Advertisement

ވަޒީރުގެ އާއްމު ހިއްސާ: އަނެއްކާ ވެސް ބޮޑު ސުވާލެއްގެ ތެރެއަށް!

6 ޖޫން 2021 - 08:37 2

ނާޒިމް ހަސަން

ނާޒިމް ހަސަން

ޑރ. ހުސެއިން ރަޝީދު: ރުހުން ނުދީ މަޑުކޮށްފައިވަނީ ކުންފުންޏެއްގެ އާންމު ހިއްސާއެއް އޮތުމުން


ވަޒީރުގެ އާއްމު ހިއްސާ: އަނެއްކާ ވެސް ބޮޑު ސުވާލެއްގެ ތެރެއަށް!

6 ޖޫން 2021 - 08:37 2

ފިޝަރީޒް މިނިސްޓަރު ކަމުގެ ރުހުން ރައްޔިތުންގެ މަޖިލީހުން ނުލިބި، ޑރ. ހުސެއިން ރަޝީދު ހަސަން އަށް މިހާރު ދިމާވެފައިވަނީ ކުންފުންޏެއްގައި އޮތް އޭނާގެ ހިއްސާ މައްސަލަ އެވެ. އެ ބަހުސް ފެށި، ހިޔާލު ދެކަފިވެފައިވާއިރު، މިއީ ތަފްސީލީ، ސާފު ނިންމުމެއް މިކަމުގައި އަންނަން ޖެހޭ ހާލަތަކަށް ވަނީ ވެފަ އެވެ.

ލިޔެކިޔުންތައް ދައްކާ ގޮތުން، ކުރިން ވެސް ތިމާވެށީގެ މިނިސްޓަރު ކަމުގައި ހުންނެވި ޑރ. ހުސެއިނަކީ އަމިއްލަ ކުންފުންޏެއްގެ ފައުންޑިން ޝެއާ ހޯލްޑަރެކެވެ. ނަމަވެސް، އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގައި އޭނާ ހިމެނިވަޑައިނުގަންނަވަ އެވެ.

ޑރ. ހުސެއިނަށް ރުހުން ދިނުމާމެދު ގޮތެއް ނުނިމި ވަނީ މީގެކުރިން ޑރ. އަބްދުﷲ މައުސޫމް، ޓޫރިޒަމް މިނިސްޓަރު ކަމަށް ރުހުން ދިނުމުގައި އަމަލުކޮށްފައިވާ ގޮތުން ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ މެންބަރުންގެ މެދުގައި ހިޔާލު ތަފާތުވުމުންނެވެ.

މިދިޔަ އަހަރުގެ ތެރޭގައި ޑރ. މައުސޫމްގެ ހުވަޔާ މެދު ސުވާލު އުފެދުނީ، ހުވާ ކުރެއްވިއިރު އަމިއްލަ ކުންފުންޏެއްގެ މެނޭޖިން ޑިރެކްޓަރު ކަމުގައި ހުންނެވުމުންނެވެ. ޑރ. މައުސޫމް އެ މަގާމުން އިސްތިއުފާ ދެއްވީ މިނިސްޓަރުކަމުގެ ހުވާ ކުރެއްވުމަށްފަހު އެވެ. އޭގެ ސަބަބުން ޑރ. މައުސޫމަށް ރުހުން ދީފައިވަނީ މިނިސްޓަރު ކަމުން އިސްތިއުފާ ދެއްވުމަށް ފަހު އަލުން ހުވާކުރެއްވުމުންނެވެ.

މެނޭޖިން ޑިރެކްޓަރަކީ ކުންފުނި ހިންގާ މީހާ ކަމުން އެ މަގާމުގަިއ ހުންނަ މީހާ ވިޔަފާރީގައި އަމަލީ ގޮތުން ބައިވެރިވާ ކަމަށް ބެލެވިދާނެ އެވެ. އެކަމުގައި ގާނޫނީ ހިޔާލު ތަފާތުވުމެއް ނެތެވެ. ނަމަވެސް، ޑރ. ހުސެއިންގެ އޮތީ އާންމު ހިއްސާއެކެވެ. އޭނާގެ އެއްވެސް ދައުރެއް އެ ކުންފުނީގެ ހިންގުމުގައި ނެތެވެ. އޭނާގެ ވަޒީފާއެއް، މަސައްކަތެއް އެ ކުންފުންޏެއްގައި ނެތެވެ. ބަހުސް ހުޅުވެނީ މިހާ ހިސާބުންނެވެ.

