Advertisement

ތުރުކީގައި މައްސަލަ ހޫނުވި މިސްކިތް ހުޅުވައިފި

ތަކްސިމް މިސްކިތުގައި އެއް ފަހަރާ 4000 މީހުންނަށް ނަމާދު ކުރެވޭނެ.-- ފޮޓޯ: ރޮއިޓާޒް


ތުރުކީގައި މައްސަލަ ހޫނުވި މިސްކިތް ހުޅުވައިފި

ތުރުކީގެ އިސްތަންބޫލްގައި ހުންނަ ތަކްސިމް ސްކޮޔާގައި މިސްކިތެއް ހުޅުވަން އުޅޭތީ 2013 ވަނަ އަހަރު މުޒާހަރާކޮށްފައި ވަނިކޮށް އެންމެ ފަހުން މިސްކިތުގެ މަސައްކަތް ނިންމާ ރަސްމީކޮށް ހުޅުވައިފި އެވެ.

މިސްކިތް ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި އެތައް ހާސް ބަޔަކު ބައިވެރިވި އެވެ. މިސްކިތް ހުޅުވުމަށް ފަހު އެ ތަނުގައި ނަމާދު ކުރިއިރު، މިސްކިތް ފުރިގެން ތަކްސިމް ސްކޮޔާގައި ވެސް އެތައް ބަޔަކު ސަފު ހަދައިގެން ތިއްބެވެ.

މިސްކިތް ހަދާފައިވަނީ ތުރުކީގެ ސެކިއުލާ ޖުމްހޫރިއްޔަތު ނުވަތަ ދީނާ ސިޔާސަތު ވަކިކޮށްފައިވާ ވެރިކަން ރަމްޒުކޮށްދޭ ތަކްސިމް ސްކޮޔާގަ އެވެ. ތުރްކީގެ ޖުމްހޫރިއްޔާ އުފެއްދެވި މުސްތަފާ ކަމާލް އަތާތުރްކް ހެއްދެވި ބިނާ ވެސް އެ ތަނުގައި ހުރެ އެވެ.

"އިސްތަންބޫލްގެ ހައިބަތު ދައްކުވައިދޭ ރަމްޒީ ސަރަހައްދެއްގައި ތަކްސިމް މިސްކިތް މި އެޅުނީ. މާތް ﷲ ގެ އިރާދަފުޅާއެކު އެންމެ ފަހު ދުވަހާ ޖެހެންދެން ވެސް މި މިސްކިތް މިތާ ހުންނާނެ،" ހުކުރު ނަމާދަށް ފަހު ރައީސް ތައްޔިބް އުރުދުގާން ވިދާޅުވި އެވެ.

އުރުދުގާން ވިދާޅުވީ އެ ތަނުގައި މިސްކިތް އެޅުމަކީ މުޒާހަރާ ކުރި މީހުންނާ ދެކޮޅަށް ލިބުނު ނަސްރެއް ކަމަށެވެ. މުޒާހަރާ ކޮށްފައި ވަނީ ތަކްސިމް ސްކޮޔާގައި ދީނީ ކަންކަން ރަމްޒު ކުރަން އުޅޭ ކަމަށް ބުނެ އެވެ.

ތަކްސިމް މިސްކިތުގެ ބޭރުގައި ނަމާދު ކުރަނީ.-- ފޮޓޯ: އީޕީއޭ


ތަކްސިމް ސްކޮޔާގައި މިސްކިތް އެޅުމުގެ ވާހަކަ އުރްދުގާން އެންމެ ފުރަތަމަ ދެއްކެވީ އިސްތަންބޫލްގެ މޭޔަރު ކަމަށް އިންތިހާބުވެ ވަޑައިގެންނެވުމުން 1990 ގަ އެވެ.

ތުރުކީއަކީ މުސްލިމް މެޖޯރިޓީ ގައުމެއް ނަމަވެސް އެ ގައުމުގައި އޮންނަނީ ސެކިއުލާ ވެރިކަމެވެ. ނަމަވެސް އުރުދުގާން މަސައްކަތް ކުރައްވަނީ އެކަން ބަދަލު ކުރަން ކަމަށް ބައެއް ފަރާތްތަކުން ތުހުމަތު ކުރެ އެވެ.