Advertisement

ކޮވިޑާ ހެދި ދިގުދެމިގެންދާ ގޮތަށް ފުއްޕާމެޔަށް ގެއްލުން ލިބިދާނެ: ދިރާސާ

މޭގެ އެކްސް ރޭ އެއް.-- ފޮޓޯ: ގެޓީ އިމޭޖަޒް


ކޮވިޑާ ހެދި ދިގުދެމިގެންދާ ގޮތަށް ފުއްޕާމެޔަށް ގެއްލުން ލިބިދާނެ: ދިރާސާ

ހޮސްޕިޓަލުގައި އެޑްމިޓުކޮށްގެން ކޮވިޑަށް ފަރުވާ ދިނުމަށް ފަހު ރަނގަޅުވެގެން ދޫކޮށްލާތާ އެތައް މަހެއް ފަހުން ވެސް ފުއްޕާމެޔަށް ލިބިފައި ހުންނަ ގެއްލުން ރަނގަޅު ނުވާ ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.

އިނގިރޭސި ވިލާތުގެ ޝެފީލްޑް އަދި އޮކްސްފޯޑް ޔުނިވާސިޓީއިން ހެދި ދިރާސާއިން ދެއްކި ގޮތުގައި ތިން މަސް ފަހުން އަދި އެއަށްވުރެ ގިނަ ދުވަސް ފަހުން ވެސް ބައެއް މީހުންގެ ފުއްޕާމޭގައި ގެއްލުންތައް ހުރެ އެވެ.

ނަމަވެސް އާދައިގެ މަތިން ހަދާ ސީޓީ ސްކޭނާއި ކްލިނިކަލް ޓެސްޓުތަކުން ގެއްލުން ފެންނަ ނުހުންނަ ކަމަށާއި އެހެންކަމުން ފުއްޕާމޭގެ މައްސަލައެއް ނެތް ކަމަށް ޑޮކްޓަރުން އާއްމުކޮށް އެފަދަ މީހުން ކައިރީގައި ބުނާ ކަމަށެވެ.

އެފަދަ މީހުންގެ ފުއްޕާމޭގައި މައްސަލަތަކެއް ހުންނަކަން ފާހަގަވަނީ ހައިޕަޕޮލަރައިޒްޑް ޒެނޮން އެމްއާރްއައި ސްކޭން ހެދުމުންނެވެ. ބައެއް މީހުން ބަލިން ރަނގަޅުވިތާ ތިން މަސް އަދި މަދު އަދަދެއްގެ މީހުން ނުވަ މަސް ފަހުން ހެދި ސްކޭނުން ވެސް ފުއްޕާމޭގެ މައްސަލަތައް ހުރި ކަމަށް ދެއްކި އެވެ.

"ހޮސްޕިޓަލުން ދޫކޮށްލާތާ އެތައް މަހެއް ފަހުން ވެސް ގިނަ ކޮވިޑް ބަލި މީހުންނަށް ނޭވާލާން އުނދަގޫވޭ. އެކަމަކު ސީޓީ ސްކޭނުން ދައްކާނީ ފުއްޕާމޭ ރަނގަޅަށް މަސައްކަތް ކުރާ ކަމަށް،" އޮކްސްފޯޑް ޔުނިވާސިޓީގެ ޕްރޮފެސަރު ފާގަސް ގްލީސަން ވިދާޅުވި އެވެ.

"އަޅުގަނޑުމެން ހެދި ހައިޕަޕޮލަރައިޒްޑް ޒެނިން އެމްއާރްއައި އިން ދެއްކީ އާދައިގެ ސްކޭންތަކުން ނުފެންނަ މައްސަލަތައް އަސްލު ފުއްޕާމެޔަށް ދިމާވެފައި ހުންނަކަން. އެ މައްސަލަތަކުގެ ސަބަބުން ލެޔަށް ބޭނުންވާ ވަަރަށް އޮކްސިޖަން ފޯރުކޮށްދޭން ދަތިވެ، ނޭވާލާން އުނދަގޫ ވަނީ،" އޭނާ ވިދާޅުވި އެވެ.

ރޭޑިއޮލޮޖީ ޖާނަލްގައި ޝާއިއުކުރި ދިރާސާގައި އިތުރަށް ލަފާ ކުރި ގޮތުގައި ކޮވިޑު ޖެހިގެން އެޑްމިޓު ކުރަން ނުޖެހުނު ނަމަވެސް ދިގު މުއްދަތަކަށް ނޭވާލާން އުނދަގޫވުމާއި ނޭވާ ކުރުވުން ދިމާވާ މީހުންގެ ފުއްޕާމެޔަށް ވެސް ގެއްލުން ލިބިފައި ވާނެ ކަމަށެވެ.