ވަޒީރަކު ކޮށްގެން ނުވާނެ ކަމެއްގެ ގޮތުގައި ގާނޫނުއަސާސީގެ 136 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވަނީ ވަޒީރުންގެ މަޖިލީހުގެ އެއްވެސް މެމްބަރަކު ސަރުކާރުގެ އެހެން މަގާމެއް އަދި ފައިދާއެއް ލިބޭ ފަދަ އެ ނޫން ވެސް މަގާމެއް ނުފުރުމެވެ. އަދި ވިޔަފާރިއެއް ހިންގުމުގައި އަމަލީ ގޮތުން ބައިވެރިވެ އާމްދަނީ ހޯދަން ފަންނީ މަސައްކަތެއްގައި ޝާމިލުވެ އާމްދަނީ ލިބޭ ފަދަ އެއްވެސް މަސައްކަތެއް ކޮށްގެން ނުވާނެ ކަމަށް ބަޔާންކޮށްފައިވެ އެވެ.

މެންބަރުންގެ ހިޔާލު ތަފާތު

ފުވައްމުލައް މެދު ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ދީދީ ވިދާޅުވި ގޮތުގައި ކުންފުންޏެއްގައި ހިއްސާ އޮތުމަކީ ވިޔަފާރިއެއްގައި އަމަލީ ގޮތުން ބައިވެރިވުން ކަމުގައި ނުބެލެވޭނެ އެވެ. އަދި ޑރ. ހުސެއިން ހުވާ ކުރުމުގެ މަރުހަލާ ރައީސް އޮފީހުން ވެސް ކުރިއަށް ގެންގޮސްފައިވާނީ ގާނޫނުއަސާސީއާ ހިލާފުނުވާތީ ކަމަށް ގަބޫލުކުރައްވާ ކަމަށް އޭނާ ވިދާޅުވެ އެވެ.

އެ ވާހަކަތަކަށް ބާރު ދެއްވަމުން ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ވިދާޅުވީ ޝެއާ ހޯލްޑަރުންނަކީ ކުންފުނީގެ ހިންގުމަށް ޒިންމާވާންޖެހޭ ބައެއް ނޫން ކަމެވެ.

ނަމަވެސް، މަނަދޫ ދާއިރާގެ މެމްބަރު އަހުމަދު ހާރޫން ދެކެވަޑައިގަންނަވާ ގޮތުގައި، ވަޒީރަކު ވިޔަފާރިއަކުން ފައިދާ ހޯދުން ގާނޫނުއަސާސީން ކަނޑައެޅިގެން މަނާކޮށްފައިވާއިރު ޑރ. ހުސެއިންއަށް ރުހުން ދިނުމުގެ މައްސަލަ ކުރިއަށް ނުގެންދެވޭނެ އެވެ.

ހާރޫންގެ ވާހަކަތަކަށް ތާއީދު ކުރައްވައި މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގް ވިދާޅުވި ގޮތުގައި މީގެ ކުރީގެ މަޖިލީހުން ވެސް އެ ކަމުގައި އަމަލުކޮށްފައިވަނީ ވަޒީރުންގެ ހިއްސާއެއް އެއްވެސް ކުންފުންޏެއްގައި ނޯންނަ ގޮތަށް ކަމަށެވެ.

