Advertisement

އިންކުއަރީ ކޮމެޓީއަށް ސީޕީ ހަމީދު ހާޒިރުކޮށްފި

5 ޖޫން 2021 - 10:37 0

އަހުމަދު ސާއިލް އަލީ

އަހުމަދު ސާއިލް އަލީ

ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މިއަދު ކޮމިޓީއަށް ހާޒިރުވެވަޑައިގަންނަވަނީ: އެ ކޮމެޓީއަށް ފުރަތަމަ ހާޒިރު ކުރަނީ ފުލުހުންނާއި ސިފައިން ކަމަށްވޭ --


އިންކުއަރީ ކޮމެޓީއަށް ސީޕީ ހަމީދު ހާޒިރުކޮށްފި

5 ޖޫން 2021 - 10:37 0

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން މާލޭގައި ބޮން ގޮއްވާލި މައްސަލައިގެ މައުލޫމާތު ހޯދުމަށް ރައްޔިތުންގެ މަޖިލީހުން ފަށާފައިވާ ޕާލިމަންޓަރީ އިންކުއަރީއަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މިއަދު ހާޒިރުކޮށްފި އެވެ.

ސަލާމަތާއި ހިދުމަތްތަކާބެހޭ ކޮމިޓީއަށް ހަމީދު ހާޒިރު ކުރީ ސަލާމަތީ ހިދުމަތްތަކުގެ އިންޓެލިޖެންސް ނިޒާމުގެ ކަންކަން އޮޅުންފިލުވުމަށެވެ.

ޕޮލިސް ކޮމިޝަނަރު މަޖިލީހަށް ހާޒިރުކޮށްފައި މިވަނީ ވަކިވަކި ސިފައިން މަޖިލީހަށް ހާޒިރު ނުކުރެވޭނެ ކަމަށް ސިފައިން ބުނުމުން އެކަން ހޫނުވެފައި އޮއްވަ އެވެ.

އެނގިފައިވާ ގޮތުގައި މަޖިލީހުގެ 241 ކޮމެޓީއަށް އެންމެ ފުރަތަމަ ހާޒިރުކުރަން ނިންމާފައި ވަނީ ވަކިވަކި ފުލުހުންނާއި ސިފައިންނެވެ. ޕޮލިސް ކޮމިޝަނަރާއެކު ފުލުހުންގެ ތެރޭގައި އިސްކޮށް ތިއްބެވި ފަސް ބޭފުޅަކާ ސުވާލުކުރަން ކޮމެޓީން ބޭނުންވާ ކަމަށްވެ އެވެ.

ވަކިވަކި ސިފައިން މަޖިލީހަށް ހާޒިރު ނުކުރެވޭނެ ކަމަށް ސިފައިން ބުނަނީ ކޮމިޓީއަށް ހާޒިރުކުރަން ބޭނުންވާ މީހުންގެ ލިސްޓުގައި 40 ވަރަކަށް ސިފައިން ހިމަނާފައި އޮއްވަ އެވެ.

ވަކިވަކި ސިފައިން މަޖިލީހަށް ހާޒިރު ނުކުރެވޭނޭ ކަމަށް ބުނެ ސިފައިން ނެރުނު ބަޔާނުގައި ހަވާލާދީފައި އޮތް އެއް މާއްދާއަކީ ސިފައިންގެ ގާނޫނުގެ 24 ވަނަ މާއްދާ އެވެ. އެ މާއްދާގައި ބުނެފައި އޮންނަނީ ސިފައިންގެ މީހެއްގެ ހައިސިއްޔަތުން ލިބޭ މައުލޫމާތުތައް އެ މާއްދާގައި ބުނެފައިވާ ފަރާތްތަކަށް މެނުވީ ހާމަކޮށްގެން ނުވާނެ ކަމަށެވެ. އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލީހެއް ނުހިމެނެ އެވެ.

އެހެންކަމުން ސިފައިންގެ ވަކިވަކި މީހުން މަޖިލީހަށް ހާޒިރުކުރި ނަމަވެސް ވަޒީފާގެ ހައިސިއްޔަތުން ލިބިފައިވާ މައުލޫމާތު ހާމަކުރުން އެ ގާނޫނު ހުއްދައެއް ނުކުރާ ކަމަށް އެމްއެންޑީއެފުން ދެކެ އެވެ.

ނަމަވެސް، އެކަމުގައި މަޖިލީހުގެ ހިޔާލުތަފާތެވެ. މަޖިލީހަށް ވަކިވަކި ސިފައިން ހާޒިރުކޮށް ސުވާލުކުރެވިދާނޭ ކަމަށް މަޖިލީހުން ދެކެނީ ގާނޫނު އަސާސީއަށާއި މަޖިލީހުގެ ގަވާއިދާއި ކުރީގެ ސުޕްރީމް ކޯޓުން މަޖިލީހަށް ދީފައިވާ އިސްތިރާޝީ ލަފައަކަށް ބިނާކޮށެވެ.

ސުޕްރީމް ކޯޓުގެ ލަފާގައި ވަނީ 2011، މާޗް 10 ވަނަ ދުވަހު ނެރެފައިވާ އެ އިސްތިޝާރީ ލަފާގައި ބުނެފައި އޮންނަނީ، ސިފައިންނާއި ފުލުހުންނާއި ސަރުކާރުގެ ނުވަތަ ދައުލަތުގެ މަގާމެއްގައި ހުރި މީހަކު ވިޔަސް މަޖިލީހަށް ހާޒިރުކޮށް ސުވާލުކުރުމަކީ މަޖިލީހަށް ލިބިގެންވާ ބާރެއް ކަމަށް ގާނޫނު އަސާސީ ގައި ބުނެފައި އޮންނަ ކަމަށެވެ.

ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ވަކިވަކި ސިފައިން މަޖިލީހަށް ޖަވާބުދާރީވާން ނުޖެހޭނެ ކަމަށް އެމްއެންޑީފުން ބުނާއިރު، މަޖިލީހުގެ ރޫހު ހުރީ ދޫ ދޭ ގޮތަކަށް ނޫނެވެ.

ދިރިއުޅުއްވާ ގެކޮޅު ކައިރިން، ކާރަށް އަރައިވަޑައިގަންނަވަނިކޮށް ބާރުގަދަ އައިއީޑީއެއް ގޮއްވާލައިގެން ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާގައި އެމަނިކުފާނު ވަރަށް ބޮޑަށް ޒަހަމްވެވަޑައިގަތެވެ. ނަޝީދުގެ ފުރާނަ ސަލާމަތްކުރަން އޭޑީކޭ ހޮސްޕިޓަލުގެ ޑޮކްޓަރުންގެ ހާއްސަ ޓީމަކުން ގިނަ ސާޖަރީތައް ކުރުމަށްފަހު އެމަނިކުފާނު މިހާރު ހުންނެވީ އިތުރު ފަރުވާއަށް ޖަރުމަނުގަ އެވެ.

ނަޝީދަށް ދިން ހަމަލާއާ ގުޅިގެން މިހާތަނަށް ހަތަރު މީހަކު ވަނީ ހައްޔަރު ކޮށްފަ އެވެ. އެ ހަތަރު މީހުންނަކީ ވެސް ހަރުކަށި ފިކުރާ ގުޅުންއޮތް މީހުން ކަމަށް ބެލެވޭކަމަށް ފުލުހުން ބުނެފައިވެ އެވެ.