Advertisement

އަލިކަންދޭ ހަނދާ އެވެ!

އަދަދު އާޓްވޯކް: އަހުމަދު އިހުސާން (އަރަކަ އާޓްސް)


އަލިކަންދޭ ހަނދާ އެވެ!

އަސްލު ލިޔުއްވީ: މުޞްޠަފާ އަލްމަންފަލޫޠީ 1924މ

ތަރުޖަމާ: ނޫރުއްސަލާމް އަބޫބަކުރު

އުޑުގެ މަތީން ދެމިގެންވާ ތަރިޔާ އެވެ. ކާވެންޏަށް ނަލަހެދިގެން ގަނޑުވަރެއްގެ ކިޑީކީން ބޭރަށް މޫނު ދައްކާލައިން އިންނެވި ފަތްމިންޏަކީ ހެއްޔެވެ؟ ފަލަކުގައި ފިޔަޖަހަމުންދާހާ ތަރިތަކަކީ ލައިގެންހުރި ޒީނަތްތެރި ފޭރާމުގައި އަތްކަންއެޅި އަލިމަހާއި ފީރޯޒަށްވާ ގޮތުގަ އެވެ. ނުވަތަ ތިޔައީ ތަހުތުގައި ވެޑުވިގެން އިންނެވި މަތިވެރި ރަސްކަލަކީ ހެއްޔެވެ؟ ތިޔަހަރަހާ ވިދުންތަކަކީ ވަށައިގެން ތިބިހާ ހޫރުންނާއި ޕަރީންނަށް، ނުވަތަ އޮލަކަމާއެކު ދިހުން އަރައަރާހުރި ޔާގޫތަށްވާ ގޮތުގަ އެވެ. ވަށައިގެންވާ ފަލަކާ މެދު ބުނަންވީ ދެފުށުން އަލި ފެންފިޔާޒުގަނޑެކޭ ހެއްޔެވެ؟ ނުވަތަ ބިއްލޫރީގެ ތަނަވަސް ސަނދުވާއެކޭ ހެއްޔެވެ؟ ވަށައިގެންވަނީ އިންވަކިކުރެވިފައިވާ ބިންގަނޑެއް ހެއްޔެވެ؟ ނުވަތަ ހޯސްލާފައި ދެމޭ ހިރިކޯލައެއް ހެއްޔެވެ؟ ތިޔަދޭ ހަނދުވަރަކީ އޭގެ އާރުތަކުގެ ފެންދެމޭ އައްސޭރި ހެއްޔެވެ؟ ނުވަތަ އުދަރެސް ބައްދާފައި އޮތް ވިދުވަރެއްގެ ބެބުޅުން ހެއްޔެވެ؟ މިހިރަ ތަރިތަކަކީ ކޭރިގެން ނުކުތް ވިދިފާނެއްގެ ކަނިތައް ހެއްޔެވެ؟

އަލިކަންދޭ ހަނދާއެވެ. ބިމަށް އަލިކޮށްފީމު އެވެ. ފަރުބަދަތަކާއި ވާދީތަކަށެވެ. އަޑިތަކާއި އުސްތަކަށެވެ. ހަނަފަސް ތަނާއި އާބާދުތަކަށެވެ. އަޅެ އަހަރެންގެ މިނަފުސުގެ އެތެރެއަށް އުދަވާނު ހެއްޔެވެ؟ މިނަފުސުގެ އަނދިރިގަނޑަށް އަލިކޮށްލުމަށެވެ. ދެރަތަކާއި ހިތާމައިގެ ވިލާތަކުން އުހެދިފައިވާ އަނދިރިގަނޑުގަނޑު ރޫޅައިލުމަށެވެ.

