5 ޖޫން 2021 - 09:03 0
މުހައްމަދު ވިޝާމް
ސިނަމާލެ ބުރިޖު ކައިރިން އެމްބިޔުލަންސެއް ދުއްވާފައި ދަނީ: ކޮވިޑު ބަލިމީހުންނަށް ކޮންމެ އެމްބިޔުލަންސަކަށް ވެސް ގުޅޭ ގޮތަށް އުސޫލު ބަދަލުކުރަނީ. -ފޮޓޯ: ހުސެއިން ވަހީދު/ އަދަދު
5 ޖޫން 2021 - 09:03 0
ސިއްހީ ހިދުމަތްދޭ ކޮންމެ ތަނަކަށް ގުޅުމުން ވެސް އެމްބިއުލާންސް ފޮނުވަން ޖެހޭ ގޮތަށް އުސޫލު ބަދަލުކުރަން ހެލްތު މިނިސްޓްރީން މަސައްކަތް ފަށައިފި އެވެ.
އެ މަސައްކަތް ފެށީ ކޮވިޑުގައި އަންގާރަ ދުވަހުގެ ރޭ މަރުވި 10 އަހަރުގެ ކުއްޖާގެ ހާލަތު ގޯސްވީ އިރު ވެސް އެމްބިއުލާންސް ނުފޮނުވާ ދެ ގަޑިއިރަށް ވުރެ ގިނައިރު ހޭދަވެ ބޮޑު އިހުމާލެއް ހިނގައިފައިވުމުންނެވެ. ކޮވިޑު ޖެހިގެން ރާއްޖެއިން އެންމެ ފުރަތަމަ މަރުވި ކުޑަކުއްޖާ، ހދ. ކުޅުދުއްފުށީ، ލާޖަހާގޭ، ފާތިމަތު މިޝްކާ މުހައްމަދަށް ފަރުވާ ދިނުމުގައި ބޮޑެތި ގޯސްތަކެއް ހަދާފައިވާކަން އެ ކަން ތަހުގީގުކޮށް މިނިސްޓްރީން އާއްމުކުރި ރިޕޯޓުން ހާމަވެ އެވެ.
މިޝްކާގެ ކޭހަކީ އެމަޖެންސީ ހާލަތެއް ކަމަށް ބެލިފައިނެތް ކަމަށާއި، އެމްބިއުލާންސް ޓްރިގާ ކުރަންޖެހޭ ވަގުތުގައި އެކަން ކޮށްފައިނުވާ ކަމަށް ރިޕޯޓުގައި ބުނެފައި ވެ އެވެ. އަދި ކޯލް ލޮގުތަކަށް ބަލާއިރު، މިޝްކާގެ ހާލު ވަޒަންކުރުމާއި ފަރުވާ ބޭނުންވާ އަވަސް މިން ކޯލް ސެންޓަރަށް ބެލިފައިނުވާކަން ފާހަގަ ކުރެވޭކަމަށް އެ ރިޕޯޓުގައި ބުންޏެވެ.
އެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި، އެމްބިއުލާންސް ނުފޮނުވި ދެ ގަޑިއިރާއި 26 މިނެއްޓު ހޭދަވެފައިވާ ކަމަށެވެ. އެއާއެކު ކޮވިޑު ބަލި މީހުންނަށް ފަރުވާ ދިނުމުގައި މިހާރު ހަމަޖެހިފައިވާ ނިޒާމަށް ބޮޑެތި ބަދަލުތައް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.
ކޮވިޑަށް ޕޮޒިޓިވް ފަރާތްތަކުން އެމްބިއުލާންސް ބޭނުންވެއްޖެ ހާލަތެއްގައި ސިއްހީ ހިދުމަތްދޭ ކޮންމެ ތަނަކަށް ގުޅުމުން ވެސް އެމްބިއުލާންސް ފޮނުވަން ޖެހޭނެ ގޮތަށް އުސޫލުތައް ކަނޑައަޅައި، އެ ފަރާތްތަކަށް އެކަން އެންގުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށް މިނިސްޓްރީން ބުންޏެވެ.
