Advertisement

ޑިފެންސްގެ ނައިބަށް ދައުވާކޮށްދޭން އެދި މަޖިލީހުން ޕީޖީއަށް

5 ޖޫން 2021 - 18:02 1

ނާޒިމް ހަސަން

ނާޒިމް ހަސަން

ޑިފެންސް މިނިސްޓްރީގެ ނައިބު މިނިސްޓަރު ޒަމީލު: އޭނާގެ މައްޗަށް ދައުވާކޮށް ދޭން ވަނީ އެދިފައި


ޑިފެންސްގެ ނައިބަށް ދައުވާކޮށްދޭން އެދި މަޖިލީހުން ޕީޖީއަށް

5 ޖޫން 2021 - 18:02 1

ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒަށް އަރައިގެންފައިވާ ކަމަށް ބުނެ ޑިފެންސް މިނިސްޓްރީގެ ނައިބު މިނިސްޓަރު ހަސަން ޒަމީލުގެ މައްޗަށް ދައުވާކޮށްދޭން މަޖިލީހުން ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ)ގެ އޮފީހުން އެދިއްޖެ އެވެ.

މަޖިލީހުގެ ފަރާތުން އެކަމަށް އެދި ޕީޖީއަށް ސިޓީއެއް ފޮނުވާފައިވާކަން އެ އޮފީހުގެ އޮފިޝަލަކު ވަނީ "އަދަދު"އަށް ޔަގީންކޮށްދެއްވައިފަ އެވެ. އެކަމަކު ރަސްމީކޮށް ޕީޖީ އޮފީހުން އަދި އެއްޗެއް ނުބުނެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އެންގެވުމަށް ފޮނުއްވި ސިޓީގައި އެދިވަޑައިގެންފައި ވަނީ މަޖިލީހުގެ އިމްތިޔާޒާ ބެހޭ ގާނޫނުގެ ދަށުން ޒަމީލުގެ މައްޗަށް ދައުވާކޮށް ދިނުމަށެވެ.

ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާ ގުޅޭ އިންކުއަރީއެއް މަޖިލީހުގެ 241 ކޮމިޓީން ކުރަމުންދާއިރު، އެ ކޮމިޓީއަށް ވަކިވަކި ސިފައިން ހާޒިރު ނުކުރެވޭނެ ކަމަށް ބުނެ ޑިފެންސް މިނިސްޓްރީން ސިޓީއެއް ފޮނުވި އެވެ. މަޖިލީހަށް ޑިފެންސް މިނިސްޓްރީން ފޮނުވި އެ ސިޓީގައި ސޮއި ކުރައްވާފައިވަނީ ޒަމީލެވެ.

ޒަމީލު ސޮއިކުރައްވާފައިވާ ސިޓީގައި ބުނެފައިވާ ގޮތުގައި އިންކުއަރީއަށް ވަކިވަކި ސިފައިން ޖަވާބުދާރީ ނުކުރެވޭނެ އެވެ. އެކަމުގައި ޖަވާބުދާރީވާނީ މުޅި މުއައްސަސާއިންނެވެ.

ނަމަވެސް، މަޖިލީހުން މިހާރު ވެސް އަންނަނީ ވަކިވަކި ސިފައިން ހާޒިރުކުރުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން 40 ސިފައިން ހާޒިރުކުރަން ކޮމިޓީން ނިންމާފައިވާކަން ވަނީ އެނގިފަ އެވެ. އޭގެއިތުރުން ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ހާޒިރުކުރަން ވެސް ވަނީ ނިންމާފަ އެވެ.

މިއަދު ވަނީ މަޖިލީހުގެ އިންކުއަރީއަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދާއި އެހެން ބައެއް އިސް އޮފިސަރުން ވެސް ހާޒިރުކޮށްފަ އެވެ.

ގާނޫނުއަސާސީގެ އިތުރުން ވަކިވަކި ސިފައިން ކޮމިޓީއަށް ހާޒިރުކޮށް ސުވާލެއް ނުކުރެވޭނެ ކަމަށް ޑިފެންސް މިނިސްޓްރީން ބުނަމުންދާއިރު އެކަމުގައި މަޖިލީހުގެ ވިސްނުން މުޅިން ތަފާތެވެ.

މަޖިލީހަށް ވަކިވަކި ސިފައިން ހާޒިރުކޮށް ސުވާލުކުރެވިދާނޭ ކަމަށް މަޖިލީހުން ދެކެނީ ގާނޫނު އަސާސީއަށާއި މަޖިލީހުގެ ގަވާއިދާއި ކުރީގެ ސުޕްރީމް ކޯޓުން މަޖިލީހަށް ދީފައިވާ އިސްތިޝާރީ ލަފައަކަށް ބިނާކޮށެވެ.

ސުޕްރީމް ކޯޓުން ނެރެފައި އޮތް އިސްތިޝާރީ ލަފާގައި ބުނެފައި އޮންނަނީ، ސިފައިންނާއި ފުލުހުންނާއި ސަރުކާރުގެ ނުވަތަ ދައުލަތުގެ މަގާމެއްގައި ހުރި މީހަކު ވިޔަސް މަޖިލީހަށް ހާޒިރުކޮށް ސުވާލުކުރުމަކީ މަޖިލީހަށް ލިބިގެންވާ ބާރެއް ކަމަށް ގާނޫނު އަސާސީ ގައި ބުނެފައި އޮންނަ ކަމަށެވެ.

ދިރިއުޅުއްވާ ގެކޮޅު ކައިރިން، ކާރަށް އަރައިވަޑައިގަންނަވަނިކޮށް ބާރުގަދަ އައިއީޑީއެއް ގޮއްވާލައިގެން ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާގައި އެމަނިކުފާނު ވަރަށް ބޮޑަށް ޒަހަމްވެވަޑައިގަތެވެ. ނަޝީދުގެ ފުރާނަ ސަލާމަތްކުރަން އޭޑީކޭ ހޮސްޕިޓަލުގެ ޑޮކްޓަރުންގެ ހާއްސަ ޓީމަކުން ގިނަ ސާޖަރީތައް ކުރުމަށް ފަހު އެމަނިކުފާނު މިހާރު ހުންނެވީ އިތުރު ފަރުވާއަށް ޖަރުމަނުގަ އެވެ.

ނަޝީދަށް ދިން ހަމަލާއާ ގުޅިގެން މިހާތަނަށް ހަތަރު މީހަކު ވަނީ ހައްޔަރު ކޮށްފަ އެވެ. އެ ހަތަރު މީހުންނަކީ ވެސް ހަރުކަށި ފިކުރާ ގުޅުން އޮތް މީހުން ކަމަށް ބެލެވޭކަމަށް ފުލުހުން ބުނެފައިވެ އެވެ.

ކޮމިޓީގެ ރިޕޯޓު އަންނަ މަހުގެ ނިޔަލަށް ނިންމަން އަމާޒުހިފާފައިވާއިރު، މި އިންކުޔަރީގެ ތެރެއިން ކޮމިޓީން ފާހަގަކުރެވޭ މައްސަލަތަކާއި ރަނގަޅު ކުރަންޖެހޭ ހުރިހާ ކަމެއް ހުށަހެޅުންތަކުގެ ތެރޭގައި ރިޕޯޓުގައި ހިމެނިގެންދާނެ ކަމަށް ބުނެފައިވެ އެވެ.