Advertisement

ޓޫރިޒަމަށް ދިވެހިން ބިނާކުރުމުގައި ކާމިޔާބު ފޯ ސީޒަންސްގެ އެޕްރެންޓިސް ޕްރޮގްރާމް ފަށައިފި

6 ޖޫން 2021 - 11:32 0

އަމަން ހަލީމް

އަމަން ހަލީމް

ފޯ ސީޒަންސްގެ ހައުސްކީޕިން މުވައްޒަފެއް: ފޯ ސީޒަންސްއިން ހިންގާ އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ ރާއްޖޭގައި ހިންގާ އެންމެ ކާމިޔާބު އެޕްރެންޓިސްޝިޕް ޕްރޮގްރާމް -- ފޮޓޯ ފޯ ސީޒަންސް ރިސޯޓްސް


ޓޫރިޒަމަށް ދިވެހިން ބިނާކުރުމުގައި ކާމިޔާބު ފޯ ސީޒަންސްގެ އެޕްރެންޓިސް ޕްރޮގްރާމް ފަށައިފި

6 ޖޫން 2021 - 11:32 0

ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ބޭނުންވާ ދިވެހިން ތަމްރީނުކުރަން ހިންގާ ފޯ ސީޒަންސްގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމު މި އަހަރު 44 ބައިވެރިންނާ އެކު ފަށައިފި އެވެ.

ފޯ ސީޒަންސްގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ ފަތުރުވެރިކަމުގެ އެކި ވަޒީފާތަކަށް ބޭނުންވާ ފަންނީ އިލްމާއި ތަޖުރިބާ ދިވެހިންނަށް ދޭން ހިންގާ ކާމިޔާބު ޕްރޮގްރާމެކެވެ. މި އެޕްރެންޓެސްޝިޕް ޕްރޮގްރާމް ހިންގާތާ ވިހި އަހަރު ވެއްޖެ އެވެ.

ނަމަވެސް ހުސްވި އަހަރު ކޮވިޑުގެ ސަބަބުން ދިމާވި ގޮންޖެހުންތަކާއި ގުޅިގެން މި ޕްރޮގްރާމަށް އެއްވެސް ބައިވެރިއަކު ނަގާފައެއް ނުވެ އެވެ. އަދި މި އަހަރުގެ ޕްރޮގްރާމު ހިންގަނީ ވެސް އެހެން އަހަރުތަކަށް ވުރެ މަދު ބައިވެރިންތަކަކާ އެކީގަ އެވެ.

މި ފަހަރުގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމުގެ ބައިވެރިންގެ ތެރެއިން 12 ދަރިވަރަކު ތިބޭނީ ފޯ ސީޒަންސް ކުޑަ ހުރާގަ އެވެ. އަދި ބާކީ ތިބި 32 ދަރިވަރުން ތިބޭނީ ފޯ ސީޒަންސް ލަނޑާ ގިރާވަރުގަ އެވެ.

މި ބައިވެރިންނާ އެކު މި ޕްރޮގްރާމް ފަށަން ޒޫމްއިން ބޭއްވި ވާޗުއަލް ހަފްލާއެއްގައި އެ ދެ ރިސޯޓުގެ މެނޭޖްމަންޓާއި މުވައްޒަފުން ބައިވެރިވި އެވެ. އެ ރަސްމިއްޔާތު ބްރަސްލްގައި ހުންނަވާ ޝަރަފުވެރިކޮށްދެއްވީ ރާއްޖޭގެ ޔޫރަޕިއަން ޔޫނިއަންގެ ހެޑް އޮފް މިޝަން އަދި ބެލްޖިއަމްއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހަސަން ސޯބިރެވެ.

ފޯ ސީޒަންސްގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމުގެ ބައިވެރިންތަކެއް


ފޯ ސީޒަންސްގެ އެޕްރެންޓިސްޝިޕްގައި މި އަހަރު އާ ދެ ދާއިރާއަކުން ކިޔެވުމުގެ ފުރުސަތު އޮންނާނެ އެވެ. އެއީ ސޭފް މެރިޓައިމް ޓްރާންސްޕޯޓް އެންޑް ބޯޓް މެކޭނިކް އަދި ފްރަންޓް އޮފީސް އެންޑް ރެކްރިއޭޝަން އެޓެންޑެންޓް ދާއިރާ އެވެ.

ދެ އަހަރަށް ދެމިގެންދާ މި ޕްރޮގްރާމުގެ ތެރެއިން ކިޔަވައިދޭ އެހެން ދާއިރާތަކަކީ ފުޑް އެންޑް ބެވަރޭޖް ޕްރިޕަރޭޝަން އެންޑް ސާވިސް، ހައުސްކީޕިން އެންޑް ގެސްޓް ސާވިސް، ޕެޑީ ޑައިވް މާސްޓާ، ވޯޓާ ސްޕޯޓްސް އެޓެންޑެންޓް، މެރިން ބަޔޮލޮޖީ އެވެ.

ދެ ޖިންސުގެ ދިވެހި ޒުވާނުންނަށް ހުޅުވާލައިގެން ބާއްވާ މި ޕްރޮގްރާމުގެ ތެރެއިން މިހާތަނަށް 651 ދަރިވަރަކު ދަސްވެނިވެއްޖެ އެވެ. އަދި އޭގެ ތެރެއިން ގިނަ ބަޔަކު ވަނީ ފަތުރުވެރިކަމުގެ ދާއިރާގައި ފާހަގަކުރެވޭ ކާމިޔާބީތަކެއް ހޯދާފަ އެވެ.