Advertisement

މޫސާ ފަތުހީ: އިންގިލާބުގެ ޅެން، ޖުމްހޫރިއްޔަތު އަދި ގައުމީ ހިދުމަތް

1 ޖޫން 2021 - 08:10 4

މުހައްމަދު ހަމްދޫން

މުހައްމަދު ހަމްދޫން

މޫސާ ފަތުހީގެ އާޓްވޯކެއް. ކުރެހުން: އަހުމަދު އިހުސާން (އަރަކަ އާޓްސް)/ ޑިޒައިން: އަބްދުﷲ ޝަފީއު (އަބޯ)


މޫސާ ފަތުހީ: އިންގިލާބުގެ ޅެން، ޖުމްހޫރިއްޔަތު އަދި ގައުމީ ހިދުމަތް

1 ޖޫން 2021 - 08:10 4

ޖުލައި 23، 1952 ވީ ބުދަ ދުވަހަށް މިސްރުގެ ރައްޔިތުން ހޭލިއިރު، އެ ގައުމުގެ އަސްކަރިއްޔާގެ ދެ އޮފިސަރުން ކަމަށްވާ ޖެނެރަލް މުހައްމަދު ނަޖީބާއި ޖަމާލް އަބްދުއްނާސިރުގެ އަމުރަށް، ހަތިޔާރު އެޅި ފައުޖުތައް އޮތީ މިސްރުގެ ޝާހީ ގަނޑުވަރު އާބިދީން ވަށާލައިފަ އެވެ. ރަސްގެފާނު ފާރޫގުލް އައްވަލް އަށް އޮފިސަރުން އެންގީ ސުލްހައިގައި ރަސްކަމުން ފައިބައިވަޑައިގަތުމަށެވެ. މިސްރުގެ ރައްޔިތުން ތިބީ، ކޮރަޕްޝަނުގެ ފުޅައަޅާފައިވާ އެ ސަރުކާރާ ދެކޮޅަށެވެ. ނަތީޖާއަކަށްވީ، އެއްވެސް ލޭހޮއޮރުމެއް ނެތި އިންގިލާބު ގެނެސް 150 އަހަރުވީ މުހައްމަދު އަލީ ބާޝާގެ ދަރިކޮޅުގެ ރަސްކަން ފާރޫގާ ހަމައިން ނިމިގެންދިއުމެވެ.

މިދިޔަ ގަރުނުގައި ދުނިޔެ ދުށް އެންމެ ވަރުގަދަ އެއް އިންގިލާބުގެ މަންޒަރު ދެކެން، އެ ދުވަހު ދިވެހި ދަރިވަރަކު ގާހިރާގައި ހުއްޓެވެ. އޭނާ ވަނީ އެ ހާދިސާ ހިނގައިދިޔަ ގޮތާއި އޭގެ ފަސްމަންޒަރާއި އެކަމުން ލިބުނު ނަސޭހަތްތަކާއި އިބުރަތްތައް ޅެމަކުން ދިވެހިންނަށް ކިޔައިދެއްވައިފަ އެވެ. އެ ދަރިވަރަކީ ފަޟީލަތުލްއުސްތާޒުއްޝައިހު މޫސާ ފަތުހީ އަލް އަޒްހަރީ އެވެ. ތިރީސް ނުވަ ބައިތު ހިމެނޭ "ނިމުމަކާއި ފެށުމެއް" ޅެމުން ކިޔައިދެނީ، މިސްރު އިންގިލާބުގެ ވާހަކަ ކަމަށްވީ ނަމަވެސް، އެއީ ހަގީގަތުގައި ފަތުހީގެ ޝާއިރިއްޔަތުގެ ކުޅަދާނަކަން ވަރަށް ބޮޑަށް ހާމަވާ ޅެމެކެވެ.

ދިވެހިރާއްޖޭގެ ކުރީގެ އުއްތަމަ ފަނޑިޔާރު ފަތުހީ އަވަހާރަވުމުން "ހަވީރު" ނޫހުގައި، ނޫސްވެރިޔާ މުންޑޫ އާދަމް ހަލީމް ލިޔުއްވި ހަބަރުގެ ފެށުމުގައި ފަތުހީ ސިފަކޮށްދެއްވަމުން އެމަނިކުފާނަކީ ނިމުމަކާއި ފެށުމެއް ހެއްދެވި ކުޅަދާނަ ޅެންވެރިޔާ ކަމަށް ލިޔުއްވާފައި އޮތުމަކީ އެ މަނިކުފާގެ ހަޔާތްޕުޅާއި، އެ ޅެން އަދި ޅެންވެރިކަމާ އޮތް ގުޅުން ސާބިތުކޮށްދޭ ކަމެކެވެ. ފަތުހީގެ ޅެންވެރިކަމުގެ ކުޅަދާނަކަން ހާމަވާ އަނެއް ޅެމަކީ ވެސް އިންގިލާބުގެ ވާހަކަ ކިޔައިދޭ ޅެމެކެވެ. އެއީ އީރާނުގައި އޮތް ފާރިސީންގެ 2500 އަހަރުވީ ރަސްކަން ވައްޓާލައި 1979 ވަނަ އަހަރު އެ ގައުމަށް އާޔަތުﷲ ހުމެއިނީ ގެންނެވި އިސްލާމީ އިންގިލާބަށް ހެއްދެވި "އީރާނުން ފިލާވަޅެއް" މި ޅެމެވެ.