އެގޮތުން، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވެރިކަމުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މިހާރުގެ މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ފިނޭންސް މިނިސްޓަރުގެ މަގާމަށް އައްޔަނުކުރެވުނު އިރު، ގާސިމްގެ ކުންފުނިތަކުގައި ހުރި ހިއްސާތައް ދޫކޮށްލެއްވިކަން ތޯރިގް ފާހަގަކުރެއްވި އެވެ. ޝެއާ ހޯލްޑަރުންނަށް ކުންފުނިން ފައިދާ ލިބޭއިރު، ވަޒީރެއްގެ ހިއްސާ ކުންފުންޏެއްގައި އޮތުމަކީ މަސްލަހަތު ފުށުއަރާ ކަމެއް ކަމަށް ވިދާޅުވެ އެވެ.

ނަމަވެސް، އެ ފަހުން ވެސް ބައެއް މިނިސްޓަރުންނަށް އާއްމު ހިއްސާއެއް ނުވަތަ ކުންފުންޏެއްގައި މަސްލަހަތު އޮތްވައި ރުހުން ދީފައިވެ އެވެ. އެގޮތުން ކުރީގެ އިކޮނޮމިކް މިނިސްޓަރު މަހުމޫދު ރާޒީއަށް ރުހުން ދީފައިވަނީ އޭނާގެ އާއްމު ހިއްސާއެއް ކުންފުންޏެއްގައި އޮއްވާ އެވެ. އަދި، މިހާރުގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްގެ މާލީ ބަޔާން ދައްކާ ގޮތުން، އޭނާގެ މަސްލަހަތު މިހާރު ވެސް ފަސް ކުންފުންޏެއްގައި އެބަ އޮތެވެ. ނަމަވެސް، އެއިން އެއްވެސް ކުންފުންޏެއް ހިންގުމުގައި އަމަލީ ގޮތުން މިނިސްޓަރު ފައްޔާޒުގެ ބައިވެރިވުމެއް ނެތެވެ.

ޑރ. ހުސެއިން: ރުހުން ދިނުމުގައި ވަނީ ހިޔާލު ތަފާތުވެފައި


ގާނޫނީ ބޭފުޅުން ބުރަވަނީ އެއް ފަޅިއަކަށް

ގާނޫނީ އިސް ގިނަ ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި އާއްމު ހިއްސާއެއް އޮތުމަކީ ގާނޫނު އަސާސީގެ 136 ވަނަ މާއްދާއާ ފުށު އަރާ ކަމެއް ނޫނެވެ. އެއީ، އާއްމު ހިއްސާ އޮތުމަކީ ވިޔަފާރީއެއްގައި އަމަލީ ގޮތުން ބައިވެރިވުމަކަށް އަދި އާމްދަނީ ލިބޭ އެހެން މަސައްކަތެއްކުރުން ނުވަތަ އެހެން ވަޒީފާއެއް އަދާކުރުން ކަމުގައި ނުވާތީ އެވެ.

"ގާނޫނީ ގޮތުން ބަލާއިރު ކުންފުންޏަކީ ކުންފުނީގެ ހިއްސާދާރުންނާ ވަކިން އުފެދިފައި އޮންނަ ޝަހުސެއް، ކުންފުނީގެ މުދަލަކީ ހިއްސާދާރުންގެ މުދަލެއް ނޫން، ކުންފުނީގެ ވަކި މުދަލެއް، އެހެންވީމަ ކުންފުނީގެ ހިއްސާއެއް އެއީ އެންމެ ހިއްސާއެއް ވިޔަސް ވަކި ހިއްސާއެއް ވިޔަސް، ހިއްސާއެއް އޮތުމަކީ ގާނޫނު އަސާސީ މަނާކުރާ ކަމެއް ނޫން،" މަދަނީ ބޮޑެތި ގިނަ މައްސަލަތަކެއްގައި ވަކާލާތު ކުރައްވާ ވަކީލް ޝަހުދީ އަންވަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ވިޔަފާރީއެއްގައި އަމަލީ ގޮތުން ބައިވެރިވުމަކީ ކުންފުނީގެ ބޯޑުގައި އިނުން ނޫނީ، ކުންފުނީގެ ވަޒީފާއެއްގައި ހުރުން ކަމަށާއި ކުންފުނީގެ ބޯޑުގައި ނެތި، ވަޒީފާއެއް އަދާނުކުރާ ކަމަށްވާނަމަ ގާނޫނު އަސާސީގެ 136 ވަނަ މާއްދާގައި ބުނާ ކޮށްގެން ނުވާނެ ކަންކަމުގެ ތެރޭގައި އެކަން ނުހިމެނޭނެ ކަމަށެވެ.

