Advertisement

ތޭވީސް އަހަރަށް ފަހު "ހިމަފޮދުވާރޭ" ކިޔާލުމުން...

އަދަދު އާޓްވޯކް: އަބްދުﷲ ޝަފީއު (އަބޯ)


ތޭވީސް އަހަރަށް ފަހު "ހިމަފޮދުވާރޭ" ކިޔާލުމުން...

ކޮޕީ މުހައްމަދު ރަޝީދޭ ދެންނެވުމުން، ދިވެހި އަދަބިއްޔާތުގައި އެ ބޭފުޅާއަށް ދޭންޖެހޭ މަގާމާމެދު ސުވާލު އުފައްދާނޭ ޖާގައެއް ނޯންނާނެ އެވެ. ވާހަކަ، ތަމްސީލު، ސްކްރީންޕްލޭ، ލަވަ، ޅެން މިހެން ގޮސް ނަން ހުސްކޮށް އަދަބިއްޔާތުގެ އެކި ގޮފި ގޮތްޕަށް، އޭނާގެ ގަލަންކޮޅު ހިންގަވާފައިވަނީ އުފެއްދުންތެރިކަމާއި ކުޅަދާނަކަމާއެކުގަ އެވެ.

އަޅުގަނޑަށް ކޮޕީ މުހައްމަދު ރަޝީދު ފުރަތަމަ ތައާރަފުވެފައިވަނީ ދިވެހި ބަހުން މިހާތަނަށް ލިޔެފައިވާ އެންމެ ފުރިހަމަ އެއް "ސާގާ" ކަމުގައި ބެލެވޭ، "ނުބީހެންޏާ ކަނޑާހަމައެވެ" މި ވާހަކައިންނެވެ. އެތައް ޖީލުތަކެއްގެ ތަޖުރިބާތަކުގެ ތެރެއިން ދިވެހިންގެ ދިރިއުޅުމާއި، އިޖުތިމާއީ އެތައް މައްސަލަތަކެއް، އެ ވާހަކައެއްގެ ޕްލޮޓުގެ ތެރެއިން ގެނެސްދެއްވާފައިވާ މޮޅު ލިޔުމެކެވެ.

މިއަދު މި ބަލާލަނީ އެއަށްވުރެ ސާދާ ޕްލޮޓެއްގެ މައްޗަށް ލިޔުއްވާފައިވާ ނިސްބަތުން ކުރު ވާހަކައެއްކަމަށްވާ "ހިމަފޮދުވާރޭ" މި ވާހަކައަށެވެ. ޕްލޮޓް ހުލާސާކޮށްލާނަމަ، މުދިންގޯތީ ދޮން އަހުމަދުގެ ވާހަކައެވެ. އޭނާ ލޯބިޔާ އަންހެނާ ކަމުގައިވާ މަރިޔަންގެ ލޯބި ހާސިލުކުރުމަށްޓަކައި މަރިޔަންގެ އާއިލާއިން އޭނާ ދެވަން މަސައްކަތްކުރި މީހާއަށް ކެހި ދީ އޭނާ ފޮނުވާލަ އެވެ. މަރިޔަމްގެ ލޯބިވެރިޔާ އަކްރަމަށް ތަކުރާރުކޮށް ހަމަލާދީ އޭނާގެ ފުރާނައަށް ނުރައްކާވާ ފަދަ ޒަހަމްތައް ދިނުމަށް ފަހު އެ ވަރުން ވެސް ނުފުދިގެން ސިހުރު ހަދާ މީހެއްގެ އެހީ ހޯދައިގެން އޭނާއަށް މަރު އެތިފަހަރެއް ހަދަ އެވެ. އެވަރުންވެސް މަރިޔަންގެ ރުހޭބަސް ނުލިބުމުން، އަނެއްކާ ވެސް އިސްތިރިއެއް ހަދާ މަރިޔަންގެ ރުހުން ހޯދައި އޭނާއާ ކައިވެނިކުރެ އެވެ.

އެހެން ނަމަވެސް އޭގެ އަހަރެއްހާ ދުވަސް ފަހުން ރަށަށް އަރުވާލި އަންހެނެއް ކަމަށްވާ ޒުބައިދާ އަށް ހިތްކިޔައި، މަރިޔަންގެ މަތިން ދޮން އަހްމަދު ފޫހި ވެ އެވެ. އަދި އޭނާއަށް ޒުބައިދާ ލިބެން އޮތީ މަރިޔަން މަރާލައިގެން ކަމުގައި ނިންމައި، މަރިޔަން މަރާލުމަށް ފަހު ވަލުތެރޭގައި ވަޅުލަ އެވެ. އެހެން ނަމަވެސް އޭނާއަށް ޒުބައިދާއާ ކައިވެނިކޮށްގެން ހަމަޖެހިލައިގެން އުޅޭނޭ ޖާގަ، މަރިޔަންގެ ރޫހެއް ނުދިނެވެ. އަދި މަރިޔަންގެ ރޫހު އެނބުރި އައިސް ދޮންއަހުމަދުގެ ކިބައިން ބަދަލުހިފަ އެވެ. އޭނާގެ އަމިއްލަ ދުލުން އޭނާގެ އަލަތު އަނބިމީހާގެ ކުރިމަތީ އޭނާ ކުރި ކުށަށް އިއުތިރާފުކުރުވަ އެވެ.