އަލިކަންދޭ ހަނދާ އެވެ. އަހަންނާއި ކަލެޔާ އެއްގޮތްކަމެއްވެ އެވެ. ގުޅޭގޮތެއް ފެނެ އެވެ. ކަލޭ ތިހުރީ ކަލޭގެ އުޑުގައި އެކަންޏެވެ. އަހަރެން މިހުރީ އަހަރެންގެ ބިމުގައި އެކަންޏެވެ. ދެމީހުން ކުރިޔަށް މިދަނީ ހިމޭންކަމާއެކު މަންމަނުންގެ ގޮތުގަ އެވެ. ދެރަވެގެންތިބެ ނިކަމެތީންގެ ގޮތުގަ އެވެ. މީހަކާ ދިމާއަށް ނުލެނބެމެވެ. މީހުން އަހަރެމެންނާ ދިމާއަކަށް ވެސް ނުލެނބެ އެވެ. އެކެއްގެ މައްޗަށް އަނެކަކު ފާޅުވެ މިގަންނަނީ ރޭވެ ކަޅިސްވުމުންނެވެ. ދެމީހުން ދެމީހުންނަށް ހިނގަހިނގާފައި ގޮވަނީ އެވެ. މީހަކަށް އަހަރެން ފެނިއްޖެއްޔާ އަހަރެން މިހުރީ އުފަލުންކަމަށް އެމީހަކު ހީކުރެ އެވެ. ތުނބުގެ ހިނިތުމާއި ނިތުގެ ތާޒާކަން ފެނި މަގުފުރެދިފަ އެވެ. އެމީހަކަށް އަހަރެންގެ ނަފުސު ފަރުދާއަކާ ނުލައި ފެނިއްޖެނަމަ، އެމީހަކު އަހަންނަށްޓަކައި ރޯނީ ގިސްގިސްލާފަ އެވެ. މީހުންނަށް ކަލޭ ފެނިފައިވެސް އެމީހުން ހީކުރަނީ ކަލޭ ތިޔަހުރީ އުފަލުން ފޮޅިފައިކަމަށެވެ. މޫނުގެ ރީތިކަމާއި ނިތްކުރީގެ ވިދުން ފެނި މަގުފުރެދިގެންނެވެ. އެކަމަކު ހަމަލޮލަށް ކަލޭގެ ދުނިޔެ އެމީހުންނަށް ފެންނާނެނަމަ އެވެ. ހަނަފަސް ސަހަރާއެކެވެ. ގަހެއް ރުކެއް ނެތެވެ. ވަޔެއް އޮޔެއް ނެތެވެ. އަޑެއް ބަޑެއް ނެތެވެ. ދިރުމެއް ވެސް ހިލަމެއް ވެސް ނެތެވެ.

އަލިކަންދޭ ހަނދާ އެވެ. އަހަރެންގެ ނަފުސު އަލީން ދިއްލާލާ ކަހަލަ، ހިތް އުފަލުން ފުރާލާ ކަހަލަ ރަށްޓެއްސަކު އަހަރެންގެ ހުއްޓެވެ. އަހަރެން އޭނާއަށް، އޭނާ އަހަރެންނަށް ގޮވާލި ކޮންމެ ފަހަރަކު އެވެ. ކަލޭގެ ފެނުމާއި ބެލުމުގެ ދަށުންނެވެ. ޒަމާން އޭނާއާއި އަހަރެން ދުރުކޮށްފި އެވެ. ކަލެޔަށް އޭނާއާ ބެހޭ ގޮތުން އަހަންނަށް ބުނެދެވިދާނެ ހެއްޔެވެ؟ އޭނާ ވީ ތަނެކެވެ. ފަހަރުގައި އަހަރެން ކަލެޔާ ދިމާއަށް މިބަލާހެން އޭނާ ވެސް ކަލެޔާ ދިމާއަށް ބަލަހައްޓައިގެން ހުރެދާނެ އެވެ. އަހަރެންގެ މިގޮވެލިފަތި އޭނާވެސް ގޮވަގޮވާ ހުރެދާނެ އެވެ. އަހަރެން މިއެދޭ އެދުން އޭނާ ވެސް އެދިއެދި ހުރެދާނެ އެވެ. އަހަރެން މިހުރީ އެވެ. އަހަންނަށް އޭނާގެ ސޫރަ ކަލޭގެ ލޯގަނޑުން ފެންނަ ފަދަ އެވެ. އޭނާ އަހަރެންނަށްޓަކައި ރޯލަރޯލައި ހުރިތަން އަހަންނަށް ފެންނަ ފަދަ އެވެ. އަހަރެން އޭނާއަށްޓަކައި ރޯލަރޯލައި ހުރި ފަދައިންނެވެ. އޭނާއާމެދު އޮތް ޝައުގުވީ އިތުރެވެ. ހިތާމަވީ ބޮޑެވެ.

