Advertisement

ފުރަތަމަ ކުއާޓަރުގައި މަސް ބޭރުކޮށްގެން 494 މިލިއަން ރުފިޔާ

25 މޭ 2021 - 09:11 0

އަމަން ހަލީމް

އަމަން ހަލީމް

މާލެ މަސް މާރުކޭޓު ސަރަހައްދުގައި އޮތް ދޯންޏަކުން މީހަކު ފައިބަނީ: މަސް ބޭރުކޮށްގެން އަހަރުގެ މިހާތަނަށް ލިބުނު އާމްދަނީ ނިމުނު އަހަރަށް ސަތޭކަ މިލިއަން ރުފިޔާ ކުޑަ -- ފޮޓޯ: ހުސެއިން ވަހީދު/އަދަދު


ފުރަތަމަ ކުއާޓަރުގައި މަސް ބޭރުކޮށްގެން 494 މިލިއަން ރުފިޔާ

25 މޭ 2021 - 09:11 0

މި އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި ރާއްޖެއިން 494.3 މިލިއަން ރުފިޔާގެ މަހުގެ އުފެއްދުންތައް އެކްސްޕޯޓް ކޮށްފި އެވެ.

ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެންބީއެސް)ގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިއީ ނިމުނު އަހަރުގެ މި މުއްދަތުގެ ތެރޭގައި ލިބުނު 608.7 މިލިއަނަށް ވުރެ 114.4 މިލިއަން ރުފިޔާ ދަށް އަދަދެކެވެ.

އަހަރުގެ ފުރަތަމަ ކުއާޓަރުގެ މަސް އެކްސްޕޯޓުތަކަށް ބަލާއިރު، އެންމެ ގިނައިން ބޭރުކުރީ ގަނޑުކުރި މަހެވެ. ދެން އެންމެ ގިނައިން ބޭރުކުރީ ދަޅުގައި ބަންދުކުރި މަހުގެ އުފެއްދުންތަކެވެ. ފުރަތަމަ ކުއާޓަރުގައި މަހުގެ އެކި އުފެއްދުންތައް އެކްސްޕޯޓް ކޮށްގެން ލިބުނު އާމްދަނީއަކީ:

  • ގަނޑުކުރި މަސް - 276.4 މިލިއަން ރުފިޔާ
  • ދަޅު މަސް - 118.8 މިލިއަން ރުފިޔާ
  • ތާޒާ/ފިނިކުރި މަސް - 75.4 މިލިއަން ރުފިޔާ
  • ހިކި/ވަޅޯ މަސް - 20.9 މިލިއަން ރުފިޔާ
  • ދިރޭ މަސް - 2.9 މިލިއަން ރުފިޔާ

މިދިޔަ އަހަރު މަސް ބޭރުކޮށްގެން 2.3 ބިލިއަން ރުފިޔާ

މިދިޔަ އަހަރަކީ ރާއްޖެއަށް މަސް ބޭރުކޮށްގެން ލިބުނު އާމްދަނީ އިތުރުވީ އަހަރެކެވެ. މުޅި އަހަރުގެ ތެރޭގައި މަހުގެ އެކި އުފެއްދުންތައް ބޭރުކޮށްގެން ރާއްޖެއަށް 2.3 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނެވެ. މިއީ އޭގެ ކުރީ އަހަރަށް ވުރެ 19 ޕަސެންޓު އިތުރު އަދަދެކެވެ.

މަސް ބޭރުކުރި އަދަދު އިތުރުވި ނަމަވެސް، މަސް ޕްރޮސެސްކުރާ ކުންފުނިތަކުން މަސް ދޯނިފަހަރުން ގަތް މަހުގެ ބަރުދަން ދަށްވި އެވެ. އެކަމަކު މެޓްރިކް ޓަނޭޖުން ބަލާއިރު އެ އަދަދު ދަށްވީ އެންމެ ދެ ޕަސެންޓެވެ. މިދިޔަ އަހަރު މަސް ކުންފުނިތަކަށް ކިރި 79.3 މެޓްރިކް ޓަނުގެ ތެރެއިން އެކްސްޕޯޓް ކުރީ 68.4 ޓަނެވެ. އެއީ ޖުމްލަ ކިރި އަދަދުގެ 86 ޕަސެންޓެވެ.

2017-2020 ވަނަ އަހަރު މަސް ކުންފުނިތަކުން މަސް ގަތް އަދަދުގެ ތާވަލު -- މަސްދަރު: އެމްއެމްއޭ


މިދިޔަ އަހަރު މަސް ކިރި އަދަދު ދަށަށް ދިޔަ މައިގަނޑު ސަބަބަކީ ކޮވިޑް-19 ބަލިމަޑުކަމާއި ގުޅިގެން އަހަރުގެ ދެވަނަ ކުއާޓަރުގައި މުޅި ރާއްޖެ ލޮކްޑައުން ކުރުމެވެ. އޭގެ ސަބަބުން އެ ތިން މަސް ދުވަހުގެ ތެރޭގައި މަސްވެރިކަމަށް ނިކުންނަ އުޅަނދުފަހަރުގެ އަދަދު މަދުވި އެވެ.

ނަމަވެސް ޖެހިގެން އައި ދެ ކުއާޓަރުގެ ތެރޭގައި މަސްވެރިކަމުގެ ހަރަކާތްތައް އިތުރުވެ، މަސް ކިރާ އަދަދާއި އާމްދަނީ އިތުރުވީ އެވެ. އަދި، ޑިސެމްބަރު މަހު އެކަނިވެސް ރާއްޖެއިން 372.2 މިލިއަން ރުފިޔާގެ މަސް ބޭރުކުރި އެވެ.

ރާއްޖޭގެ މައި އިގުތިސޯދީ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ މަސްވެރިކަމަކީ ރާއްޖޭގެ މައި އެކްސްޕޯޓް ޕްރޮޑަކްޓެވެ. އަދި އެކްސްޕޯޓުން ލިބޭ އާމްދަނީ ސީދާ ގޮތުން ގުޅެނީ މަސްވެރިކަމުން ލިބޭ އާމްދަނީ އެވެ.

މިދިޔަ އަހަރު ރާއްޖެއިން މުދާ ބޭރުކޮށްގެން އާމްދަނީއަށް ލިބުނު 2.5 ބިލިއަން ރުފިޔާގެ ތެރެއިން 93 ޕަސެންޓު ލިބުނީ މަސް އެކްސްޕޯޓުންނެވެ.