Advertisement

"އަ ކުވައިޓް ޕްލޭސް 2" ސްކްރީނަށް، ބަލަން ކެރޭނެތަ؟


"އަ ކުވައިޓް ޕްލޭސް 2" ސްކްރީނަށް، ބަލަން ކެރޭނެތަ؟

އެކައްޗެއް ޔަގީނެވެ. ފިލްމުގެ ފުރަތަމަ ބަޔަށް ވުރެ ވެސް މި ބައިގެ ހަމަހިމޭން ކަން ބޮޑުވާނެ އެވެ. ފުރަތަމަ ޕާޓު ނިމުނު އިރު، "އޭލިއަން ފުރޭތަ" މަރާލުމަށް ފަހު އަތަށް ޝޮޓްގަން ހެޔޮވަރު ކޮށްލަމުން މެއިން ކެރެކްޓަރުގެ ރޯލުން ފެންނަ އެމިލީ ބްލަންޓް މޫނުމައްޗަށް އެ ގެންނަ "ނުރައްކާތެރި" ހިނިތުންވުމުން އެކަނި ވެސް އެކަން ސާފުވާނެ އެވެ.

2018 ވަނަ އަހަރު ނެރުނު "އަ ކުވައިޓް ޕްލޭސް" އަކީ އެ އަހަރު ނެރުނު އެންމެ ކާމިޔާބު އެއް ފިލްމެވެ. އަދި މި ފަހުން ނެރުނު އެންމެ ގިނަ ބަޔަކު ތައުރީފު ކުރި އެއް ބިރުވެރި ފިލްމު ވެސް މެ އެވެ. އެފަދަ އެހެން ފިލްމުތަކާ ހިލާފަށް މި ފިލްމުގައި، ނިމޭއިރު އިވޭ ޝޮޓްގަން ގެ ވަރުގަދަ އަޑުފަށްގަނޑު ފިޔަވައި އެވަރުގެ ގަދަ އަޑެއް ފިލްމުގައި އިވެނީ މަދު ފަހަރަކު އެވެ. ގާތްގަނޑަކަށް މުޅި ފިލްމުގައި ވެސް ޑައިލޮގެއް ނެތެވެ. މުޅިން ވެސް ވާހަކަ ދައްކަނީ އިޝާރާތް ބަހުރުވައިންނެވެ. ފެށިގެން ނިމެންދެން ފިލްމުގެ ސަސްޕެންސާއި ބިރު ހިފަހައްޓާފައިވަނީ ފިލްމުގައި ހަމަހިމޭން ކަން ގެނެސްދީ، ދައްކުވައިދިފައިވާ އާދަޔާ ހިލާފު މޮޅުކަމުންނެވެ.

އަ ކުވައިޓް ޕްލޭސްގެ ފުރަތަމަ ބައި ނިމޭއިރު އެމިލީގެ އަންހެން ދަރިފުޅު އިވްލީން އެބޮޓްގެ ކެރެކްޓާއިން ފެންނަ ކުޑަ އަންހެން ކުއްޖާ އަށް އޭގައި ފެންނަ އޭލިއަން ފުރޭތަ ތައް ބަލިކުރާނެ ސިއްރު ހަތިޔާރެއް ހޯދެ އެވެ. އަޑު އަންނަ ދިމާ ހޯދައިގެން ހަމަލާދޭ މި އޭލިއަނުންގެ ބަލި ފަޔަކީ އެ އެއްޗެހީގެ ކަންފަތުގެ ގޮތުގައި މަސައްކަތްކުރާ ނާޒުކު ގުނަވަނެވެ.

އަލަށް ނެރޭ ދެވަނަ ބައިގެ ޓްރެއިލާގައި ފެންނަ ގޮތުން ފުރަތަމަ ފިލްމުގައި ފެންނަ އޭލިއަނުން ދުނިޔެއަށް އައިސް މީހުންނަށް ހަމަލާދީ ގިނަ ބަޔަކު މަރައިލާ ގޮތް ދައްކުވައިދޭ ޕްރީކުއެލް އެއް ފިލްމު ފަށާއިރު ދައްކަ އެވެ. އެމިލީ އާއި ޖޯން އަދި އެ ދެމީހުންގެ ތިން ދަރިންގެ ތެރެއިން ދެ ކުދިންނާއި ފުރަތަމަ ފިލްމު ނިމޭއިރު ވިހާ ކުޑަ ދަރިފުޅާއެކު މި އާއިލާ އޭލިއަނުން ކިބައިން ސަލާމަތްވެ، އިތުރު މީހުން ވެސް ސަލާމަތްކުރަން ކުރާ މަސައްކަތްތަކެއް ދެވަނަ ބައިގައި ފެނިގެންދާނެ އެވެ.

https://www.youtube.com/watch?v=BpdDN9d9Jio


މި ފިލްމުގައި އެމިލީ އާއި އެކު ލީޑު ކެރެކްޓާގެ ރޯލުން ދެން ފެންނަނީ އޭނާގެ ފިރިމީހާ ޖޯން ކްރަސިންސްކީ އެވެ. ފިލްމުގެ ލިޔުންތެރިޔަކީ އަދި ޑައިރެކްޓަރަކީ ވެސް އޭނާ އެވެ. ޕެރަމައުންޓް ކުޑައިގެ ދަށުން ނެރޭ މި ފިލްމުގެ ޕްރިމިއާ މިދިޔަ އަހަރުގެ މާޗު 8 ގައި ބޭއްވުމާއެކު ފިލްމުގެ އަޑުތައް ގަދަވެ، ފުރަތަމަ ހަފްތާގައި އެކަނި ވެސް ބޮކްސް އޮފީހުގައި 50 މިލިއަން ޑޮލަރު ހޯދާނެ ފިލްމެއްގެ ގޮތުގައި ކުރިން އޮތީ ލަފާ ކުރެވިފަ އެވެ.

އެކަމަކު ޕެންޑެމިކާއެކު ސިނަމާތައް ބަންދުކުރުމުން ފިލްމު އެޅުވުން ފަސް ކުރަމުން ކުރަމުން ގޮސް އަހަރެއް ވެފައިވާއިރު މިހާތަނަށް އެއްވެސް ސްޓްރީމިން ޕްލެޓްފޯމެއްގައި ފިލްމު ރިލީސްކޮށްފައި ނުވަނީ ސިނަމާގައި ފިލްމު ދައްކާނެ ޗާންސެއް ހޯދުމަށް ކަމަށް ޖޯން ވަނީ މީގެ ކުރިން ވެސް ބުނެފަ އެވެ. އޭނާ ބުނެފައިވާ ގޮތުން ފިލްމުގެ ވީއެފްއެކްސް ގެ އިތުރުން އަޑު ވެސް ޑިޒައިން ކޮށްފައިވަނީ ސީދާ ސިނަމާ އަށެވެ.

އަ ކުވައިޓް ޕްލޭސް 2, ސިނަމާތަކުގައި އަޅުވާނީ އަންނަ ހުކުރު ދުވަހު އެވެ. ގޮނޑިއަށް ފެތިގެން ނޭވާ ހިފަހައްޓާލައިގެން އިނދެ ބަލައިލަން މި އަހަރު ލިބޭނެ އެންމެ ސަޅި އެއް ފިލްމަކީ މިއީ ކަމަށް ވެސް ވެދާނެ އެވެ.