Advertisement

އަހަރެން ވެކްސިން ޖެހީ ކީއްވެ؟

2 ޖޫން 2021 - 18:30 2

އާމިނަތު އިބްރާހިމް

އާމިނަތު އިބްރާހިމް

އިޒާނާ އޭނާގެ މާމައާ އެކު.


އަހަރެން ވެކްސިން ޖެހީ ކީއްވެ؟

2 ޖޫން 2021 - 18:30 2

މިއީ ދ. ކުޑަހުވަދޫ އަށް އުފަން އާމިނަތު އިޒާނާ ޝަމީމް، 20 އާއި އޭނާގެ މާމަ އެވެ. އިޒާނާ އަށް ރަށުގައި ހުރި 70 އަހަރުގެ މާމަ ކައިރިއަށް ނުދެވޭތާ މިހާރު އަހަރު ފުރެނީ އެވެ. ކޮވިޑް ގެ ބަލިމަޑުކަން މުޅި ރާއްޖެއަށް ފެތުރިފައި އޮތުމުންނާއި އުމުރުން ދުވަސްވީ ހައި-ރިސްކު މީހަކަށް މާމަ ވާތީ، މި ދަނޑިވަޅުގައި މާމަ އާއި ބައްދަލުކުރެވޭނެ އެއްވެސް ގޮތެއް އިޒާނާ އަކަށް ނެތެވެ. އެހެންވެ، މި ބަލިމަޑުކަމުން އަރައިގަނެގެން މާމަ ހުރި ހިސާބަކަށް ދެވެން އޮތީ ވިހާވެސް އަވަހަށް ހަޑް އިމިއުނިޓީއެއް ކަށަވަރުވުން ކަމަށް ގަބޫލުކުރެވޭތީ އިޒާނާ މިހާރު ހުރީ ކޮވިޝީލްޑް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްގެން ގޭގަ އެވެ. އެއީ މި ދަނޑިވަޅުގައި ކޮވިޑާ ދެކޮޅަށް އޭނާ އަށް އަމިއްލަ ހައިސިއްޔަތުން އެޅެން އޮތް އެންމެ ބޮޑު ފިޔަވަޅެވެ.

އެކަމަކު އިޒާނާގެ ކަންބޮޑުވުމަކީ އަދިވެސް ވަރަށް ގިނަ ބަޔަކު ވެކްސިން ނުޖަހައި ތިބުމެވެ. ހާއްސަކޮށް ޒުވާނުން ވެކްސިންގެ އެންމެ ޑޯޒެއް ވެސް ނުޖަހައި ތިބިމުން އެކަމާ އޭނާ ކަންބޮޑުވެ އެވެ. ސަބަބަކީ ހަޑް އިމިއުނިޓީއަކަށް އަވަހަށް ދެވޭނީ އާބާދީގެ 80 ޕަސެންޓް މީހުން ވެކްސިން ޖަހައިގެންނެވެ. އެންމެން އެއްބަހެއް ކިޔައިގެން ނޫނީ އެކަން އަވަހަށް ވާން ނެތީމަ އެވެ.

"މިހާރު ދެން ވަރަށް ގިނަ ދުވަސް ވާތީ މާމަ ދެރަވެގެން ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ގުޅީމަ ބުނާނެ ދެން މާމައަށް ކުދިން ފެންނާނެ ކަމެއް ވެސް ނޭނގެ އޭ. ބޮޑު ބައްޔެއް ނެތަސް އުމުރުން ދުވަސްވެފަ ބަލިކަށި ކޮށް އުޅޭތީވެ ކުދިން ނުފެނި ދުވަސް ވާތީ މާމަ އަށް މާ ބޮޑަށް ވިސްނެނީ," އިޒާނާ ބުންޏެވެ.

އޭނާ ހުރީ، ކުޑައިރުއްސުރެ އަޅައިލައި ލޯތްބާއެކު އޭނާ ގެންގުޅުނު އެންމެ ލޯބިވާ މާމަ ދެކިލައި ބައްދާލެވޭނެ ފުރުސަތެއް ލިބޭނެ ދުވަހަކަށް ކެތް މަދުވެފަ އެވެ.

އިޒާނާ ފަދަ އެތައް ބަޔަކު މި ދަނޑިވަޅުގައި ތިބީ މިފަދަ އެކި ހާލަތްތަކުގައި ބަނދެވި މާޔޫސްވެފަ އެވެ. މި މާޔޫސްކަމުން އަވަހަކަށް ވެސް އަރައިގަނެވޭނެ ދުވަހެއް ފެންނަން އޮތީ ވެކްސިން ފުރިހަމަ ކޮށްގެން ބަލިން ރައްކާތެރިވެ ތިބެގެންނެވެ.

"ބައެއް ޒުވާން ކުދިން ގަބޫލުކުރާ ގޮތުން އެމީހުން އެހާ ބޮޑަށް ބަލި ނުވާތީ ވެކްސިން ކޮންމެހެން މުހިއްމެއް ނޫން. އެކަމަކު ހަގީގަތަކީ ވެކްސިން ޖަހާ ގިނަ މީހުން ވެކްސިން ޖަހަނީ ހަމަ އެކަނި އެމީހުންގެ ރައްކަލަކަށް ނޫން. އެކުގައި އުޅޭ މީހުންނާއި ލޯބިވާ މީހުންނަށްޓަކައި ކުރަންޖެހޭ ކަމެއްގެ ގޮތުގައި،" ޓުވިޓާގައި ވެކްސިން ޖެހުމަށް ބާރު އެޅުމުގެ ގޮތުން "އަހަރެން ވެކްސިން ޖެހީ" ހޭޝްޓެގް ފެށި އިބްރާހިމް ޖިނާދް ބުންޏެވެ.