ކޮވިޑުގެ ހާލަތުގައި އެމަޖެންސީ ކޭސްތަކުގައި އެޗްޕީއޭއިން ބޭނުންކުރަމުންދަނީ އެންމެ ފަސް އެމްބިއުލާންސެވެ. އަދި ކޮވިޑުގެ ކަންކަމުގައި ސިއްހީ ހިދުމަތްދޭ އަމިއްލަ ތަންތަނުގެ އެމްބިއުލާންސް މިހާރު ބޭނުމެއް ނުކުރެވެ އެވެ.
މީގެ އިތުރުން، އެމަޖެންސީ މެޑިކަލް ސާވިސް ވަކި ހިދުމަތެއްގެ ގޮތުގައި ގާއިމުކޮށް، އެކަމަށް ހާއްސަ ވަކި ނަންބަރަކާއެކު އެ ހިދުމަތް ގާއިމުކުރުމުގެ މަސައްކަތް މިހާރު ފެށިފައިވާ ކަމަށް ބުނެފައިވެ އެވެ.
އަދި ކޮވިޑަށް ޕޮޒިޓިވްވާ ފަރާތްތައް ޑޮކްޓަރަށް ދައްކައިގެން ފަރުވާ ލިބޭނެ އިންތިޒާމް މާލޭގެ އިތުރުން، ހުޅުމާލެ އަދި ވިލިމާލެގައި ހަމަޖައްސަމުން އަންނަ ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.
އެ އިންތިޒާމު ހަމަޖެހުމުން އެތަންތަނުން 24 ގަޑިއިރު ހިދުމަތް ދޭއިރު، ކޮވިޑަށް ޕޮޒިޓިވްވާ ފަރާތްތައް އެތަނަށް ގޮސް ޑޮކްޓަރަށް ދެއްކޭނެ ކަމަށެވެ.
މިޝްކާގެ މަރާ ގުޅިގެން ހެލްތު މިނިސްޓްރީން ބެލި ބެލުންތަކަށްފަހު ނެރުނު ރިޕޯޓުގައި މިފަދަ ހާދިސާއެއް ތަކުރާރުވިޔަ ނުދިނުމަށްޓަކައި ގިނަ މަސައްކަތްތަކަށް ކުރެވެމުންދާކަމަށް ވެސް ބުނެފައިވެ އެވެ.
އެގޮތުން، އަންނަ ކޯލްތައް އަވަސް މިނުގައި ހުރިހާ ކްލަސްޓާތަކުން ފިޔަވަޅު އަޅަމުންދޭތޯ މޮނިޓާ ކުރެވޭނެ ގޮތްތަކެއް ހަމަޖެއްސުމުގެ އިތުރުން، އެމަޖެންސީ ކޯލްތައް ރަނގަޅަށް ކެޓަގަރައިޒް ކުރެވޭނެ ނިޒާމު ހަރުދަނާކުރުން ހިމެނެ އެވެ.
އަދި އެމަޖެންސީ ކޭސްތަކަށް ޑޮކްޓަރުންނަށް އަވަހަށް އެޓެންޑުވެ، އެމްބިއުލާންސް ޓްރިގާ ކުރެވޭނެ ގޮތަށް ނިޒާމަށް ބަދަލު ގެނައުމަށް ވެސް ވަނީ ނިންމައިފަ އެވެ.
އަދި އެ ސިސްޓަމް ހުރިހާ ކްލަސްޓާތަކަކުން ގަވައިދުން ބޭނުންކުރަމުންދާކަން ކަށަވަރު ކުރުމުގެ އިތުރުން، ސިސްޓަމަށް މައްސަލައެއް ދިމާވެއްޖެނަމަ، ބެކްއަޕް ސިސްޓަމެއް ބޭނުންކުރެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށް ވެސް ރިޕޯޓުގައި ބުނެފައިވެ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment