Advertisement

ހުޅުމާލޭގައި ހެދިކާ ޓެންޓުތަަކަށް ހާއްސަ ޕާކުތަކެއް ތަރައްގީކުރަނީ

5 ޖޫން 2021 - 18:16 0

އަމަން ހަލީމް

އަމަން ހަލީމް

ހުޅުމާލެ ފޭސް އެކެއް -- ފޮޓޯ: ގެޓީ އިމޭޖްސް


ހުޅުމާލޭގައި ހެދިކާ ޓެންޓުތަަކަށް ހާއްސަ ޕާކުތަކެއް ތަރައްގީކުރަނީ

5 ޖޫން 2021 - 18:16 0

ހުޅުމާލޭގައި ފޭސް އެކެއްގައި ހެދިކާ ބަހައްޓާ ތަންތަން އިމާރާތްކުރާނީ ޕާކެއް ހިމެނޭ ގޮތަށް ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ބުނެފި އެވެ.

މިދިޔަ އަހަރުގެ ތެރޭގައި އެޗްޑީސީން ވަނީ ހެދިކާ ޓެންޓުތައް މަރާމާތުކުރުމުގެ މަސައްކަތާއި ހެދިކާ ޓެންޓުތައް އެހެން ސަރަހައްދަކަށް ބަދަލުކުރުމުގެ މަސައްކަތް ފަށައިފަ އެވެ.

މިކަމާ ގުޅިގެން އެ ޓެންޓުތައް ހިންގާ ފަރާތްތަކުގެ ހިތްހަމަނުޖެހުން ހުރި ނަމަވެސް، ގެންނަ ބަދަލުތަކުގެ ސަބަބުން ހެދިކާ ވިއްކާ ފަރާތްތަކަށް ދަތި ނުވާނެ ކަމަށް އެޗްޑީސީން ބުންޏެވެ.

ހެދިކާ ޓެންޓު މަޝްރޫއާ ގުޅިގެން މިއަދު އެޗްޑީސީން ބުނީ މި ޓެންޓުތަކާއި ޕާކުތައް ހުޅުމާލެ ނެއިބާހުޑް 1، 2 އަދި 3 ގައި އިމާރާތްކުރާނެ ކަމަށެވެ.

ކުރިން ހުރި ޓެންޓުތަކެއް ނުހުންނާނެ، އާ ޓެންޓުތަކަށް ޖެހޭނީ އެދެން

އެޗްޑީސީން މިހާރު ވެސް ވަނީ ހެދިކާ ޓެންޓު ހިންގަން 30 ފަރާތަަކަށް ހުއްދަ ދޫކޮށްފަ އެވެ. މި ޓެންޓުތައް ހުންނަނީ ފްލެޓްތައް ކައިރީގަ އެވެ. ނަމަވެސް މިހާރު ހިންގަން ރާވާފައިވާ ހެދިކާ ޓެންޓު މަޝްރޫއު ނިމުމުން މި ޓެންޓުތައް ނަގާނެ އެވެ.

އެޗްޑީސީގެ މީޑީއާ އޮފިޝަލް "އަދަދު" އަށް ވިދާޅުވީ ހެދިކާ ހަދާ ޓެންޓުތަކަށް އެދެން ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށެވެ.

މި ފުރުސަތު ހުޅުވާލުމުން މިހާރު ހެދިކާ ޓެންޓުތައް ހިންގާ ފަރާތްތަކުން ވެސް ޖެހޭނީ ހެދިކާ ޓެންޓަކަށް އެދެންށެވެ. މިހާރު ޓެންޓެއް ހުންނަ މީހުން ވެސް ޖެހޭނީ ޓެންޓަކަށް އެދޭށެވެ.

ހުޅުމާލޭގައި ހުންނަ ހެދިކޭ ޓެންޓު ނަމްބަރު 15 -- ފޮޓޯ: ފޭސްބުކް


ހުޅުމާލޭގައި ހުންނަ ހެދިކާ ޓެންޓުތަކަކީ އާންމުންގެ މެދުގައި މަގުބޫލު ތަންތަނެވެ. މި ވިޔަފާރީގައި ގިނައިން އުޅެނީ ގޭގައި ތިބެގެން އާމްދަނީ ހޯދަން މަސައްކަތްކުރާ އަންހެނުންނެވެ.