Advertisement

ޗީފް އޮފް ޑިފެންސް ފޯސް ޝަމާލް މިއަދު ކޮމިޓީއަށް ހާޒިރުކުރަނީ

6 ޖޫން 2021 - 09:48 0

މުހައްމަދު ވިޝާމް

މުހައްމަދު ވިޝާމް

ނަޝީދަށް ދިން ހަމަލާއާ ގުޅިގެން އެމްއެންޑީއެފުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޗީފް އޮފް ޑިފެންސް ފޯސް އަބްދުﷲ ޝަމާލް މައުލޫމާތު ދެއްވަނީ. -ފޮޓޯ: ހުސެއިން ވަހީދު/ އަދަދު


ޗީފް އޮފް ޑިފެންސް ފޯސް ޝަމާލް މިއަދު ކޮމިޓީއަށް ހާޒިރުކުރަނީ

6 ޖޫން 2021 - 09:48 0

ރައްއްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓު ހަމަލާއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުން ފަށާފައިވާ ޕާލިމަންޓަރީ އެންކުއަރީއަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް މިއަދު ހާޒިރުކުރަން ތާވަލުކޮށްފައިވާކަން އެނގިއްޖެ އެވެ.

އެނގިފައިވާ ގޮތުގައި ޝަމާލް ކޮމިޓީއަށް ހާޒިރުވާން އަންގާފައިވަނީ މިއަދު މެންދުރު 1:00 އަށެވެ.

"އަދަދު"އަށް އެނގިފައިވާ ގޮތުގައި މި އެންކުއަރީއަށް ޝަމާލްގެ އިތުރުން ސިފައިންގެ އެކި ރޭންކްތަކުގެ ގާތްގަނޑަކަށް 40 އޮފިސަރުން ހާޒިރުކުރަން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން (241 ކޮމިޓީ) އިން ވަނީ ނިންމައިފަ އެވެ.

ސިފައިންގެ އޮފިސަރުންގެ ތެރެއިން ހާޒިރުވުމަށް މިހާތަނަށް އަންގާފައިވަނީ ޝަމާލު އާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފަށެވެ.

އަދި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވެސް ހާޒިރުކުރަން ކޮމިޓީން ވަނީ ނިންމައިފަ އެވެ.

ނަމަވެސް، މާރިޔާއަށް މިހާތަނަށް މަޖިލީހަށް ހާޒިރުކުރަން ވަކި ދުވަހެއް އަންގާފައިނުވެ އެވެ.

ނަޝީދަށް ދިން ހަމަލާއާ ގުޅިގެން އެންމެ ބޮޑު ފާޑުކިޔުމެއް އަމާޒުވެފައިވަނީ ނަޝީދަށް ސެކިޔުރިޓީ ފޯރުކޮށްދިނުމަށް ފެއިލްވި ކަމަށް ބުނެ އެމްއެންޑީއެފް އަށެވެ.

ވަކިވަކި ސިފައިން ހާޒިރުކުރަން ކޮމިޓީން ބޭނުންވަނީ ދިފާއީ ބާރުގެ ތެރެއިން ކަންކަން ހިނގާފައިވާގޮތް އޮޅުންފިލުވުމަށެވެ.

ނަމަވެސް، ކޮމިޓީއަށް ހާޒިރުކުރަން ލިސްޓު އެކުލަވާލަމުން ދިޔަ ދަނޑިވަޅުގައި އެމްއެންޑީއެފުން ވަނީ އެކަން ނުކުރެވޭނެ ކަމަށް ބުނެ ވަރުގަދަ ބަޔާނެއް ނެރެފަ އެވެ.

އެ ދިގު ބަޔާނުގައި ބުނީ އެންކުއަރީއަށް ސިފައިން އެއްބާރުލުން ދޭނެ ކަމަށެވެ. އެކަމަކު ޖަވާބުދާރީވާނީ ސިފައިންގެ މުއައްސަސާ އެވެ. ގާނޫނު އަސާސީގެ އިތުރުން ސިފައިންގެ ގާނޫނާ ހަވާލާދީ، ވަކިވަކި ސިފައިން ކޮމިޓީއަށް ހާޒިރުކޮށް ސުވާލެއް ނުކުރެވޭނެ ކަމަށް ބުނެފައިވެ އެވެ.

