Advertisement

ދަރިވަރުންނަށް އެންމެ ރަނގަޅު ގޮތަކީ ފްލައިން ސްކޫލުން ކޯސް ފުރިހަމަ ކުރުން: މިނިސްޓްރީ

ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން--


ދަރިވަރުންނަށް އެންމެ ރަނގަޅު ގޮތަކީ ފްލައިން ސްކޫލުން ކޯސް ފުރިހަމަ ކުރުން: މިނިސްޓްރީ

އޭޝިއަން އެކަޑަމީ އޮފް އެރޮނޮޓިކްސް (އޭއޭއޭ) އިން އައްޑޫ ސިޓީގައި ހިންގާ ފްލައިން ސްކޫލުގައި ކިޔަވާ 211 ދަރިވަރުންނަށް އެންމެ ރަނގަޅު ގޮތަކީ، އެ ސްކޫލުން ކޯސް ފުރިހަމަ ކުރުން ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ބުނެފި އެވެ.

ފްލައިން ސްކޫލްގެ މެނޭޖްމަންޓުގެ ބޮޑެތި އިހުމާލުތަކުގެ ސަބަބުން، ކޯސް ފުރިހަމަ ނުކުރެވި ހަތަރު އަހަރެއްހާ ދުވަސްވެފައި ތިބި ކުދިން ވެސް އެބަ ތިއްބެވެ. ދެހާސް ނުވަ ވަނަ އަހަރުން ފެށިގެން އޮޕަރޭޓު ކުރަމުން އަންނަ ފްލައިން ސްކޫލުގައި، ޕައިލެޓުން ތަމްރީންކުރުމަށް ގެންގުޅުނު 14 ބޯޓު އޮތީ ހަލާކުވެފަ އެވެ.

އެ ބޯޓުތައް މަރާމާތުކުރަން ތިބި އިންޖިއަނަރުންނަށް މުސާރާ ނުދޭތީ ވަނީ އިސްތިއުފާ ދީފަ އެވެ.

ތަމްރީންތަކަށް މަތިންދާ ބޯޓުތައް އުދުއްސާ ނުލެވޭތީވެ، ދަރިވަރުން އުދުހުމުގައި ހަމަކުރަންޖެހޭ ވަގުތު ފުރިހަމަ ކުރެވޭނެ ދުވަހެއް ވެސް މިހާރު ނޭނގެ އެވެ.

އެ މައްސަލައާ ގުޅިގެން ހަޔާ އެޑިއުކޭޝަން މިނިސްޓްރީ އާއި ޓްރާންސްޕޯޓް މިނިސްޓްރީގެ ވެރިން ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީއާބެހޭ ކޮމެޓީއަށް ހާޒިރުކޮށް މެމްބަރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ކޮމެޓީގައި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވީ ފްލައިން ސްކޫލްގައި ޕައިލެޓްކަން ދަސްކުރަމުންދާ ދަރިވަރުން ކޯސް ފުރިހަމަކޮށްފައިވާ ހިސާބުން، ރާއްޖޭން ބޭރުގެ އެހެން ސްކޫލަކުން ކިޔަވަން ފެށޭނެ އިންތިޒާމު ހަމަޖެއްސުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ކަމަށެވެ. ނަމަވެސް ފްލައިން ސްކޫލަކީ އިޔާސާ އެޕްރޫވްޑް ތަނަކަށް ނުވާތީ އެ ފުރުސަތު ލިބޭ ގޮތް ނުވި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މި މައްސަލައާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުން ތައްޔާރު ކުރި ރިޕޯޓްގައި، ފްލައިން ސްކޫލުގެ ދަރިވަރުންގެ ހައްގުތައް ގެއްލިފައިވާތީ ދަރިވަރުންގެ މާލީ ގެއްލުމުގެ ބަދަލު ހޯދައި ދިނުމަށް ލަފާ ދީފައިވެ އެވެ.

އެކަމާ ގުޅޭގޮތުން ސުވާލު ކުރުމުން މިނިސްޓަރު ވިދާޅުވީ ސަރުކާރުން ފްލައިން ސްކޫލް ގޮވައިގެން ކޯޓަށް ދިއުމުގެ ބަދަލުގައި ދަރިވަރުން އެ ސްކޫލް ގޮވައިގެން ކޯޓަށް ދިއުމަށް ބާރު އަޅަން އެޓާނީ ޖެނެރަލް ލަފާ ދެއްވާ ކަމަށެވެ.

ފްލައިން ސްކޫލްގައި ކިޔަވަމުން އަންނަ ދަރިވަރުންގެ ކިޔެވުން ހުއްޓި މެނޭޖްމަންޓާ މެދު ހިތްހަމަނުޖެހުން ބޮޑުވެފައިވާއިރު، ދަރިވަރުންގެ މަސްލަހަތު އިސްކޮށް އެތަނުގެ ހިންގުން ދިވެހި މެނޭޖްމެންޓަކާ ހަވާލުކުރަން މަޝްވަރާ ކުރަން ވަނީ ފަށައިފި އެވެ.

ފްލައިން ސްކޫލް ހިންގަން ވިލާ ކޮލެޖާއި މަންތާ އެއާއިން ޝައުގުވެރިކަން ފާޅުކުރި ނަމަވެސް މިހާތަނަށް ރަސްމީކޮށް ހުށަހެޅުމެއް ނުލިބޭ ކަމަށާއި ރަސްމީ ހުށަހެޅުން ސެޕްޓެމްބަރު ނުވަތަ އޮކްޓޯބަރުގައި ލިބޭނެ ކަމަށް ބެލެވޭ ކަމަށް މިނިސްޓްރީން ބުންޏެވެ.

ފްލައިން ސްކޫލްގެ ދަރިވަރުންގެ މައްސަލަ ހައްލުކުރަން ޓްރާންސްޕޯޓް މިނިސްޓްރީން ކޮމެޓީއަށް ހަތަރު ގޮތެއް ހުށަހަޅާފައިވެ އެވެ. އެއީ ރާއްޖޭން ބޭރުގެ ސްކޫލަކުން ކިޔެވުމާއި ރާއްޖޭގައި ހުރި އެޕްރޫވް ސްކޫލެއްގައި ކިޔެވުމާއި، ފްލައިން ސްކޫލްގައި ކިޔެވުން ކުރިއަށް ގެންދިއުން ނުވަތަ ސިވިލް އޭވިއޭޝަން އޮތޯރިޓީން ގަބޫލު ކުރާ ސްކޫލަކުން ކިޔެވުމެވެ.

މިވަގުތަށް ބަލާއިރު ދަރިވަރުންނަށް އެންމެ ރަނގަޅު ގޮތަކީ، މިނިސްޓްރީން ބުނި ގޮތުގައި، ފްލައިން ސްކޫލްގައި ކިޔެވުން ކުރިއަށް ގެންދިއުމެވެ. ރާއްޖޭގައި ޕައިލެޓުން ތަމްރީންކުރަން ހުއްދަ ދީފައިވާ ހަމައެކަނި ސްކޫލަކީ، ފްލައިން ސްކޫލެވެ.

ފްލައިން ސްކޫލްގެ މައްސަލައާ ގުޅޭ ގޮތުން ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ކޮމިޓީގައި ވިދާޅުވީ މިކަމުގެ ހައްލަކީ ޕައިލެޓުން ތަމްރީނުކުރާނެ އާ ސްކޫލެއް ގެނައުން ކަމަށެވެ.