Advertisement

މިޝްކާގެ މަރު: އެމްބިޔުލެންސް ނުފޮނުވާ ބޮޑު އިހުމާލެއް

4 ޖޫން 2021 - 23:42 0

މުހައްމަދު ވިޝާމް

މުހައްމަދު ވިޝާމް

ކޮވިޑުގައި މަރުވި މިޝްކާ: ފަރުވާ ލަސްވީ ބޮޑެތި އިހުމާލުތަކުން - ވީޑިއޯ: އަބްދުﷲ ޝަފީޢު (އަބޯ) އަދި އާއިމް ޒަމީރު | އަދަދު


މިޝްކާގެ މަރު: އެމްބިޔުލެންސް ނުފޮނުވާ ބޮޑު އިހުމާލެއް

4 ޖޫން 2021 - 23:42 0

ކޮވިޑުގައި އަންގާރަ ދުވަހުގެ ރޭ މަރުވި 10 އަހަރުގެ ކުއްޖާ މަރަށް ތެޅެމުން ދިޔަ އިރު، އެމްބިޔުލެންސް ނުފޮނުވާ ދެ ގަޑިއިރާ 26 މިނެޓު ހޭދަވި ކަމަށް، ހެލްތު މިނިސްޓްރީން އެ މަރު ތަހުގީގުކޮށް ނެރުނު ރިޕޯޓުން ހާމަވެއްޖެ އެވެ.

ކޮވިޑު ޖެހިގެން ރާއްޖެއިން އެންމެ ފުރަތަމަ މަރުވި ކުޑަކުއްޖާ، ހދ. ކުޅުދުއްފުށީ، ލާޖަހާގޭ، ފާތިމަތު މިޝްކާ މުހައްމަދަށް ފަރުވާ ދިނުމުގައި ބޮޑެތި ގޯސްތަކެއް ހަދާފައިވާކަން އެ ކަން ތަހުގީގުކޮށް މިނިސްޓްރީން ދާދި ދެންމެ އަކު އާއްމުކުރި ރިޕޯޓުން ހާމަވެ އެވެ.

އެ ރިޕޯޓުގައި ހިމަނާފައިވާ މިޝްކާގެ އާއިލާގެ ފަރާތުން އެޗްޕީއޭގެ ކޯލް ސެންޓަރަށް ގުޅާފައިވާ ކޯލް ލޮގުތަކަށް ބަލާއިރު، އެ ކުއްޖާ ހުންގަދަކަމާއި އެއްޗެއް ނުކެވޭކަމަށް އެންމެ ފުރަތަމަ އެޗްޕީއޭއަށް އަންގާފައިވަނީ މިދިޔަ ހޯމަ ދުވަހުގެ މެންދުރު 2:20 ގަ އެވެ.

އެ އޮންނަ އުސޫލުތަކުގެ ތެރެއިން ޖެނެރަލް ކޮންސަލްޓޭޝަނެއް ހެދުމަށް ޑޮކްޓަރަކު މިޝްކާގެ ބެލެނިވެރިޔާއަށް ގުޅާފައިވަނީ އޭގެ ދޮޅު ގަޑިއިރެއްހާ އިރު ފަހުން 3:53 ގައި ކަމަށް ދައްކަ އެވެ. އޭރު ގުޅައި ޑޮކްޓަރު ލަފާ ދީފައިވަނީ އޭރު ދެމުންދިޔަ ބޭސް ދެމުންގެންދިޔުމަށާއި، ހާލަތު އިތުރަށް ގޯސްވެއްޖެ ނަމަ އަލުން ގުޅުމަށެވެ.

އޭގެ ފަހުން މިޝްކާއަށް ނޭވާލާން އުނދަގޫވެ އަތް ތަޅުވަމުންދާ ކަމަށް ބުނެ ބެލެނިވެރިޔާ އެޗްޕީއޭއަށް ގުޅާފައިވަނީ އެރޭގެ 9:06 ގަ އެވެ. އަދި ވީއެންމެ އަވަހަކަށް ޑޮކްޓަރަށް ދައްކަން ބޭނުންވާކަމަށް ބުނުމުން އެ ވާހަކަ ސިސްޓަމަށް އެޅި ކަމަށް ރިޕޯޓުގައި ބުންޏެވެ. އަދި އެ ކޯލާ ގުޅިގެން 9:53 ގައި ޑޮކްޓަރު ގުޅި ނަމަވެސް، މިޝްކާގެ ބެލެނިވެރިޔާއާ ގުޅިފައިނުވި ނަމަވެސް، ޑޮކްޓަރު ސިސްޓަމަށް އެޅީ އެ ކޭހަށް އެޓެންޑުވެވުނު ކަމަށެވެ.

ކޯލު ލޯގު ދައްކާ ގޮތުން، ޑޮކްޓަރުގެ މިސް ކޯލް ފެނިގެން، ބެލެނިވެރިޔާ އަލުން ހޮޓްލައިނަށް ގުޅާފައިވަނީ 10:06 ގަ އެވެ. އެފަހަރުވެސް ކުއްޖާ ނޭވާލާން އުނދަގުވާ ކަމަށް ބުނެފައިވެ އެވެ.