ނޫހެއްގައި 1970 ގެ އަހަރުތަކުގައި ޝާއިއުކުރި ވާހަކަ ފޮތެއްގެ ސިފައިގައި ނުކުތީ 1998 ގަ އެވެ. އޭރު، ފުރާވަރުގެ އަންހެންކުއްޖެއްގެ ގޮތުގައި ވާހަކަ ކީ އިރު ބަލައިގަނެވުނީ "ފޮތުން އަތް ދޫނުކޮށް އިނދެ" ކިޔާހިތްވާހާ ޝައުގުވެރިކުރަނިވި ވާހަކައެއްގެ ގޮތުގަ އެވެ. އޭރު ލޮލުގައި އަޅައިގަތީ އޭގައި ކިޔައިދޭ ލައިލާ މަޖުނޫނު ފަދަ ދެ ލޯބިވެރިންގެ ވާހަކަ އާއި މަރިޔަމްގެ ރޫހު އޭނާގެ މަރަށް ބަދަލުހިފަން އެނބުރި އަންނަ ވާހަކަ އެވެ. ވާހަކައިގެ މައިގަނޑު ޝަހުސިއްޔަތުތައް ކަމުގައި އޭރު ބަލައިގަނެވުނީ އަކުރަމާއި މަރިޔަނެވެ.

އެހެންނަމަވެސް މިއަދު، 23 އަހަރަށް ފަހު އެ ވާހަކަ ކިޔާލާ ހިނދު، މި ދެންނެވި ކަންކަމަށްވުރެ މުހިއްމު އެތައް ކަމެއް، ދެ ފޮޅުވަތް ދޭތެރެއިން ފެންނަކަން ބަލައިގަންނަން ޖެހެ އެވެ.

"ހިމަފޮދުފާރޭ" މިވާހަކައިގެ މައިގަނޑު ޝަހުސިއްޔަތަކީ ހިރިނައިދޫ މުދިންގޯތީ ދޮންއަހުމަދެވެ. އާއްމުގޮތެއްގައި ވާހަކައިގެ އެންޓެގޮނިސްޓް މައިގަނޑު ޝަހުސިއްޔަތަކަށް ނުވެ އެވެ. އެހެން ނަމަވެސް މި ވާހަކައިގައި ވަނީ އޭނާގެ މަގުސަދުތަކެއް ހާސިލުކުރުމަށް އޭނާ ކުރި މަސައްކަތްތަކާއި އެކަމުގެ ނަތީޖާ އެވެ. ދެން ތބި ޝަހްސިއްޔަތުތަކުގެ މަގްސަދުކަމަށް ފެންނަނީ އަހުމަދުގެ ވާހަކައަށް ބާރު ދިނުމެވެ. ވާހަކައިގެ މުސައްނިފު ދޮން އަހުމަދު ސިފަކުރައްވާފައިވާ ގޮތަށް ބަލާލަމާތޯ އެވެ.

"މުދިން ގޯތީ ދޮން އަހުމަދަކީ ހިރިނައިދޫގައި ވަރަށް މަޝްހޫރު މީހެކެވެ. ސަބަބަކީ އޭނާގެ ކެރޭކަމެވެ. ކޮންމެ ކަމެއްވެސް ކޮށްލަން ޖެހިލުންނުވާކަމެވެ. މީހުން އޭނާދެކެ ބިރުގަންނަ ކަމެވެ. އޭނާ ފެނުމުން ކުޑަކުދިންވެސް ދުވެފިލާކަމެވެ."

ދޮން އަހުމަދުގެ ޝަހުސިއްޔަތަކީ "ދިވެހި މާޗޯ މޭން" ޝަހުސިއްޔަތެވެ. "މޭލް އެންޓައިޓްލްމަންޓް" ނުތަވަ ފިރިހެނަކަށް ވީތީ ތިމާއަށް އަންހެނުންގެ މައްޗަށް ނުހައްގު އިހުތިޔާރުތަކަކާއި ބާރުތަކެއް ލިބޭކަމަށް ދޭކޭ މީހުންގެ ލާމަސީލު މިސާލެކެވެ. އޭނާއަށް މަރިޔަން ކަމުދިޔަ ހިސާބުން އޭނާ ހާސިލުކުރުމަށް ހުރިހާ ގަލެއް ފުރޮޅަމުން ދިޔައީ، މަރިޔަންގެ ރުހުމަކަށް ވެސް ނުބަލަ އެވެ. މަރިޔަންގެ ރުހޭ ބަސް ނުލިބެނީސް ވަލުތެރެއިންނާއި ރަށުގެ މަގުތައް މަތިންނާއި ފެންބަލައިދާ ވަޅުދޮށުން އޭނާއަށް ފުރައްސާރަކޮށްފައިވެ އެވެ. މަރިޔަން ނިދާފައި އޮއްވާ އޭނާގެ އެނދުކައިރިއަށްގޮސް ފުރައްސާރަކޮށްފައިވެ އެވެ. ފެށުނީއްސުރެ ދޮންއަހުމަދު ބުނަމުން ގެންގޮސްފައިވަނީ އޭނާ ނޫން މީހަކާ މަރިޔަނަށް ކައިވެނިނުކުރެވޭނޭކަމަށެވެ.

"އަހުމަދު: ހަމަ ޔަގީން މަރިޔަނާ އިންނާނީ އަހަރެންކަން! އަހަރެން މަރިޔަންދެކެ ނުލާހިކު ލޯބިވޭ! މަރިޔަނަށް ޖެހޭނީ މަދެކެ ލޯބިވާން! މަރިޔަނަށް ޖެހޭނީ މަށާ އިންނަން!"

