Advertisement

ރުޅި ނާންނާށެވެ!


ރުޅި ނާންނާށެވެ!

ރުޅީގެ އިހުސާސްވުމަކީ ވެދާނެ ކަމެކެވެ. ރުޅިއަކީ އިންސާނުންގެ އިހުސާސެކެވެ. ރުޅީގެ އިހުސާސްއާ ނުލައި އުޅުމަކީ އިންސާނަކަށް ކުރެވިދާނެ ކަމެއް ނޫނެވެ. އެކަމަކު ރުޅިއަށް އިޖާބަނުދީ ރުޅީގެ ވަގުތުގައި ނަފުސުގެ މައްޗަށް ބާރު ހިންގުމަކީ އެއީ އިސްލާމްދީން ގޮވާލާ ގޮތެވެ. ތަގުވާވެރިންގެ ސިފަތައް ބަޔާންކުރައްވަމުން، އާލްއިމްރާން ސޫރަތުގެ 134 ވަނަ އާޔަތުގައި ބަޔާންކުރައްވަ އެވެ.

"...އަދި، ރުޅި މަތަކޮށް ހިފަހައްޓާ މީހުންނެވެ. އަދި، މީސްތަކުންނަށް މާފުކުރާ މީހުންނެވެ. އިހްސާންތެރިންދެކެ ﷲ ލޯބިވެވޮޑިގެންވެ އެވެ."

އެހެންވީމާ ތަގުވާވެރިކަމުގެ ސިފަ ބޭނުންނަމަ ސަމާލުވާންވީ ރުޅީގެ އިހުސާސް އެހެން މީހުންނަށް ނުދެއްކުމަށެވެ. ހަމައެކަނި އެހެން މީހުންނަކަށް ނޫނެވެ. ތިމާގެ ރުޅީގެ އިހުސާސް ތިމާއަށް ވެސް ނުދެއްކުމަށެވެ. ބޭނުންވަނީ ރުޅި މަތަކޮށް ހިފެހެއްޓުމެވެ. ރުޅީގެ ސަބަބުން ނަތީޖާއެއް ނުކުންނާނެ ފަދަ ކަމެއް ނުކުރުމެވެ. އަދި ބަހެއް ވެސް ނުބުނުމެވެ.

ހެޔޮކަކަމަކަށް ވަސިއްޔަތްކުރުމަށް މާތް ނަބިއްޔާގެ އަރިހުގައި ބޭކަލަކު ދެންނެވިއެވެ. ހަދީސް ކުރެއްވި އެވެ. "ރުޅިނާންނާށެވެ!"

ދެން އެމީހަކު ތަކުރާރުކޮށް އިތުރު ކަންކަން ބުނެދެއްވުމަށް ދެންނެވި އެވެ. ހަދީސް ކުރެއްވި އެވެ. "ރުޅިނާންނާށެވެ." - ރަވާހުލްބުހާރީ -

ރުޅި ނައުމަށް ދެވޭ ނަސޭހަތް އެތައްގިނަ ނަސޭހަތަށް ފުދޭކަމުގައި މާތް ނަބިއްޔާ ހެއްދެވީ ސަބަބެއް އޮވެގެންނެވެ. ރުޅިއަކީ ވަރަށް ގިނަ ނުބައިތަކުގެ ފެށުމެއް ކަމުގައި ވާތީ އެވެ. ބަނގުރާއަކީ ނުބައިތަކުގެ މަންމައަށް ވަނީ ބަނގުރާ ބޯ މީހާގެ ބުއްދި ލުހިގެންދާތީ ކަމަށް ވާނަމަ، ރުޅިއަކީ ވަރަށް ގިނަ ނުބައިތަކުގެ ފެށުމެއް ކަމުގައި ވާ ސަބަބު ވަރަށް ސާފެވެ.

ރުޅިނާންނާށޭ ހަދީސް ކުރެއްވި ބަސްފުޅު އިލްމުވެރިން މާނަކުރައްވައި ތަރުޖަމާކުރައްވަނީ އޭގެ ލަފުޒީ މާނައަށްވުރެ ފުޅާކޮށެވެ. އިމާމް ހައްތާބީ ވިދާޅުވެފައިވެ އެވެ. އެބަސްފުޅުގެ މުރާދަކީ ރުޅީގެ ސަބަބުތަކަށް ހުށަހެޅި ނުގަތުމާއި ރުޅިއަށް މެދުވެރިވެދާނެ ކަންކަމަށް ހުށަހެޅި ނުގަތުމެވެ. ނުވަތަ ރުޅީގެ އިހްސާސް އަމުރުކުރާ ގޮތަށް ނުހެދުމެވެ. ބުނާ ބަހާއި ކުރާ ކަންތަކުގައި ރުޅީގެ އިހުސާސް ދައްކާ މަގުން ނުހިނގުމެވެ.