ދެން 10:33 ގައި ޑޮކްޓަރު އަލުން ގުޅުމުން، މިޝްކާއަކީ ކޮވިޑު ޕޮޒިޓިވް ކޭހެއް ކަމާއި، ނޭވާލާން އުނދަގޫވެ، ހުން އަންނަތާ ހަ ދުވަސް ވެފައިވުމުގެ އިތުރުން ހާއްސަ އެހީއަށް ބޭނުންވާ ކުއްޖަކަށްވާތީ ވާ އުނދަގޫތައް އަމިއްލައަށް ކިޔައިދޭން ނޭނގޭކަމަށް ބެލެނިވެރިޔާ ހިއްސާކުރިކަމަށް ކޯލް ލޮގުން ދައްކަ އެވެ.

އެއާއެކު، އޭގެ ހަ މިނެއްޓު ފަހުން އެމްބިޔުލަންސް ފޮނުވަން ކަނޑައަޅާފައިވާ ދެ ކްލަސްޓާއަށް އެ މައުލޫމާތު ޑޮކްޓަރު ހިއްސާ ކުރި ނަމަވެސް، އެމްބިޔުލަންސް ދިޔުމަށް އަންގާފައިނުވާކަން ސިސްޓަމުން ފެންނަ ކަމަށް އެ ރިޕޯޓުގައި ބުނެފައިވެ އެވެ.

އެމްބިޔުލަންސް އައުން ލަސްވެގެން، 11:16 އާއި 11:33 އާ ދެމެދު މިޝްކާގެ ބެލެނިވެރިން ފަސް ފަހަރެއްގެ މަތިން ގުޅާފައިވާއިރު، އެތަނުން އެއް ކޯލުގައި މިޝްކާގެ ހާލު ދައްވަމުންދާ ކަމާއި ހޭނެތި، ނޭފަތުން ލޭ އަންނަ ކަމަށް ބުނެފައިވެ އެވެ. އެމްބިޔުލަންސް ފޮނުވިފައިވާކަމަށް ބެލެނިވެރިން ގާތު ކޯލް ސެންޓަރުން ބުނި ނަމަވެސް، އޭރު ވެސް އެމްބިޔުލެންސް ފޮނުވާފައިނުވާކަމަށް ތަހުގީގަށް ވަނީ ހާމަވެފަ އެވެ.

އޭގެ ފަހުން ވެސް އެމްބިޔުލަންސް ނައިސްގެން 11:27 ގައި ބެލެނިވެރިޔާގެ ފަރާތުން އެޗްއީއޯސީ ހިންގާ މައި މަރުކަޒު ދަރުބާރުގެއަށް މީހަކު އައިސް އެކަން އަންގާފައިވާކަމަށް ލޮގުތަކުން ދައްކަ އެވެ.

އެންމެ ފަހުން 11:38 ގައި އެމްބިޔުލަންސަށް ދެވުނުއިރު، ކުއްޖާގެ ހަރަކާތެއް ނެތް ކަމާއި ވަގުތުން ސީޕީއާރު ދެވުނު ކަމަށް ބުނެފައިވެ އެވެ.

އެ ހާދިސާގައި އެންމެ ފަހުން ލޮގު ކޮށްފައިވަނީ އޭގެ ހަތަރު މިނެއްޓު ފަހުން، މިޝްކާ އައިޖީއެމްއެޗްގެ އެމަޖެންސީއަށް ގެންދެވުނު ވާހަކަ އެވެ.

ސިއްސައިގެންދާ ވަރުގެ ބޮޑު އިހުމާލެއް

ރޭ އާއްމުކުރާނެ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ޔަގީންކަން ދެއްވި ރިޕޯޓު، އޭގެ 24 ގަޑިއިރު ފަހުން މިރޭ އާއްމުކުރިއިރު، މިޝްކާގެ ކޭހަކީ އެމަޖެންސީ ހާލަތެއް ކަމަށް ބެލިފައިނެތް ކަމަށާއި، އެމްބިޔުލެންސް ޓްރިގާ ކުރަންޖެހޭ ވަގުތުގައި އެކަން ކޮށްފައިނުވާ ކަމަށް ބުނެފައި ވެ އެވެ.

އަދި ކޯލް ލޮގުތަކަށް ބަލާއިރު، މިޝްކާގެ ހާލު ވަޒަންކުރުމާއި ފަރުވާ ބޭނުންވާ އަވަސް މިން ކޯލް ސެންޓަރަށް ބެލިފައިނުވާކަން ފާހަގަ ކުރެވޭކަމަށް އެ ރިޕޯޓުގައި ބުންޏެވެ.

އެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި، އެމްބިޔުލަންސް ނުފޮނުވި ދެ ގަޑިއިރާއި 26 މިނެޓު ހޭދަވެފައިވާ ކަމަށެވެ.

ތަކުރާރުނުވާނެ ގޮތަށް ގިނަ ބަދަލުތަކެއް

ހެލްތު މިނިސްޓްރީން ބެލި ބެލުންތަކަށްފަހު ނެރުނު ރިޕޯޓުގައި މިފަދަ ހާދިސާއެއް ތަކުރާރުވިޔަ ނުދިނުމަށްޓަކައި ގިނަ މަސައްކަތްތަކަށް ކުރެވެމުންދާކަމަށް ވެސް ބުނެފައިވެ އެވެ.