މީގެ އިތުރުން ވެސް މީހުންނަށް ފުރައްސާރަކޮށް ޖެއްސުންކުރުމަށް ފަހު އަދި ކިއެއްތަ މީހަކު މެރުމަށް ފަހު ވެސް އެކަން ފާހަގަކުރުމަށް ވަގުރުކުއެޅުމާއި "ނޫޑުލިސް ގަނޑު ގަނޑު" ކައްކާލުމަކީ ވެސް އަހުމަދުގެ ސްޓީރިއޯޓިޕިކަލް "ފިރިހެންވަންތަކަން" ނުވަތަ ގައްޑާކަން ދައްކުވައިދޭ ހާދިސާތަކެވެ.

ދޮން އަހުމަދުގެ ޝަހުސިއްޔަތަކީ ވާހަކައިގެ އެންޓަގޮނިސްޓު ނުވަތަ ނުބައި ކެރެކްޓާކަމަށް ވީ ހިނދު، މި ފަދަ ނުރަނގަޅު ސިފަތައް އޭނާގެ ފުށުން ދައްކުވައިދީފައިވުމަކީ ހައިރާންވާންޖެހޭ ކަމެއް ނޫނެވެ. ދެކުނު އޭޝިޔާގެ އަދަބިއްޔާތުގައި، ފިރިހެނަކަށް ވީތީ ތިމާއަށް އަންހެނުންގެ މައްޗަށް ނުހައްގު އިހުތިޔާރުތަކަކާއި ބާރުތަކެއް ލިބޭކަމަށް ދެއްކުމަކީ އާއްމު ސިފައެކެވެ. ކޮންމެ ފަހަރަކު މިއީ ނާއީޖާބީ މާނައެއްގައި ދައްކުވާ ސިފައެއް ވެސް ނޫނެވެ. ދެކުނު އޭޝިޔާގެ އަދަބިއްޔާތުގައި ފިރިހެނުންނާއި "ފިރިހެންވަންތަކަން" ތަމްސީލުކުރާގޮތް ދިރާސާކުރައްވާފައިވާ މިޝެލް ފޯޑާއި ލެނޯ ލިއޯންސް ސިފަކުރައްވަނީ އެއީ މުޖުތަމައު ބަލައިގެންފައިވާ ބާރުތަކަކާއި އިހުތިޔާރުތަކެއްގެ ގޮތުގަ އެވެ. އެ ދިރާސާވެރިން ވިދާޅުވަނީ، މިގޮތަށް މި ނުހައްގު އިހުތިޔާރުތައް ބަލައިގަނެވެނީ ޒަމާނުއްސުރެ މިންތީގެ ދައުރުތައް ބެހިފައިވާ ގޮތުގެ ސަބަބުންކަމަށެވެ. "ހިމަފޮދުވާރޭ" މި ވާހަކައިގައި ވެސް ހިރިނައިދޫގެ ބާރުވެރި ހުރިހާ މަގާމެއްގައި ތިބެނީ ފިރިހެނުންނެވެ. އެއީ ކަތީބު ކަމުގައިވިޔަސް، ގާޒީކަމުގައި ވިޔަސް އަދި ސިހުރު ހަދާ މީހާ ކަމުގައި ވިޔަސްމެ އެވެ. މިއީ މި ވާހަކައިގައި ސިފަކޮށްދޭ ޒަމާނުގައި ކަން އޮތް ގޮތްވެސް މެ އެވެ. މިއަދު ބާރުވެރި މަގާމުތަކުގައި ތިބޭ މީހުންގެ ތެރޭގައި އަންހެނުން ތިބި ނަމަވެސް، މި ވާހަކައިގައި އަހްމަދު އެ ދައްކާ "މޭލް އެންޓައިޓްލްމަންޓް" މިއަދު ވެސް ރާއްޖޭގައި ނެތެކޭ ނުދެންނެވޭނެ އެވެ.

އަހުމަދުގެ ފުށުން މިކަން ފެނުނުކަމުގައިވިޔަސް، އެ ބުނާ ނުހައްގު އިހުތިޔާރުތައް ކޮންމެ ފިރިހެނަކު ބޭނުން ނުވާކަން، ވާހަކައިގައި ވަރަށް ކުޑަ ދައުރެއް އަދާކުރާ ޝަހުސިއްޔަތެއްކަމުގައިވާ ވެޔޮފުށީ ދޮން އާދަނު ސާބިތުކޮށްދެ އެވެ. ބޮޑު ދަތުރު ހަދައިގެން، ވަފުދަކާއެކު މަރިޔަނާ ކައިވެނިކުރަން އަންނަ މީހާއަށް މަރިޔަނާ ގަދަކަމުން ކައިވެނިކުރެވޭނޭ ފުރުސަތު އޮވެމެ، މަރިޔަންގެ ނުރުހުމުގައި ކައިވެނިކުރާން ބޭނުންނުވާކަމަށް ބުނެ އެނބުރި ރަށަށް ދަނީ، މަރިޔަންގެ ނުރުހުމުގައި އޭނާއާ ދެވަން އުޅުނީތީ މަރިޔަންގެ ބައްޕަގެ ގާތުގައި ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.

