Advertisement

ޕެންޑަމިކްގެ ކުޑަކުދިންނަށް، މައާފާއެކު!


ޕެންޑަމިކްގެ ކުޑަކުދިންނަށް، މައާފާއެކު!

ދަރިފުޅުމެންނޭވެ! މަންމަމެންނަށް މައާފުކުރާށެވެ. ކޮވިޑްގެ ބަލިމަޑުކަމަކީ ކުޅޭ ކުޅިވަރަކަށް ހެދުނީތީ އެވެ. ދަރިފުޅުމެންނޭވެ! މަންމަމެންނަށް ހިތްބަރު ނުކުރާށެވެ. ތިކުދިންގެ ހަށިގަނޑުތަކަށް ބޭނުންވާ ދުޅަހެޔޮކަމަށް ހުރަސްއެޅުނީތީ އެވެ. ދަރިފުޅުމެންނޭވެ! މާޔޫސް ނުވާށެވެ. މިނިވަންކަމާއެކު ޕާކުތަކުގައްޔާއި ގޮނޑުދޮށްތަކުގައި ދުވެ ސަކަރާތްޖަހަން ޖެހޭ އުމުރުގައި ގޭބަންދުގައި ބައިތިއްބަން މަޖުބޫރުވީތީ އެވެ. މަންމަމެން ދެކެ ރުޅި ނާންނާށެވެ. ވޭންހުރި، ބިރުވެރި ބަލިމަޑުކަމަކަށް ތި ތުއްތު ހަށިގަނޑުތައް ހުށަހެޅުނީތީ އެވެ. ދަރިފުޅުމެންނޭވެ! ހިތާމަނުކުރާށެވެ. މަރުގެ ހިތި ވޭނަށް ތިޔަ ޅަ ސިކުނޑިތައް އެއްގޯސްކުރެވުނީތީ އެވެ. ދަރިފުޅުމެންނޭވެ! މަންމަމެން މައާފަށް އެދެމެވެ. އަނިޔާތަކަކަށް ތި ތުއްތު ހަށިގަނޑުތަކާއި ސިކުނޑިތައް ހުށަހެޅުނީތީ އެވެ.

ދެހާސް ވިހި ވަނަ އަހަރުގެ މާޗް މަހުގެ ފަހުން އުފަންވި ތުއްތު ކުދިންގެ ތެރެއިން ބޮޑު އިންސައްތައަކަށް އެކުދިންގެ މައިންބަފައިންނާއި އެއްބަނޑުއެއްބަފާ ކުދިން ނޫން ބައެއް ފެނި، ބައްދަލުވެފައި ނުވުމަކީ އެކަށީގެންވާކަމެކެވެ. އެކުދިންގެ ހަށިގަނޑުތަކަށް ބޭނުންވާ ބޭސް އަވި ފުދޭ މިންވަރަށް ލިބިފައިނުވުމަކީ އެކަށީގެންވާ ކަމެކެވެ. އެކުދިންގެ އަތުން ދޮންވެލިކޮޅެއް މުށްޖަހާލައި ނެގިފައި ނުވުމަކީ، ގައިގައި ލޮނުފެންފޮދެއް ޖެހިފައި ނުވުމަކީ އެކަށީގެންވާ ކަމެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ތުއްތު ކުއްޖަގާ އުމުރުގެ އެންމެ ފުރަތަމަ އަހަރަކީ އެކުއްޖާގެ ސިކުނޑި ތަރައްގީވެގެންދިއުމަށް އެންމެ މުހިއްމު އެއް ދުވަސްކޮޅެވެ. ބަސްމޮށުމާއި، ކަންކަން ދެނެގަތުމާއި، އިހުސާސްތައް ދެނެގަނެ ތަރައްގީ ކުރުމުގެ ބިންގާ އަޅަނީ މިދުވަސްކޮޅުގަ އެވެ. ހާއްސަކޮށް އެ ތަރައްގީއަށް މަގުފަހިކުރަނީ އެކުއްޖާ އެ ދުވަސްވަރު ތަޖުރިބާކުރާ އިޖުތިމާއީ ހާލަތްތަކުގެ ތެރެއިންނެވެ.