ނަމަވެސް، އެކަމުގައި މަޖިލީހުގެ ހިޔާލުތަފާތެވެ.

މަޖިލީހަށް ވަކިވަކި ސިފައިން ހާޒިރުކޮށް ސުވާލުކުރެވިދާނޭ ކަމަށް މަޖިލީހުން ދެކެނީ ގާނޫނު އަސާސީއަށާއި މަޖިލީހުގެ ގަވާއިދާއި ކުރީގެ ސުޕްރީމް ކޯޓުން މަޖިލީހަށް ދީފައިވާ އިސްތިރާޝީ ލަފައަކަށް ބިނާކޮށެވެ.

2011، މާޗް 10 ވަނަ ދުވަހު ނެރެފައިވާ އެ އިސްތިޝާރީ ލަފާގައި ބުނެފައި އޮންނަނީ، ސިފައިންނާއި ފުލުހުންނާއި ސަރުކާރުގެ ނުވަތަ ދައުލަތުގެ މަގާމެއްގައި ހުރި މީހަކު ވިޔަސް މަޖިލީހަށް ހާޒިރުކޮށް ސުވާލުކުރުމަކީ މަޖިލީހަށް ލިބިގެންވާ ބާރެއް ކަމަށް ގާނޫނު އަސާސީ ގައި ބުނެފައި އޮންނަ ކަމަށެވެ.

ދިފާއީ ބާރުގެ އިތުރުން، އިންޓެލިޖެންސާ ބެހޭގޮތުން މައުލޫމާތު ސާފުކުރުމަށް ފުލުހުންގެ އިސް ބޭފުޅުން ވެސް ކޮމިޓީގެ ލިސްޓުގައި ހިމެނެ އެވެ.

އެގޮތުން، އިއްޔެ ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދުގެ އިތުރުން ކައުންޓަ ޓެރަރިޒަމްގެ ޑިރެކްޓަރު ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ފަރީދު އިސްމާއީލް ވެސް ވަނީ ކޮމިޓީއަށް ހާޒިރުކޮށް މައުލޫމާތު ހޯދައިފަ އެވެ.

ދިރިއުޅުއްވާ ގެކޮޅު ކައިރިން، ކާރަށް އަރައިވަޑައިގަންނަވަނިކޮށް ބާރުގަދަ އައިއީޑީއެއް ގޮއްވާލައިގެން ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާގައި އެމަނިކުފާނު ވަރަށް ބޮޑަށް ޒަހަމްވެވަޑައިގަތެވެ. ނަޝީދުގެ ފުރާނަ ސަލާމަތްކުރަން އޭޑީކޭ ހޮސްޕިޓަލުގެ ޑޮކްޓަރުންގެ ހާއްސަ ޓީމަކުން ގިނަ ސާޖަރީތައް ކުރުމަށް ފަހު އެމަނިކުފާނު މިހާރު ހުންނެވީ އިތުރު ފަރުވާއަށް ޖަރުމަނުގަ އެވެ.

ނަޝީދަށް ދިން ހަމަލާއާ ގުޅިގެން މިހާތަނަށް ހަތަރު މީހަކު ވަނީ ހައްޔަރު ކޮށްފަ އެވެ. އެ ހަތަރު މީހުންނަކީ ވެސް ހަރުކަށި ފިކުރާ ގުޅުން އޮތް މީހުން ކަމަށް ބެލެވޭކަމަށް ފުލުހުން ބުނެފައިވެ އެވެ.

ކޮމިޓީގެ ރިޕޯޓު އަންނަ މަހުގެ ނިޔަލަށް ނިންމަން އަމާޒުހިފާފައިވާއިރު، މި އިންކުޔަރީގެ ތެރެއިން ކޮމިޓީން ފާހަގަކުރެވޭ މައްސަލަތަކާއި ރަނގަޅު ކުރަންޖެހޭ ހުރިހާ ކަމެއް ހުށަހެޅުންތަކުގެ ތެރޭގައި ރިޕޯޓުގައި ހިމެނިގެންދާނެ ކަމަށް ބުނެފައިވެ އެވެ.