މިންތީގެ ވާހަކަދައްކާއިރު، މަރިޔަން ފަކީރުގެ ހާލަތާ މެދު ބަހެއް ބުނެނުލާ ދޫކޮށްލެވޭކަށް ނެތެވެ. މި ވާހަކައިގައި މަރިޔަން ތަމްސީލުކޮށްދެނީ އޭރުގެ މުޖުތަމައުގައި އަންހެނުންގެ މަގާމެވެ. ވާހަކަ ފެށޭއިރު މަރިޔަނާ މެދު އާއިލާއިން ދެކެނީ އެއީ އާއިލާގެ ތަނަވަސްކަން އިތުރުކުރުމަށް އޮޑިވެރިއަކަށް ވިއްކާލަން އޮތް އަގުހުރި މުދާގަނޑެއްގެ ގޮތުގައިކަމަށް ބެލެވިދާނެ އެވެ. އަހުމަދު ވެސް މަރިޔަނާ މެދު ދެކެފައިވަނީ ހަރުމުދަލެއްގެ ގޮތުގައޭ ދެންނެވުން ދޮގަކަށް ނުވާނެ އެވެ. މަރިޔަންގެ ބައްޕަ، ވެޔޮފުށީ ދޮން އާދަނާ މަރިޔަން ދެވުމަށް ކުރި މަސައްކަތް، ދޮން އަހަންމަދު މަރިޔަން ހޯދަން ކުރި މަސައްކަތާއި އޭނާ ދެކެ ފޫހިވުމުން މަރިޔަނާ މެދު ފަރުވާކުޑަކުރި ކުރުމުގެ މައްޗަށް މަރިޔަނަށް ބާރެއް ނުފޯރުވުނުކަމުން މަރިޔަން ތަމްސީލުކޮށްދީފައިވަނީ މުޖުތަމައުގައި ތިމާއާ ހަވާލުކުރެވުނު ދައުރު އަދާކުރަމުންދާ "ބަސްއަހާ" އަންހެނާ އެވެ.

މަރިޔަންގެ ޝަހުސިއްޔަތު ސިފަކުރެވެނީ އަބަދުވެސް ކޮންމެވެސް ފިރިހެނެއްގެ މަގުސަދުތަކުގެ ތެރެއިންނެވެ. ވަކި ކެރެކްޓާއެއްގެ ގޮތުގައި މަރިޔަން ސިފަކުރެވޭ މަންޒަރެއް ވާހަކައަކުން ނުފެނެ އެވެ. ވާހަކައިގައި ސީދާ ޕްރޮޓޮގޮނިސްޓެއް ނެތޭ މި ދެންނެވެނީ މަރިޔަންގެ ޝަހުސިއްޔަތުގެ ތިލަކަމުންނެވެ.

މި ވާހަކައިގެ ތެރެއިން ބާރުވެރި އަންހެނެއްގެ ސިފަތައް ފެންނަނީ އަރުވާލި ޒުބައިދާގެ ކިބައިންނެވެ. އޭނާއަކީ ކޮންމެވެސް ކުށެއްގައި ހިރިނައިދޫއަށް އަރުވާލި އަންހެނެކެވެ. މުދިންގޯތީ އަހްމަދު އޭނާއާ ގަޔާވެގެން އޭނާއާ ބައްދަލުކުރަން ދިއުމުންވެސް، އެ ގުޅުމުގެ ބިންގާ ޒުބައިދާ އަޅަނީ އޭނާގެ އަމިއްލަ ނަފުސުގެ ރައްކަލަށް ޝަރުތުތަކެއް ކުރުމަށްފަހުގަ އެވެ. މަރިޔަން ގެއްލިގެން އުޅުނު ދުވަސްވަރު އެ ރަށުގެ ރައްޔިތުންގެ ކިބައިން އޭނާގެ ބޮލުގައި އެޅުވި އިލްޒާމްތަކާ ކުރިމަތިލީ، ކުށެއް ނުކުރާ ހާލު، ކެތްތެރިކަމާއެކުގަ އެވެ. އަދި އޭނާގެ ލޯބިވާ ފިރިމީހާ ދޮން އަހުމަދު އޭނާގެ ކުރިމަތީ މަރިޔަން މަރާލިކަމަށް އިއުތިރާފުވުމާއެކު ހިތާއި ޒަމީރުގެ އިތުރު ބަހުސްތަކެއް ކުރުމެއް ނެތި، ސާބިތުކަމާއެކު ރަށުގެ ކަމާ ބެހޭ ފަރާތްތަކާ އަހުމަދު ހަވާލުކުރީވެސް ޒުބައިދާގެ އަމިއްލަ އިހުތިޔާރުގަ އެވެ.

ކޮޕީ މުޙައްމަދު ރަޝީދުގެ "ހިމަފޮދުވާރޭ" އަކީ ދިވެހިންނާއި ރޫހާނީ ގަބޫލުކުރުންތަކާ އޮންނަ ގުޅުން ވަރަށް ފުރިހަމައަށް ތަހުލީލުކޮށްފައިވާ އަދަބީ މަސައްކަތެކެވެ. ވާހަކަ ކިޔަމުންދާއިރު ދޮން އަހުމަދު އޭނާގެ މަގުސަދުތައް ހާސިލުކުރުމަށް ސިހުރުގެ އެކި ބާވަތްތައް ބޭނުންކުރުމާއި މަރިޔަންގެ ރޫހު އަހުމަދަށް ކުރާ އުނދަގޫ އެއީ މިއަދުގެ، "އަސޭލާގެ ޒަމާނުގެ" ދިވެހިންނަށް ބަލައިގަންނަން އުނދަގޫ ކަންތައްތަކެއް ނޫނެވެ. ދިވެހިންނަކީ އޭރު ވެސް، މިހާރުވެސް، ފަންޑިތައަށް ފަރިތަ ބައެކެވެ. ފްރަންސުއާ ޕިރާޑް ޑި ލަވާލް ދިވެހިންގެ ފަންޑިތަވެރިކަން ސިފަކުރައްވަމުން ލިޔުއްވާފައިވެއެވެ.

"އެއިން ކޮންމެ މީހެއްގެ އަތުގައި ފަންޑިތައިގެ އެތައް ބައިވަރެއް އޮންނާނެއެވެ. އެއަށް ކިޔަނީ "ތަވީދު"އެވެ... ދުނިޔޭގައި އުޅޭއިރު ދިމާވާ ހުރިހާ ބޭނުމެއް ފުއްދާން މި ފަންޑިތައިގެ ބޭނުންކުރެ އެވެ. ކޮންމެވެސް ފަރާތަކަށް ހަމަލައެއް ދޭންވެގެން ފަންޑިތައިގެ ބޭނުންކުރާ ފަދައިން އަނެކެއްގެ ހަމަލައިން ރައްކައުތެރިވާން ވެސް ބޭނުންކުރަނީ ފަންޑިތަ އެވެ. މީހަކާ ހިތާވާން ފަންޑިތަ ހަދާ ފަދައިން އަނެކަކު ތިމާއާ ހިތާކުރުވަނީވެސް ހަދައިގެންނެވެ. މީހުން ރުޅިއަރުވައި ރައްޓެހިކުރުވައި ބަލިޖައްސާ އަދި ބަލިން ފަސޭހަކުރުވަނީވެސް ފަންޑިތައިންނެވެ."

1834 ވަނަ އަހަރު ރާއްޖޭގެ ޗާޓުކުރަހަން އައި ވިލިޔަމް ކްރިސްޓޮފާ ދިވެހި ފަންޑިތަވެރިކަމާމެދު ލިޔުއްވާފައިވެ އެވެ.

"މިބާވަތުގެ ކަންތައް ކުރާ މީހުންނަކީ އެރަށުގެ އާއްމުން ވަރަށް ކަމޭހިތައިގެން އަދަބުވާ ބައެކެވެ. މި ފަދަ ބޭކަލުން ރަސްގެފާނުގެ އަރިހަށް ދުރުވިނަމަވެސް ރަދުން ހުންނަވާނީ ކޮއްޅުންނެވެ."

"ހިމަފޮދުވާރޭ" މި ވާހަކައިގައި މައިގަނޑު ޝަހުސިއްޔަތު، އަހުމަދު، ދެ ބާވަތެއްގެ ސިހުރެއް ބޭނުންކުރެ އެވެ. އެއީ މަރިޔަންގެ ލޯބިވެރިޔާ މެރުމަށް ހަދާ ސިހުރާއި، މަރިޔަމްގެ ލޯތްބާއި ރުހުން ހޯދުމަށް ހަދާ އިސްތިރި އެވެ. ޕިރާޑު އެ ވިދާޅުވާ ފަދައިން، ޖިސްމާނީ ގޮތުން އަނިޔާ އާއި ފުރައްސާރަކޮށް ގަދަބަދަވިކަން ދައްކައިގެން ނުވި ހުރިހާކަމެއް އަހުމަދު ކާމިޔާބުކޮށްފައިވަނީ ސިހުރުވެރިއެއްގެ އެހީތެރިކަން ހޯދައިގެންނެވެ. ދި އިސްލާމް މަޖައްލާގައި 2018 ވަނަ އަހަރު އަޖްނާދު އަލީ ލިޔުއްވާފައިވާ ގޮތުގައި ސިހްރުލް މަހައްބު ނުވަތަ ދިވެހިން ކިޔާގޮތަށް އިސްތިރި އަކީ، ރާއްޖޭގައި ވަރަށް އާއްމު އެއްޗެކެވެ. އަދި މިހާރުގެ ޒުވާނުން އެކަމެއްގެ އަވައިގައި ޖެހިފައިވާ ބާވަތެއްގެ ސިހުރެކެވެ.

ސިހުރުގެ އިތުރުން، ދިވެހިން ގަބޫލުކުރާ އެކި ގަބޫލުކުރުންތަކުގެ ނުވަތަ ހުރާފާތްތަކުގެ ވާހަކަވެސް "ހިމަފޮދުވާރޭ"ގެ ޕްލޮޓުގެ ތެރެއިން ފެނެ އެވެ. އެ ގޮތުން، އަހުމަދު މަރިޔަން މަރާލަން ގަސްދުކޮށް އެކަން ކުރާ ދުވަހު، އެކަން ކުރުމުގެ ކުރިން މަރިޔަންގެ މަންމަ އޭނާގެ "ކަނާތުލޯ އެބައެއްޗެކޭ ބުނޭ" މަރިޔަންގެ ބައްޕަ ގާތު ބުނެ އެވެ. އަދި އެއީ ކޮންމެވެސް ނުބައެއް އުޅޭކަމުގެ އަލާމާތެއް ކަމަށްވެސް އޭނާ ބުނެ އެވެ. "މިސްޓިސިޒަމް އިން ދަ މޯލްޑިވްސް" މިފޮތުގައި އަލީ ޙުސައިން މިފަދަ ހުރާފާތްތައް ސިފަކުރައްވަމުން، އަންހެނެއްގެ ކަނައަތު ލޯ ތޮޅޭނަމަ، އެއީ ނުބައި ކަމެއް ނުވަތަ ހިތާމަވެރި ކަމެއް ވާންއުޅޭކަމުގެ އަލާމާތެއްކަމަށް ދިވެހިން ގަބޫލުކުރާކަމަށް ލިޔުއްވާފައިވެ އެވެ.