"ނިމުމަކާއި ފެށުމެއް" ޅެމުން ހޮވާލެވިފައިވާ ބައިތުތަކެއް.


ޅެންވެރިކަމުގެ ރޮނގުން 1983 ވަނަ އަހަރު ފަތުހީ އަށް އާއްމުހިދުމަތުގެ ޝަރަފްވެރިކަމުގެ އިނާމް ދެއްވުމަށް ފަހު ރައީސް އޮފީހުން ނެރުނު ތައާރަފުގެ ބަޔާނުގައި އެމަނިކުފާނު ސިފަކުރައްވާފައި އޮތީ އިންގިލާބާ ގުޅިގެން ޅެން ހެއްދެވުމުގައި ހާއްސަ ޝައުގެއް ގެންގުޅުއްވާ ބޭފުޅެއްގެ ގޮތުގަ އެވެ. އެކަމަކު މިސްރާއީ އީރާނުގެ އިންގިލާބަކީ ވެސް ޒަމާންވީ ރަސްކަމެއް މުލުން ލުހެލައި، ޖުމްހޫރިއްޔަތުގެ އޮށް އިންދި އިންގިލާބުތަކެއް ކަމަށްވާތީ، ދިވެހި ތާރީހު ދިރާސާކުރައްވާ އަހުމަދު އަލާ ދީދީގެ ދެކެވަޑައިގަންނަވާ ގޮތުގައި، އެ ދެ ޅެމުން ފާޅުވަނީ ފަތުހީގެ ޖުމްހޫރީ ފިކުރު ކަމަށެވެ.

ފަތުހީ އަކީ، ދިވެހިރާއްޖޭގެ ދެ ވަނަ ޖުމްހޫރިއްޔާ ފަރުމާކުރެއްވި އެއް އާކިޓެކްޓެވެ. އުއްތަމަ ފަނޑިޔާރުމަނިކުފާނު ޝައިހް މުހައްމަދު ޖަމީލް ދީދީ 1967 ގައި އިސްތިއުފާ ދެއްވުމުން ވަޒީރުލްއައުޒަމް (ބޮޑުވަޒީރު) ގެ ނާއިބުގެ ގޮތުގައި ޝަރުއިއްޔާގެ ވެރިކަން ފަތުހީ އަށް އޭރުގެ ވަޒީރުލްއައުޒަމް އިބްރާހިމް ނާސިރު ދެއްވި އިރު ރާއްޖޭ ދަތުރުކުރަމުންދަނީ ރަސްކަން އުވާލައި ޖުމްހޫރިއްޔަތެއް ގެނައުމާ ދިމާލަށެވެ.

ޖުމްހޫރިއްޔަތެއް އަލުން ގެންނަން 1968 ގައި ފާސްކުރި ޖުމްހޫރިއްޔަތުގެ ގާނޫނު އަސާސީ ލިޔުއްވި ކޮމިޓީގައި ހިމެނިވަޑައިގެން ރައީސުލްޖުމްހޫރިއްޔާގެ ބާބު ލިޔުއްވީ ފަތުހީ އެވެ. ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާގައި، އޭރުގެ ގާނޫނު އަސާސީގައި ގައުމުގެ އެންމެ އިސްވެރިޔާ އަށް ދިން ނަމަކީ "ވަލިޔުލްއަމްރު" އެވެ. ޖުމްހޫރިއްޔަތުގެ ގާނޫނު އަސާސީގައި ގައުމުގެ އެންމެ އިސްވެރިޔާ އަށް "ރައީސުލްޖުމްހޫރިއްޔާ" މި ނަން ދެއްވީ ފަތުހީ އެވެ. އެއާ އެކު، ރާއްޖޭގެ އިނގިރޭސި ނަން ވެސް އެ ދުވަސްވަރު "މޯލްޑިވް އައިލެންޑްސް" އިން "ރިޕަބްލިކް އޮފް މޯލްޑިވްސް" އަށް ބަދަލުކުރި އެވެ.

ޖުމްހޫރިއްޔަތު ގާނޫނު އަސާސީގެ ދަށުން، އާއްމު ވޯޓަކުން ރައީސުލްޖުމްހޫރިއްޔާ އަކު ހޮވުމުގެ ކުރިން ރައްޔިތުންގެ މަޖިލީހުގައި ނެގި ސިއްރު ވޯޓުގައި އެ މަގާމަށް ފަތުހީ ގެންނަން މެމްބަރަކު ވޯޓެއް ވެސް ދެއްވި އެވެ. އެކަމަކު 35 ވޯޓު ލިބިވަޑައިގެން އާއްމުންގެ ކުރިމައްޗަށް ދިޔައީ ނާސިރުގެ ނަންފުޅެވެ.