ކަލޭ މަޑުމަޑުން ފެޔަށް އަރިޔަށް ދާތަން މިފެންނަނީ ކީއްވެ ހެއްޔެވެ؟ ބެބުޅުންތައް ހިނދެމުން ހިނދެމުން ދާތަން މިފެންނަނީ ކީއްވެ ހެއްޔެވެ؟ ކަލޭގެ ބޯމައްޗަށް ދޭހުގެ މަތީން ފާއްދައި، މަޅާމިލެވުނީ އުރައިން ދަމައިގަނެވުނު ކޮންފަދަ ކަނޑިއެއް ހެއްޔެވެ؟

ކުޑައިކޮށް މަޑުކޮށްލަދީބަލާށެވެ! އަހަރެންނާ ނުފިލާށެވެ. އަހަރެން ދޫކޮށްނުލާށެވެ. ކަލޭ ނޫނީ އަހަރެން ދަންނަ މަހުލޫގަކު ނެތެވެ.

ފަތިސް ވިލިގަނެއްޖެ އެވެ. އެކުވެރިޔާ ފިލައި ރައްކާވެއްޖެ އެވެ. ދުވާލުގެ އެކަނިވެރިކަން ނިމި އަނދިރީގެ އެކުވެރިކަން އަލުން ބައްދަލުވާނީ ދެން ކޮން އިރަކުންބާވަ އެވެ!

............

ކުޑަ ރަދީފް:

އަތްކަން: 1 - ރަންރިހީން ތަކެތި ހެދުމުގެ މަސައްކަތް. 2: - ޖަރީކުރުމުގައި އަޅާކުރެހުން.

އަލިމަސް: ޖަވާހިރުގެ ތެރެއިން އެންމެ ހަރު، އެންމެދަޅަގަދަ ބާވަތް.

ފީރޯޒު: އަގުހުރި ހިލައެއް. އާއްމުކޮށް މީގެ ކުލައަކީ ފެހިކުލަ. އަގޮޓީގެ އެހަށާއި ފަށުފުލަށް މި ބޭނުންކުރޭ.

ދިހުން: 1 - ކުލަ ބަދަލުވާގޮތަށް ހުންނަ އޮފު. 2 - އަނދިރި ކުލައެއްގައި ދަޅައަޅާ ގޮތަށް ހުންނަ ވިދުން.

ޔާގޫތު: މަޑުފިޔާތޮށި ކުލައިގެ ޖަވާހިރެއް.

ފެންފިޔާޒު: ޖަވާހިރެއް. މިހުންނަނީ މަޑުކުލަކުލައިގައި. އެތެރެ އެނގޭ ހެން ހީވާ ނުވާގޮތަކަށް އެއްކުލައަކުން ނޫނީ ދެކުލައެއް އެކުލެވޭ ގޮތަށް.

ސަނދުވާ: އަށްޓާއި އެނދާއި އުނދޯލިފަދަ ތަންތާނގެ މަތީގައި ދަމާ ފޮތިގަނޑު.

ހިރިކޯލަ: 1 - ބޮޑެތި ފެންގަނޑު. 2 - ބޮޑެތި ކޯރުފަދަ ތަންތަން. 3 - ކަނޑު.

ކޭރުން: ކޭއްތުން.

ވިދިފާން: ވިދުވަރުގެ ދުރުން ފެންނަ އަލި.

އުދަވުން: އިރު ނުވަތަ ހަނދު ނުވަތަ ތަރި އެރުން.

ކަޅިސް: ރޭގަނޑުގެ އަނދިރި.

ގޮވެލިފަތި: 1 - ކިޔައި އުޅުމަށް އެކުލަވައިފައި ހުންނަ ބަނދި ފާޑުގެ ތަކެތި. 2 - [މަޖާޒު] އެއްޗަކަށް ނުވާގޮތަށް ކިޔާފަތިވަރު.

ވިލުން: އަލިވިލުން، މިނިވަންވުން، ރަބަރާއި އިސްފިރޭނު ފަދަ ތަކެތީގައި ހުންނަ ދެމުން.