އެހެން ބޭކަލަކު މާތް ނަބިއްޔާގެ އަރިހުގައި ދެންނެވިއެވެ. އޭ މާތް ﷲ ގެ ރަސޫލާ އެވެ. އެކަމެއް ކުރުމުން ތިމަން ސުވަރުގެ ވަންނާނެ ކަމެއް ބުނެދެއްވާށެވެ. ހަދީސް ކުރެއްވި އެވެ. "ރުޅިނާންނާށެވެ. އޭރަށް ތިބާ ސުވަރުގެ ވަންނާނެ އެވެ." - ރަވާހުއްތަބަރާނީ -

ބުހާރީ ރިވާކުރެއްވި އެހެން ހަދީސެއްގައި ވެ އެވެ. ގަދަފަދަ މީހަކީ އަނެއް މީހާ ބިންމައްޗަށް ވައްޓާލެވޭ މީހާއެއް ނޫނެވެ. އެކަމަކު ގަދަފަދަ މީހަކީ ރުޅި އަންނަ ވަގުތު ނަފުސުގެ މައްޗަށް ވެރިކަން ހިންގާ މީހާ އެވެ."

މި ދެ ހަދީސް ބަސްފުޅަށް ވިސްނާލުމުން ރުޅި މައިތިރިކުރުމާއި ރުޅީގެ ވަގުތުގައި ސަމާލުވެގެން ހުރުމަކީ އާދައިގެ މީހަކަށް ކުރެވޭނެ ކަމެއް ނޫންކަން އެނގެ އެވެ. އަދި އެކަމަކީ އެހާ ދަރުމަ ބޮޑު ކަމެއްކަން ވެސް އެނގެ އެވެ. އަދި އެހާ ބުރައުނދަގުލުން އެކަންކުރާ ކަމަށްޓަކައި އެކަން ގެނެސްގަންނަ މީހާއަށް ބަދަލުގެ ގޮތުގައި ލިބެވޭ އިނާމަކީ އެހެން އެކައްޗެއް ނޫނެވެ. މާތް ﷲ ގެ ސުވަރުގެއެވެ. ތާއަބަދުގެ އުފާވެރިކަމެވެ.

ތިމާ ނަފުރަތުކުރާ މީހާއާ ދިމާއަށް ކާކުކަން ނޭނގޭ ގޮތަށް ނުވަތަ ފާޅުގައި ވިޔަސް ޓްވީޓަކުން ނޫނީ ސީދާ ބަހުން އެއްޗެހި ގޮވާލުމަކީ ރުޅީގެ ވަގުތުގައި ފަސޭހަކަމެކެވެ. މީހަކަށް ހަމަލާއެއްދީ އަނިޔާއެއް ދިނުމަކީ ރުޅީގެ ވަގުތުގައި ކުރަން އެންމެ ފަސޭހަ ކަންތަކެވެ. އުނދަގޫ ކަމަކީ ރުޅި މައިތިރިކުރުމެވެ. އެކަމަކު ސަވާބާއި ދަރުމަހުރީ ރުޅި އަންގާ ގޮތް ނުހެދުމުގަ އެވެ. ސުވަރުގެ ލިބެނީ އޭރުންނެވެ.