ވެރިކަން ހިންގުމާއި ޝަރީއަތްކުރުމާއި ޅެންހެއްދެވުން ފަދަ ކަންކަމުގެ ކުރިން ފަތުހީގެ ފުރަތަމަ ލޯތްބަކީ ހިސާބު އިލްމެވެ. ފާދިއްޕޮޅު ނައިފަރު އީޓުޖެހިގެ އަށް 1924 ވަނަ އަހަރު އުފަންވެވަޑައިގެންނެވި ފަތުހީ ތުއްޕުޅުއިރު އެންމެ ފުރަތަމަ އެދުމަކަށްވީ ވެސް އެ އިލްމު ކިޔަވާވިދާޅުވުމެވެ. އޭރު ރާއްޖޭގައި ހުންނެވި ހިސާބުގެ އެންމެ ބޮޑު އިލްމުވެރިޔާ ހިމިތީ އިސްމާއިލް ކަލޭފާނު ތުއްތު (ތުއްތު ސާހިބު) އަރިހަށް ފޮނުވައިދެއްވަން އެދުމުން ބައްޕަ ރޭނިގޭ ގާސިމްފުޅު އަލިފުޅު އެކަން ފުރިހަމަކޮށްދެއްވި ކަމަށް، 1995 ވަނަ އަހަރު ހުވަނދު މަޖައްލާ އަށް ފަތުހީ ވިދާޅުވެފައިވެ އެވެ.

ނައިފަރު އިފްތިތާހުން އަސާސީ ތައުލީމު ފުރިހަމަކުރެއްވުމަށް ފަހު މާލެ ވަޑައިގެން ތުއްތު ސާހިބު އަރިހުގައި މާފަންނު އަސުރުމާގޭގައި ހުންނަވައި ފަތުހީ ކިޔަވާވިދާޅުވީ މަދަރަސަތުލް ސަނިއްޔާ (މިހާރުގެ މަޖީދިއްޔާ ސްކޫލް) އިންނެވެ. ކިޔަވާވިދާޅުވަމުން ގެންދެއިރު އެމަނިކުފާނަކީ އެ މަދަރަސާގެ އެންމެ މޮޅު ހިސާބު ދަރިވަރަށްވުމުން ދަށު ކިލާސްތަކަށް ކިޔަވައި ދެއްވަން ޖެހިވަޑައިގަތެވެ. ރައީސް މައުމޫން އަބްދުލްގައްޔޫމަކީ އޭރު އެމަނިކުފާނުގެ ދަރިވަރެކެވެ. ފަތުހީ ވަނީ ތުއްތު ސާހަބުއާ ދެ ބޭފުޅުން ވެގެން "ފަސޭހަ ހިސާބު" ނަމުގައި ފޮތެއް ވެސް ލިޔުއްވައިފަ އެވެ. ރާއްޖޭގައި އިނގިރޭސި މީޑިއަމަށް ކިޔަވައިދޭން ފެށުމާ ހަމަޔަށް ހިސާބު ކިޔަވައިދިނީ އެ ޓެކްސްޓް ފޮތެއްގެ ގޮތުގައި އެ ފޮތް ބަލައިގެންނެވެ.

ރާއްޖެ ދުށް އެންމެ ވަރުގަދަ އެއް ހިސާބު އިލްމުވެރިޔާ ތުއްތު ސާހިބު.


ފަތުހީ ޅެންވެރިކަމުގެ ތެރެއަށް ވެންނެވީ، ދިވެހި އަދަބީ ގުލްޝަނާއި ޝާއިރީ ގުލްޒާރު ދިރުއްވަން މުހައްމަދު އަމީން ދީދީ މަސައްކަތް ކުރައްވަމުން ގެންދެވި އެ ދުވަސްވަރު އެވެ. އެކަމަކު ދިވެހި އަދަބީ ޖަށްވުގެ ތެރޭގައި މާގިނަ ދުވަހު ނުހުންނަވައި، މަތީ ތައުލީމު ހާސިލްކުރެއްވުމަށް 1950 ވަނަ އަހަރު އުމުރުފުޅުން 21 އަހަރުގައި މިސްރަށް ވަޑައިގަތެވެ. ފަތުހީ ވިދާޅުވެފައިވާ ގޮތުގައި އެ ފުރުސަތު ލިބިވަޑައިގަތީ ވެސް އޭރުގެ ދައުލަތުގައި ކުރިއަށް ތިއްބެވި ބޭފުޅުންނަށް ތުއްތު ސާހަބު ދަންނަވައިގެން ކުރެއްވި މަސައްކަތުން ކަމަށެވެ.

މިސްރަށް ވަޑައިގެން އަޒްހަރުން ކިޔަވާވިދާޅުވާން ފެށްޓެވިތާ ތިން އަހަރު ނުވަނީސް، އެމަނިކުފާނުގެ ލޯ ކުރިމަތީގައި ތަމްސީލްވެގެންދިޔައީ އެ ވަރުގަދަ އިންގިލާބެވެ. "ނިމުމަކާއި ފެށުމެއް" ޅެމުގައި އެމަނިކުފާނު އެ ދުވަސް ސިފަކުރައްވާފައިވަނީ، އަންތަރީހުގެ މީޓަރު ސައްތަ އަށް އަރައި، އަދި ހިނގި ކަންތައްތަކުން އިބުރަތްތަކެއް ދިން ދުވަހެއްގެ ގޮތުގަ އެވެ. އެތައް ހާއްސަ އަހަރެއްވީ ހަޟާރަތެއް އޮތް މިސްރުގެ މަތިވެރި ތަހުތުން ކިންގް ފާރޫގް ވެއްޓިވަޑައިގެން ގައުމު ދޫކުރައްވައި ވަޑައިގަންނަވަން ޖެހިވަޑައިގަތުން ފަތުހީ ސިފަކުރައްވާފައި އޮތީ ދުނިޔެ އަށް ލިބުނު ފިލާވަޅެއްގެ ގޮތުގަ އެވެ. އެ ފިލާވަޅަކީ، 16 އަހަރަށް ވުރެ ގިނަ ދުވަހު ކުރި މަޖާ، އެންމެ ވައި ރޯޅިއަކުން ނެތިދިޔަ ދިއުމާއި ކޮންމެ މީހަކު ވެސް ތިމާ އަށް މޮޅުކަމެއް ލިބުމުން، އެ އުޅެވޭ ގޮތަކީ ހަމަ ކަމަށް ހެދުމުން ޖެހޭ ހާލެވެ.

އެންމެ ލޭ ތިއްކެއް ވެސް އޮހޮރާނުލައި އެ އަސްކަރީ އިންގިލާބު ގެނެވުނުކަމީ ފަހުރެއް ކަމަށް ވިދާޅުވެ ފަތުހީ ވަނީ އަސްކަރީ ޓޭންކުތަކުން އާބިދީން ގަނޑުވަރު ވަށާލުމުން، އިތުރު ގޮތެއް ކިންގް ފާރޫގް އަމާން ދެއްވި ދެއްވުން ތިލަ އިބާރާތްތަކުން، ލޮލަށް މަންޒަރު ސިފަވާހާ މޮޅަށް ޅެންބަހުން ލިޔުއްވައިފަ އެވެ. ފާރޫގުގެ ރަސްކަމުގެ ފަތުހީ ސިފަކުރެއްވީ ފިތްކަނޑައިގެންދާ ވަރަށް އަހުލާގު ދަށްވި އަދި ރިޝްވަތާއި ފަސާދަ އާއި އަނިޔާވެރިކަމާއި މުނާފިގުކަމުން އޮތް ދައުރެއްގެ ގޮތުގަ އެވެ.

މިސްރުގެ ރަސްގެފާނު ފާރޫގް (ވ) އެމެރިކާގެ ރައީސް ފްރޭންކްލިން ޑި ރޫޒްވެލްޓާ އެކު.


އެއީ މުޅި ދުނިޔެ ހެކިވާ ކަމެކެވެ. ފުރަތަމަ އަރަބި-އިސްރާއީލް ހަނގުރާމައިން 1948 ވަނަ އަހަރު މިސްރު ބަލިވެ، ޒަޔަނިސްޓުންނަށް މިނިވަން ދައުލަތެއްގެ ގޮތުގައި އިސްރާއީލް ގާއިމްކުރަން ފުރުސަތު ފަހިވީ ފާރޫގުގެ ރަސްކަމުގައި ސަރުކާރުގެ ތެރޭގައި އަދި އަސްކަރިއްޔާގެ ތެރޭގައި އޮތް ކޮރަޕްޝަނާއި ފަސާދައިގެ ސަބަބުންނެވެ. އެކަމަކު ޅެމުގައި ފަތުހީ ސިފަކުރައްވާފައިވާ ގޮތަށް ފާރޫގުގެ ވެރިކަން ފެށުނުއިރު އެއީ މުޅި ގައުމުގައި ނިޔަނެތިވި މޫރިތި ލޮބުވެތި ވެރިއެކެވެ. އެކަމަކު ކޮންމެ ކަމެއް ވަރިހަމަވުމުގެ ސަގާފަތެއް އުފެދި ފާޅުގައި ހަވާނަފްސުނަށް އަޅުކަން ކުރަން ފެށުމުން މިސްރުގެ ހާލަތު ބަދަލުވާން ފެށި ކަމަށް ވިދާޅުވެ ފަތުހީ ދެން ލިޔުއްވީ ސާފުބަހުން ކަން ހިނގި ގޮތެވެ. ފަތުހީގެ ރައުޔަކީ، މިސްރުގެ ޝަރަފްވެރި ތަހުތުގައި އިންނެވި ފާރޫގު ބުރުއަޅައި ވެއްޓިގެން ދިޔަ ސަބަބަކީ އޭނާ ކުރި އަނިޔާތައް ކަމަށެވެ. އަދި ނުބައިނުލަފާ ވެރިން އަނިޔާކުރާއިރު އެކަން މާތް ރަސްކަލާނގެ ދެނެވޮޑިގަންނަވާނެކަން ނޭގެނީހޭ، މިއީ އަޖާއިބެއް ނޫންހޭ ވިދާޅުވެ ވަރުގަދަ ސުވާލެއް ކުރައްވަ އެވެ. ފަތުހީ ޅެން ނިންމަލާވެއްވީ އެހާމެ ވަރުގަދަ ނަސޭހަތަކުންނެވެ. ވިދާޅުވަނީ ވެރިކަމަކީ އެއްކައުވަންތަ ﷲ ގެ މިލްކެއް ކަމަށާއި އިލާހީ އުޑުތަކާއި ބިންތަކުގެ ވެރިޔަކީ އެއީ ކަމަށާއި ތާއަބަދު ވެރިކަމުގައި ދެމި ހުރުމަކީ އެހެން އެކަކަށް ނެތް ސިފައެއް ކަމަށެވެ.

