Advertisement

ޑަޔާނާގެ އިންޓަވިއު ހޯދީ މަކަރުން، ބީބީސީ ހޫނު ފެނަށް!

މާޓިން ބަޝީރަށް ޑަޔާނާ ދެއްވި އިންޓަވިއުގެ މަންޒަރެއް.-- ފޮޓޯ: ބީބީސީ


ޑަޔާނާގެ އިންޓަވިއު ހޯދީ މަކަރުން، ބީބީސީ ހޫނު ފެނަށް!

އިނގިރޭސި އަމީރާ ޑަޔާނާގެ އިންޓަވިއުއެއް 1995 ގައި ބީބީސީއިން ހޯދީ މަކަރާއި ހީލަތުންކަން ހާމަވުމުން ކުންފުނީގެ ހިންގުމަށް ބަދަލު ގެނައުމަށް ޕްރެޝަރު ބޮޑުވެއްޖެ އެވެ.

ނޫސްވެރިޔާ މާޓިން ބަޝީރް 1995 ގައި ޑަޔާނާއާ ކުރި އިންޓަވިއުއަކީ ބޮޑު މަގްބޫލު ކަމެއް ލިބުނު އިންޓަވިއު އެކެވެ. އެ އިންޓަވިއުގައި ޑަޔާނާ ވަނީ ގިނަ ސިއްރުތަކެއް ހާމަކުރައްވާފަ އެވެ.

ނަމަވެސް ބަޝީރު އެ އިންޓަވިއު ހަމަޖެއްސީ ޑަޔާނާއަށް އޮޅުވާލައިގެން ކަމަށް ބީބީސީއިން ކުރި ތަހުގީގު ރިޕޯޓަކުން ވަނީ ދައްކާފަ އެވެ. އެ ރިޕޯޓު އާއްމު ކުރީ ބުރާސްފަތި ދުވަހު އެވެ.

ބޮޑު ވަޒީރު ބޮރިސް ޖޯންސަން ވިދާޅުވީ އެފަދަ ކަމެއް ތަކުރާރުވުމުގެ ފުރުސަތު ބީބީސީއިން ދީގެން ނުވާނެ ކަމަށާއި ކުންފުނީގެ ހިންގުމަށް ބަދަލު ގެންނަން ޖެހޭ ކަމަށެވެ.

ކުރިމަތިވަމުންދާ ޕްރެޝަރާ ގުޅިގެން ބީބީސީއިން ބުނީ 1990 ގެ އަހަރުތަކާ އަޅާ ބަލާއިރު ކުންފުންޏަށް ބޮޑެތި މުހިއްމު ބަދަލުތަކެއް މިހާރު ވެސް ގެނެސްފައިވާނެ ކަމަށެވެ.

އިންޓަވިއު ހޯދި ގޮތާ މެދު ޝައްކު އުފެދިގެން ކުރި ތަހުގީގުން ދެއްކި ގޮތުގައި ބަޝީރު ވަނީ ޑަޔާނާ އާއި އޭނާގެ ބޭބެއަށް ދޮގު ހަދާ، ނުބައި މައުލޫމާތު ފޯރުކޮށްދީފަ އެވެ.

މާޓިން ބަޝީރު.-- ފޮޓޯ: ގެޓީ އިމޭޖަޒް


ކުންފުންޏަށް ބަދަލުތަކެއް ގެނައި ކަމަށް ބީބީސީއިން ބުނި ނަމަވެސް، 2016 ވަނަ އަހަރު އަލުން ބަޝީރަށް ވަޒީފާ ދިން މައްސަލާގައި ވަނީ ގިނަ ސުވާލުތަކެއް އުފެދިފަ އެވެ.

އޭރު ވެސް ބަޝީރްއާ މެދު ގިނަ ތުހުމަތުތަކެއް ކުރެވެމުން ދިޔަ އެވެ. އެކަމަކު ބީބީސީއިން ބުނީ ބަޝީރަށް ވަޒީފަ ދިނީ އޮންނަ އުސޫލުގެ ތެރެއިން އިންޓަވިއު ކުރުމަށް ފަހު ކަމަށެވެ.

