Advertisement

ޓޫރިޒަމް އަޑިއެޅިޔަސް އެއް މިލިއަން ހުރަސްކުރާނެ ކަމަށް އަންދާޒާކޮށްފި

27 މޭ 2021 - 21:49 0

މުހައްމަދު ވިޝާމް

މުހައްމަދު ވިޝާމް

ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންތަކެއް މާލޭގައި: މިވަގުތު ޓޫރިސްޓުން އަންނަ މިންވަރު ދަށްވި ނަމަވެސް، އަހަރު ނިމުމުގެ ކުރިން ޓޫރިޒަމް ރަނގަޅުވާނެކަމަށް ވަނީ ލަފާކޮށްފަ. -ފޮޓޯ: ހުސެއިން ވަހީދު/ އަދަދު


ޓޫރިޒަމް އަޑިއެޅިޔަސް އެއް މިލިއަން ހުރަސްކުރާނެ ކަމަށް އަންދާޒާކޮށްފި

27 މޭ 2021 - 21:49 0

ކޮވިޑް-19 ފެތުރުން ކޮންޓްރޯލުން ނެއްޓިގެން އަނެއްކާ ވެސް ހަރުކަށި ކުރަން ޖެހިފައިވާ ފިޔަވަޅުތަކުގެ ސަބަބުން ޓޫރިޒަމް އަޑިއަޅާފައިވީ ނަމަވެސް، މިއަހަރު އަންނާނެކަމަށް އަންދާޒާކުރި އެއް މިލިއަނަށް ވުރެ ގިނަ ފަތުރުވެރިން އަހަރުގެ ނިޔަލަށް ރާއްޖެއަށް ޒިޔާރަތް ކުރާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ލަފާކުރައްވައިފި އެވެ.

މިއަދު ހަވީރު ފިނޭންސް މިނިސްޓްރީގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ރާއްޖޭގެ އިގުތިސޯދީ އަދި މާލީ ހާލަތާ ގުޅޭގޮތުން ތަފްސީލީ މައުލޫމާތުތަކެއް ހިއްސާކޮށްފަ އެވެ.

އެ މައުލޫމާތުތަކާ ހަވާލާ ދެއްވައި އަމީރު ވިދާޅުވީ ކޮވިޑާ ގުޅިގެން ރާއްޖޭގެ ބޯޑަރުތައް އަލުން ބަންދުކުރުމަށްފަހު މިދިޔަ އަހަރުގެ ޖުލައި މަހު އަލުން ހުޅުވާލި ފަހުން ފަތުރުވެރިކަން ރަނގަޅުވާން ފަށާފައިވަނީ ވެކްސިންގެ ހަބަރާއެކު މިދިޔަ ނޮވެމްބަރު މަހުން ފެށިގެން ޓޫރިޒަމް ވަރަށް ބޮޑަށް ރަނގަޅުވި ކަމަށެވެ.

އެގޮތުން، މިދިޔަ ޑިސެންބަރުން ފެށިގެން ފަތުރުވެރިން ޒިޔާރަތްކުރާ އަދަދު މައްޗަށް ގޮސް މިދިޔަ އަހަރު ނިމުނީ ކަނޑައެޅި ޓާގެޓަށްވުރެ ގިނައިން ފަތުރުވެރިން ޒިޔާރަތް ކޮށްގެން ކަމަށެވެ.

އަދި މިއަހަރުގެ ފުރަތަމަ ހަތަރު މަހު ވެސް ޓޫރިސްޓުން އައި މިންވަރު އިތުރުވިއިރު، ކަރަންޓީނުވުން ފަދަ ފިޔަވަޅުތަކުގެ ސަބަބުން ރާއްޖޭގައި އެވަރެޖުކޮށް ހޭދަކުރާ ދުވަހުގެ އަދަދު ވެސް އިތުރުވެގެން ދިޔަކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

އެގޮތުން، 2019 ވަނަ އަހަރު އެވަރެޖު ބެޑްނައިޓްސް ނޫނީ ހޭދަ ކުރާ ދުވަހުގެ އަދަދު 6.3 އިން މިއަހަރު 8.5 އަށް އެރި ކަމަށެވެ.