އެގޮތުން، އަންނަ ކޯލްތައް އަވަސް މިނުގައި ހުރިހާ ކްލަސްޓާތަކުން ފިޔަވަޅު އަޅަމުންދޭތޯ މޮނިޓާ ކުރެވޭނެ ގޮތްތަކެއް ހަމަޖެއްސުމުގެ އިތުރުން، އެމަޖެންސީ ކޯލްތައް ރަނގަޅަށް ކެޓަގަރައިޒް ކުރެވޭނެ ނިޒާމު ހަރުދަނާކުރުން ހިމެނެ އެވެ.

އަދި އެމަޖެންސީ ކޭސްތަކަށް ޑޮކްޓަރުންނަށް އަވަހަށް އެޓެންޑުވެ، އެމްބިޔުލަންސް ޓްރިގާ ކުރެވޭނެ ގޮތަށް ނިޒާމަށް ބަދަލު ގެނައުމަށް ވެސް ވަނީ ނިންމައިފަ އެވެ.

އަދި އެ ސިސްޓަމް ހުރިހާ ކްލަސްޓާތަކަކުން ގަވައިދުން ބޭނުންކުރަމުންދާކަން ކަށަވަރު ކުރުމުގެ އިތުރުން، ސިސްޓަމަށް މައްސަލައެއް ދިމާވެއްޖެނަމަ، ބެކްއަޕް ސިސްޓަމެއް ބޭނުންކުރެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށެވެ.

ފަރުވާއަށް ވެސް އިތުރު އިންތިޒާމުތައް

ކޯލް ސެންޓަރާއި ސިސްޓަމަށް ގެންނަ ބަދަލުތަކުގެ އިތުރުން، ކޮވިޑަށް ޕޮޒިޓިވްވާ ފަރާތްތައް ޑޮކްޓަރަށް ދައްކައިގެން ފަރުވާ ލިބޭނެ އިންތިޒާމް މާލޭގެ އިތުރުން، ހުޅުމާލެ އަދި ވިލިމާލެގައި ހަމަޖައްސަމުން އަންނަ ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.

އެ އިންތިޒާމު ހަމަޖެހުމުން އެތަންތަނުން 24 ގަޑިއިރު ހިދުމަތް ދޭއިރު، ކޮވިޑަށް ޕޮޒިޓިވްވާ ފަރާތްތައް އެތަނަށް ގޮސް ޑޮކްޓަރަށް ދެއްކޭނެ ކަމަށެވެ.

އަދި ކޮވިޑަށް ޕޮޒިޓިވް ފަރާތްތަކުން އެމްބިޔުލަންސް ބޭނުންވެއްޖެ ހާލަތެއްގައި ސިއްހީ ހިދުމަތްދޭ ކޮންމެ ތަނަކަށް ގުޅުމުން ވެސް އެމްބިޔުލަންސް ފޮނުވަން ޖެހޭނެ ގޮތަށް އުސޫލުތައް ކަނޑައަޅައި، އެ ފަރާތްތަކަށް އެކަން އެންގުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށް މިނިސްޓްރީން ބުންޏެވެ.

މީގެ އިތުރުން، އެމަޖެންސީ މެޑިކަލް ސާވިސް ވަކި ހިދުމަތެއްގެ ގޮތުގައި ގާއިމުކޮށް، އެކަމަށް ހާއްސަ ވަކި ނަންބަރަކާއެކު އެ ހިދުމަތް ގާއިމުކުރުމުގެ މަސައްކަތް މިހާރު ފެށިފައިވާ ކަމަށް ބުނެފައިވެ އެވެ.

އެ ރިޕޯޓުގައި ހެލްތު މިނިސްޓްރީން ބުނެފައިވާ ގޮތުގައި މި ތަހުގީގުން ފާހަގަކުރެވުނު ކަންކަމަށް ރިއާއަތްކޮށް އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް އަޅަމުންދާނެ ކަމުގެ ޔަގީންކަން ދޭ ކަމަށެވެ.

ނަމަވެސް، އިހުމާލުވި ފަރާތަކާމެދު ފިޔަވަޅެއް އަޅާނެކަމަށް ސީދާކޮށް ބުނެފައެއް ނުވެ އެވެ.

އިމާދުއްދީން ސްކޫލްގައި ކިޔަވާ މިޝްކާ ކޮވިޑަށް ޕޮޒިޓިވްވީ މީގެ ހަފުތާއެއްހާ ދުވަަސްކުރިންނެވެ. އޭނާގެ އިތުރުން މަންމަ އާއި ބައްޕަ ވެސް ތިބީ ކޮވިޑަށް ޕޮޒިޓިވްވެ ކަރަންޓީންގަ އެވެ.

މިޝްކާގެ މަރުވި މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)ގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ކަމާ ގުޅޭ ކޮމިޓީން ވެސް އަންނަނީ ބަލަމުންނެވެ.