ޕެންޑަމިކްގެ ހާލަތުގައި މި ކުދިންނަށް މި ފުސަތުތައް އިންތިހާއަށް ހަނިވެފައިވާ އިރު، ވަކިން ހާއްސަކޮށް ފްރޮންޓްލައިންގައި މަސައްކަތްކުރާ މީހުންގެ ތުއްތު ދަރިންނަށް މިކަމުގެ އަސަރު ކުރާ މިންވަރު އިތުރުވެގެންދެ އެވެ. ޑޮކްޓަރުންނާއި ނަރުހުންނާއި އެ ނޫންވެސް ސިއްހީ ދާއިރާއަށް ނިސްބަތްވާ މީހުން މަސައްކަތްކުރަމުންދަނީ އާއްމު ހާލަތުގައި ލިބޭ މިންވަރަށް ދަރިންނާއެކު ހޭދަކުރާނޭ ވަގުތުތައް ލިބޭނޭ ގޮތެއް ނެތި އެވެ. މީގެ އިތުރުން މުޖުތަމައުގައި ހަވާސާވެފައިވާ އާބާދީ އިތުރަށް އެކަހެރިވެ، އިތުރަށް ނިކަމެތިވެގެންދާ މަންޒަރު ލޯމަތިން ފެންނަމުންދެ އެވެ. މި ފަދަ މީހުންނަށް މުޖުތަމަޢުގައި ހަމަހަމަ ފުރުސަތު ހޯދަން ބޭނުންވާ އެއްބާރުލުމާއި އެހީތެރިކަން ލިބުމުގައި އިތުރު ހުރަސްތަކާ ކުރިމަތިލާންޖެހެ އެވެ. މިކަމުގެ ނޭދެވޭ އަސަރުވެސް އެންމެ ބޮޑަށް ކުރަނީ އަމިއްލަ އިހުތިޔާރާއި ބާރުގައި ކަމެއް ކުރާނޭ ފަދައެއް ނެތް، ކުޑަކުދިންނަށެވެ.

ކޮވިޑް ޕެންޑަމިކް ދުނިޔެ އިނދަޖައްސާލިތާ އެއް އަހަރު ފުރުމުން މި އަހަރުގެ މާޗު މަހު އ.ދ ގެ ޔުނިސެފުން ނެރުނު ބަޔާނެއްގައި، މިދިޔަ އެއް އަހަރުގެ ތެރޭގައި ކުޑަކުދިންގެ ހައްގުތައް ކަށަވަރުކުރުމުގައި ކުރެވިފައިހުރި ކަންކަމުގައި ކުރިއެރުން ނުލިބި ފަހަތައް ޖެހިފައިވާކަމަށް، ކުޑަކުދިންގެ ކަންކަން މިންކުރާ ހުރިހާ މިންގަނޑުތަކަކުންވެސް ދައްކާކަމަށް ބުނެފައިވެ އެވެ. ބަނޑުހައިހޫނުކަން ތަހައްމަލުކުރާ ކުޑަކުދިންގެ އަދަދާއި، ފަގީރު ހާލުގައި ދިރިއުޅޭ ކުޑަކުދިންގެ އަދަދާއި، އެކަހެރިކަމާއެކު ދިރިއުޅޭ ކުޑަކުދިންގެ އަދަދާއި، އަނިޔާ ތަހައްމަލުކުރާ ކުޑަކުދިންގެ އަދަދު ދުނިޔޭގައި ނިސްބަތުން އިތުރުވެފައިވާކަމަށް ޔުނިސެފުން ބުނެފައިވެ އެވެ. ތައުލީމީ ފުރުސަތުތައް ހަނިވެ، އިޖުތިމާއީ ގުޅުންތައް ގާއިމުކުރުމުގެ ފުރުޞަތުތައް ހަނިވެ، ސިއްހީ ފަރުވާ އާއި ދުޅަހެޔޮ ކާނާއާއި ރައްކާތެރިކަމަށް ހުރި ފުރުސަތުތައްވެސް ހަނިވެފައިވާކަމަށް ޔުނިސެފުން ބުނެފައިވެ އެވެ.