ސިޔާސީ ލޮލަކުން ބަލާއިރު އެ ޅެމަކީ، ގަދަފަދަކަން ދައްކާ ވެރިންނަށް ވަރުގަދަ އިންޒާރެކެވެ. ރާއްޖޭގެ ސިޔާސަތުގެ ތެރޭގައި އުފެދޭ ކޮންމެ އުދަބާންޏަކާ އެކު އަދި ބަދަލުވާ ކޮންމެ ވެރިކަމާ އެކު، ފަތުހީގެ އެ ބައިތުތައް ފަށްކުރެވެ އެވެ. އެކަމަކު އަދަބީ ލޮލަލުން ބަލާއިރު، އެ ޅެމަކީ ފަތުހީގެ ޅެންވެރިކަމުގެ ކުރިބޯއްޓެވެ. ކުޅަދާނަ ޅެންވެރިޔާ އާދަމް ނަސީރު އިބްރާހިމް ވިދާޅުވި ގޮތުގައި ފަތުހީގެ ޅެންވެރިކަމުގެ ހާއްސަ ސިފަތައް މި ޅެމުން ވަރަށް ބޮޑަށް ސިފަވެގެންދާ ކަމަށެވެ. އެ ސިފަ އަކީ، ވިދާޅުވާ ވާހަކައެއް އެންމެ އާދައިގެ މީހާ އަށް ވެސް އެނގޭނެ ގޮތަށް ތިލަ، ލުއި އިބާރާތަކުން އެކަމަކު ބޮޑު ބަރު މާނަ ލައްވާފައި ލިޔުއްވުން ކަމަށް ނަސީރު ވިދާޅުވި އެވެ.

"އޭގެ ނަތީޖާއަކީ (ފަތުހީގެ ބުނުންތަކުގައި) އާދަޔާހިލާފު ތޫނު ކަމަކާއި ދުވެއްޔެއް ހުރުން އަދި އެ (ބުނުންތައް) މޭގެ އެންމެ ފުނަށް ތީރެއްހެން ވަދެގެން ދިއުން،" ނަސީރު ވިދާޅުވި އެވެ.

މިސްރުގެ ހަނދާންތަކެއް: (އިށީނދެވަޑައިގެން ކ-ވ) އިބްރާހިމް ޝިހާބް އާއި މޫސާ ފަތުހީ (ކޮޅަށް ކ-ވ) ޒާހިރު ހުސެއިން، އަލީ މާހިރު، މައުމޫން އަދި ފަތުހުﷲ ޖަމީލް.


ދިވެހި ބަހާއި ތާރީހަށް ހިދުމަތްކުރާ ގައުމީ މަރުކަޒުގެ ކުރީގެ ރައީސް އައްބާސް އިބްރާހިމް ލިޔުއްވާފައިވާ ފަދައިން ގިނައިން ޅެން ހެއްދެވުމަށް ވުރެ ފެންވަރު ރަނގަޅު މަދު ޅެންތަކެއް ހެއްދެވުމަށް ލޯބިކުރެއްވި ފަތުހީ އަކީ، ޅެންވެރިކަމުގެ އިތުރުން ދިވެހި ބަހުގެ ވެސް މާހިރެކެވެ. ދިވެހި ބަހުގެ އުސްތާޒް އަދި ފަތުހީއާ އެކު ސަނިއްޔާ އިން ކިޔަވާވިދާޅުވި އަބްދުﷲ ސޯދިގު (ސޯދުބެ) "ހަވީރު" އަށް ވިދާޅުވެފައިވާ ގޮތުގައި ޖަމީލް ދީދީ އަވަހާރަވުމުން، ބަހާއި އަދަބިއްޔާތާ މެދު އަރާ އޮޅުންފިލުވުމަށް ބޭނުންކުރި ދިވެހި ޑިކްޝަނަރީ އަކީ ފަތުހީ ކަމަށެވެ.

