Advertisement

ނޫސްވެރިޔަކު ހައްޔަރު ކުރުމުން ބެލަރޫސްއާ މެދު ފިޔަވަޅުތަކެއް

ނޫސްވެރިޔާ ރޯމަން ޕްރޮޓަސެވިޗް.-- ފޮޓޯ: ގެޓީ އިމޭޖަޒް


ނޫސްވެރިޔަކު ހައްޔަރު ކުރުމުން ބެލަރޫސްއާ މެދު ފިޔަވަޅުތަކެއް

މަތިންދާބޯޓެއް ހުއްޓުވައިގެން ނޫސްވެރިޔަކު ހައްޔަރު ކުރި މައްސަލާގައި ޔޫރަޕްގެ އެއާލައިންތަކުން ބެލަރޫސްގެ ވައިގެ ސަރަހައްދުން ދަތުރު ނުކުރަން ނިންމައިފި އެވެ.

ޔޫކްރެއިން އާއި ޕޮލޭންޑުގެ އެއާލައިންތަކުން ބެލަރޫސްއަށް ކުރާ ހުރިހާ ދަތުރެއް ހުއްޓާލާފައި ވާއިރު އެއާ ފްރާންސުން ނިންމީ ބެލަރޫސްގެ ވައިގެ ސަރަހައްދުން ދަތުރު ނުކުރުމަށެވެ.

ހުޅަނގު ޔޫރަޕްގެ ގައުމުތަކުން ތުހުމަތު ކުރާ ގޮތުގައި ސަރުކާރަށް ފާޑުކިޔާ ނޫސްވެރިޔާ ރޯމަން ޕްރޮޓަސެވިޗް މިދިޔަ އާދީއްތަ ދުވަހު ހައްޔަރު ކުރީ އޭނާ އިން ރަޔަން އެއާ ފްލައިޓް ހައިޖެކް ކުރުމަށް ފަހު އެވެ.

ގްރީސްއިން ލިތުއޭނިއާއަށް ދަތުރު ކުރަމުން ދިޔަ އެ ފްލައިޓުގެ މިސްރާބު މިންސްކްއަށް ބަދަލު ކުރީ ބޮމެއް އޮތް ކަމަށް ބުނެ އެވެ. އޭގެ ފަހުން ފްލައިޓުގައި އިން ޕްރޮޓަސެވިޗް ވަނީ ހައްޔަރުކޮށްފަ އެވެ.

ބެލަރޫސް ސަރުކާރުން ވަނީ ޕްރޮޓަސެވިޗްގެ ވީޑިއޯ ބަޔާނެއް މިދިޔަ ހޯމަ ދުވަހު އާއްމުކޮށްފަ އެވެ. އޭނާއަށް ތުހުމަތު ކުރަނީ މިދިޔަ އޯގަސްޓް މަހުގެ އިންތިހާބާ ގުޅިގެން ޓެރަރިޒަމަށް މަގުފަހިވާ ހަބަރު ފެތުރި ކަމަށެވެ.

އޭނާގެ ނަން ޓެރަރިސްޓުންގެ ލިސްޓުގައި ހިމަނާފައި ވާއިރު، ކުށް ސާބިތުވެއްޖެ ނަމަ މަރުގެ ހުކުމް އައުމުގެ ބިރު އެބަ އޮތެވެ. ޔޫރަޕްގައި މަރުގެ ހުކުމް ތަންފީޒު ކުރާ ހަމައެކަނި ގައުމަކީ ބެލަރޫސް އެވެ.

މި މައްސަލާގައި ބޭއްވި ޔޫރަޕިއަން ޔޫނިއަން (އީޔޫ) ކުއްލި ބައްދަލުވުމެއްގައި މެމްބަރު 27 ގައުމުން ނިންމީ ބެލަރޫސް ވައިގެ ސަރަހައްދުން ދަތުރު ނުކުރުމަށާއި އިތުރު އިގްތިސާދީ ފިޔަވަޅު އެޅުމަށެވެ.

ޔޫރަޕިއަން އެއާ ޓްރެފިކް އެޖެންސީން ލަފާކުރާ ގޮތުގައި ކޮންމެ ދުވަހަކު ވެސް 400 ފްލައިޓް ބެލަރޫސްގެ ވައިގެ ސަރަހައްދުން ދަތުރު ކުރެ އެވެ. އޭގެ ތެރެއިން 100 ފްލައިޓަކީ އީޔޫ ގައުމުތަކުގެ ފްލައިޓެވެ.