ޕެންޑަމިކްގެ މި ހާލަތުއި ގޭގައި ނުތިބެ، އަހަރެމެން ބޮޑެތި މީހުންނަށް، މަގުމައްޗަށް ނުނިކުމެ ކެތް ނުވަނީ ކީއްވެގެން ހެއްޔެވެ؟ އަހަރެމެންނަށްވެސް ހާސްކަމާއި، މާޔޫސްކަމާއި، ނުތަނަވަސްކަން އިހުސާސްކުރެވޭތީ އެވެ. އެހެންކަމަށްވީ ހިނދު، ބަލިން ހިމާޔަތްކޮށްގެން ގެއިން ނުނެރެ ގެންގުޅޭ ކުޑަކުދިންގެ ނަފްސާނީ ހާލަތު ހުންނާނެ ގޮތެއް އަންދާޒާކުރަންވެސް ނޭނގޭނެ އެވެ. އެކުދިންނަކީ ކާފިއުއަށް ވަރިހަމަ ކިޔާލާފައި "ބޯހަމަޖައްސާލަން" ނިކުމެވޭނޭ ބާރާއި އިހުތިޔާރު އޮންނާނޭ ކުދިންނެއް ނޫނެވެ. ޔުނިސެފުން އަންދާޒާ ކުރާ ގޮތުގައި "ގެއިން ބޭރަށް ނުނިކުމެ" ތިބުނުގެ ސިޔާސަތުތަކުގެ ސަބަބުން ގެއިން ބޭރަށް ނުނިކުމެ ގޭގައި ތިބޭ ކުޑަކުދިންގެ ތެރެއިން ކޮންމެ ހަތް ކުއްޖަކުން އެއް ކުއްޖަކީ އެންޒައިޓީ ނުތަވަ ޑިޕްރެޝަންގެ އިހުސާސްތައް ތަޖުރިބާކުރާނޭ ކުދިންނެވެ. މީގެ އެތައް އަހަރެއް ފަހުންވެސް ތުއްތު ކުދިންގެ ހިތްތަކުގައި މި ޕެންޑަމިކްގެ ލަކުނު ނުފިލާ ހުންނާނޭ ކަމީ އޮޅުމެއް ނެތް ކަމެއްކަމަށް، ޔުނިސެފްގެ އެގްޒެކަޓިވް ޑިރެކްޓަ ހެންރިއެއްޓާ ފޯ ވިދާޅުވެފައިވެ އެވެ.

ހާއްސަ އެހީއަށް ބޭނުންވާ ކުޑަކުދިންނާއި ބޮޑެތި ބަލިތަކަށް ދާއިމީގޮތެއްގައި ފަރުވާ ހޯދާ ކުޑަކުދިންގެ ހާލަތަކީ އަދި ކޮބައިތޯ އެވެ؟ ޕެންޑަމިކަށް ހުށަހެޅިދާނޭކަމުގެ ރިސްކު އެކުދިންނަށް ބޮޑެވެ. އަދި ޕެންޑަމިކުން ރައްކާތެރިވުމަށް އަޅާ ފިޔަވަޅުތަކުގެ ސަބަބުން އެކުދިންނަށް ލިބޭ ގެއްލުން ވެސް ބޮޑެވެ. ރާއްޖެއަށް އެކަނި ބަލާލިކަމުގައިވިޔަސް، ބަލިމަޑުކަން އިތުރުވަމުންދާ ވަރަކަށް ތެލަސީމިއާ ފަދަ ބަލިތަކަށް ފަރުވާ ހޯދާ މީހުންނަށް ފަރުވާ ލިބޭނޭ މަގުތައް އިންތިހާއަށް ހަނިވެ އެވެ. ނަފްސާނީ ބަލިމަޑުކަން ހުންނަ ކުޑަކުދިންނަށް ތެރަޕީގެ ހުރިހާ ދޮރެއް އެއްކޮށް ބަންދުވެ އެވެ. އަދި ކިއެއްތަ އެކުދިންނަށް ތެރަޕީގެ ދޮރުތައް ބަންދުވާ ހާލަތުގައި އަމިއްލަ ނަފުސަށް ލިބޭ އަނިޔާތައް ކުޑަކުރުމަށް ދޭ "ކޮންޓްރޯލްޑް ޑްރަގްސް" ކޮންމެ ކުއްޖަކަށް ވަކި އަދަދެއްގެ ރޭޓުން ބޭސް ގުޅަ ގުނައިގެން ދޫކުރާ މިންވަރަށް ތަދު އެއްޗަކަށް ވެގެންދެ އެވެ. ސައިކޯ ސޯޝަލް އެހީތެރިކަން އޮންލައިންކުރަން މަޖުބޫރުވެ، އެ އެހީތެރިކަމަކީ ވެސް މި ހާލަތުގައި ފުދުންތެރި، ހޭލުންތެރި އަދި އޮންލައިންކޮށް ތެރަޕީދެވޭ މިންވަރަށް ބަލިމަޑުކަން ހުންނަ ކުދިންނަށް ލިބޭ ޚިދުމަތަކަށް ވެގެން ހިނގައްޖެ އެވެ.