"ފަތުހީ އަކީ ނައިފަރު ބޭފުޅަކަށް ވެވަޑައިގަތުމުން ޅެމުގެ ހުނަރާ މެދު އަޅުގަނޑު ހިތުން އިތުރު އެއްޗެއް ދަންނަވާނެ ތަނެއް ނޯންނާނެ އެވެ. ދެން އުޅުއްވަމުން ގެންދަވާފައިވަނީ، މާލޭގައި މުހައްމަދު އަމީނުގެ އަދަބީ ޖައްވުގަ އެވެ. އެއަށް ފަހު ވަޑައިގަތީ މިސްރަށެވެ. މި ހުރިހައި އަސަރެއް އޭނާގެ ޅެންތަކުން ހާމަވާނެނޫންތޯ އެވެ،" ފަތުހީ ހަނދާނުގައި ނެރުނު "ފަތްތޫރަ" ގެ ހާއްސަ އަދަދުގައި ސޯދުބެ ލިޔުއްވާފައިވެ އެވެ.

"މޫސާ ފަތުހީ ނެތިދިޔަ ކަމުގައި ވިޔަސް އަދަބިއްޔާތުގައި އޭނާގެ ހަރު މުދާ އެބަހުރި!،"

އަދަބިއްޔާތު އެކަންޏެއް ނޫނެވެ. ފަތުހީ ހާއްސަވެވަޑައިގެންނެވި ދާއިރާ ކަމަށްވާ ގާނޫނާއި އިންސާފު ގާއިމުކުރުމުގެ މަގުގައި އެމަނިކުފާނު ކޮށްދެއްވާފައިވާ ހިދުމަތްތަކުގެ ވާހަކަ ފާހަގަކުރަން ޖެހޭނީ ދަރަނިވެރި ހިތަކާ އެކު އެވެ. މިސްރުގެ އަޒުހަރުގެ މުސްކުޅި ގޮފިން ޝަރީއަތާއި ގާނޫނުން ފުރަތަމަ ޑިގްރީ އަދި ކިޔަވައިދިނުމުން ޑިޕްލޮމާއެއް ހާސިލްކުރައްވައިގެން 1966 ގައި މާލެ ވަޑައިގަތީ، ދަމައިގަތް ކަނޑީގެ މިޔަމައްޗަށެވެ. ބޮޑުވަޒީރު ނާސިރު އެމަނިކުފާނަށް ދެއްވީ އެ އޮފީހުގެ ހާއްސަ ވަކީލުކަމެވެ.

އޭގެ ދުވަސްކޮޅެއް ފަހުން، ރާއްޖޭން އިސްރާއީލާ ގުޅުން ބަދަހިކުރުމުންނާއި އެނޫން ވެސް ކަންކަމުގައި އޭރުގެ އުއްތަމަ ފަނޑިޔާރުމަނިކުފާނު ޖަމީލް ދީދީ ސަރުކާރަށް ފާޑުވިދާޅުވުމުން ކުރިމަތިވި ފިއްތުންތަކާ ގުޅިގެން، ޖަމީލް ދީދީ އިސްތިއުފާ ދެއްވި އެވެ.

އެއާ އެކު ޝަރުއިއްޔާ އަކީ ބޮޑުވަޒީރުގެ އޮފީހުގެ ބަޔެއް ކަމަށް ނިންމަވައި، ފަތުހީ އަށް ބޮޑުވަޒީރުގެ ނާއިބްގެ މަގާމާ އެކު ޝަރުއިއްޔާގެ ވެރިކަން ނާސިރު ހަވާލުކުރެއްވި އެވެ. އޭރު ރާއްޖޭގެ ކަންކަން އޮތް ގޮތަށް ބަލާއިރު މާލޭގެ ބޮޑު އާއިލާއަކަށް ނިސްބަތްނުވާ، ރަށަކަށް އުފަން ޒުވާން ބޭފުޅަކަށް ބޮޑުވަޒީރުގެ ނާއިބްކަން ލިބިވަޑައިގަތުމަކީ ހާއްސަ ކަމެކެވެ.

މޫސާ ފަތުހީގެ ބައެއް މައުލޫމާތުތަކާއި ހިދުމަތްތައް.


ގަރުނު ފޮތުގައި ބަޔާންކޮށްފައިވާ ގޮތުގައި އަޒުހަރުން ކިޔަވާވިދާޅުވެގެން ހުންނެވި ބޭފުޅަކަށް ވާތީ ފަނޑިޔާރުގޭގެ މަސައްކަތް ފަތުހީ ހަމަޖައްސަވަމުން ގެންދެވީ ޒަމާނާ އެކަށީގެންވާ ރަނގަޅު ފެންވަރަކަށް، މައްސަލަތައް ފަސޭހަކަމާ އެކު އަވަހަށް ނިންމޭނެ ގޮތްތަކުގެ މައްޗަށް ބައްލަވައިގެން ކަމަށެވެ. ކުރިން ޝަރުއިއްޔާގެ އަކުރުތައް ހަމަޖައްސާފައި ހުރި ގޮތް އުވާލައި ހ. އިން ފެށިގެން ވ. އާ ހަމަޔަށް ކޮންމެ އަކުރެއް ހިންގަން ގާޒީއަކު ހުންނަވާ ގޮތަށް ހަމަޖެއްސީ އެވެ. އަދި 1968 ގައި ޖުމްހޫރިއްޔަތެއް ގާއިމްވެ، ޖަސްޓިސް މިނިސްޓަރަކަށް ވެވަޑައިގެން އަކުރުތައް ޑިވިޝަންތަކަށް ބަހާލެއްވި އެވެ. އަދި 1969 ގައި ރަށްރަށުގެ ނާއިބުގެތައް އުވާލައި އަތޮޅު ކޯޓުތައް އުފެއްދެވި އެވެ.

