Advertisement

އެމްއައިބީގެ ފައިދާއިން ހިއްސާދާރުންނަށް 27.5 މިލިއަން ރުފިޔާ ބަހަނީ

1 ޖޫން 2021 - 11:49 0

އަމަން ހަލީމް

އަމަން ހަލީމް

މޯލްޑިވްސް އިސްލާމިކް ބޭންކް: މާލީ ދާއިރާ ހީނަރުވީ އަހަރު ބޭންކުގެ ޕާފޯމަންސް ރަނގަޅު -- ފޮޓޯ: ހުސެއިން ވަހީދު/އަދަދު


އެމްއައިބީގެ ފައިދާއިން ހިއްސާދާރުންނަށް 27.5 މިލިއަން ރުފިޔާ ބަހަނީ

1 ޖޫން 2021 - 11:49 0

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އަށް ހުސްވި އަހަރުގެ ތެރޭގައި ލިބުނު ފައިދާއިން ޑިވިޑެންޑުގެ ގޮތުގައި 27.5 މިލިއަން ރުފިޔާ ބަހަން އެ ކުންފުނީގެ ހިއްސާދާރުން ފާސްކޮށްފި އެވެ.

އިއްޔެ ބޭއްވި އެމްއައިބީގެ 2020 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ (އޭޖީއެމް) ގައި ހިއްސާއަަކަށް 1.225ރ. ގެ މަގުން ޖުމްލަ 27,562,509ރ. ފައިދާއަށް ބަހަން އެ ބޭންކުގެ ހިއްސާދާރުންގެ ބޮޑު އަގުލަބިއްޔަތެއް ލިބުނެވެ.

ކޮވިޑްގެ ސަބަބުން މާލެ ސަރަހައްދުގައި އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކާއި ގުޅިގެން އިއްޔެގެ އޭޖީއެމް ބޭއްވީ މޯލްޑިވްސް ސެކިއުރިޓީސް ޑިޕޮސިޓަރީން ތަރައްގީކޮށްފައިވާ ފަހިވޯޓު ސިސްޓަމް މެދުވެރިކޮށެވެ. އެމްއައިބީން މައުލޫމާތު ދިން ގޮތުގައި މި ޖަލްސާގައި ބޭންކުގެ 79.71 ޕަސެންޓުގެ ހިއްސާ އޮންނަ 57 ހިއްސާދާރެއްގެ ފަރާތުން 52 މީހަކު ބައިވެރިވި އެވެ.

ހިއްސާގެ ފައިދާގެ އިތުރުން ކުންފުނީގެ ނިމުނު އަހަރުގެ އޮޑިޓްކޮށްފައި ހުރި މާލީ ރިޕޯޓްތަކާއި ޑިރެކްޓަރުންގެ ރިޕޯޓުތަކާއި ބޯޑުގެ ލަފަޔާ އެއްގޮތަށް ބޭންކު އޮޑިޓް ކުރާ ފާމަަކަށް ކޭޕީއެމްޖީ ހަމަޖެއްސުން މި ޖަލްސާގައި އޮތެވެ. މި ކަންކަން ފާސްކުރީ ބައިވެރިވީ މީހުންގެ 99 ޕަސެންޓަށް ވުރެ މަތިން ތާއީދު ލިބިގެންނެވެ.

ސަރުކާރު ތަމްސީލުކުރަން އެމްއައިބީގެ ބޯޑަށް ހަސަން މުހައްމަދު

އެމްއައިބީގެ އޭޖީއެމް 2020 ގައި ކުރިޔަށް އޮތް ތިން އަހަރު ދުވަހު އެ ކުންފުނީގެ ބޯޑުގައި ސަރުކާރު ތަމްސީލުކުރާ ޑިރެކްޓަރަކަށް ހަމަޖެއްސީ ހަސަން މުހައްމަދު އެވެ.

މޯލްޑިވްސް އިސްލާމިކް ބޭންކުގެ ބޯޑުގައި ސަރުކާރު ތަމްސީލުކުރާ ޑިރެކްޓަރު ހަސަން މުހައްމަދު -- ފޮޓޯ: ފިނޭންސް މިނިސްޓްރީ


ހަސަން މުހައްމަދަކީ މާލީ ދާއިރާއިން ކިޔަވާ ވިދާޅުވެގެން ހުރި ފަންނީ ތަޖުރިބާކާރެކެވެ. އޭނާ މި ވަގުތު ފުރުއްވަމުން ގެންދަވާ މަގާމުތަކުގެ ތެރޭގައި ފިނޭންސް މިނިސްޓްރީގެ ސްޓޭޓް އިންޓާނަލް ކޮމިޓީގެ ޗެއާޕާސަން އަދި ޗާޓާޑް އެކައުންޓަންޓްސް އިންސްޓިޓިއުޓްގެ ނައިބު ރައީސް އަދި ޓެކްނިކަލް ކޮމިޓީގެ ޗެއާކަން ހިމެނެ އެވެ.

މިދިޔަ އަހަރު ކޮވިޑް ބަލިމަޑުކަމުގެ ތެރޭގައި އިގުތިސޯދަށާއި މާލީ ދާއިރާއަށް ކުރިމަތިވީ ބޮޑެތި ގޮންޖެހުންތަކާ އެކު ވެސް އެމްއައިބީގެ ޕާފޯމަންސް ރަނގަޅެވެ. އެގޮތުން އަހަރުގެ ތެރޭގައި ކޮންމެ ހިއްސާއަކަށް 3.34 ރ. ގެ މަގުން އާމްދަނީ ލިބުނެވެ. ބަލިމަޑުކަމުގެ ކުރީ އަހަރު ކޮންމެ ހިއްސާއަކަށް އާމްދަނީއަށް 4.51 ރ. ލިބުނެވެ.

ދިހަ އަހަރުވެފައިވާ މޯލްޑިވްސް އިސްލާމިކް ބޭންކަކީ ރާއްޖޭގެ އެންމެ ފުރަތަމަ ޝަރީއާ ކޮމްޕްލަޔަންޓް ބޭންކިން ހިދުމަތް ދޭން ފެށި ބޭންކެވެ. މިއީ ދިވެހި ސަރުކާރުގެ 29 ޕަސެންޓު (މައިނޯރިޓީ) ހިއްސާ އޮންނަ ބޭންކެކެވެ.

ބޭންކުގެ އެންމެ ބޮޑު ހިއްސާއެއް އޮންނަނީ އިސްލާމިކް ކޯޕަރޭޝަން ފޯ ދަ ޑިވެލޮޕްމަންޓް އޮފް ދަ ޕްރައިވެޓް ސެކްޓާ (އައިސީޑީ)ގެ އެވެ. އެމްއައިބީގެ ހިއްސާދާރުންގެ ތެރޭގައި މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް އަދި އަމާނާ ޓަކަފުލް ހިމެނެ އެވެ.