Advertisement

އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރަކަށް ހުސެއިން ނިޔާޒް

26 މޭ 2021 - 16:57 0

އަމަން ހަލީމް

އަމަން ހަލީމް

އުރީދޫގެ ޗީފް ކޮމާޝަލް އޮފިސާ ހުސެއިން ނިޔާޒް: ކުރިން ސިފައިންގޭގައި މަސައްކަތް ކުރި ނިޔާޒް އުރީދޫގައި މަސައްކަތް ކުރައްވާތާ 16 އަހަރު ވެއްޖެ -- ފޮޓޯ: ކޮރަލްގްލާސް މީޑިއާ


އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރަކަށް ހުސެއިން ނިޔާޒް

26 މޭ 2021 - 16:57 0

އުރީދޫ މޯލްޑިވްސްގެ އެކްޓިން ޗީފް ކޮމާޝަލް އޮފިސަރު (ސީސީއޯ) ގެ މަގާމަށް ހުންނެވި ހުސެއިން ނިޔާޒު ދާއިމީކޮށް އެ ކުންފުނީގެ ސީސީއޯގެ މަގާމަށް ހަމަޖައްސައިފި އެވެ.

ނިޔާޒަކީ މީގެ 16 އަހަރު ކުރިން ފެށިގެން އުރީދޫ (އޭރު ވަތަނިއްޔާ) ގައި މަސައްކަތް ކުރައްވަން ފެއްޓެވި މުވައްޒަފެކެވެ. އެ ކުންފުނީގައި ނިޔާޒް އެންމެ ފުރަތަމަ އަދާކުރެއްވީ އާރްއެންއީ ޓެކްނީޝަނެއްގެ ވަޒީފާ އެވެ. އެ ފަހުން އުރީދުގެ މެނޭޖްމަންޓް ލެވެލްގެ ގިނަ ވަޒީފާތަކެއް އޭނާ އަދާކުރެއްވި އެވެ.

އޭގެ ތެރޭގައި އުރީދޫގެ ނެޓްވޯކް ޕްލޭނިން އެންޑް އޮޕްޓިމައިޒޭޝަން މެނޭޖާގެ މަގާމާއި ހެޑް އޮފް ނެޓްވޯކްސް އާއި ހެޑް އޮފް ސޭލްސް އެންޑް ޑިސްޓްރިބިއުޝަންގެ މަގާމު އޭނާ ފުރުއްވި އެވެ.

ނިޔާޒު އޭގެ ކުރީގައި ހިދުމަތް ކުރެއްވީ ސިފައިންގޭގަ އެވެ. ސިފައިންގޭގައި ވެސް ނިޔާޒް ހަރަކާތްތެރިވީ އައިޓީ ދާއިރާގަ އެވެ. އަދި އެ ދާއިރާއިން މަތީ ތައުލީމު ހާސިލުކުރެއްވީ ސިފައިންގެއިން ލިބިވަޑައިގެންނެވި ފުރުސަތެއްގަ އެވެ.

އުރީދޫ މޯލްޑިވްސްއިން ބުނީ ދިވެހި މުވައްޒަފުން ބިނާކޮށް، ކުންފުނީގެ ލީޑާޝިޕުން ދިވެހިންނަށް ފުރުސަތުތައް ފަހިކޮށް ދިނުމަށް ހާއްސަ އަހައްމިއްޔަތުކަމެއް ދޭ ކަމަށެވެ. އަދި ނިޔާޒް މި މަގާމަށް އައްޔަންކުރުމަކީ އުރީދޫއަށް މި ރޮނގުން ހާސިލުކުރެވުނު މުހިއްމު ލަނޑުދަނޑިއެއް ކަމަށެވެ.

މީޑިއާތަކާއި ހިއްސާކުރެއްވި މެސެޖެއްގައި އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ޗީފް ފައިނޭންޝަލް އޮފިސަރު، ނަޖީބް ހާން ނިޔާޒަށް މަރުހަބާ ވިދާޅުވި އެވެ. އަދި، ޓެކްނީޝަނެއްގެ ގޮތުގައި ކުންފުންޏާ ގުޅުމަށް ފަހު އުރީދޫއިން ހޯދި ކާމިޔާބީތަކުގެ ފަހަތުގައި ނިޔާޒަކީ މުހިއްމު މީހެއްކަން ފާހަގަކޮށް ކުންފުނީގެ ކުރިއެރުވުމަށް ނިޔާޒް ކޮށްދެއްވި މަސައްކަތަށް ޝުކުރުއަދާކުރެއްވި އެވެ.