މަރިޔަމް މަރާލުމަށްފަހު އޭނާ ގެއްލުނުކަމަށް ބުނެ އޭނާގެ އާއިލާ އާއި ރަށުގެ ވެރިންނަށް މައުލޫމާތު ދޭ އިރު، އޭނާ ގެއްލުނީ ދަޅަމަތީ ހޭޅިފަށުގައި ހުރި ގަހަކުން އެނބޫ ބިންނަން ދިޔަތަނާ ކަމަށް އަހައްމަދު ބުނަނީ ވެސް، ދިވެހިންގެ އެފަދަ ގަބޫލުކުރުންތަކުގެ ނާޖާއިޒު ފައިދާ ނަގަންވެގެންނެވެ. ދަޅަމަތި ނުވަތަ ރަތްވިލާލާ ގަޑީގައި މީހުން ކުރުން މަނާ އެތައް ކަމެއް ވާކަމަށް ދިވެހިން ގަބޫލުކުރެ އެވެ. އެ ގަޑިއަކީ އިންސާނުންނަށް ޖިންނި ޝައިތާނުންގެ އުނދަގޫ އެންމެ ބޮޑުވާ ގަޑިކަމަށް ގަބޫލުކުރެ އެވެ. ކުޑަ ކުޑަ ރަށެއްގައި، މީހަކު ގެއްލިގެން އެންމެ ތިންރޭ ތިން ދުވާ ހޯދުމަށްފަހު އެ މައްސަލަ ހައްލު ނުވިކަމަށް ބަލައި ނިންމުމުގައި، އޭނާއަށް ޖިންނި ޝައިތޯނުންގެ ކަމެއް ޖެހުނީކަމަށް ނިންމީކަމަށްވެސް ކިޔުންތެރިންނަށް ބެލިދާނެ އެވެ.

ދެން އޮތީ އަހުމަދުގެ ކިބައިން ބަދަލުހިފުމަށް މަރިޔަންގެ ރޫހު އެނބުރި އަންނަ ވާހަކަ އެވެ. ނާއިންސާފުގެ ސަބަބުން ނުވަތަ އަނިޔާވެރި މާރާމާރީއެއްގައި ދުނިޔެ ދޫކުރާ މީހާގެ ރޫހު، އިންސާފު ހޯދުމަށް ނުވަތަ ބަދަލުހިފުމަށް އަންނަ ވާހަކައަކީ ދިވެހި އަދަބިއްޔާތުގައި އާ ވާހަކައެއް ނޫނެވެ. ދުނިޔޭގެ އަދަބިއްޔާތުގައި ވެސް އެންމެ ބޮޑަށް ތަކުރާރުވާ އެއް ތީމަކީ މީ އެވެ. އެފަދަ އަމަލެއްގެ ޝިކާރީއަކަށް ވެފައިވާ މީހާގެ ރޫހު އެނބުރި އަންނާނީ އޭނާގެ ހަޔާތުގައި އޭނާއަށް ނުލިބޭ ހިތްވަރާއި ބާރާއެކުގަ އެވެ. އޭނާއަށް އަނިޔާ ދިން މީހާއަށް ނަފްސާނީ ގެއްލުންތައް ދީ، އޭނާ "މޮޔަކޮށްލެވޭ" ފަދަ ގޮތަކަށް އޭނާއަށް ޖެއްސުން ކުރާނޭ ހިތްވަރާއި ބާރާއި އެކުގަ އެވެ. "ހިމަފޮދުވާރޭ"ގެ މުޅި ވާހަކައިގައި ވެސް މަޑުމައިތިރިކަމާއި ކިޔަމަންތެރިކަން ދެއްކުމުގައި ދެމިހުރި މަރިޔަންގެ ރޫހު ވެސް އެނބުރި އަންނަނީ އޭނާގެ ގާތިލްގެ ސިކުނޑިއާ ކުޅެލެވޭ ފެންވަރަށް އޭނާ ހާސްކޮށްލާނޭ އުކުޅުތައް ލިބިގެންނެވެ. އެންމެ ފަހުން މަރިޔަންގެ ގާތިލު އަހުމަދަށް ހޭވެރިކަން ވާއިރު އޭނާއަށް ވަނީ އެ ގަތުލަށް އިއުތިރާފުވެވި، މަރިޔަން ވަޅުލި ތަންވެސް ރަށު ރައްޔިތުންނަށް ދެއްކިފަ އެވެ.

ކޮޕީ މުހައްމަދު ރަޝީދު މި ވާހަކަ ލިޔުއްވާފައިވަނީ ސާދާ ޖުމުލަތަކަކުންނެވެ. ބޭނުންކުރައްވާފައިވަނީ ސާދާ ބަސްކޮށާރެކެވެ. ވާހަކަ މުއްސަނދިކުރައްވާފައިވަނީ ގެންގުޅުއްވާފައިވާ ވައްޓަފާޅިންނެވެ. ވާހަކަ ލިޔުއްވާފައިވަނީ ހުރިހާކަމެއް އެނގިހުރި، ތިންވަނަ މީހާގެ ނަޒަރުންނެވެ. އާއްމުކޮށް މިގޮތަށް ހުށަހަޅާ ވާހަކަތާކުގައި ތިންވަނަ މީހާގެ ނަޒަރުން ލިޔުނުކަމުގައި ވިޔަސް ނެރޭޓަރު ވާނީ ކިޔުންތެރިޔާއަށް ވަންހަނާވެފަ އެވެ. އެހެން ނަމަވެސް މި ވާހަކައިގައި ކޮންމެވެސް ވަރަކަށް އޭނާގެ ހިޔާލުވެސް ފާޅުކޮށް ނެރޭޓަރު ފެންނަ ދެ ހާލަތެއް އާދެ އެވެ. އަކްރަމާއި މަރިޔަންގެ ލޯބީގެ ބައްދަލުވުމެއްގެ ވާހަކަ އައުމަށްފަހު އެހެން ހާދިސާއަކަށް ގޮސް އެނބުރި މަރިޔަނާއި އަކްރަމްގެ ވާހަކައަށްދާއިރު ނެރޭޓަރުގެ ނަޒަރުން މުސައްނިފު ލިޔުއްވާފައިވެ އެވެ.

