Advertisement

ދަރަނި އިތުރުވާނެތީ މޫޑީސްގެ ރިވިއުގައި ރާއްޖޭގެ އައުޓްލުކް ނެގެޓިވް

25 މޭ 2021 - 10:16 0

އަމަން ހަލީމް

އަމަން ހަލީމް

މޫޑީސް ރޭޓިން އެޖެންސީ: އެންމެ ފަހުން އެ އެޖެންސީން ރާއްޖެއަށް ދިން ރޭޓިންއަކީ ބީ3 -- ފޮޓޯ: ގެޓީ އިމޭޖްސް


ދަރަނި އިތުރުވާނެތީ މޫޑީސްގެ ރިވިއުގައި ރާއްޖޭގެ އައުޓްލުކް ނެގެޓިވް

25 މޭ 2021 - 10:16 0

ދަރަނި ފައިނޭންސް ކުރުމަށާއި އިގުތިސޯދަށް ދިމާވެފައިވާ ގޮންޖެހުންތަކުން އަރައިގަންނަން ކުރަންޖެހޭ ހަރަދުތަކާ ގުޅިގެން ދިވެހި ސަރުކާރު އިތުރަށް ދަރަނިވެރިވާނެ ކަމަށް މޫޑީސް ރޭޓިން އެޖެންސީން ލަފާކޮށްފި އެވެ.

ރާއްޖޭގެ ދަރަނީގެ ހާލަތާ ގުޅޭގޮތުން މޫޑީސްއިން އެންމެ ފަހުން ތައްޔާރުކުރި ޕީރިއޮޑިކް ރިވިއުގައި ރާއްޖޭގެ ނެގެޓިވް އައުޓްލުކް ދެމެހެއްޓި އެވެ. މޫޑީސްއިން ރާއްޖެއަށް ދީފައިވާ ރޭޓިންއަކީ ބީ3 އެވެ. މިއީ ދަރަނިތައް އަނބުރާ ނުދެއްކުމުގެ ހިރާސް (ރިސްކް) ބޮޑުކަމަށް ބަލައިފައި ދޭ ރޭޓިންއެކެވެ.

ނިމުުނު އަހަރުގެ މޭ މަހު މޫޑީސްއިން ރާއްޖޭގެ ކްރެޑިޓް ރޭޓިން ދަށްކުރީ ކޮވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން ޓޫރިޒަމަށް ބޮޑު ލޮޅުމެއް އަންނާނެތީ އެވެ. އޭގެ ސަބަބުން ބޭރު ފައިސާ ލިބުން ދަތިވެ، ސަރުކާރުގެ ލިކުއިޑިޓީ ރިސްކު އިތުރުވާނެ ކަމަށް މޫޑީސްއިން ލަފާކުރި އެވެ.

މޫޑީސްގެ ރިވިއުގައި ރާއްޖޭގެ ނެގެޓިވް އައުޓްލުކް ދަމަހައްޓަން ނިންމި ސަބަބުތަކުގެ ތެރޭގައި މޫސުމަށް އަންނަ ބަދަލުތަކާއި ގުދުރަތީ ނުރައްކާތަކުން ލިބޭ މާލީ ގެއްލުންތައް އިތުރުވުމާއި، ޓޫރިޒަމަށް ބަރޯސާވުމާއި ދައުލަތުގެ އިދާރީ ހިންގުމުގައި ހުރި މައްސަލަތައް ފާހަގަކުރި އެވެ.

އަދި، ޓޫރިޒަމް ފިޔަވައި އެހެނިހެން އިގުތިސޯދީ ހަރަކާތްތައް ރާއްޖޭގައި މަދުވުމާއި، މޫސުމަށް އަންނަ ބަދަލުތަކާއި ގުދުރަތީ ނުރައްކާތަކުގެ ސަބަބުން އިގުތިސޯދަށް ލިބޭ ގެއްލުންތަކުގެ ފުރުސަތު ބޮޑު މައްސަލަ ފާހަގަކުރި އެވެ. ރާއްޖޭގެ އިގުތިސޯދަކީ ނެޗުރަލް އެސެޓްސް ބޭސްޑް ޓޫރިޒަމަށް ބަރޯސާވާ އިގުތިސޯދެއް ކަމުން މި ހިރާސް ބޮޑެވެ.

އޭގެ އިތުރުން ކުޑަ ޖަޒީރާ ގައުމެއްގައި އިދާރީ ހިންގުމުގެ ފެންވަރު ތަރައްގީކުރުމާއި މާލީ ސިޔާސަތުތައް ތަންފީޒުކުރަން ހުރި ގޮންޖެހުންތަކާއި، ދައުލަތުގެ ދަރަނި އިތުރުވާ މައްސަލަ މޫޑީސްއިން ފާހަގަކުރި އެވެ.

ދަރަނީގެ މައްސަލައިގައި މޫޑީސްއިން ލަފާކުރަނީ ކުރިޔަށް އޮތް ތަނުގައި ވެސް ރާއްޖޭގެ ދަރަނި އިތުރުވެ، މުސްތަގުބަލުގައި ދަރަނި އަނބުރާ ދައްކަން ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމަށެވެ. އަދި ސަރުކާރުގެ ލިކުއިޑިޓީ ރިސްކް އިތުރުުވެ، ދައުލަތުން ގެރެންޓީ ދީފައިވާ ދަރަނިތައް އަނބުރާ ދައްކަން ގޮންޖެހުންތަކުން ދިމާވެދާނެ ކަމަށް ލަފާކުރި އެވެ.

މޫޑީސްގެ ރިވިއުގައި އެ އިދާރާއިން ލަފާކުރަނީ ކުރިއަށް އޮތް ދުވަސްތަކުގައި ދިވެހި ސަރުކާރުން ދަރަނިން ފައިނޭންސް ކުރުން އިތުރުވާނެ އެވެ. އެކަމަކު ރާއްޖެއަށް ދަރަންޏަށް ފައިސާ ދޫކުރާނެ ލެންޑަރުންނާއި އިންވެސްޓަރުންގެ އަދަދު ވެސް މަދު ވާނެ ކަމަށް ލަފާކުރި އެވެ.

ނިމުނު އަހަރުގެ ތެރޭގައި ރާއްޖެއިން ކޮވިޑް-19 ބަލިމަޑުކަމުގެ ސަބަބުން ލިބުނު ގެއްލުންތައް ފޫބައްދަން ނެގި ލޯނުތަކާއި ތަރައްގީގެ މަޝްރޫއުތައް ހިންގަން ނެގި ލޯނުތަކުގެ ސަބަބުން މިހާރު ރާއްޖޭގެ ދަރަނީގެ ހުރި ޖީޑީޕީގެ ނިސްބަތުން 129 ޕަސެންޓުގަ އެވެ. މިއީ ބައިނަލްއަގްވާމީ މާލީ އިދާރާތަކުން ވެސް ކަންބޮޑުވާ ކަމެކެވެ.

މި އަހަރުގެ ބަޖެޓުގައި ދަރަނި އަނބުރާ ދައްކަން 1.4 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާ އިރު، މިހާތަނަށް އޭގެން 418.5 މިލިއަން ރުފިޔާގެ ދަރަނި އަދާކޮށްފި އެވެ. އަދި، ނިމުނު އޭޕްރީލް މަހު ސަރުކާރުން ވަނީ ކުރިން ނަގާފައި އޮތް 250 މިލިއަން ޑޮލަރުގެ ބޮންޑެއް އަނބުރާ ދައްކަން ސުކޫކް ވިއްކައިގެން ފައިސާ ހޯދާފަ އެވެ.