1399653187687116801


ޖިނާދު އޭނާގެ ޓުވީޓުގައި އެންމެން ކައިރީ އެދިފައިވަނީ ކޮވިޑާ ހެދި ނުކުރެވި އެންމެ މިސްވާ ކަމަކީ ކޮބައިތޯ އާއި ވެކްސިން ޖެހި ސަބަބަކީ ކޮބައިކަން ބުނެދިނުމަށެވެ. އޭނާގެ އެންމެ ބޮޑު ބޭނުމަކަށް ވީ ވީހާވެސް ގިނަ ބަޔަކަށް އެ ޓުވީޓުތައް ފެނިގެން ވެކްސިން ޖެހުމަށް މިހާރަށްވުރެ ބޮޑު ހިއްވަރެއް ދިނުމެވެ. ހަމަ އެއާއެކު މި ދަނޑިވަޅުގައި އެކި މީހުން ތަހައްމަލުކުރަމުންދާ އުނދަގޫތައް ގިނަ ބަޔަކަށް ހާމަކޮށްދިނުމެވެ.

1399750616734261248


"ވެކްސިން އަކީ ޖެހުމުން ބަލިން އެއްކޮށް ދިފާއުކޮށްދޭ ފަރުވާ އަކަށް ނުވިޔަސް، ދެ ޑޯޒް ފުރިހަމަ ކުރުމުން ވަރަށް ބޮޑު އިމިއުނިޓީއެއް އެބަ ކަށަވަރުވޭ. އެހެން ކަމަށް ވާނަމަ އެ ރައްކާތެރިކަން ހޯދައިދެވެނީ ތިމާ އާއި ތިމާގެ ލޯބިވާ މީހުންނަށް. މިކަން އަޅުގަނޑުމެން އެބަ ޖެހޭ ވިސްނަން،" ޖިނާދު ބުންޏެވެ.

1399715619986051078


ވެކްސިން ޖެހި ސަބަބުތައް އެތައް ބަޔަކު ޓުވީޓުކޮށްފައިވާއިރު އެއް ބަޔަކު ބުނެފައިވަނީ، އެމީހުން ވެކްސިން ޖެހީ ވެކްސިން އުފެއްދުމުގެ ފަހަތުގައި ފޮރުވިފައިވާ މަގްސަދާއި އޭގެ ސައިންސް ވެސް ގަބޫލުކުރެވިގެން ކަމަށެވެ. ވެކްސިންކީ ހަށިގަނޑަށް ގެއްލުމެއް ނެތް ރައްކާތެރި އެއްޗަކަށް ވެސް ވާތީ ކަމަށެވެ.

1399780049008562178


1399704240092717058


އެޗްޕީއޭ އިން އެންމެ ފަހުން އާނުމުރި މައުލޫމާތަށް ބަލާއިރު މާލޭގައި ތިބި އުމުރުން 20 އަހަރާއި 29 އަހަރުގެ ޒުވާނުންގެ 39 ޕަސެންޓަކީ މިހާތަނަށް ވެކްސިންގެ އެންމެ ޑޯޒެއް ވެސް ނުޖަހާ މީހުންނެވެ.

ވެކްސިން ފުރިހަމަކުރުމުން ލިބޭ ފައިދާ ތައް

ކޮވިޑް-19 އިން ދިފާއުވުމަށް މިހާތަނަށް އުފެއްދި ހުރިހާ ވެކްސިނަކުން ވެސް ވައިރަހުން ހަށިގަނޑު ދިފާއުކޮށްދޭ މާއްދާތަކެއް ހިމެނިފައިވެ އެވެ. އެހެންކަމުން ވެކްސިން ޖަހައިގެން އިމިއުނިޓީ ލިބުނޭ ބުނުމުގެ މާނައަކީ ބަލި ޖެހުމުން މުޅިން ދިފާއުކޮށް ނުދިނަސް، ވެކްސިން ފުރިހަމަކުރުމުގެ ސަބަބުން އަވަހަށް ބަލި ޖެހުން ދުރުވެ، ބަލި ޖެހުނު ނަމަވެސް ބަލީގެ ސަބަބުން ހަށިގަނޑަށް ލިބޭ ގެއްލުންތައް ކުޑަކޮށްދޭ ވާހަކަ އެވެ.

މީގެ އިތުރުން ވެކްސިން ޖެހުމުން އަމިއްލަ މީހާ އަށް ރައްކާތެރިކަމެއް ލިބޭތީ އެކުގައި އުޅޭ މީހުންނާއި، ތަފާތު ސިއްހީ ސަބަބުތަކާ ހެދި ވެކްސިން ޖަހަން އުޒުރުވެރިވާ މީހުންނަށް ވެސް ރައްކާތެރިކަން އެބަ ހޯދައި ދެވެ އެވެ. ވެކްސިން ޖެހުން މުހިެއްމު ވަނީ މިހެންވެ އެވެ.