Advertisement

މީހަކު ޖާމިނުކޮށް ފުރައިގެން ނުދެވޭ ގޮތް ހަދައިފި

5 ޖޫން 2021 - 10:47 0

ނާޒިމް ހަސަން

ނާޒިމް ހަސަން

ސުޕްރީމް ކޯޓު: މީހަކު ޖާމިނުކޮށްފައި ފުރައިގެން ނުދެވޭ ގޮތް ހަދައިފި - ފޮޓޯ: ހުސެއިން ވަހީދު / އަދަދު


މީހަކު ޖާމިނުކޮށް ފުރައިގެން ނުދެވޭ ގޮތް ހަދައިފި

5 ޖޫން 2021 - 10:47 0

ޖާމިނުވާ މީހަކު ކަނޑައެޅުމަށްފަހު، ރާއްޖެއިން ބޭރަށް ފުރައިގެން ނުދެވޭ ގޮތަށް ޝަރީއަތް ކުރުމާ ބެހޭ އިޖުރާއަތުގެ ގަވައިދަށް އިސްލާހު ގެނެސްފި އެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނު ދަށުން އެކުލަވާލާފައިވާ އެ ގަވައިދަށް ބައެއް އިސްލާހުތައް ގެނެސް، ސުޕްރީމް ކޯޓުން މިހާރު ވަނީ އާންމުކޮށްފަ އެވެ. އާ ގަވައިދަށް އަންނަ އަމަލު ކުރަން ފަށާނީ މި މަހުގެ 15 ވަނަ ދުވަހުން ފެށިގެންނެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަންދުގައި ހުންނަ މީހަކަށް، އެހެން މީހަކު ޖާމިނުވެއްޖެނަމަ ދޫކުރެވިދާނެ ކަމަށް ބަޔާންކޮށްފައިވެ އެވެ. ގާނޫނުގައިވާ ގޮތުން މީހަކު ފިލައިގެން ނުދާނެ ކަމާއި ކުށެއް ނުކުރާނެ ކަމުގެ ޔަގީންކަމާއެކު މީހަކަށް ޖާމިނުވެވޭނީ ބަންދުގައި ހުންނަ މީހެއްގެ މަތިންނެވެ.

ނަމަވެސް، ޝަރީއަތް ކުރުމާ ބެހޭ އިޖުރާއަތުގެ ގަވައިދުގައި މީހެއްގެ ޕާސްޕޯޓް ދޫކޮށް، ފުރައިގެން ދިޔުމުގެ ހުއްދަ ދޭން ވެސް އެހެން މީހަކަށް ޖާމިނުވެވިދާނެ އެވެ. އަލަށް ގެނައި އިސްލާހުގައި ސުޕްރީމް ކޯޓުން ވަނީ އެ މާއްދާ އުވާލާފަ އެވެ.

މި މާއްދާ އުވާލާފައިމިވަނީ، އެ މާއްދާގެ ދަށުން ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓް ދޫކޮށް ފުރައިގެން ދާން ކުރިމިނަލް ކޯޓުން ހުއްދަ ދީފައިވަނިކޮށެވެ. އަލީ ވަހީދުގެ މައްޗަށް ޖާމިނުވެފައިވަނީ ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ އެވެ.

އަސްހަދު އަލީ އިގުރާރުވެފައިވަނީ ހަތަރު މަސް ފަހުން އަލީ ވަހީދު ރާއްޖެ އަންނާނެ ކަމަށެވެ. އެ މުއްދަތު މި މަހުގެ ނުވަ ވަނަ ދުވަހަށް ހަމަވާނެ އެވެ. އެ ދުވަހަށް ކުރިމިނަލް ކޯޓުން ވަނީ އަޑުއެހުމެއް ވެސް ތާވަލުކޮށްފަ އެވެ.

އަސްހަދު ޖާމިނުވެގެން އަލީ ވަހީދުގެ ޕާސްޕޯޓް ދޫކުރީ ގޯސްކޮށް ކަމަށް ކަނޑައަޅައިދޭން އެދި ދައުލަތުން ހައިކޯޓާއި ސުޕްރީމް ކޯޓަށް ވެސް ދިޔަ އެވެ. ނަމަވެސް، އެ ދެ ކޯޓުން ވެސް ނިންމީ އަލީ ވަހީދުގެ ޣައިރު ހާޒިރުގައި މައްސަލަ ނުބެލޭނެ ކަމަށެވެ.