"ޕްރައިވެޓު ކުންފުނިތަކާއި ދިރާގު ބީއެމްއެލް ފަދަ ކުންފުނިތައް އެބަހުރި. އެ ކުންފުނިތަކުގައި ވެސް ވަޒީރުންގެ ހިއްސާ އޮތުމަކީ ވަރަށް އެކަށީގެންވާ ކަމެއް. އޭގެން އާމްދަނީ ވެސް ލިބިދާނެ އެކަމަކު ކުންފުންޏެއްގައި ހަމައެކަނި ހިއްސާއެއް އޮތުމަކީ މަނާ ކަމެއް ނޫން،" ޝަހުދީ ވިދާޅުވި އެވެ.

އޭނާ ފާހަގަ ކުރެއްވި ގޮތުގައި އެގޮތަށް އޮންނަ ހިއްސާއަކުން ލިބޭ އާމްދަނީ، ޖަވާބުދާރީވުމުގެ އުސޫލުގެ ތެރެއިން މާލީ ބަޔާން ހާމަކުރާއިރު އާންމު ކުރެވޭނެ ނިޒާމް ވެސް އެބަ އޮތް ކަމަށެވެ.

އެހެން ގާނޫނީ ވަކީލަކު ވެސް ފާހަގަ ކުރެއްވި ގޮތުގައި އާންމު ހިއްސާއަކުން މީހަކަށް ލިބޭ އާމްދަނީއަކީ، އެމީހަކު ގެއެއް ކުއްޔަށް ދޫކޮށްގެން ލިބޭ އާމްދަނީއާ އެއް ފަދަ އާމްދަނީއެކެވެ. މިހާރު ވެސް ގެ ކުއްޔަށް ދީގެން އާމްދަނީ ހޯއްދަވާ ވަޒީރުން އެބަ ތިއްބެވި އެވެ.

"ގެއެއް ކުއްޔަށް ދިނުމެކޭ އެއްފަދައިން އާންމު ހިއްސާއަކީ އޭނާގެ އިންވެސްޓްމެންޓެއް. އެއިން އޭނާއަށް ފައިދާއެއް ލިބިދާނެ، އެކަމަކު އެ ނުވާނެ ވިޔަފާރިއަކަށް، އެ ނުވާނެ ވަޒީފާއަކަށް އަދި މަސައްކަތަކަށް ވެސް،" އޭނާ ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލިސް: ޑރ. ހުސެއިނަށް ރުހުން ދިނުމުގެ މައްސަލާގައި ހިޔާލު ތަފާތުވި


ކުރިން މަޖިލީހުގެ މެންބަރުކަން ކުރެއްވި ގާނޫނީ ވަކީލަކު ވިދާޅުވި ގޮތުގައި، އާއްމު ހިއްސާއެއް އޮތުމަކީ ގާނޫނު އަސާސީގެ 136 ވަނަ މާއްދާއާ ހިލާފުވުން ކަމަށް ބަލާނެ އެއްވެސް ހަމައެއް ނެތް ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އެ މާއްދާގައި ބުނާ އެއްވެސް ނުކުތާއަކަށް އާއްމު ހިއްސާއެއް ނުފެތޭ ކަމަށެވެ. އެއީ، ޝެއާ ހޯލްޑަރަކުންނަކީ ކުންފުނީގެ މުވައްޒަފުން ނޫންކަން ކޯޓުގެ ހުކުމްތަކުން ވެސް ވަރަށް ސާފުވާތީ ކަމަށް އޭނާ ވިދާޅުވި އެވެ.

