Advertisement

ސަރުކާރު ދެމިއޮތުމަށް އެދޭ މީހުން ގާނޫނުލް އުގޫބާތަށް ހުށަހެޅި އިސްލާހަށް ތާއީދު ނުކުރާނެ ކަމަށް ޖޭޕީން ބުނެފި

5 ޖޫން 2021 - 21:12 1

ހަސަން މުހައްމަދު

ހަސަން މުހައްމަދު

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ރައީސް ސޯލިހާއެކު: ޖޭޕީގެ ބަޔާނުގައި ބުނެފައި ވަނީ ބިލު ތަސްދީގުވެއްޖެ ނަމަ އެއީ ދީނަށް ފުރައްސާރަ ކުރުމަށް ހުޅުވައިދެވޭނެ ގާނޫނީ ދޮރެއް ކަމަށް -- އަދަދު ފައިލް ފޮޓޯ


ސަރުކާރު ދެމިއޮތުމަށް އެދޭ މީހުން ގާނޫނުލް އުގޫބާތަށް ހުށަހެޅި އިސްލާހަށް ތާއީދު ނުކުރާނެ ކަމަށް ޖޭޕީން ބުނެފި

5 ޖޫން 2021 - 21:12 1

މުސްލިމަކީ ކާފަރެއް ކަމަށް ބުނުމާއި ވަކި މީހަކީ ދީނާ ދެކޮޅު މީހެއް ކަމަށް ބުނުން އެއީ ޖިނާއީ ކުށަކަށް ހަދަން ހުށަހެޅި ބިލް ފާސްވެއްޖެ ނަމަ އިސްލާމް ދީނަށް ފާޑުކިޔުމުގެ ދޮރު ހުޅުވައިދެވުނީ ކަމަށާއި ސަރުކާރު ދެމިއޮތުމަށް އެދޭ އެކަކު ވެސް ބިލަށް ތާއީދު ނުކުރާނެ ކަމަށް ޖުމްހޫރީ ޕާޓީން މިރޭ ބުނެފި އެވެ.

ނަފްރަތުގެ އަމަލު ހިންގުން ކުށަކަށް ހަދައި، އާންމު ތަންތަނުގައި މީހުން ކާފަރު ކުރުމާއި ދީނާ ދެކޮޅު މީހެއް ކަމަށް ތުހުމަތު ކުރުމާއި އަގީދާއާ ގުޅުވައި ނަފްރަތުގެ އަމަލު ހިންގުން ކުށަކަށް ހަދައި ގާނޫނުލް އުގޫބާތަށް ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން އިސްލާހެއް ހުށަހެޅުއްވީ މިދިޔަ ހަފްތާގަ އެވެ.

އެ އިސްލާހާމެދު ދެކޭ ގޮތް ހާމަކޮށް މާމިނގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމްގެ ޖުމްހޫރީ ޕާޓީގެ ފަރާތުން ނެރުނު ބަޔާނެއްގައި ބުނެފައި އޮތީ "ހުށަހަޅާފައިވާ ބިލް، ހުށަހަޅާފައިވާ މަފްހޫމާ އެއްގޮތަށް ފާސްކޮށް ގާނޫނަކަށްވެއްޖެ ނަމަ ދިވެހި މުޖްތަމައު އިތުރަށް ފިތުނަވެ ފަސާދަވުން ނޫން ގޮތެއް ނުވާނެކަން ހަމަކަށަވަރު" ކަމަށެވެ.

"އަޅުގަނޑުމެން ގަބޫލު ކުރާ ގޮތުގައި މި ސަރުކާރު ދެމިއޮތުމަށް ތާއީދު ކުރާ އެކަކު ވެސް ހުށަހެޅިފައިވާ ބިލު ހުށަހަޅާފައި އޮތް މަހްފޫމުގައި ފާސްކޮށް ގާނޫނަކަށް ހެދުމަށް ތާއީދެއް ނުކުރާނެ،" އެ ބަޔާނުގައި ބުނެފައިވެ އެވެ.