ޑަޔާނާގެ އިންޓަވިއުއާ ގުޅޭ ތަހުގީގު ރިޕޯޓު އާއްމު ކުރަން ތައްޔާރުވުމުން ބަޝީރު ވަނީ މި މަހުގެ ކުރީކޮޅު ބީބީސީގައި އޭނާ އަދާކުރަމުން ދިޔަ ރިލިޖަން އެޑިޓަރުގެ ވަޒީފާއިން އަމިއްލައަށް އިސްތިއުފާ ދީފަ އެވެ.

މާޓިން ބަޝީރު ޑަޔާނާއާ އިންޓަވިއު ކުރަނީ.-- ފޮޓޯ: ބީބީސީ


ޑަޔާނާ ބީބީސީ ޕެނޮރާމާއަށް ދެއްވި އިންޓަވިއުއަކީ އަމިއްލަ ދިރިއުޅުމާ ގުޅޭ ގޮތުން އިނގިރޭސި ޝާހީ އާއިލާގެ މެމްބަރަކު އާއްމުކޮށް ގިނަ ވާހަކަތަކެއް ހާމަކުރެއްވި ފުރަތަމަ އިންޓަވިއު އެވެ.

އެ އިންޓަވިއުގައި ޑަޔާނާ ވަނީ އަމީރު ޗާލްސްއާ އޮތް ކައިވެނީގެ ގުޅުމުން އެއްވެސް އުފަލެއް ނެތް ކަމަށް ވިދާޅުވެ "ކައިވެނީގައި އުޅެނީ ތިން މީހުން" ކަން ހާމަކުރައްވާފަ އެވެ. އެގޮތަށް އިޝާރަތް ކުރެއްވީ ޗާލްސްގެ މިހާރުގެ އަނބިކަނބަލުން ކެމިލާއަށް ނިސްބަތް ކުރައްވަ އެވެ.

ކެމިލާ އާއި ޗާލްސް (ކ) އަދި ޑަޔާނާ އާއި ޗާލްސް.--


އިންޓަވިއުއާ ގުޅޭ ތަހުގީގު ފެށީ ޑަޔާނާގެ ބޭބެ، އާލް ސްޕެންސާގެ ކަންބޮޑުވުންތަކާ ގުޅިގެންނެވެ. އެގޮތުން އިންޓަވިއު ހަމަޖެއްސި ގޮތަކާ މެދު އޭނާ ސުވާލު އުފެއްދެވި އެވެ. އެއާއެކު ބީބީސީން އަމިއްލަ ހަރަދުގައި މިނިވަން ތަހުގީގެއް ފެށި އެވެ.

ތަހުގީގުން އެނގުނު ގޮތުގައި ބަޝީރު ވަނީ ފޭކު ލިޔުންތަކެއް އުފައްދައިގެން ޑަޔާނާގެ ބޭބެ އާލް ސްޕެންސާއަށް ދައްކާފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ބަޔަކު ޑަޔާނާއަށް ވަގަށް ފާރަލާ ކަމަށް ދޭހަވާ ބޭންކު ލިޔުންތަކެވެ. އެ ފޭކު ލިޔުންތަކުގެ އެހީގައި އާލް ސްޕެންސާގެ އިތުބާރު ހޯދައިގެން އިންޓަވިއު ހަމަޖެއްސީ އެވެ.

މާޓިން ބަޝީރު، ޑަޔާނާއާ އިންޓަވިއު ކުރަނީ.-- ފޮޓޯ: ބީބީސީ


އިންޓަވިއުއަށް ބޮޑު މަގްބޫލުކަމެއް ލިބެން ފެށުމުން، ބީބީސީއިން މަސައްކަތް ކުރީ ބަޝީރުއާ މެދު ކުރެވޭ ތުހުމަތުތައް ފޮރުވަން ކަމަށް ވެސް ތަހުގީގުން ދެއްކި އެވެ.

އިނގިރޭސި މީޑިއާގެ ކަންކަން މޮނީޓާ ކުރާ އިދާރާ، އޮފްކޮމްއިން ބުނީ މި މައްސަލާގައި އެޅޭނެ ފިޔަވަޅުތަކާ މެދު ބީބީސީއާ މަޝްވަރާ ކުރަމުންދާ ކަމަށެވެ.