ރުޅި މައިތިރިކޮށް ހިފެހެއްޓުމަކީ އުނދަގޫ ކަމެއް ކަމަށް ވާތީ، އެއީ ކޮންމެ ފަހަރަކު އެއް ވަސީލަތަކުން ކުރެވިދާނެ ކަމެއް ނޫނެވެ. އެހެންކަމާއެކު ހާލަތާއި ގުޅޭ ގޮތުން ރުޅި ކޮންޓްރޯލްކުރުމަށް ކުރެވިދާނެ ތަފާތު އެތައް ކަމަކަށް އަހަރެމެންގެ މާތް ނަބިއްޔާ އިރުޝާދު ދެއްވާފައި ވެ އެވެ. އެއް ކަމަކީ ރުޅި އަންނަ ވަގުތު އައޫޒު ކިޔުމެވެ. އައޫޒުގެ އިބާރާތުގައި ހިމެނޭ މާނައަކީ ޝައިތާނާގެ ކިބައިން މާތް ﷲ ގެ ހަޒުރަތުން ރައްކާތެރިކަމަށް އެދެވޭ އިބާރާތެކެވެ. އެހެންވީމާ އައޫޒު ކިޔުމުގައި ސަމާލުވާންޖެހޭ ކަމެއްވެ އެވެ. އެއީ ތިމާ ރުޅި އަންނަ ވަގުތު ޝައިތާނާއަށް ތިމާއަށް ކޮންމެ ލަނޑެއް ވެސް ދެވިދާނެކަމަށް ގަބޫލުކުރުމާއެކު ތިމާ އެކަމަށްޓަކައި ﷲ ގެ ހަޒުރަތުން ރައްކާތެރިކަމަށް އެދިގަންނަނީކަން ގަބޫލުކޮށްގެން ހުރެ އައޫޒު ކިޔުމެވެ. އިމާމް އަހުމަދު ރިވާކުރައްވާފައިވާ ހަދީސެއްގައި، ރުޅީގެ ވަގުތުގައި ހަނުހުރުމަށް މާތް ނަބިއްޔާ އިރުޝާދުދެއްވާފައި ވާކަމަށް ވެ އެވެ. އަދި އެހެން ބަސްފުޅެއްގައި މާތް ނަބިއްޔާ އިރުޝާދުދެއްވަނީ ކޮޅަށް ހުއްޓައި ރުޅި އައިނަމަ އިށީނުމަށާއި އިށީނދެ އިންދާ ރުޅިއައި ނަމަ އޮށޯތުމަށެވެ.

ހުލާސާއަކީ ރުޅީގެ ވަގުތުގައި އެއްވެސް ކަމެއް ނުކުރެމެވެ. ރުޅީގެ ވަގުތުގައި އައޫޒުކިޔަން އާދަކުރުމުން ގޯސް ބަހެއް ނުބުނެ ހިފެހެއްޓެއެވެ. އަދި މާނަޔަށް ވިސްނައިގެން އައޫޒު ކިޔަން އާދަކޮށްފިނަމަ ރުޅީގެ އިހުސާސް ދުރުކޮށްލެވޭނެމެ އެވެ. ރުޅީގެ ވަގުތުގައި ހަނުހުރުމުން ވެސް އެމަގުސަދު ހާސިލުވެ އެވެ. ކޮޅަށް ހުއްޓާ ރުޅި އައުމުން އިށީނދެއްޖެނަމަ ރުޅީގެ ނަތީޖާއަށް ހުރަސްއެޅެ އެވެ. އިށީނުމަކީ ކޮޅަށް ހުންނަ މީހާގެ ހަރަކާތުގެ ހުއްޓުވާލުމެކެވެ. އޮށޯވެތުމަކީ އިށީނދެ އިން މީހާގެ ހަރަކާތުގެ ހުއްޓުވާލުމަކާއި ލަސްކޮށްލުމަކާއި މަޑުޖައްސާލުމެކެވެ.

ރުޅި މައިތިރިކޮށް ހިފެހެއްޓުން އަހަރެމެން އެންމެންގެ ކިބައިގައި އާދަކުރެވިއްޖެނަމަ، ޒުވާބުތައް ހުއްޓުވިދާނެ އެވެ. މާރާމާރީތައް ހުއްޓުވިދާނެ އެވެ. ގެވެށި އަނިޔާއަށް ނިމުން ގެނެވިދާނެ އެވެ. ޓެރަރިޒަމް ފިލުވައިލެވިދާނެ އެވެ. އެކަކު އަނެކަކަށް ހިނިތުންވުމާއެކު ހަމަޖެހިގެން ދިއިރުޅެވޭނެ ވެއްޓެއް ބިނާކުރެވިދާނެ އެވެ. މާތް ﷲ ރުއްސުންލެއްވި އުމަރު ބުން އަބްދުލްއަޒީޒް ވިދާޅުވެފައި ވެ އެވެ. އަމިއްލައެދުމާއި ރުޅިއާއި ދަހިވެތިކަމުން ސަލާމަތްވެއްޖެ މީހާ ކާމިޔާބުހޯދައިފި އެވެ.