Advertisement

ދައުލަތުގެ އާމްދަނީ އަންދާޒާތައް މުރާޖާ ކުރަން ޖެހޭ ހާލަތެއް ނެތް: ފިނޭންސް

25 މޭ 2021 - 14:22 0

އަމަން ހަލީމް

އަމަން ހަލީމް

މިނިސްޓްރީ އޮފް ފިނޭންސް: ފިނޭންސުން ލަފާކުރަނީ މި އަހަރަށް އަންދާޒާކުރި 21 ބިލިއަން ރުފިޔާގެ އާމްދަނީ ލިބޭނެ ކަމަށް. -- ފޮޓޯ/ އަދަދު


ދައުލަތުގެ އާމްދަނީ އަންދާޒާތައް މުރާޖާ ކުރަން ޖެހޭ ހާލަތެއް ނެތް: ފިނޭންސް

25 މޭ 2021 - 14:22 0

ކޮވިޑުގެ ތިންވަނަ ރާޅާ ގުޅިގެން ހަރުކަށިކޮށްފައިވާ ފިޔަވަޅުތަކުގެ ސަަބަބުން އިގުތިސޯދަށް އަސަރުކުރި ނަމަވެސް މި އަހަރުގެ ތެރޭގައި ދައުލަތަށް ލިބޭނެ ކަމަށް އަންދާޒާކުރި އާމްދަނީ މުރާޖާ ކުރަން ޖެހޭ ހާލަތެއް ނެތް ކަމަށް ފިނޭންސް މިނިސްޓްރީން މިއަދު ބުނެފި އެވެ.

ރާއްޖޭގައި ކޮވިޑް ހަލުވިކަމާ އެކު ފެތުރޭތީ މާލެ އާއި އަތޮޅު ތެރޭގައި 73 ރަށެއްގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަނީ އަޅައިފަ އެވެ. އޭގެ ތެރެއިން އެންމެ ބޮޑަށް ބަލި ފެތުރިފައި އޮތް 12 ސަރަހައްދެއްގައި ކާފިއު ހިންގާ، ޒަރޫރީ ބޭނުމެއްގައި މެނުވީ އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުން މަނާކޮށްފަ އެވެ. އަދި ހިދުމަތްދޭ ގިނަ ވިޔަފާރިތަކެއް ބަންދުކުރަން މަޖުބޫރުކޮށްފަ އެވެ.

ކޮވިޑުގެ ހާލަތާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން އާމްދަނީއަށް އައިސްދާނެ ލޮޅުމަކާ ގުޅޭގޮތުން ފިނޭންސް މިނިސްޓްރީގެ ޗީފް ފައިނޭންޝަލް ބަޖެޓް އެގްޒެކެޓިވް ސަރުވަޝް އާދަމް "އަދަދު"އަށް ވިދާޅުވީ، އެފަދަ ހާލަތެއް އޮތް ކަމެއް ގަބޫލުނުކުރެއްވޭ ކަމަށެވެ.

"އަޅުގަނޑުމެން އެސްޓިމޭޓް ކުރީ ފުދޭވަރަކަށް ކޮންޒާވެޓިވްކޮށް ބަޖެޓު ހެދި އިރު ވެސް. އެހެންވީމާ މިހާރު މި ފެންނަ ފެނުމުގައި ރެވެނިއު ފިގާސްތައް ބަދަލުކުރަން ޖެހޭ ހިސާބަކަށް އަދި ނުދޭ. ރެވެނިއުގެ ބޭސިކް އެސަމްޕްޝަންސްތައް އެޗީވް ކުރެވޭނެ ކަމަށް މި ބަލަނީ" ސަރުވަޝް ވިދާޅުވި އެވެ.

ފިނޭންސް މިނިސްޓްރީގެ ޗީފް ފައިނޭންޝަލް ބަޖެޓް އެގްޒެކެޓިވް ސަރުވަޝް އާދަމް


މި އަހަރަށް ފާސްކުރި ބަޖެޓުގައި ދައުލަތަށް އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 21.1 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކުރި އެވެ. އެއީ ޓެކްސް އާމްދަނީން 10.8 ބިލިއަން ރުފިޔާ އަދި ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 8.01 ބިލިއަން ރުފިޔާ އެވެ.

ފިނޭންސް މިނިސްޓްރީން އާންމުކުރި އެންމެ ފަހުގެ ސަރުކާރުގެ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުން ދައްކާ ގޮތުގައި، މި ހިނގާ މޭ 13 ވަނަ ދުވަހުގެ ނިޔަލަށް 7 ބިލިއަން ރުފިޔާ ލިބިއްޖެ އެވެ. މިއީ ލަފާކުރުންތަކަށް ވުރެ މަތީ އާމްދަނީއެއް ކަން ފިނޭންސް މިނިސްޓްރީން ފާހަގަކުރެ އެވެ.

ލަފާކުރުންތަކަށް ވުރެ މަތިން އާމްދަނީ ލިބުނު ސަބަބުތަކުގެ ތެރޭގައި ނިމުނު އަހަރުގެ ފަހު ކުއާޓަރާއި މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ޓޫރިޒަމް ސެކްޓާގެ ޕާފޯމަންސް ރަނގަޅުވެ، އޭގެ ހެޔޮ އަސަރު އެހެނިހެން އިގުތިސޯދީ ދާއިރާތަކަށް ކުރުން ހިމެނެ އެވެ. އެގޮތުން ޓީޖީއެސްޓީ އަދި ޖީއެސްޓީ ދާއިރާއިން ބޮޑު އާމްދަނީއެއް ފުރަތަމަ ކުއާޓަރުގެ ތެރޭގައި ލިބުނެވެ.

އަންދާޒާތައް މުރާޖާ ކުރަން ނުޖެހުނު ނަމަވެސް، މިހާރު އަޅާފައިވާ ފިޔަވަޅުތަކާއި ގުޅިގެން ބަޖެޓުގައި ހިމަނާފައިވާ ބައެއް ކަންކަން ތަންފީޒުކުރަން ލަސްތަކެއް ދިމާވާ މައްސަލަ ސަރުވަޝް ފާހަގަކުރެއްވި އެވެ. ހާއްސަކޮށް ޕީއެސްއައިޕީތައް ހިންގަން ހުރަސްތަކެއް ދިމާވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އަހަރުގެ މެދާ ހަމައަށް އައި އިރު، މި އަހަރު ޕީއެސްއައިޕީއަށް ކަނޑައެޅި 8.4 ބިލިއަން ރުފިޔާގެ ތެރެއިން ހަރަދުކުރީ އެންމެ 13 ޕަސެންޓެވެ. މިހާތަނަށް ނުފެށި ހުރި މަޝްރޫތަކުގެ ތެރޭގައި މި އަހަރު ހިންގަން ނިންމި އެންމެ ބޮޑެތި މަޝްރޫތައް ކަމުގައިވާ ގްރޭޓާ މާލެ ކަނެކްޓިވިޓީ ބްރިޖް ޕްރޮޖެކްޓާއި މައި ވިޔަފާރި ބަނދަރު ގުޅީފަޅަށް ބަދަލުކުރުމުގެ ޕްރޮޖެކްޓު ހިމެނެ އެވެ.