"އަނެއްކާވެސް އަޅުގަނޑާއެކު، އެހިތްފަސޭހަ ކާނިގަސްދޮށަށް ހިންގަވާށެވެ. އަކްރަމާއި މަރިޔަން އަދިވެސް ތިބީ އެތާގަ އެވެ."

މަރިޔަނާއި އަހުމަދުގެ ކައިވެންޏަށް ފަހު އެ ދެމަފިރިންގެ ދިރިއުޅުން ސިފަކުރައްވަން ފެއްޓެވުމުގެ ކުރިން މުސައްނިފު ލިޔުއްވާފައިވެ އެވެ.

"ވާހަކަ ވިދާޅުވާ ފަރާތްތަކަށް އޮޅިވަޑައިނުގަންނަވާނޭފަދައިން، މަރިޔަނާއި އަހުމަދު އިނީ، ރޭވުމެއްގެ ތެރޭން ހަދާލި އުކުޅަކުން، ފިކުރީގެ ކުރިމަތީގައި މަގުބޫލު މީހަކަށް ވެގެންނެވެ."

މި ވާހަކައިގައި ކޮޕީ މުހައްމަދު ރަޝީދު ބޭނުންކުރައްވާފައިވާ އަނެއް އުކުޅަކީ ވާހަކައިގައި ހިނގާ ހާދިސާއާ ގުޅޭގޮތަށް މޫސުމަށް ބަދަލު ގެނައުމެވެ. މިއީ މިވާހަކައިގެ އެންމެ މުހިއްމު އެއް ސިފަކަމަށް ވެސް ބެލެވިދާނެ އެވެ. ވާހަކައިގެ ނަން "ހިމަފޮދުވާރޭ" އެ ނިސްބަތްކުރަނީ އަހުމަދު ދުނިޔޭގައި ލެއްވިހައި ނުބައި ކަމެއް ކޮށްގެން އެ ހޯދި އަނބިމީހާ މަރާލި ވަގުތު ވެހުނު ހިމަފޮދުވާރެއަށެވެ. އަދި އަހުމަދުގެ މި އަމަލު ހާމަވީ ވަގުތު ވެހުނު ހިމަފޮދުވާރެއަށެވެ.

މަރިޔަން މެރުމަށް ވަލަށް ވަން ގަޑީގައި އެ ގޮތަށް ވާރޭ ވެހޭކަމަށް ސިފަކުރެއްވުމުން، އެ ކަމާމެދު އަހުމަދު ކުރި ފިކުރާއި އޭނާގެ ސިކުނޑިއަށް ވެރިވި ނުތަނަވަސްކަންވެސް ސިފަވެގެންދެ އެވެ. އަދަބީ މަސައްކަތްތަކުގައި ވާރޭއަކީ ވަރަށް ގިނަ މާނަތަކެއް އެއާ ގުޅިފައިވާ މޫސުމީކަމެވެ. އެގޮތުން، ދުވާލުގެ އަލީގައި ވެހޭ ވާރެއަކީ އުއްމީދުގެ ނިޝާނެއްކަމަށް ބެލެވިފައިވެ އެވެ. ގުގުރާ ވިދާ ވާރޭ ވެހުމަކީ، ކޮންމެވެސް ބިރުވެރި ނުވަތަ ހިތަށް ނުތަނަވަސްކަން ގެނުވާ ކަހަލަ ކަމަކާ އަދަބިއްޔާތުގައި ގުޅުވާލެވޭ ކަމެކެވެ. އަދި ރޭގަނޑު ތުނިކޮށް އެ ވެހޭ ވާރެއަކީ އެ ފަދަ ކަމަކަށް މަގުފަހިކުރާ ކަމެއް ކަމުގައިބެލެވެ އެވެ.

އަހުމަދު މަރިޔަން ގޮވައިގެން ވަލުތެރެއަށް ވަންނަ އިރު ހިމަފޮދުވާރޭ ވެހެ އެވެ. ގޯސްކަމެއް ވާންއުޅޭ ކަމުގެ ނިޝާނެއްކަމަށް ކިޔުންތެރިންނަށް ބެލިދާނެ އެވެ. އަދި މަރިޔަން މަރާލުމަށް ހަމަލާދިނުމާއެކު އޭނާ ލެވި ހަޅޭކާއެކު ގުގުރިއެއްވެސް ޖަހަ އެވެ. އަދި މަރިޔަމް މަރުވުމާއެކު މޫސުމީ އަޑުތައްވެސް މަޑުވެގެންދެ އެވެ.