"އެކަމަކު ރާއްޖޭގެ ކޮވިޑް-19ގެ މިހާރުގެ ހާލަތާއެކު، ފަތުރުވެރިކަމަށް އޭގެ އަސަރުވަނީ ކުރަން ފަށާފައި،" އަމީރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ފަދައިން ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަމުން ދިޔަ އަވައްޓެރި އިންޑިއާާއާއެކު ދެކުނު އޭޝިއާގެ ގައުމުތަކުގައި ކޮވިޑުގެ ހާލަތު އިންތިހާއަށް ގޯސްވެ އެ ގައުމުތަކުން ފަތުރުވެރިން އައުން މަނާކުރުމާއެކު ދުވާލަކު އަންނަ ޓޫރިސްޓުންގެ އަދަދު ވެސް ދަނީ ދުވަހެއް ދުވަހަކުން ދަށްވަމުންނެވެ.

އެގޮތުން މިއަހަރު ފެށުނު ފަހުން އެވެރެޖުކޮށް 70،000 އަށް މަތީގައި ހުރި އަދަދު މި މަހުގެ ތެރޭގައި ވަނީ 48،000 އަށް ވެއްޓިފަ އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރު އަމީރު މައުލޫމާތު ދެއްވަނީ. -ފޮޓޯ: އެޗްއީއޯސީ


މި މަހުގެ 21 ވަނަ ދުވަހު އެންމެ ފަހުން އާއްމުކުރި ތަފާސް ހިސާބުތަކަށް ބަލާއިރު، އެ ދުވަހާ ހަމައަށް ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 437,995 ފަތުރުވެރިންނެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި މިއަހަރު ފުރަތަމަ އަންނާނެ ކަމަށް އަންދާޒާކުރީ 600،000 ފަތުރުވެރިން ކަމަށާއި، ނަމަވެސް އެ އަދަދުތައް މުރާޖައާ ކުރަމުން އައިސް އެ އަދަދު މި އަހަރު އެއް މިލިއަނަށް އަރާނެ ކަމަށް ލަފާކުރި ކަމަށެވެ.

މިވަގުތު ޓޫރިސްޓުން އަންނަ މިންވަރު ދަށްވެފައި އޮތް ނަމަވެސް މިއަހަރު ނިމޭއިރު އެއް މިލިއަނާއި 1.5 މިލިއަނާ ދެމެދުގެ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރާނެ ކަމަށް ލަފާކުރެވޭކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ކޮވިޑުގެ ކުރިން ރާއްޖޭގެ ޓޫރިޒަމް އޮތް މިންވަރަށް ރުޖޫއަވާން ފަށާނެ ކަމަށް މިހާރު ލަފާކުރަނީ އަންނަ އަހަރުގެ ކުރީކޮޅުގައި" އަމީރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މިއަހަރުގެ ބަޖެޓް ތައްޔާރުކުރި އިރު ފަތުރުވެރިން ޒިޔާރަތްކުރާނެ ކަމަށް އޭރު ލަފާކުރެވުނު އަދަދަށް ބިނާކޮށް ޖީޑީޕީ އިތުރުވާނެކަމަށް ބެލެވުނީ 13.5 ޕަސަންޓުން ކަމަށެވެ.

ނަމަވެސް، ޓޫރިޒަމަށް މިއަހަރު ލިބެމުންދާ ކުރިއެރުމުގެ ސަބަބުން އިގްތިސާދީ ދުވެލި 13.5 ޕަސަންޓާއި 34.1 ޕަސަންޓާ ދެމެދުގައި ކުރިއަރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

"މިހާރު އެންމެ ބޮޑަށް ލަފާކުރެވެނީ އިގުތިސާދީ ކުރިއަރާނީ ގާތްގަނޑަކަށް 22.7 ޕަސަންޓުގައި ކަމަށް،" އޭނާ ވިދާާޅުވި އެވެ.

ކޮވިޑުގެ ސަބަބުން ރާއްޖޭގެ އިގުތިސޯދަށް ކުރިމަތިވެފައިވާ ހީނަރުކަމުން ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި އެއްކޮށް އަރައިގަނަވޭނެކަމަށް ބެލެވޭކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެެވެ.