ.

އެޗްޕީއޭގެ ޑިރެކްޓަރު ޖެނެރަލް މައިމޫނާ އަބޫބަކުރު ނެރުއްވި ބަޔާނުގައި ބުނެފައި ވަނީ ކޮވިޑް ކޮންޓްރޯލް ކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން މާލެ ސަރަހައްދުން ރަށްރަށަށް ދަތުރުކުރުމުގައި އަމަލު ކުރާ އުސޫލުގެ ދަށުން ދެން ދަތުރުކުރެވޭނީ ޒަރޫރީ ބޭނުންތަކަށް އެކަނި ކަމަަށެވެ.

ރަށްރަށަށް ދަތުރުކުރެވޭނެ ހާލަތްތައް

- ސިއްހީފަރުވާ ހޯދަން މާލެއަށް އައިސް އެނބުރި ދާންޖެހުމާއި އެފަދަ މީހަކާ އެކުގައި ކޮންމެހެން ދާންޖެހުން.

- މާލޭގައި އަދާކުރަމުންދާ ވަޒީފާ ހުއްޓާލަންޖެހިގެން އާއިލާއިން އެކުގައި ކޮންމެހެން ދާންޖެހުން

- މާލޭގައި ދިރިއުޅެވެން ނެތުން.

- މާލެއަށް ތައުލީމު ހާސިލުކުރަން އައިސް ކިޔެވުން ނިމިފައިވުން.

- މައިންބަފައިން ބަލިވުމާއި އަނބިމީހާ ވިހެއުން ފަދަ އާއިލާއަށް ދިމާވާ ބޮޑެތި ކަންތައްތަކާ ގުޅިގެން ކޮންމެހެން ފުރަން ޖެހުން.

އެޗްޕީއޭ އިން ބުނިގޮތުގައި އެފަދަ ޒަރޫރީ ހާލަތްތަކުގައި ދަތުރުކުރުމުގެ ހުއްދަ ދޭ މީހުން ވެސް 14 ދުވަހުގެ ކަރަންޓީން ފުރިހަމަ ކުރަން ޖެހެ އެވެ. ކަރަންޓީނުން ދޫކޮށްލާނީ 14 ދުވަސް ހަމަވުމުން ޓެސްޓްކޮށް ނަތީޖާ ނެގެޓިވް ވުމުންނެވެ.

ރަށްރަށަށް ދަތުރުކުރުން ހަރުކަށިކުރިއިރު، މާލޭގައި ކޮވިޑުގެ ހާލަތު ގޯސްވެ ފިޔަވަޅުތައް އޮތީ ވަރުގަދަކޮށްފަ އެވެ. ދެ ހަފުތާއަށް އެޅި ފިޔަވަޅުތަކާ ގުޅިގެން ނަމްބަރުތައް މިހާރު ވަނީ ދަށްވާން ފަށައިފަ އެވެ. ރާއްޖޭގައި ކޮވިޑް ފެތުރެން ފެށިފަހުން މި ބަލީގައި އެންމެ ގިނަ ބަޔަކު މަރުވީ މިދިޔަ މަހެވެ.