އެކަމަކު ދިވެހިރާއްޖޭގެ ޝަރުއިއްޔާ އަށް ފަތުހީ ކޮށްދެވި އެންމެ ބޮޑު ހިދުމަކީ ގާޒީން އުފެއްދެވުމާއި ތަމްރީންކުރެއްވުމާއި ތާޒާކުރެއްވުމެވެ. އެކަމަށްޓަކައި "މުއާމަލާތެއް މަގެއް" އަދި "ގާނޫނަށް މަގެއް" ނަމުގައި ފޮތެއް ލިޔުއްވައި، ކޯސް ފަރުމާކުރައްވައި، އެ މަސައްކަތް އެތައް ޒަމާނެއް ވަންދެން ކުރެއްވި އެވެ.

"ގާޒީން ދިވެހިރާއްޖޭގައި ތަމްރީނު ކުރުމުގައި މޫސާ ފަތުހީ އެ އަދާކުރެއްވި ހިދުމަތަކީ ލާމަސީލު ހިދުމަތެއް. އެކަން އެންމެ ފުރަތަމަ ރާއްޖޭގައި ފަށްޓަވައިގެން ވަރަށް ރަނގަޅު ފެންވަރަކަށް ގެންދެވި ބޭފުޅަކީ އަލްއުސްތާޒު މޫސާ ފަތުހީ،" ފަތުހީ އަވަހާރަވުމުން ބޭއްވި ތައުބީނުގެ ޖަލްސާގައި، އެމަނިކުފާނާ އެކު މިސްރުގައި ކިޔަވާވިދާޅުވި ރައީސް މައުމޫން ވިދާޅުވި އެވެ.

ގާޒީން ތަމްރީން ކުރަން ބޭއްވި ބުރެއްގެ ބައިވެރިންނާ އެކު މޫސާ ފަތުހީ (ކ-2) ގްރޫޕް ފޮޓޯއެއްގައި.


ފަތުހީ ވަނީ އެންމެ ތިން މަސް ދުވަހުގެ ތެރޭގައި، އޭރުގެ ނިސްބަތުން ފެންވަރު ރަނގަޅު ގާޒީން ތަމްރީންކުރައްވައިފަ އެވެ. އެމަނިކުފާނު ތައްޔާރުކުރެއްވި ގާޒީއެއް ކަމަށްވާ ބ. ދަރަވަންދޫ ޔޫސުފްއަލިފުޅު ލިޔުއްވާފައިވާ ގޮތުގައި ތިން މަސް ދުވަހުގެ ތެރޭގައި "މުއާމަލާތަށް މަގެއް" އެ ފޮތް ކިޔަވައިދެއްވައި، މުދާބެހުމަށްޓަކާ ކަސްރު ދަސްކޮށްދެއްވައި ދިވެހީން ބޭނުންކުރާ ހަތަރު މައިގަނޑު ވިޔަ އާއި ތިންމައިގަނޑު ވިޔަ އާއި ފަސްމައިގަޑުވިޔަ ދަސްކޮށްދެއްވީ، ހަފުތާއަކު ދެރޭ ބޯޑުގެ ކައިރީގައި ކޮޅަށް ހުންނަވައިގެން ބޯޑުދޮށަށް ކުދިން ގެންނަވާ ދައްކަވައި ހިސާބު ހައްދަވައިގެން ކަމަށެވެ.

"މުދާބެހުމުގައި ތިރިއަށްވުރެ މަތިބޮޑުވެއްޖެއްޔާ ހަދާނެގޮތާއި ފަރުލުބައިން މަންމަ އަށް ލިބޭބައި ބައްޕައަށް އަސަބަތުން ލިބޭބަޔަށް ވުރެ މަދުވެއްޖެއްޔާ ހަދަންވާގޮތާއި ވާރުތަވެރި ފިރިހެނަކު ނެތިއްޖެ ނަމަ އެއްބަޑުއެއްބަފާ އުހުތު އަސަބަތްތެރިވާގޮތް ދަސްކޮށްދެއްވާ ތަރިކަ ބެހުމުގެ ހިސާބު ހަދާފައިވާ 100 ނަމްބަރު ހިމެނޭ ގޮތެއް ދަރިވަރުންނަށް ހައްދަވައި ދެއްވި އެވެ." "ފަތްތޫރަ" އަށް ޔޫސުފްއަލިފުޅު ލިޔުއްވާފައިވެ އެވެ.