"ގާނޫނު އަސާސީގެ 136 ވަނަ މާއްދާގެ އެއްވެސް އަގުނެއްގެ ތެރެއަށް އާއްމު ހިއްސާއެއް އޮތުން ނުވަދޭ،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ގާނޫނު އަސާސީގެ 136 ވަނަ މާއްދާ އެގޮތަށް ލިޔުމުގެ މަގުސަދަކީ މިނިސްޓަރުކަން ކުރައްވާ ބޭފުޅަކު އެހެން މީހެއްގެ ވަޒީފާގައި ހުރެގެން އާމްދަނީއެއް ހޯދައި، ޑަބަލްކޮށް މަސައްކަތް ކުރުން ހުއްޓުވުން ކަމަށެވެ.

"މަގުސަދު ވަަރަށް ސާފު! އެއީ މިނިސްޓަރު ކަމުގެ މަސްއޫލިއްޔަތާއި ޒިންމާއަށް މުޅިން ހުސްވެ ހުރުމަށް އޭނާއަށް މަގުފަހިކުރުން އަދި މަޖުބޫރުވުން،" މަޖިލީހުގެ މެންބަރުކަން ކުރެއްވި ބޭފުޅާ ވިދާޅުވި އެވެ.

ކުރީގެ ޕްރޮސިކިއުޓާ ޖެނަރަލް މުހުތާޒު މުހުސިންގެ ވެސް ވިސްނުން ހުރީ އެގޮތަށެވެ. އޭނާ ވެސް ދެކެވަޑައިގަންނަވާ ގޮތުގައި، މިނިސްޓަރެއްގެ އާއްމު ހިއްސާއެއް ކުންފުންޏެއްގައި އޮތުމަކީ މައްސަލައެއް ނޫނެވެ. އެކަމަކު، އޭނާ ވިދާޅުވި ގޮތުގައި، މިކަން އޮޅުންނާރާ ގޮތަށް ސާފުވާން އެބަޖެހެ އެވެ.

"އެކި ފަހަރު އެކި ގޮތަށް މާނަ މި ކުރަނީ، މިކަމުގައި ސާފުކޮށް ނިންމުމެއް އަންނަން އެބަ ޖެހޭ، އެހެން ނޫނީ އެ އޮޅުން އަބަދު އަރާނެ،" މުހުތާޒު ވިދާޅުވި އެވެ.

ޑރ. ހުސެއިން ރަޝީދަށް އެންމެ ފުރަތަމަ ތިމާވެށީގެ މިނިސްޓަރު ކަމުގެ ރުހުން ދިނުމާމެދު ވެސް އާއްމު ހިއްސާއާ ގުޅިގެން މެންބަރުންގެ މެދުގައި ހިޔާލު ތަފާތުވި އެވެ. ނަމަވެސް، އޭރު ކޮމިޓީން ނިންމާފައި އޮތީ ރުހުން ދިނުމަށެވެ. އެގޮތަށް ނިންމީ، ހިއްސާއާމެދު ވަކި ގޮތެއް ކޮމިޓީން ނިންމުމެއް ނެތި އެވެ.

އެހެންކަމުން، މިކަމުގައި އަމަލު ކުރާނެ ގޮތެއް ފެންނަން އޮތް ނިންމުމެއް ނެތެވެ.

ސަރުކާރު މަސްއޫލިއްޔަތު ބަލާ ކޮމިޓީގެ މުގައްރިރު މުހައްމަދު ފަލާހު ވިދާޅުވި ގޮތުގައި މިކަން ތަކުރާރުވިޔަ ނުދިނުމަށްޓަކައި ޑރ. ހުސެއިންއަށް ރުހުން ދޭން ނިންމުމުގެ ކުރިން މަޖިލީހުގެ ކައުންސެލް ޖެނެރަލްގެ އިތުރުން ރައީސް އޮފީހުގެ ބަހެއް ހޯދުން މުހިއްމު ކަމަށެވެ. މިހާރު ވަނީ އެ ލަފާ ހޯދުމަށް ފޮނުވާފަ އެވެ. އެއާ އެކު ގޮތެއް ކަނޑައެޅިގެންދާނެ އެވެ.