އެ އިސްލާހު ތަސްދީގުކޮށްފި ނަމަ މަޖިލީހާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އެ ހުޅުއްވަނީ އިސްލާމް ދީނަށް ފުރައްސާރަ ކުރާ މީހުންނަށް އެކަން ކުރަން ގާނޫނީ ދޮރެއް ކަމަށް ވެސް ޖޭޕީގެ ބަޔާނުގައި ބުންޏެވެ.

"[އިސްލާހު ތަސްދީގުވެއްޖެ ނަމަ] ރައްޔިތުންގެ މަޖިލީހާއި އެ ނޫން ވެސް ތަންތަނުގައި ﷲ ތައާލާގެ ހަޒްރަތަށާއި އެކަނލާންގެ ރަސޫލާ ސ.އ.ވ އަށް ފުރައްސާރަކޮށް އިސްލާމް ދީނާ ދެކޮޅަށް ފާޅުގައި ވާހަކަ ދައްކާ ހަދާ މީހުންނަށް އެ ހުޅުވާދެވުނީ އެކަން ކުރުމުގެ ގާނޫނީ ދޮރު،" ޖުމްހޫރީ ޕާޓީގެ ބަޔާނުގައިވެ އެވެ.

އިސްލާމް ދީނަށް ލޯބި ކުރާ އެއްވެސް ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ސަރުކާރުން ހުށަހެޅި ގޮތަށް ބިލު ފާސް ކުރުމަށް ވޯޓު ދެއްވަފާނެތޯ އެ ބަޔާނުގައި ސުވާލުކޮށްފައިވ އޮތެވެ. އަދި ބިލާ އެއްކޮޅަށް ވޯޓު ދީފި ނަމަ އެއީ މެންބަރު ކަމުގެ ހުވަޔާ ހިލާފުވުން ނޫންތޯ ވެސް ޖޭޕީގެ ބަޔާނުގައި ސުވާލު އުފައްދާފައިވެ އެވެ.

ސަރުކާރުން ގާނޫނުލް އުގޫބާތަށް ހުށަހެޅި އިސްލާހާއެކު ކުރިމަތިވި ޕްރެޝަރުތަކަށްފަހު، އިސްލާމް ދީނަށް ފުރައްސާރަ ކުރުމަކީ ވެސް ކުށެއް ކަމަށް ހަދައި އެކަން ތަފްސީލުކޮށް ބިލެއް ތައްޔާރު ކުރައްވަމުން ގެންދަވާ ކަމަށް ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތު އޮތީ ވިދާޅުވެފަ އެވެ.

މީހުން ކާފަރު ކުރުމާއި އަގީދާއާ ގުޅުވައިގެން އެކި ތުހުމަތުތައް ކުރުން މަނާ ކުރުމުގެ މަސައްކަތް ސަރުކާރުން މި ކުރަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ބަޔަކު މިދިޔަ މެއި، 6، ގައި ބޮމެއް ގޮއްވާލާފައި އޮއްވަ އެވެ.

ދީނީ ގޮތުން ހަރުކަށި ފިކުރެއް ގެންގުޅޭ ކަމަށް ޝައްކު ކުރެވޭ ބަޔަކު ބޮން ގޮއްވާލީ މަޖީދީ މަގާއި ނަޝީދު ދިރިއުޅުއްވާ ގ. ކެނެރީގެ ހުންނަ ނީލޯފަރު މަގު ކަންމަތީގައި ސައިކަލެއްގަ ބޮން ހަރުކޮށްގެނެވެ. އެ ހަމަލާގައި ނަޝީދު ވަރަށް ބޮޑަށް ޒަހަމްވެވަޑައިގެންނެވިއިރު ފުރާނަފުޅު ސަލާމަތް ކުރެވުނީ މެދުނުކެނޑި ކުރި 16 ގަޑިއިރުގެ ސާޖަރީތަކަކަށްފަހު ކަމަށް ހޮސްޕިޓަލުން ބުނެފައިވެ އެވެ.