މާބަނޑު އަންހެނުންނާއި ޅަދަރިމައިންގެ ހާލަތަކީ އަދި ކޮބައިތޯ އެވެ. ހަށިގަނޑަށް ބޭނުންވާ އަރާމާއި، ކަސްރަތާއި، ނަފްސާނީ ދުޅަހެޔޮކަމަށް ބޭނުންވާ މާހައުލެއް މިވަގުތު އެންމެ ފުރިހަމަގޮތުގައި ލިބޭކަށް ނެތެވެ. ހާއްސަކޮށް ރާއްޖޭގައި ރަނގަޅު ސިއްހީ ފަރުވާއަށް އެއް ރަށުން އަނެއް ރަށަށް ދަތުރުކުރަން މަޖުބޫރުވާއިރު، އެ ފުރުސަތު ވެސް މިހާރު މިވަނީ އިންތިހާއަށް ހަނިވެފަ އެވެ. މާބަނޑު އަންހެނާ ނުވަމަސް ދުވަސް ހޭދަކުރަނީ ނުތަނަވަސްކަމުގަ އެވެ. ޅަދަރިމައިން ތުއްތު ކުއްޖާ ގެންގުޅެނީ ބިރުވެރިކަމެއްގެ ތެރޭގަ އެވެ.

ޕެންޑަމިކްގެ މި ހާލަތުގައި އަހަރެމެންގެ ޅަދަރިންގެ ދުނިޔެ މި ވަނީ ބަނަވެފަ އެވެ. މިއަދު އަހަރެންގެ ދަރިފުޅު ކުލާހުގައި ހިނގި މަޖާ ހާދިސާ ކިޔައިދޭކަށް ނާންނާނެ އެވެ. ސްކޫލަށް ދިޔަ މަގުމަތީ ފެނުނު ބޮޑު ކޮންނަ ބޯޓުގެ ވާހަކައެއް ނުކިޔައިދޭނެ އެވެ. ޕްރެކްޓިކަލް އާޓް ގަޑީގައި ހެދި ކޮލާޖު ހިފައިގެން ފޮނި ދައްކާލާކަށް ނާންނާނެ އެވެ. މިއަދުގެ ފިލާވަޅުގައި ދުނިޔޭގެ ޕްލެނެޓްތަކުގެ ނަންތައް ދަސްކުރިވާހަކަ ބުނާކަށް ދުވަމުންނެއް ނާންނާނެ އެވެ. އޭނާގެ ދުނިޔެ ކުޑަވެއްޖެ އެވެ. މައިންބަފައިންނަކީ ވެސް، ޓީޗަރުންނަކީ ވެސް، ތެރަޕިސްޓުންނަކީ ވެސް، އެކުވެރިންނަކީ ވެސް އަހަރެމެންނެވެ. އޭނާގެ ހުރިހާ ތަޖުރިބާތަކަކީ އަހަރެންގެ ތަޖުރިބާތަކަށް ބަދަލުވެއްޖެ އެވެ. އެހެންކަމުން މިއަދު އަހަރެމެންނަށް ހިތްވަރު އެލުވާލައިގެން ވާކަށް ނެތެވެ. އެކުދިންގެ މުޅި ދުނިޔެއަކީ ގޭގެ ހަތަރު ފާރާއި އެ ހަތަރު ފާރުގެ ތެރޭގައި ދިރިއުޅޭ މީހުންނެވެ. އަހަރެމެންގެ އަމިއްލަ ހާލަތު ތަންނުދިން ކަމުގައިވިޔަސް އެކުދިންނަށްޓަކައި ހިތްވަރުކުރަން މިވަނީ މަޖުބޫރުވެފަ އެވެ.

ކޮވިޑުން އަރައިގަތުމަށް ކުރާ މަސައްކަތްތަކުގެ ނާރެސް ކަމުގައި ވާންވާނީ ކުޑަކުދިންކަމަށް، ޔުނިސެފްގެ އެގްޒެކަޓިވް ޑިރެކްޓާ ހެންރިއެއްޓާ ފޯ ވިދާޅުވެފައިވެ އެވެ. ބަންދުތައް ނިމި އަލުން ގައުމެއް ހުޅުވާލާއިރު އިސްކަންދޭންޖެހޭނީ ސްކޫލްތަކަކަށް ކަމަށާއި، އާއިލާތަކަށް ނަގުދު ފައިސާ ބެހުންވެސް ހިމެނޭނޭ ފަދައިން އާއިލާތަކަށް ބޭނުންވާ އިޖުތިމާއީ ރައްކާތެރިކަން ފޯރުވައިދީ، އެންމެ ނާޒުކު ހިދުމަތްތަކަށް ބޭނުންވާ، އެންމެ ބޮޑަށް ނުރައްކަލަށް ހުށަހެޅޭ ކުދިންނަށްވެސް ހިދުމަތްތައް ފޯރޮވައިދީގެން މެނުވީ، މި ޖީލަކީ "ގެއްލުނު ޖީލަކަށް" ވުމުން ރައްކާތެރިކޮށް ނުދެވޭނޭކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.