ކިޔަވައިދެއްވުމުގައި ވެސް އާދާޔާހިލާފު ހުނަރެއް ލިބިވަޑައިގެންފައިވާ ފަތުހީ ގާޒީން ތަމްރީން ކުރެއްވީ ޖަސްޓިސް މިނިސްޓަރުކަން އަދި ފަހުން އުއްތަމަ ފަނޑިޔާރުކަމުގެ ޒިންމާ ވެސް އުފުއްލަވަމުންނެވެ. ނާސިރުގެ ރައީސްކަމުގައި 1968 ގައި ޖަސްޓިސް މިނިސްޓަރުކަން ލިބިވަޑައިގެންނެވި ފަތުހީ ވަނީ މައުމޫނުގެ ފުރަތަމަ ދެ އަހަރާ އެކު އެ މަގާމް 12 އަހަރު ފުރުއްވައިފަ އެވެ. އޭގެ ފަހުން އޮކްޓޫބަރު 6، 1980 ގައި ދިވެހިރާއްޖޭގެ ހައިކޯޓް އުފެއްދުމުން އެ ކޯޓުގެ އިސް ފަނޑިޔާރެއްގެ ގޮތުގައި އުއްތަމަ ފަނޑިޔާރު ކަމަށް ފަތުހީ އައްޔަންކުރެވުނެވެ. އެ މަގާމުގައި ހުންނަވައި، 1988 ގެ ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ ޝަރީއަތް ކުރެއްވި އެވެ.

އުއްތަމަ ފަނޑިޔާރުކަމުގައި ނޮވެމްބަރު 6، 1996 ގެ ނިޔަލަށް ހުންނެވުމަށް ފަހު ދެން އަދާކުރެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ އެންމެ މަތީ މަޖިލީހުގެ ރައީސްކަމެވެ. އަދި 1998 އިން 2003 ގައި އެ މަޖިލީހުގެ މުޝްތަތާރުކަން ކުރެއްވުމަށް ފަހު އަވަހާރަވުމާ ހަމަޔަށް ހުންނެވީ ދައުލަތަށް ގިނަ ދުވަހު ހިދުމަތްކުރެއްވި އިއްޒަތްތެރިއެއްގެ މަގާމުގަ އެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މެމްބަރުކަން ވެސް ކުރެއްވި ފަތުހީ އަކީ ރަސްމީ މަސައްކަތްތަކުގެ ބޭރުން ވެސް، ދީނީ ތަގުރީރުތަކާއި މަޒުމޫނުތަކާއި ހުކުރު ހުތުބާތައް މެދުވެރިކުރައްވައި ރާއްޖޭގައި ދީނީ ހޭލުންތެރިކަން އިތުރުކުރެއްވުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅެކެވެ

ނޮވެމްބަރު ތިނެއްގެ ޝަރީއަތް ހައިކޯޓުގައި ކުރިއަށްދާއިރު އުއްތަމަ ފަނޑިޔާރު މޫސާ ފަތުހީ (ވ-2) ފަނޑިޔާރުންގެ ބެންޗުގައިި. --ފޮޓޯ: ނެޝަނަލް އާކައިވްސް


ޖުލައި 10، 2007 ގައި ސިންގަޕޫރުގެ މައުންޓް އެލިޒަބަތު ހޮސްޕިޓަލްގައި އުމުރުފުޅުން 77 އަހަރުފުޅުގައި ފަތުހީ އަވަހާރަވީ، ދިވެހި ދައުލަތަށް 40 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތްކުރެއްވުމަށް ފަހު އެވެ. ލިބިވަޑައިގެން ހުންނެވި އިލްމުގެ ބޭނުން ފުރިހަމަ ގޮތުގައި ހިއްޕެވި، ބަސްމަދު، މަޑުމައިތިރި މިޒާޖުފުޅެއްގެ ފަތުހީގެ ޅެންވެރިކަން ސިފަކުރުމަށް "ނިމުމަކާއި ފެށުމެއް" ބޭނުންކުރަމުން އައި ނަމަވެސް އެމަނިކުފާނުގެ ގައުމީ ހިދުމަތް ސިފަކުރެވޭނީ، "ހިތުގެ އަޒުމް" ނަމުގައި ހެއްދެވި ޅެމުންނެވެ. ތިމަންނާގެ މޭ ގައުމަށްޓަކާ އައްޑަނަކައަށް ދިއްކޮށްލުމީ ފަހުނޭވަޔަށް ދަންދެން މޮޓޯ ކަމުގައި ހިޔާރުކުރާނެ ކަމަށް ވިދާޅުވި ބައިތާއި ކަމަކަށް ގޮވާލީމާ މި ގައުމުގެ އިއްޒަތާ އަބުރަށްޓަކާ އަމަށުން ހުރީ ވިއްޔާ އެތާ، އެކަކަށް ތިމަންނާ ވެސް ހުންނާނެ ކަމަށް ލިޔުއްވި ބައިތުން އެ ވަރުގަދަ ޝަހުސިއްޔަތުގެ ގައުމީ ލޯބި ވަޒަންކުރެވެ އެވެ.