"މަރިޔަން ރޮއިގަތްއަޑާއި އައްދިއްޔޯއްޔޭ މަ ނުމަރާށޭ ގޮވާލި އަޑުގެ ތެރޭން ގުގުރިއެއްޖަހާލިއަޑުވެސް އިވުނެވެ. ދެން މަރިޔަން މަރާލުމަށްފަހު ވަޅަށް ފަސްލާ އެއްވަރުކޮށް މައްޗަށް ކުނިތަކެއް އަޅާފައި އެކަން ނިންމައިފި އެވެ. އޭރު އަޑުބަޑު މަޑުވެ ނަމަވެސް ވެހެމުދާ ކެރީގެ ތެރޭން މަރިޔަންގެ ރުއިމުގެ އަޑު އަހުމަދަށް އިވެމުންދާކަހަލަ އިހުސާސެއް އޭނާއަށް ވަމުންދެ އެވެ."

މަރިޔަންގެ ރޫހު އަހުމަދުގެ ކިބައިން ބަދަލުހިފަން އަންނަނީ ވެސް ހަމަ އެފަދަ ރެއެއްގަ އެވެ. އޭނާގެ އަންހެނުން ގާތުގައި މަރިޔަންގެ މަރަށް އިއުތިރާފުވާއިރުވެސް އޭނާ މޫސުމުގެ ވާހަކަދައްކަ އެވެ.

"އަހުމަދު: މި ވެހެނީ! – މި ވެހެނީ! ހަމަ އަހަރެން އޭނަ މަރާލިވަގުތު ވެހުނު ކަހަލަ ވާރޭ! ހަމަ އެގޮތަށް!"

ކިޔުންތެރިޔާގެ ޝައުގުވެރިކަން ދަމައިގަތުމަށް ކޮޕީ މުހައްމަދު ރަޝީދު ބޭނުންކުރައްވާފައިވާ އެންމެ ވަރުގަދަ އެއް އުކުޅަކީ ޑައިލޮގެވެ. މިހާ ބުނާ ވާހަކަ ކޮމާކޯޅިއަށްލާ "އެވެ" "ށެވެ" އިން ނިންމުމުގެ ބަދަލުގައި ތަމްސީލުގައި ޑައިލޮގް ލިޔާގޮތަށް ލިޔުއްވާފައިހުރުމުން ވާހަކަ ކުރިއަށްދާ ދުވެލި ބާރެވެ. "ބުންޏެވެ" މި ލަފުޒުން އެ ގެންނަ ދިއުޅި ދިގުކަން ނެތި، ޝަހުސިއްޔަތުތަކުގެ ވާހަކަތައް ލޯމައްޗަށް ސިފަވެގެންދެ އެވެ. މިއީ މިހާރުގެ ގިނަ ލިޔުންތެރިން ވާހަކަ ލިޔުއްވުމުގައި އެހާ ގިނަ ލިޔުންތެރިން ބޭނުންކުރައްވާ އުކުޅެއް ނޫނެވެ. އެހެންނަމަވެސް މުޙައްމަދު ޖަމީލު ދީދީ ފަދަ ލިޔުންތެރިން ވާހަކަދައްކާ މީހާގެ ނަން މިގޮތަށް ލިޔުއްވުމަށްފަހު ސީދާ ޑައިލޮގް ބޭނުންކުރައްވާފައިވެ އެވެ. މިފަދަ ޑައިލޮގުގެ މޮޅުކަމަކީ ބަސްމަގުން އެކަނިވެސް ވާހަކައިގެ ޝަހުސިއްޔަތުތަކުގެ ސިފަތައް ދެނެގަނެވޭނެ މަގު ފަހުކުރެވޭކަމެވެ.

ކޮޕީ މުހައްމަދު ރަޝީދަކީ ދިވެހި ބަހާއި އަދަބިއްޔާތުގެ ހަޒާނާއެކޭ ދެންނެވުން ދޮގަކަށް ނުވާނެ އެވެ. އެތައް ސަތޭކަ ކުރު ވާހަކައެއް، ނަން މަޝްހޫރު އެތައް ދިގު ވާހަކައެއް ލިޔުއްވާފައިވާ ވާހަކަ ލިޔުންތެރިއެކެވެ. މައުލޫ ދުލުކުރީގައި އޮއްވާ އެ މައުލޫއަށް އެތައް ސަފުހާއެއްގެ ފަށުވި ޅެންބައިތުތައް ފަސޭހަކަމާއެކު އަމުނާލައްވާ ކުޅަދާނަ ޅެންވެރިއެކެވެ. ދިވެހި ނޫސްވެރިކަމުގެ ދާއިރާއަށް އަގުހުރި ހިދުމަތްތަކެއް ކުރެއްވި ހިދުމަތްތެރިއެކެވެ. އެކްޓަރެކެވެ. ޑައިރެކްޓަރެކެވެ. ބަސްދިރުވާ އާލާކުރެއްވުމުގެ މަސައްކަތްތަކުގެ މޭސްތިރިއެކެވެ.

ތޭވީސް އަހަރަށްފަހު މި ވާހަކަ އަލުން ކިޔާލުމުން، ސާދާ ޕްލޮޓެއްގެ ތެރެއިން ލިޔުންތެރިޔާ ތިލަކުރައްވާފައިވާ އެތައް ޝިއާރުތަކެއް ފެންމަތިކުރެވިއްޖެ އެވެ. "ހިމަފޮދުވާރޭ" މިފޮތަކީ މިހާރުގެ ކިޔުންތެރިޔާގެ ހިތުގައިވެސް ކޮއްޓާލާނޭ ފަދަ އެތައް މެސެޖެއް އެކުލެވިގެންވާ ރީތި ވާހަކައެކެވެ.